ޢީދު ދުވަސް ޚާއްޞަވެގެންދަނީ، މުސްލިމުން އުފާފާޅުކޮށް އެކަކު އަނެކަކަށް ހިތްހެޔޮކަމާ އެކު ތަހުނިޔާ ކިޔާ ހަދިޔާބަދިޔާ ބަދަލުކުރާ ދުވަހެއްގެ ގޮތުގަ އެވެ. ޢީދަށް ޢީދޭ ކިޔުނީ ކޮންމެ އަހަރަކު އެ ދުވަސް އަންނާތީ އާއި އުފާ ތަކުރާރުވާތީ ކަމުގައި ބުނެވެ އެވެ. މުސްލިމުން އުފާ ފާޅުކުރާ ދެ ޢީދު ދުވަސް އަހަރަކު އާދެ އެވެ. އެއީ ފިޠުރު ޢީދާއި އަޟްޙާ ޢީދެވެ.
އިސްލާމް ދީނަކީ އިންސާނާގެ މާއްދިއްޔަތާއި ރޫޙާނިއްޔަތަށް އިސްކަންދޭ ދީނެކެވެ. އަދި ރޫޙާނީ ބަޔާއި މާއްދީ ބައި ގުޅުވައިދިނުމަށް ވެސް ބާރުއަޅާ ދީނެކެވެ. އުފާ ފާޅުކުރުމަށް ޚާއްޞަ ދެ ޢީދު ދުވަސް ލައްވާފައިވުން މިކަމުގެ ދަލީލަކަށް ފުދެ އެވެ.
ޢީދު ޝަރުޢު ކުރެއްވުމުގެ ޙިކުމަތްތަކަށް ބަލާއިރު، ރޯދަ މަހުގެ އަޅުކަމަށް ފަހު އުފާ ފާޅުކުރުމުގެ އިތުރުން، ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ޙިކުމަތަކީ ޙަޔާތުގެ ނުތަނަވަސްކަމާއި ހިތްދަތިކަމުން މީހާ ދުރުކޮށް ހިތްހަމަޖެހުމާއި އުފާވެރިކަން ނަފްސުތަކަށް ވައްދައިދިނުމެވެ. އެހެންކަމުން، މާތްﷲ އަށް ކިޔަމަންގަތުމާ އެކު އެކަކު އަނެކަކަށް ހެޔޮކޮށް ހިތައި، މުޅި މުޖުތަމަޢަށް އުފާވެރިކަން ޢާއްމުކުރަންޖެހެ އެވެ.
މުއްސަނދިން ފަޤީރުންގެ ހިތްތަކަށް އުފާވެރިކަން ވައްދައިދޭންޖެހެ އެވެ. ހަމަ އެފަދައިން ކުޑަކުދިންނާއި އަންހެނުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނުމުގެ ގޮތުން ހުރިހާ އެންމެން ޢީދު ނަމާދުގަޔާއި ޢީދުގެ އުފަލުގައި ބައިވެރިވުމަށް ބާރުއަޅުއްވަ އެވެ. ޢީދުނަމާދާއި ތަކުބީރުގެ ސަބަބުން ހިތްތަކަށް އުފާވެރިކަން ގެނެސްދޭނެ އެވެ.
ޢީދު ދުވަހަކީ އިޖުތިމާޢީ އެންމެހާ ގުޅުންތައް ބަދަހިކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ދުވަހެކެވެ. މައިން ބަފައިންނަށް ހެޔޮކޮށް ހިތުމާއި، ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ހެޔޮ ފޯރުކޮށްދިނުމާއި ގޭގެ އަށް ޒިޔާރަތް ކުރުމާއި އެކުވެރިކަމާއި ހިތްހެޔޮކަމުން މަޖިލިސްތައް ޒީނަތްތެރިކުރުން ހިމެނެ އެވެ.
ރުޅިވެރިކަމާއި ނަފްރަތުން މީސްތަކުން އެއްކިބާކޮށް، އިސްލާމް ދީނުގެ އިމުގެ ތެރޭގައި ޢީދުގެ އުފާ ފާޅުކުރުން މުހިއްމެވެ. ޢީދު ދުހުގައި އަޚްލާޤާއި ސުލޫކު ރިވެތިމަގުން ބައްޓަންކޮށް އެކަކު އަނެކަކަށް ޢީދުގެ ތަހުނިޔާ ކިޔައި އުފާވާ ފަދަ ހެޔޮބަސް ބުނަންޖެހެ އެވެ. ދީނުގެ އެއް އަސާސްކަމުގައިވާ އޯގާތެރިކަމާއި ލޯތްބާއި ރަޙްމާއި ހަމްދަރުދީ އިސްކުރަންޖެހެ އެވެ.
ޢީދު ދުވަހަކީ އިސްލާމީ އުންމަތުގެ ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކޮށްދޭ ދުވަހެކެވެ. އިޖުތިމާޢީ ގުޅުންތައް ހަރުދަނާވެގެންދާ ދުވަހެކެވެ. މުސްލިމުންނަށް އަޚްލާޤީ ގޮތުން ކުރިއެރުން ލިބިގެންދާ ދުވަހެކެވެ. ސަލާމް ފަތުރައި އެކަކު އަނެކަކާ މެދު ހިތް ހެޔޮކުރުމާއި ކުލުނު އުފެއްދުމުގެ މުނާސަބަތެކެވެ.
ޢީދު އުފަލުގެ ތެރޭގައި އަޅުކަމާއި ޛިކުރު ކުރުން ގިނަކޮށް އުފާ ފާޅުކުރުން ހިމެނެ އެވެ. އަދި ފަޤީރުންނާއި މުޙްތާޖުންނަށް ހެޔޮފޯރުކޮށްދިނުން ހިމެނެ އެވެ. ޢާއިލީ ގުޅުންތައް ބަދަހިކުރުން ހިމެނެ އެވެ. ޢީދުގެ އުފާވެރިކަމާއި ހިތްހަމަޖެހުން މުޅި އިސްލާމީ އުންމަތަށް މިންވަރު ކުރައްވާށިއެވެ. ޢީދު މުބާރިކު.

ގައުމީ އިއްތިހާދުގެ ޖަލްސާ
3 comments