ދިރިއުޅުމުގެ ހަޔާތުގައި އިންސާނާގެ އަމާޒަކީ މާތްﷲ އަށް އަޅުވެތިވުމެވެ. މި އަޅުވެތިކަން މިންކުރާ މިންގަނޑަކީ ތަޤުވާވެރި ކަމެވެ. އެހެންކަމުން ތަޤުވާވެރި ކަމަކީ އަބަދުވެސް އިންސާނާ އޭގެ މަތީ ދެމިހުންނަންޖެހޭ ސިފައެކެވެ. އެއީ ވަކި މޫސުމެއްގައި އެސިފަ މަތީ ދެމިހުންނަންޖެހޭ ސިފައެއް ނޫނެވެ. ތަޤުވާވެރިކަން އިތުރުކުރަން ކުރާ މަސައްކަތްތައް ނުވަތަ ހޯދާ ތަމްރީނުތަކަކީ ފަހަރެއްގައި މޫސުމީ ކަމެކޭ ބުނެވިދާނެ އެވެ.
މި ގޮތުން ރޯދައަކީ ތަޤުވާގެ ވަރަށް ބޮޑު ތަމްރީނަކަށްވާ އިރު ފަރުޟު ރޯދައަކީ ހަމައެކަނި ރަމަޟާން މަހުގެ މޫސުމުގައި އޮންނަ ކަމެކެވެ. އެކަމަކު މި މޫސުމުގައި ތަޤުވާގެ ތަމްރީނު ހޯދަނީ މުޅި ދިރިއުޅުމުގައި ތަޤުވާވެރިކަން މަތީ ހުރުމަށްޓަކަ އެވެ. ވީމާ ރަމަޟާން މަސް ނިމުނަސް ތަޤުވާވެރިވުމަށް ނިމުމެއް އައިސްގެން ނުވާނެ އެވެ.
ތަޤުވާވެރި ކަމަކީ މާތްﷲގެ ކޯފާ އާއި އަޒާބުން މިންޖުވާނެ އައްޑަނައެއް ލިބިފައި އޮތުމެވެ. މި އައްޑަނަ ތައްޔާރުކުރެވެން އޮންނަ ހަމައެކަނި ގޮތަކީ ﷲގެ އަމުރުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލިވުމެވެ. މި ގޮތުން ބަލާއިރު ރޯދަ އަކީ އެހިފަން ޖެހޭ އެންމެ ފުރިހަމަ ގޮތުގައި އޭގެ ރޫހާނިއްޔަތާ އެކު ހިފައިފިނަމަ އިންސާނާ ވަރަށް މަތީ ދަރަޖައަކަށް ތަޤުވާވެރި ކުރުވާ އަޅުކަމެކެވެ.
ސަބަބަކީ އެއީ އިންސާނާގެ ހަކަތައިންނާއި އެދުންތަކަކުން ވަރަށް ބޮޑު ގުރުބާނެއް ވެގެން ކުރެވޭ ކަމަކަށްވާތީ އެވެ. އެކަންކުރަނީ މީހަކު ބުނެގެނެއް ނޫނެވެ. މުޖުތަމައުގެ ކުރިމަތީގައި ލަދުން ސަލާމަތްވާކަށް ވެސް ނޫނެވެ. އާދަކާދައެއްގެ ގޮތުންނެއް ވެސް ނޫނެވެ. އެހެން ބަޔަކަށް އެކަން ދައްކާކަށް ވެސް ނޫނެވެ. މީހަކު މަޖްބޫރެއްކޮށްގެނެއް ވެސް ނުމެނޫންމެ އެވެ. ހަމައެކަނި މާތްﷲގެ އެންގެވުމަކަށް ވާތީ އެ ފަރާތަށް ބޯލަބައި ކިޔަމަންތެރިވުމުގެ ގޮތުންނެވެ.
މި ގޮތުން ރޯދަމަހުގައި ރޯދަ ހިފައި ރޭއަޅުކަންކުރަން ދަސްކުރެ އެވެ. ރޯދަމަހުގައި ޝަހުވާނީ އެދުންތައް ފުއްދުމުގައި ޚުދު ތިމާއަށް ހަލާލު އަނބި މީހާއާ ވެސް ދުވާލު ވަގުތުތަކުގައި އެކަހެރިވެގެން އެކަމަށް ކެތްކޮށްލަ އެވެ. އަދި އެ އެދުން ހަރާމް ގޮތެއްގައި ފުއްދުމަށް މުޅި މަހުގެ ތެރޭގައި ހިޔާލެއް ވެސް ނުކޮށް ކެތްކުރެ އެވެ. އަދި މީރު ކާއެއްޗެއްސާއި ބުއިންތަކުގެ ކުރިމަތީގައި ނަފްސު އެދިއެދި ގޮވަމުން ދާއިރު ވެސް ދުވާލުގެ ވަގުތުތަކުގައި އެކަމުން ވެސް ދުރުހެލިވެ އެވެ.
އެއީ ކިތަންމެ ބަނޑުހައިވިއަސް އަދި ކިތަންމެ ފެން ބޮވައިގަތަސްމެ އެވެ. އެއީ ހަމައެކަނި ﷲ އަށް ތަބާވުމުގެ ގޮތުންނެވެ. ރޯދަ މަހުގައި އެކުވެރިއެއް އަދި ފޫހި ފިލުވައިދޭ ބައިވެރިއެއްގެ ގޮތުގައި ބަލަނީ ކީރިތި ޤުރުއާނެވެ. ތިމާ ހިތް އެދޭ އެހެން އެތައްކަމެއް ދޫކޮށްލާފައި ވެސް އެކަމުން ސަވާބެއް ހޯދުމުގެ ނިޔަތުގައި އަދި ﷲގެ ރުއްސެވުން ހޯދުމުގެ ނިޔަތުގައި ގިނަ ވަގުތުތަކެއް އެ މާތް ފޮތާއެކު ހޭދަކުރެ އެވެ.
ރޯދަ އަށް ހުންނަ އިރު ތިމާއަކީ އަހުލާގު ރަނގަޅު މީހަކަށްވުމަށް މަސައްކަތްތަކެއް ކުރެ އެވެ. ހުތުރު ބަސްތައް ބުނެއުޅުމާއި މީހުންނަށް އަނިޔާވެރިވުމުން ދުރުހެލިވާން މަސައްކަތްކުރެ އެވެ. އެހެން މީހަކު ތިމާއާ މެދު އެފަދަ ކަމެއްކުރި ނަމަވެސް ﷲ އާއި ރަސޫލާގެ އަމުރަށް ކިޔަމަންތެރި ވުމުގެ ގޮތުން ﷲގެ ހަޒްރަތުގައި "ތިމަން މި ހުރީ ރޯދައަށޭ" މިހެން ދަންނަވައި އެކަމުން އެއްކިބާވެގަނެ އެވެ. ދެބައުޑުވުމާއި ނެތިނުބައި މޮށުން ފަދަ ކަންކަމުން ވެސް ދުރުހެލިވާން މަސައްކަތްކުރެ އެވެ.
އަދި ރުޅި އަންނަ ކަހަލަ ކަންކަމާ ކުރިމަތިވިއަސް އެރުޅި ﷲ އަށްޓަކައި ކޮންޓްރޯލް ކުރަން ދަސްކުރެ އެވެ. އެއީ އޭގެ ސަބަބުން ލިބެން އޮތް ފައިދާ މާ ބޮޑުވީމަ އެވެ. ރުޅި ދިރުވާލައި އެތެރެ ހަށީގައި ބާއްވަނީކީ ނޫނެވެ. އެ މުލުން ލުހެލައި އެއްލާލަނީ އެވެ. ރޯދަމަހަކީ ބަރަކާތްތެރި މަހެއް ވީމާ އެ މަހުގެ ސަވާބާއި ދަރުމަ އިތުރަށް ލިބިގަތުމަށްޓަކައި ސަދަގާތްކޮށް ދީލަތިކަމުގެ އަތް ނިއުޅާލަ އެވެ. މި ހުރިހާ ކަމެއްގެ އިތުރުން ރޯދަމަހުގައި އެންމެ ހާއްސަ ސަމާލުކަމެއް ދެނީ ފަރުޟު ނަމާދުތައް އޭގެ ވަގުތުގައި އަދާކުރުމަށެވެ.
އާދެ، މި ހުރިހާ ކަމަކީ ވެސް ތަޤުވާވެރި ވުމުގެ ގިއުގަނޑުގެ ތެރޭ ހިމެނޭ ކަންކަމެވެ. އެއީ ހައްތާވެސް މާތްﷲގެ އަމުރުތަކަށް ކިޔަމަންވުމާއި ނަހީތަކުން ދުރުހެލިވުމެވެ. ތަޤުވާއަކީ އެއީ އެވެ. ނަމަވެސް ސުވާލަކީ އެއް މަސްދުވަހުގެ މުއްދަތަށް ރޯދައިގެ މަދަރުސާ އިން މި ހިންގި ކޯހުން ފާސްވެ ތަގުވާވެރިކަމުގެ ސެޓުފިކެޓު ހާސިލުކުރަނީ ކިތައް މީހުންތޯ އެވެ؟
ޝައްކެއް ނެތެވެ. މާތްﷲގެ އަޅުތަކުންކުރެ ގިނަ ބަޔަކު މި ކަން ހާސިލުކުރާނެ އެވެ. ނަމަވެސް ބުރަ މަސައްކަތާ އެކު ވެސް މިކަން ހާސިލުނުކުރެވުނު ބަޔަކު ވެސް އުޅޭނެ އެވެ. އަދި އެއްގޮތަކަށް މަސައްކަތް ނުކުރުމުގެ ސަބަބުން ﷲގެ ކޯފާ އާއި އަޒާބަށް ހުށަހެޅޭ މަދު ނަމަވެސް ބަޔަކު އުޅޭނެ އެވެ. އެ މީހުންނަށް ސަލާމަތްވެވެން އޮތީ ތައުބާވެ ﷲ އަށް ރުޖޫއަ ވެގެންނެވެ.
ތަޤުވާވެރިކަން ހާސިލުކުރެވުނު މީހުންގެ ޖަޒާއަކީ އުޑުތަކާއި ބިން ފަދަ ތަނަވަސް ވެގެންވާ ސުވަރުގެ އެވެ. އެކަމަކު އެ ޖަޒާ ލިބޭނީ އެ ތަޤުވާވެރިކަން ދެމެހެއްޓި މިންވަރަކުންނެވެ. ތަޤުވާވެރިކަމަކީ މޫސުމް މޫސުމަށް އޮންނަ ކަމެއް ނޫނެވެ. އެއީ އަބަދަށް އޮންނަ ކަމެކެވެ.
ވީމާ ރޯދަ އިން ދަސްކުރި ފިލާވަޅުތަކުގެ ބޭނުން ރޯދަމަސް ނިމުމުން ވެސް ހިފަންޖެހޭނެ އެވެ. އަޅުކަންތައް ކުރުމަށް ބޭއްވި ޝައުޤުވެރިކަން އެ ގޮތުގައި އޮންނަން ޖެހޭނެ އެވެ. ފަރުޟު ނަމާދުތަކުގެ އިތުރުން ސުންނަތް ނަމާދުތަކަށް ދިން ސަމާލުކަން މި މޫސުން ނިމުނަސް ހުއްޓިގެންނުވާނެ އެވެ. ރޯދަމަހުގައި ކިޔެވި މިންވަރަށް ނޫނަސް ކީރިތި ޤުރުއާން ކިޔެވުން މުޅިން ހުއްޓާލައިގެން ނުވާނެ އެވެ.
ހަޑިހުތުރު ބަސްތައް ބުނުމާއި ދޮގުހެކި ދިނުމާއި ޣީބަބުނުމާއި ހަރާމް ގޮތުގައި ޝަހުވަތް ފުއްދުން ފަދަ ފާހިޝް ކަންތައްތަކުން ދުރުހެލިވާންޖެހޭނެ އެވެ. ކެތްތެރިވުމާއި ތެދުވެރިވުމާއި އިހުލާސްތެރިވުން ފަދަ ރިވެތި އަހުލާގީ ސިފަތައް ހަރުލާފައި ހުންނަންޖެހޭނެ އެވެ. ނުރަނގަޅު އަހުލާގަށް އެނބުރި ގޮސްގެން ނުވާނެ އެވެ.
ނޫންނަމަ ތަޤުވާވެރިކަން ހާސިލުކުރެވުނަސް އޭގެ މަންފާ ރަމަޟާން މޫސުން ނިމުމުން ނިމިގެންދާނެ އެވެ. އިސްލާމް ދީން ބޭނުންވަނީ ތަގުވާވެރިކަން މަތީ އަބަދު ދެމިހުރުމަށެވެ. އެއަށް ނިމުމެއް ނައުމަށެވެ.

އެންޓި ޓެރަރިޒަމް ތަމްރީން ނިމުން
2 comments