އިސްލާމީ އަގީދާގައި ސާބިތުކަމާ އެކު ހިފެހެއްޓުމާއި އެ އަގީދާއާ މެދު ފަޚުރުވެރިވެ އެއަށްޓަކައި ގުރުބާންވާން އިސްލާމް ދީން މުސްލިމުންނަށް ވަރަށް ބޮޑަށް ބާރުއަޅަ އެވެ. އެހެން ނަމަވެސް އިސްލާމް ދީނަކީ ކޮންމެ ކަމެއްގައި ވެސް ވަކި އަތަކަށް ބުރަނުވެ ވަޒަން ހިފެހެއްޓުމުގެ ހާއްސަ ސިފަ ލިބިގެންވާ ދީނަކަށްވާތީވެ މިކަމަށް އެއްކޮޅުން ގޮވާލާއިރު، އިސްލާމް ދީނާއި މުސްލިމުންނަށް އަނިޔާވެރިނުވާ ޣައިރު މުސްލިމުންނާ މެދު އަދުލުވެރިކަމާއި ސަމާހަތާއި އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ބޭއްވުމަށް އިސްލާމް ދީން ދެކޮޅެއް ނަހަދަ އެވެ.
މި ގޮތުން ޣައިރު މުސްލިމުންނާ މެދު ތައައްސުބުވުމާއި، އެމީހުން އިންކާރުކުރުމާއި، އެ މީހުންގެ ހައްގުތަކަށް އަރައިގަތުމާއި، ރުޅިވެރިކަމާއި އަދާވާތްތެރިކަން އެ މީހުންނާ މެދު ބޭއްވުން ފަދަ ކަންކަން އިސްލާމްދީން މަނާކުރެ އެވެ. އަދި މީގެ ބަދަލުގައި އެ މީހުންނާ މެދު އަދުލުވެރިވުމަށާއި ސަމާހަތާ އެކު އިންސާނީވަންތަ ގުޅުން ދެމެހެއްޓުމަށް އިސްލާމް ދީން ގޮވައިލަ އެވެ.
މައްކާގެ މުޝްރިކުން، އެ މީހުން އަޅުކަންކުރާ ކަލާނގެތަކަށް ކީރިތި ރަސޫލާ ދުވަސްކޮޅަކު އަޅުކަންކޮށް އަދި އެ މީހުން ވެސް ﷲ އަށް ދުވަސްކޮޅަކު އަޅުކަންކޮށް ދެ ފަރާތުން ދެ ފަރާތުގެ ކަލާނގެ ތަޖުރިބާކުރުމަށް އެދުނު ހިނދު މި ވާހަކަތަކަށް ވަރަށް ވަރުގަދަ ރައްދެއް ކީރިތި ޤުރުއާނުގައި (އަލްކާފިރޫން ސޫރަތުގައި) އަ އެވެ. ނަމަވެސް މި ރައްދު ނިންމާލެވިފައިވަނީ އެ މީހުންނަށް އިއުތިރާފުވުމާއި ސަމާހަތްތެރިވާން ޖެހޭކަން ދޭހަކޮށްދެމުންނެވެ.
އާދެ، "ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ދީނެވެ." މިފަދަ ބޮޑު އަދި އެހާމެ ނުރައްކާތެރި މައްސަލައެއްގައި ކާފިރުންނަށް ދެވުނު ޖަވާބުގައި އެ މީހުންނަށް އިއުތިރާފުވުމާއި ސަމާހަތްތެރިވުން އޮތުމުން އެހެން ކަންކަމުގައި ވެސް މިފަދައިން ގުޅުން އޮންނަން ޖެހޭނެކަން ދޭހަވެ އެވެ.
މި ކަމަށް އިތުރަށް ބާރު ލިބޭ އަސާސްތަކެއް ވެސް އިސްލާމް ދީނުގައި ވެއެވެ. މިގޮތުން އެއް ކަމަކީ އަގީދާގެ ގޮތުން އިންސާނުން ތަފާތުވުމަކީ އިލާހީ މަޝީއަތާ އެއްގޮތަށް އޮންނަ، ނުވެނުދާނެ ކަމެއްކަމަށް މުސްލިމުން ގަބޫލުކުރުމެވެ. ޔޫނުސް ސޫރަތުގެ 99 ވަނަ އާޔަތާއި ހޫދު ސޫރަތުގެ 118 ވަނަ އާޔަތުން ވަރަށް ސަރީހަކޮށް މިކަން އެނގެ އެވެ.
ދެ ވަނަ ކަމަކީ ކާފިރުންގެ ކުފުރުވުމުގެ ޖަޒާއަކީ މި ދުނިޔެމަތީގައި އެ ލިބި ފުރިހަމަވާންޖެހޭ އެއްޗެއް ނޫން ކަމާއި އެކަމުގެ ހިސާބު ބެލެވި ހައްގު ޖަޒާ ފުރިހަމަކުރުން އޮންނާނީ އުޚުރަވީ ހަޔާތުގައި ކަމަށް މުސްލިމުން ގަބޫލުކުރުމެވެ. އަލްޙައްޖު ސޫރަތުގެ 17 އަދި 69 ވަނަ އާޔަތާއި އަލްބަޤަރާ ސޫރަތުގެ 113 ވަނަ އާޔަތާއި އަދި މިނޫން ވެސް އާޔަތްތަކުން މިކަން އެނގެ އެވެ.
ތިން ވަނަ ކަމަކީ، އެންމެހާ އިންސާނުންނާ މެދު ވެސް އަދުލުވެރިވާން މާތްﷲ މުސްލިމުންނަށް އަމުރުކުރައްވާފައި ވުމެވެ. ބަޔަކާ މެދު ހިތުގައި ކިތަންމެ ބޮޑު ނަފުރަތެއް އުފެދިފައި ވިއަސް އަދުލުވެރިވުމުން އެއްކިބާވެގެން ނުވާނެކަން އަލްމާއިދަތު ސޫރަތުގެ 8 ވަނަ އާޔަތުގައި ވަނީ އަންގަވާފަ އެވެ. ހަތަރު ވަނަ ކަމަކީ، ކޮންމެ އަގީދާއެއް ގަބޫލުކުރިއަސް އިންސާނެއް ކަމަށްވާ ނަމަ އޭނާއަކީ މާތްކުރެވިގެންވާ މަހުލޫގެއްކަން މުސްލިމުން ގަބޫލުކުރަން ޖެހުމެވެ.
އަލްއިސްރާއު ސޫރަތުގެ 70 ވަނަ އާޔަތުގައި މިކަން ވަނީ ބަޔާންކުރައްވާފަ އެވެ. އަދި ކީރިތި ރަސޫލާގެ އަމަލުފުޅުތަކުން ވެސް މިކަން އެނގެ އެވެ. މި ގޮތުން ޔަހޫދީއެއްގެ ޖަނާޒާ ގެންެދެވުނު ހިނދު އެކަލޭގެފާނު ތެދުވެ ވަޑައިގަތުމާއި ހަނގުރާމަތަކުގައި ގަތުލުކުރެވޭ ކާފިރުންގެ ހަށިތަކަށް އިހާނެތިކޮށް ހިތުން މަނާކުރެއްވުން ފަދަ ކަންކަން ހިމެނެ އެވެ.
މި އަސާސްތަކަށް ރިއާޔަތްކޮށްގެން ޣައިރު މުސްލިމުންނާ މެދު މުސްލިމުން ގުޅުން ބާއްވަން ޖެހޭ ގޮތް އަލްމުމްތަޙިނާ ސޫރަތުގެ ،8 9 ވަނަ އާޔަތުން އެނގެ އެވެ. ﷲ އަންގަވަނީ، މުސްލިމުންގެ ދީނާހުރެ، މުސްލިމުންނާ ހަނގުރާމަ ނުކުރާ، އަދި ގޮވަތިގެދޮރުން މުސްލިމުން ބޭރުކޮށް ނުލާ މީހުންނަށް ހެޔޮކޮށް ހިތައި، އަދުލުވެރި ގޮތުގައި ކަންތައްކުރުން، ﷲ މަނާ ނުކުރައްވާ ކަމަށެވެ.
އެކަމަކު ދީނާހުރެ ހަނގުރާމަކޮށް ނުވަތަ ގޮވަތިގެދޮރުން ބޭރުކޮށް ނުވަތަ މިކަމުގައި ވާގިވެރިވާ މީހުންނާ އެކުވެރިކަން ބެހެއްޓުން އެކަލާނގެ މަނާކުރައްވާ ކަމަށެވެ. މި ތަނުގައި ހަނދާންކޮށްލަން ޖެހެނީ މި އާޔަތްތައް ބާވާލެއްވުނީ މުޝްރިކުންނާ މެދުގައި ކަމެވެ. ވީމާ މުޝްރިކުންނާ މެދު މިފަދައިން ގުޅުން ބާއްވާންޖެހޭ އިރު އަހުލު ކިތާބީންނާ މެދު ބާއްވަންޖެހޭ ގުޅުން އަދި މިއަށްވުރެ ވެސް ބަދަހިވާންޖެހެ އެވެ.
އެހެނީ ކީރިތި ޤުރުއާނުގައި އެ މީހުންނަށް އަހުލު ކިތާބީންގެ ނަމުން މުޚާތަބުކުރެވިފައިވުމާއި އެ މީހުންގެ އަންހެނުންނާ ކައިވެނިކުރުމާއި އެމީހުން ކަތިލާ އެއްޗެހި ކެއުން ހުއްދަކުރެވިފައިވުން ފަދަ ކަންކަމުގެ ސަބަބުންނެވެ.
މީގެ އިތުރުން އިސްލާމް ދީން އިންސާނުންގެ މެދުގައި އެކުވެރިކަމާއި ލޯބި ދެމެހެއްޓުމަށް ގޮވާލަ އެވެ. "އުންމަތްތަކުގެ ވަބާ" ގެ ނަމުން ކީރިތި ރަސޫލާ ނަން ދެއްވާފައިވާ ހަސަދައާއި ރުޅިވެރިކަމާއި ނަފުރަތު މީސްތަކުންގެ މެދުގައި ފެތުރުނަ ނުދިނުމަށް އެކަލޭގެފާނު ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެ އެވެ.
ﷲއާ މެދު އިންސާނާގެ ހިތުގައި ލޯބި އުފެދެން ޖެހެ އެވެ. އެއަށްފަހު އެލޯބި ﷲގެ މަޚްލޫގުންނާ ހަމައަށް ފޯރަންޖެހެ އެވެ. މިގޮތުން ކައުނުގައި ﷲ ލައްވަވާފައި މިވާ ހުރިހާ އެއްޗެއް ދެކެ މުސްލިމުން ލޯބިވާންޖެހެ އެވެ. އެއިން އެއްވެސް އެއްޗަކަށް ގޯނާކޮށް ގެއްލުންދީ ހަދައިގެން ނުވެ އެވެ. އަދި މި ލޯބީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަންޖެހެނީ ﷲގެ މަޚްލޫގުންގެ ތެރެއިން ވެސް އިންސާނުންނާ އެވެ.
މި ގޮތުން އިންސާނުންގެ ތެރެއިން މުސްލިމުން އެންމެ ވަރުގަދަ ލޯތްބެއް އެހެން މުސްލިމުންނާ އެކު ބާއްވަން ޖެހުނަސް މި ލޯބި އެހެން ހުރިހާ އިންސާނުންނާ ހަމައަށް ވެސް ދެމިގެންދާން ޖެހެ އެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ދިރިއުޅުމުގެ ހަޔާތުގައި އިންސާނުން ހަމަޖެހިގެން އަމާންކަމާ އެކު އުޅުމަށް މަގުފަހިވުމެވެ. އަނެއް ބޭނުމަކީ މުސްލިމުންގެ ތެރެއަށް ކޮންމެވެސް ދުވަހަކުން އެ މީހުން ނުވަތަ އެ މީހުންގެ ދަރިފަސްކޮޅު އައުމުގެ އުންމީދެއް އޮތުމެވެ.
ތާއިފަށް ކީރިތި ރަސޫލާ ކުރެއްވެވި ދަތުރުފުޅުގައި އެރަށުގެ އަހުލުވެރިން އެކަލޭގެފާނަށް އަނިޔާކުރި ހިނދުވެސް އެކަލޭގެފާނުގެ ހިތްޕުޅުގައި އެމީހުންނާ މެދު ލޯތްބެއް ބޭއްވެވީ މިހެންވެގެންނެވެ.
ތެދެކެވެ. އިންސާނާގެ ނަފްސުގައި ރުޅިވެރިކަމާއި އަދާވާތްތެރިކަމުގެ ޝުއޫރުތައް ﷲ ލައްވަވާފައިވެ އެވެ. އެހެން ނަމަވެސް މި ޝުއޫރުތައް ލައްވަވާފައި ވަނީ ފަސާދަ އާއި ނުބައި ކަންކަން މީސްތަކުންގެ ކިބައިން ފޮހެލައި އެއާ އިދިކޮޅަށް ނުކުތުމުގެ ބާރެއްގެ ގޮތުގައެވެ. އެހެންކަމުން މި ޝުއޫރުތައް އެނޫން އެހެން ހާލަތެއްގައި ބޭނުންކޮށްގެން ނުވާނެ އެވެ. މި ގޮތުން ޝައިތާނާ އާއި އެސޮރުގެ އައުވާނުންނާ އެކުގައި މެނުވީ އިންސާނާ މި ޝުއޫރުތައް ބޭނުންކޮށްގެން ނުވާނެ އެވެ.
ވީމާ، މުސްލިމުންނަކީ އެ މީހުންގެ އަގީދާ އަށް އިހުތިރާމުކޮށް އެއަށްޓަކައި ގުރުބާންވާން ތައްޔާރަށް ހުންނަ މީހެއް ކަމުގައި ވިއަސް އެ އަގީދާއާ ހިލާފު ހަމަ ކޮންމެ މީހެއް ދެކެ ރުޅިއަންނަން ޖެހޭ މީހެއް ކަމުގައި ވެގެން ނުވާނެ އެވެ. މުސްލިމުން ރުޅިއައިސް އަދާވާތްތެރިވާނީ ﷲ އާއި އެކަލާނގެ ރަސޫލާއާ އަދާވާތްތެރިވެ އިސްލާމް ދީނާ މުސްލިމުންނާ އިދިކޮޅަށް ނުކުންނަ މީހުންނާ އެކަންޏެވެ.
އެހެންނޫން ނަމަ ގާތްތިމާގެ މީހެއްގެ ހައިސިއްޔަތުން ނުވަތަ އަވައްޓެރިއެއްގެ ހައިސިއްޔަތުން ނުވަތަ އެކުވެރިއެއްގެ ހައިސިއްޔަތުން ނުވަތަ ދެކެފަރިތަ މީހެއްގެ ހައިސިއްޔަތުން ނުވަތަ ދުވަހަކު ނުދަންނަ މީހެއްގެ ހައިސިއްޔަތުން ވިއަސް (އާންމުކޮށް) ކާފިރުންނާ މެދު ހެޔޮ ގޮތުގައި ގުޅުން ބޭއްވުމަކީ މައްސަލައެއް ނޫނެވެ.

4 comments