ހެނދުނު 6:00 އިން ފެށިގެން ސްޓޭޑިއަމަށް މީހުން ދިޔައީ ވަންނަމުންނެވެ. އުމުރަކަށް ޖިންސަކަށް ބެލުމެއްނެތި އެވެ. ކުޑައެއް ބޮޑެއް ފަރަގެއް ނެތެވެ. މައިން ވެސް އެމީހުންގެ ތުއްތު ދަރިން އުރާލައިގެން ދިޔައީ އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ބައިވެރިވުމަށެވެ. ނަމާދުގެ ވަގުތު ކައިރިވަމުން އައިވަރަކަށް ތަލްބިއާގެ އަޑު ގަދަވަމުން ދިޔަ އެވެ. ހެނދުނުގެ ހިތް ފަސޭހަ ގަޑީގައި މާލޭގެ ޖައްވުގެ ތެރެއަށް މި އަޑު ފެތުރިންގެ ދިޔަ އެވެ.
"މިގޮތަށް އައިސް ހާމަ ތަނެއްގައި ނަމާދު ކޮށްލުމުން ތަފާތު އިހުސާސެއް ކުރެވެނީ. އަނެއްކާ މިހާ ބޮޑު ކްރައުޑެއް ދުވަހަކު ވެސް ނުދެކެން. އަހަރެމެންނަށް ނަމާދު ކުރަނިކޮށް މިހާގިނަ މީހުން މި ފެނަނީ ޓީވީން. މިއީ ވަރަށް ތަފާތު ކަމެއް،" އީދު ނަމާދަށް ގޮސް ހުރި މީހަކު ބުންޏެވެ.
ބައެއް އާއިލާތައް ނަމާދަށް ދިޔައީ ކާފައިން ފެށިގެން އެންމެ ތުއްތު ދަރިފުޅުވެސް ގޮވައިގެންނެވެ. މުސްކުޅި ކާފަ އާއި މާމަ ފުރޮޅުލީ ގޮނޑީގަ އެވެ.
އީދު ނަމާދަށް ދިޔަ މީހުންނަށް ބަލާއިރު، މިއީ އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ އަންހެނުން އެއް ޖަމާއަތަކުން ފެނުނު ފުރަަތަމަ ފަހަރު ކަމަށް ބުނެވިދާނެ އެވެ. އީދު ނަމާދަށް ދިއުމަށްޓަކައި ގޭގައި ކުރަން ޖެހޭ ކަންތައްތައް ގިނަ އަންހެންވެރިން ރޭ ވަނީ ނިންމާލާފަ އެވެ. ގިނަ ބަޔަކު ހުޅުމާލެ އާއި ވިލިމާލެއިން ވެސް މާލެ އައެވެ.
ނަމާދަށް ދިޔަ އާމިނަތު އަލީ ބުނީ މިއީ ވަރަށް ތަފާތު ކަމެއް ކަމަށާއި މި ޖަމާއަތުގެ ސަބަބުން އެކުވެރިކަން އާލާވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"ގޭގައި ކުރަން ޖެހޭ ކަންތައް ރޭ ނިންމާލީ. އެއަށް ފަހު ނަމާދަށް އައީ. ކުދިން ވެސް ގޮވައިގެން. އެއީ އާއްމުކޮށް މިސްކިތަކަށް ނުދެވޭ. ނަމާދު ކުރަނީ ގޭގަ. އެހެންވެ ކުދިންނާ އެކު މިވަރުގެ ބޮޑު ޖަމާއަތެއްގައި ބައިވެރިވާން ލިބުމަކީ އުލަފެއް. މީގެން އެކުދިންނަށް ވެސް އިބުރަތްތަކެއް ލިބޭނެ،" އާމިނަތު ބުންޏެވެ.
އަހަރެން ކައިރީ ނަމާދަށް ހުރި ހުސެއިން އަހުމަދު ބުނީ މިއީ ތަފާތު އިހުސާސެއް ކަމަށެވެ.
"އަހަރެން ވަރަށް އުފާވެއްޖެ، އާއިލާއާއެކު މިގޮތަށް އައިސް ނަދުގައި ބައިވެރި ވެވުނީމަ. އަންހެނުންނާއި ދަރިފުޅު ވެސް ނަމާދުގައި ބައިވެރިވާން އެކޮޅުގަ ވީ،” ހުސެއިން އޭނާގެ ޝުއޫރުތައް ކިޔަދެމުން ބުންޏެވެ.
އީދުގެ ބޮޑު ޖަމާއަތް ކުރިއަށް ދިޔަ އިރު، ނަމާދަށް ދިޔަ މީހުންނަށް ހާއްސަކޮށްގެން ރާވާފައިވާ އިންތިޒާމުތައް ވެސް ރަނގަޅެވެ. ސްޓޭޑިއަމަށް ވަންނަން ދިޔަ އިރު، މިފްކޯއާ ދިމާލުން ސްޓޭޑިއަމްގެ ބޭރު ފާރުގައި ވުލޫ ކުރެވޭ ގޮތަށް ފެން އިސްކުރު ބަރި ހަދާފައި ހުރިއިރު، ސްޓޭޑިއަމްގެ ތިން ސަރަހައްދެއްގައި ނަމާދު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. ޓްރެކް ސަރަހައްދު އަންހެނުންނަށާއި ކުޑަކުދިންނަށް އޮތީ ޚާއްސަކޮށްފަ އެވެ. އަދި ޓާފް ދަނޑާ އިންވެގެން އޮންނަ ސަރަހައްދު އެއްކޮށްހެން ވަނީ ސަތަރި އަޅާފަ އެވެ. މި އިންތިޒާމުތަކާ އެކު، އީދުގެ ފެށުން ރަނގަޅު ކަމަށް ވާހަކަ ދެއްކި މީހުން ބުނެވެ.
އެހެން މީހަކު ބުނީ މިއީ ދިވެހިންގެ ދީނީ ރޫހުގެ ވަރުގަދަ ކަން ކަމަށެވެ.
"ނިކަން ބަލާބަލަ މިތަން އިންތިޒާމު ރަނގަޅުކަން. ނަމާދު ނިމުމުން މިއޮތް ބައިވަރު މީހުންނަށް ކެއުންވެސް އެއޮތީ ހިލޭ. މިއީ ދިވެހިން ތިބެންވި ގޮތަކީ. ކޮން ސިޔާސީ ބައިބައިވުންތަކެއް ގެންގުޅޭކަށް؟"
ގާތްގަނޑަކަށް 30،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި އޮތް ސަރަހައްދު ބަލާލުމުން އެތަނުގައި މިއަދު ނަމާދަށް ޖަމާވި މީހުންގެ އަދަދު ބައި ލައްކައާ ކައިރިކުރާނެ ކަމަށް އަންދާޒާކުރެވެ އެވެ.
19 comments