އަދާލަތު ޕާޓީ އޮތީ 2013 ގެ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކާ ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް
ދީނީ އެއްބައިވަންތަކަމުގެ ގަވާއިދު މިހާރު އޮތް ގޮތުން އެހެން ދީންތައް ފެތުރުމަށް ފުރުސަތު ދޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ކަލާފާނު ސްކޫލްގައި އަދާލަތު ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝައިޚް އިމްރާން ވިދާޅުވީ ދީނީ އެއްބައިވަންތަކަމުގެ ގަވާއިދު ބައްޓަން ވެފައިވާ ގޮތުން އިސްލާމްދީން ނޫން އެހެން ދީންތައް ކުރިއެރުވުމަށް މަސައްކަތްކުރާ މީހުންނަށް ހަނި ގޮތަކަށް ނަމަވެސް ފުރުސަތު ފަހިވެފައިވާ ކަމަށެވެ. އަދި މިހާރު ގަވާއިދުވާ ގޮތުން އިސްލާމް ދީނުގައި މަސައްކަތްކުރާ ދީނީ އިލްވެރިންނަށް އަނިޔާކޮށް އުނދަގޫކުރާ މަންޒަރުތައް ވެސް ވަރަށް އަވަހަށް ފެނިގެން ހިނގައިދާނެ ކަމަށް އޭނާ ްވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ދީނީ އެއްބައިވަންތަކަމުގެ ގަވާއިދު އިސްލާހު ކުރުމަށް ފަހު ސަރުކާރުގެ ތިން އެޓާނީ ޖެނެރަލަށް ދައްކާފައިވާ ކަމަށެވެ. އަދި އެފަރާތްތަކުން އެ ގަވާއިދުގައި މައްސަލެއް ނެތް ކަމަށް ޔަގީންކަށް ދެއްވި ކަމަށާއި ނަމަވެސް ގެޒެޓް ކުރަން އުޅުނު ދުވަހު ޕޮލިސީ މައްސަލައަކާ ހުރެ ގެޒެޓްކުރެވެން ނެތް ކަމަށް ސަރުކާރުން ބުނި ކަމަށް އޭނާ ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ މިހާރު ނެރެފައިވާ ގަވާއިދަކީ ސަރުކާރުން 16 މަސް ދުވަސް ވަންދެން ހިފެހެއްޓުމަށް ފަހު ސަރުކާރުން ބޭނުންވާ ގޮތަށް ބައްޓަންކޮށްފައިވާ ގަވާއިދެއް ކަމަށެވެ. އަދި މިހާރު ސަރުކާރު މިދަނީ ވަރަށް ނުރައްކާތެރި އައްސޭރިއަކާ ދިމާލަށް ކަމަށާއި އެއީ "އެބޭފުޅުން އެވިދާޅުވާ އަނެއް ދިވެހިރާއްޖެ" ކަމަށް އިމްރާން ސިފަކުރެއްވި އެވެ.
"ސަރުކާރަށް އެއް އަހަރުވީ ދުވަހުން ފެށިގެން އިސްލާމްދީން ނައްތާލަން މަސައްކަތްތަކެއް ކުރަން ފަށައިފި. ސީދާ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ވެސް ޕްރޮގްރާމްތައް ހިންގަމުން ދިޔައީ. އެގޮތުން އޭޝިއާ ފައުންޑޭޝަނޭ ކިޔާ ފައުންޑޭޝަނަކުން މިއަދު ވެސް އެ ދަނީ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އެ މަސައްކަތްކުރަމުން،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަދާލަތު ޕާޓީ އަކީ އެހެން ޕާޓީތަކާ ހިލާފު ޕާޓީއެއް ކަމަށާއި އެހެން ޕާޓީތަކުގެ ނިންމުމާއި އެޕާޓީގެ ނިންމުންތައް ވަރަށް ތަފާތުވާނެ ކަމަށެވެ. އެގޮތުން ސަރުކާރާ އޭރު ކޯލިޝަން ހެދިއިރު ވެސް އިސާލަމްދީނާ އިދިކޮޅަށް މަސައްކަތްކުރާ ނަމަ އެންމެ އިސް ސަފުގައި ސަރުކާރާ ދެކޮށް ނުކުންނާނީ އަދާލަތު ޕާޓީ ކަމަށް ބުނެފައިވާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އަދި ސަރުކާރު ވައްޓާލުމަށް 2013 ގައި އިދިކޮޅު ޕާޓީތަކާ އެކު ގުޅިގެން މަސައްކަތްކުރުމަށް އަދާލަތު ޕާޓީ ތައްޔާރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ އިލްވެރިންގެ މަޖިލީހުގެ ނައިބު އައްޝައިޚް އިލްޔާސް ހުސެއިން ވާހަކަ ދައްކަވަނީ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ އިލްވެރިންގެ މަޖިލީހުގެ ނައިބު އައްޝައިޚް އިލްޔާސް ހުސެއިން ވިދާޅުވީ ތައުލީމީ ދާއިރާގެ ތެރެއިން ޒުވާނުންގެ އަގީދާ ބަލިކަށިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިއަދު ބައެއް ޒުވާނުންގެ ކިޔަމަންތެރިކަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާދަލަތު ޕާޓީން މިރޭ އާންމު ޖަލްސާއެއް ބޭއްވީ އެޕާޓީގެ މެމްބަރުން ގިނަކުރުމަށް "ކޮންމެ މެމްބަކަށް މެމްބަރެއް" މިޝިއާރުގެ ދަށުންނެވެ. އަދި ކުރިމަގުގައި އަދާލަތު ޕާޓީ އަކީ ވެސް މީހުން ގިނަ ޕާޓީއަކަށް ވާނެ ކަމަށް ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.
18 comments