އިސްލާމިކް މިނިސްޓްރީ

ރޯދަ މަސް އިހްޔާކުރައްވާ އިލްމުވެރިން މާދަމާ ރާއްޖެ ވަޑައިގަންނަވާނެ: މިނިސްޓަރު

އާމިނަތު ޝިފްލީން
16 ޖުލައި 2012 15:45 5 ކޮމެންޓު
  • މި އަހަރުގެ ރޯދަ މަހު މިސްކިތްތަކުގައި ދީނީ ނަސޭހަތްދެއްވާ އަޒްހަރު ޔުނިވަސިޓީގެ އިލްމުވެރިންނާ އިސްލާމިކް މިނިސްޓަރު ޝަހީމް މިއަދު ބައްދަލުކުރައްވަނީ. -- ހަވީރު ފޮޓޯ

ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދެއްވުމަށް ބޭރު ގައުމުތަކުން ރާއްޖެ ވަޑައިގަންނަވާ ދީނީ އިލްމުވެރިންނާއި ހާފިޒުން މާދަމާ މާލެ ވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޝައިހް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރޯދަ މަހު މާލޭގެ ގިނަ މިސްކިތްތަކެއްގައި ދީނީ ނަސޭހަތް ދެއްވާ އަޒްހަރު ޔުނިވަސިޓީގެ އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ، މާލޭގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމަށް ސައޫދީ އަރަބިއްޔާގެ ހަތަރު ދީނީ އިލްމުވެރިއަކާއި ޕާކިސްތާނުގެ ހާފިޒެއް އަދި ރަށްރަށުގައި ދީނީ ނަސޭހަތް ދިނުމަށް އިންޑިއާގެ 30 އަށް ވުރެ ގިނަ ދީނީ އިލްމުވެރިން މާދަމާ އިން ފެށިގެން މާލެ ވަޑައިގަންނަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އިސްލާމީ މަރުކަޒާއި މާލޭގެ އެހެން ބޮޑެތި މިސްކިތްތަކުގައި ކޮންމެ ދުވަހަކު ދީނީ ނަސޭހަތް ދިން ނަމަވެސް ކުދި މިސްކިތްތަކުގައި ދީނީ ނަސޭހަތް ދޭނީ، ހަމަޖެހިފައިވާ ތާވަލެއްގެ ދަށުން ވަކި ދުވަސްތަކެއްގައި ކަމަށެވެ.

"ޕާކިސްތާނުން ގެންނަވާ ހާފިޒު އިސްލާމީ މަރުކަޒުގައި އިމާމްވެ ނަމާދުކުރައްވާނެ. އޭނާއަކީ ވަރަށް ރީތިކޮށް ގުރުއާން ވިދާޅުވާ ބޭފުޅެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާ އިން ދީނީ އިލްމުވެރިން ގެންނަނީ އަދާލަތު ޕާޓީ މެދުވެރިކޮށް، ރަށްރަށުގެ އަމިއްލަ ހަރަދުގައި ކަމަށެވެ. ނަމަވެސް އިލްމުވެރިންގެ އެލަވަންސް މިނިސްޓްރީން ހަމަޖައްސަވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

މި އަހަރުގެ ރޯދަ މަހު މާލޭގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދެއްވާ، އަޒްހަރު ޔުނިވަސިޓީގެ އިލްމުވެރިންނަކީ މަދަރުސަތުލް އަރަބިއްޔާގައި ކިޔަވައިދެއްވުމަށް މާލޭގައި ތިއްބެވި އިލްމުވެރިންނެވެ. ޝަހީމް ވިދާޅުވީ އިގްތިސާދީ ހާލަތު އޮތްގޮތުން ރާއްޖެ އަށް މި އަހަރު އިތުރު އިލްމުވެރިން ގެނެވެން ނެތީ ކަމަށެވެ.

"ކުރިން ވަރަށް ބޮޑެތި ހަރަދުތައް ކުރައްވައިގެން ދީނީ އިލްމުވެރިން ރާއްޖޭން ބޭރުން ގެނެސްފައިވަނީ. ނަމަވެސް މިހާރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތްގޮތުން ބޭރު ގައުމުތަކުން ގިނަ އިލްމުވެރިން ގެނެވޭކަށް ނެތް. މި އަހަރު މާލޭގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދެއްވާނީ މާލޭގައި މިހާރު ތިއްބެވި އަޒްހަރުގެ އިލްމުވެރިން،" ޝަހީމް ވިދާޅުވި އެވެ.

5 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait