ޚަބަރު

ފިތުރު ޒަކާތް މިނިސްޓްރީ އަށް ދެއްކި މީހުންގެ އަދަދު މި އަހަރު މަދު

އާމިނަތު ޝިފްލީން
16 އޯގަސްޓް 2012 13:17 10 ކޮމެންޓު

އިސްލާމިކް މިނިސްޓްރީ އަށް މި އަހަރު ފިތުރު ޒަކާތް ދެއްކި މީހުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު މަދު ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު 82،570 މީހުން ޒަކާތް ދައްކާފައިވާ އިރު މި އަހަރު ޒަކާތް ދައްކާފައިވަނީ 80،408 މީހުންނެވެ. އެހެން ކަމުން މި އަހަރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ވަނީ 2.4 މިލިޔަން ރުފިޔާ އަށް މަދު ވެފަ އެވެ.

މުހައްމަދު ދީދީ ވިދާޅުވީ، ޒަކާތް ދެއްކި މީހުންގެ އަދަދު މަދު ވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށާއި، މާލޭގައި މީހުން ދިރިއުޅޭ ނިސްބަތަށް ބަލައި އަހަރުން އަހަރަށް އެ އަދަދު އިތުރު ވާން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި މާލެއިން ޒަކާތް ދެއްކި މީހުންގެ ތެރޭގައި ރަށްރަށުގެ ރަޖިސްޓްރީގައި ތިބި މީހުންނާއި ބިދޭސީން ހިމެނެ އެވެ.

"ޒަކާތް ދައްކާ މީހުންގެ އަދަދު މަދުވުމަކީ އަޅުގަނޑުމެން ވަރަށް ހައިރާންވާ ކަމެއް. ހިތަށް އަރަނީ ޒަކާތް ދައްކަން ޖެހޭކަން މީހުންނަށް ނޭނގެނީބާއޭ؟ އެކަމަކު މިސްކިތްތަކަށް އަރާ މީހުންގެ އަދަދު އިތުރުވެ، އެތަންތަން ފުރޭ ވާހަކަ ދައްކާއިރު، ޒަކާތް ދައްކާ މީހުންގެ އަދަދު މަދުވުމަކީ ހިތާމަ ކުރަންޖެހޭ ކަމެއް،" މުހައްމަދު ދީދީ ވިދާޅުވި އެވެ.

ޒަކާތް ދެއްކި މީހުންގެ އަދަދު މަދުވި ނަމަވެސް، ފަގީރުންގެ ގޮތުގައި މި އަހަރު މާލެއިން ރަޖިސްޓްރީ ކުރި މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތް ހޯދުމަށް ފަގީރުންގެ ގޮތުގައި މި އަހަރު 11،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ އިރު މިދިޔަ އަހަރު ރަޖިސްޓްރީކޮށްފައި ވަނީ 10،000 މީހުން ކަމަށެވެ.

މި އަހަރުގެ ފިތުރު ޒަކާތް އިއްޔެ ބަހަން ފަށާފައިވާއިރު، ބޮލަކަށް ޖެހިފައި ވަނީ 220ރ. އެވެ.

ސަރުކާރަށް ފިތުރު ޒަކާތް ދެއްކުމުގެ ބަދަލުގައި އެހެނިހެން ގޮތްގޮތަށް ވެސް ފިތުރު ޒަކާތް ދައްކާ މީހުން ގިނަ އަދަދަކަށް މިހާރު އުޅެ އެވެ.

10 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait