އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީގެ ރިޕޯޓުގައި ހިމެނިފައިވާ ކަންކަމުގެ ތެރެއިން އިސްލާމްދީނާ ހިލާފު ހުރިހާ ކަމެއް ރާއްޖެ އިން ބޮލާލާ ޖަހަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޝޭހު މުހަންމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ދީނީ މިނިވަންކަން ނެތުމާއި މުސްލިމަކަށް ނޫނީ ދިވެހި ރައްޔިތަކަށް ނުވެވޭތީ އެ ކޮމެޓީން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އިސްލާމިކް އެފެއާޒް މިނިސްޓަރު ވިދާޅުވީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިއެއް ރާއްޖެ އަށް ލިބިފައިވިޔަސް އިސްލާމްދީނާ ހިލާފު ކަންކަން ކުރަން މަޖުބޫރުވާ ފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރިއަށް ދާ ނަމަ އެ ގޮނޑި ވެސް ދޫކޮށްލަން ޖެހޭނެ ކަމަށެވެ.
"އެ ރިޕޯޓުގައި ރަނގަޅު ބައެއް ކަންތައްތައް ހުއްޓަސް އިސްލާމްދީނުގައި ބާތިލު ކަންތައްތަކެއް ކުރަން މަޖުބޫރުވާ އިބާރާތްތަކުން ވާހަކަ ދައްކާފައި އެބަހުރި. އެއީ ދިވެހިރާއްޖެ އިން ގަބޫލުކުރާނެ ކަންތައްތަކެއް ނޫން. ރާއްޖޭގެ ދުސްތޫރީ އަދި ޝަރުއީ ނިޒާމުތަކާ ހިލާފު ވާހަކަތައް ވެސް އެއްވެސް ފަރާތަކަށް ނުދެއްކޭނެ. އެއީ އދ. ކަމުގައި ވިޔަސް އެކަން އޮންނަން ޖެހޭނީ އެހެން،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހައްދު ޖެހުން ފަދަ ކަންތައްތަކުގައި އިސްލާމީ ޝަރީއަތުގައި ހުކުމް ކަނޑައެޅިފައިވާ އިރު އެއާ ހިލާފަށް ދިވެހިންނަށް ކަންކަން ނުކުރެވޭނެކަން އދ. ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.
"އިންސާނީ ހައްގުތަކާ ހިލާފު ކިތައް ކަންތައްތޯ އެ ކުރަނީ އެކި ގައުމުތަކުގައި؟ ސީރިއާގެ މައްސަލަ އަށް ބައްލަވާ ލައްވާ. ފަލަސްތީނާއި އަފްޣާނިސްތާނުގެ މައްސަލަ ބައްލަވާ ލައްވާ. އިރާގުގެ އެ އޮތް ބޮޑު ހަޟާރަތު އެ އޮތީ ފުނޑުފުނޑުކޮށްލާފައި. ކިތައް މީހުންގެ އިންސާނީ ހައްގުތައްތޯ އެ ގައުމުތަކުގައި ގެއްލުވާލާފައި ވަނީ؟ ކޮބައިތޯ ތި ވިދާޅުވާ އދ.؟ ކޮބައިތޯ ފާސްކޮށްފައި ހުރި ގަރާރުތައް؟ އެއްވެސް މީހެއްގެ އިންސާނީ ހައްގެއް ރައްކާތެރި ކުރެވުނުތޯ؟،" މިނިސްޓަރު ވިދާޅުވި އެވެ.
އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީގައި ރާއްޖޭގެ ފަރާތުން ޖަވާބުދާރީވެވަޑައިގެންނެވި ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވީ ދީނީ މިނިވަންކަމަކީ ހުޅަނގުގެ ގައުމުތަކުން އަބަދުވެސް ވަކާލާތުކުރާ ކަމެއް ކަމަށެވެ. އެކަމަކު އެ ފުރުސަތު ރާއްޖެއިން ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އދ. ގެ ޗާޓުގައި ވެސް ހައްގުތައް ޑިފައިން ކުރަނީ އެ ތަނެއްގެ ސަގާފަތާއި ދީނީ އެއްބައިވަންތަކަމަށް ބަލައިގެން. އެހެން ބަލާއިރު މިއީ 100 ޕަސެންޓް މުސްލިމް ގައުމެއް. މި ގައުމުގައި ވަރަށް ބައިވަރު ބިދޭސީން އެބަ އުޅޭ. އަޅުގަނޑުމެން އެ މީހުންނަށް މަޖުބޫރެއް ނުކުރަން އިސްލާމްދީނަކަށް އުޅޭކަށް. މި ދީނަށް ވަންނާކަށް ވެސް މަޖުބޫރެއް ނުކުރަން. ދެން އެ މީހުން ރާއްޖެ އައިސް އަމިއްލަ ގޮތުން އަޅުކަން ކުރުމުގެ ހައިސިއްޔަތު އޮންނާނެ،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެކި މުއާހަދާތަކުގެ އިސްތިސްނާތައް ކަނޑައަޅާނީ އެ ގައުމަކުން ކަމަށާއި ބައިނަލްއަގްވާމީ ދައުރެއް އެކަމުގައި ނޯންނާނެ ކަމަށެވެ. އަދި މުއާހަދާތަކުގެ އިސްތިސްނާތައް ވަރުގަދަ ކުރުމަށް ރާއްޖެ އިން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
"މިހާރު މައްސަލައަކަށް މިވަނީ 2008 ގައި ވެރިކަމާ ހަވާލުވި ސަރުކާރުން ހުރީ ފުރިހަމައަށް އިސްތިސްނާތައް ނުލައި. ހައްދުގެ އަދަބުގެ ކަންތައްތަކާ އިސްލާމްދީނުގައި ހުރި އަދަބުތައް ތަންފީޒު ކުރުމުގައި އެވަރަކަށް އިސްތިސްނާ ލާފައެއް ނެތް. އެހެންވީމަ އަޅުގަނޑުމެންނަށް ދެން ޖެހޭނީ އެވަރަށް އިސްތިސްނާތައް ލާފައި އަޅުގަނޑުމެންގެ މައްޗަށް އެ ވާހަކަތައް ނުދެއްކޭނެ ގޮތެއް ހޯދަން،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ އެއްވެސް ގައުމެއްގެ ގާނޫނު އަސާސީ އަކީ ބައިނަލްއަގްވާމީ މުއާހަދާތައް ތަންފީޒު ނުކުރެވުމުގެ ސަބަބަކަށް ހަދައިގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑެއް ވެސް ގަބޫލެއްނުކުރަން ރާއްޖޭގައި ފައްޅި އަޅަން ޖެހޭނެ ކަމަކަށް. އެކަމަކު ރާއްޖެ އަންނަ ބިދޭސީންނަށް ވެސް އެމީހުންގެ ދީނަށް އަޅުކަން ކުރެވޭނެ ފުރުސަތު އޮންނަން ޖެހޭނެ. އެކަމަކު ރާއްޖޭގައި ވެސް ވަކި ދީނަކަށް ދިވެހިން އުޅެން ގާނޫނު އަސާސީން މަޖުބޫރުވޭ. އެކަމަކު އެކަންކަމަކީ ކޮމިޓީގައި ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ ކަންކަން. އެ ކޮމިޓީގައި މުސްލިމް ބައެއް ގައުމުތަކުގެ މެމްބަރުން ވެސް ތިބޭ،" ޑރ. ޝަހީދު ވިދާޅުވި އެވެ.
44 comments