ރިޕޯޓް

ށ. އާއި ކ. އަތޮޅުގެ މައްސަލައިން ފިލާވަޅުތަކެއް

އަހުމަދު ހަމްދޫން
ހަވީރު ޑެއިލީ، 03 މާޗް 2011 00:00
  • ފުނަދު އާއި ތުލުސްދޫ ކޯޓުގެ އަމުރު ސައްހަ ކަމަށް ހައި ކޯޓުން ހުކުމް ކުރުމުން އެކަމުގެ އުފަލުގައި ފުނަދޫ ބަޔަކު ފުލުހުންނާ ސަލާމް ކުރަނީ.- --ހަވީރު ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު

- ގާނޫނު މާނަކުރުމުގައި ވެސް އެމީހަކަށް ފެންނަ ގޮތެއް - ކޯޓުތަކުން ކޮންމެ ފަދަ ފިޔަވަޅެއް ވެސް އަޅާފާނެ ކަން އެނގުނު

ކައުންސިލަރުން މިދިޔަ ހޮނިހިރު ދުވަހު ހުވާކޮށް ނިމިގެން މިހާތަނަށް ހިނގާފައިވާ ބައެއް ކަންތައްތައް ލޯކަލް ކައުންސިލްތައް އިންތިހާބު ކުރި މަގުސަދާ ހިލާފެވެ. ހާއްސަކޮށް އަތޮޅު ކައުންސިލްގެ އިދާރާ ކަމަށް ގާނޫނުގައި ބުނެފައި ވަނީ އޮގަސްޓް ،7 2008 ގައި ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށިއިރި، އަތޮޅު އޮފީސްތައް ކަމުގައި ބަލަމުން އައި ތަންތަން ކަމަށް ވިޔަސް ކ. އަތޮޅާއި ށ. އަތޮޅު ކައުންސިލްގެ އިދާރާ އެހެން ރަށަކަށް ގެންދިއުމަށް ސަރުކާރުން ކުރި މަސައްކަތުގެ ސަބަބުން ގިނަ ބައެއްގެ ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. އެއީ ގާނޫނުގައި ވަރަށް ސާފުކޮށް އެނގެން އޮތް މައްސަލައެއް ކަމަށް ގާނޫނީ ގިނަ ވަކީލުން ބުނަމުން ދިޔަ ނަމަވެސް ސަރުކާރުގެ ވިސްނުން ތަފާތެވެ.

ށ. އަތޮޅު ކައުންސިލްގެ އިދާރާ ހިންގާނީ ކުރިއެކޭ އެއްގޮތަށް ފުނަދޫގައި އަދި ކ. އަތޮޅު ކައުންސިލްގެ އިދާރާ ހުންނާނީ ތުލުސްދޫގައި ކަމަށް އެ ދެ ރަށުގެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ސައްހަ ކަމަށް ދިވެހިރާއްޖޭގެ ހައި ކޯޓުން އަދި ތުލުސްދު އާއި ފުނަދޫ ކޯޓުގެ އަމުރާ ތައާރަޒުވާ ގޮތަށް މިލަންދު އާއި މާފުށީ ކޯޓުން ނެރުނު އަމުރު ބާތިލް ކަމަށް ސުޕްރީމް ކޯޓުން ބުދަދުވަހު ނިންމުމުން ހަގީގީ މަންޒަރު އިތުރަށް ސާފުވެ އެވެ.

"ހަގީގަތުގައި ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އިނގެން އޮތް މައްސަލައެއް އެ ނޫން ގޮތަކަށް މާނަކޮށްގެން ކަންތައް ކުރުމުގެ ނަތީޖާ އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ. ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި މިހާ ރަނގަޅަށް އެނގެން ހުންނަ ކަންތައްތައް ސަރުކާރުން އޮޅުވާލާއިރު ދެން އޮޅުވާނުލާނީ ކޮން ކަމެއްތޯ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ސަރުކާރުން ނޭނގި ކޮށްފައިވާ ކަންތައްތަކެއް ނޫން. ސަރުކާރުގައި ގާނޫނު ދަންނަ މޮޅެތި ބޭފުޅުން ތިއްބަވާނެ،" ކުރީގެ އެޓާނީ ޖެނެރަލް އަދި ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ވިދާޅުވި އެވެ.

ކ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ށ. އަތޮޅު ކައުންސިލްގެ އިދާރާ ހިންގާނެ ތަނެއްގެ މައްސަލަ ހޫނުވެ އެ ދެ އަތޮޅުގެ އެހެން ރަށްރަށުގެ މީހުންނާ ދެމެދު ވަނީ ބޮޑު ފިތުނަވެރިކަމެއް އުފެދިފަ އެވެ. ނަފްރަތު އުފެދިފަ އެވެ. ރަށުގެ ވާދަވެރިކަން ވަނީ މާ ބޮޑަށް ކުރިއަށް ނެރެފަ އެވެ. ފުނަދޫ މީހުންނާއި މިލަންދޫ މީހުން އަދި ތުލުސްދޫ ރައްޔިތުންނާއި މާފުށީ ރައްޔިތުން ބަހުގެ ހަމަލަތައް ބަދަލުކުރަނީ އެހެންވެ އެވެ. އެ ދެ އަތޮޅު ކައުންސިލްގެ އަޣުލަބިއްޔަތު އޮތީ ޑީއާރުޕީ އަށް ކަމަށް ވުމުން، ލާމަރުކަޒީ ގާނޫނުގައިވާ ގޮތަށް ފުރަތަމަ ދުވަހު ވެސް އަމަލު ކުރުމަށް ފާސްކުރީ އެވެ. އެހެން ނަމަވެސް ސަރުކާރުން "ގަދަ ދައްކައި" އަދި ފުލުހުން ނެރެ ހިންގި ކަންތައްތަކުން ރާއްޖޭގެ ޝަރުއީ ދާއިރާގެ އިތުރުން ސަރުކާރާ މެދު ވެސް ބަޔަކު ނަފްރަތު ކުރާހާ މިންވަރަށް ކަންތައް ދިޔަ އެވެ.

އެ ދެ އަތޮޅު ކައުންސިލްގެ އިދާރާ ހުންނާނީ މިލަންދޫ އަދި މާފުށީގައި ކަމަށް ސަރުކާރުން ބުނަނީ މައިގަނޑު ގޮތެއްގައި ލާމަރުކަޒީ ގާނޫނުގެ 127 ވަނަ މާއްދާ އަށް ރިޔާއަތް ކޮށެވެ. އެ މާއްދާގައި ހަމައެކަނި ބުނެފައި ވަނީ ކައުންސިލްތަކުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، ކައުންސިލްގެ އިދާރީ ކަންކަން ކުރުމަށްޓަކައި ކޮންމެ ކައުންސިލެއްގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ވާނެ ކަމަށެވެ. އެކަމަކު އެ ގާނޫނުގެ 155 ވަނަ މާއްދާގައި އަތޮޅު ކައުންސިލްތަކުގެ އިދާރާ އަކީ މިހާރުގެ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށިއިރު ވެސް އަތޮޅު އޮފީސްތައް ހިންގަމުން އައި ތަންތަން ކަމަށް ބުނެފައިވިޔަސް އެ މާއްދާގެ ވާހަކައެއް ސަރުކާރަކުން ނުދައްކަ އެވެ.

މި މައްސަލާގައި ސަރުކާރުގެ ފަރާތުން އެންމެ އަޑު ހަރުކޮށް ވާހަކަ ދައްކަވާ ހޯމް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވާ ހަސަން އަފީފު ވިދާޅުވާ ގޮތުން ނަމަ އަތޮޅު ކައުންސިލްގެ އިދާރާ އަކީ އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށި އިރު އަތޮޅު އޮފީސްތައް ހިންގަމުން އައި ތަންތަން ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވިޔަސް، އެ ގާނޫނުގެ އެއްވެސް ތަނެއްގައި އިމާރާތެއްގެ ވާހަކަ ބުނެފައެއް ނެތެވެ.

"އަތޮޅު އޮފީސް އެއީ މުއައްސަސާއެއް. އެ ބަދަލުވީ އަތޮޅު އޮފީސް. އެހެންވީމާ އަތޮޅު އޮފީސް ހިނގަމުންދާ އިމާރާތެއް ނޫން އޭގެ މާނަ އަކީ. އަތޮޅު އޮފީހޭ ބަދަލުވީ. އެ ދެން އަޅުގަނޑުމެން މާނަކުރާ ގޮތަކީ. މި މާނަކުރުމުގައި ހިލާފެއް އުފެދިއްޖެއްޔާ ގާނޫނު ވަރަށް ސާފުކޮށް އެބަ ބުނޭ ދެން ކަންކުރަންވީ ގޮތް. އެއީ ކޯޓަށް ދިއުން،" އަފީފް ވިދާޅުވި އެވެ.

އެކަމަކު ގާނޫނުގެ 155 ވަނަ މާއްދާ އަށް ބަލާއިރު "އިމާރާތް" ބުނެފައި ނެތް ނަމަވެސް އަތޮޅު ކައުންސިލްގެ އިދާރާ ކަމުގައި ބުނެފައި ވަނީ އޮގަސްޓް ،7 2008 ގައި ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށިއިރު، އަތޮޅު އޮފީސްތައް ކަމުގައި ބަލަމުން އައި ތަންތަން ކަމަށް ކަޅާއި ހުދުން ލިޔެފައިވެ އެވެ.

ކ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ށ. އަތޮޅު ކައުންސިލްގެ އިދާރާގެ މައްސަލާގައި ޝަރުއީ އިމުން ބޭރުން ވެސް އެތައް ކަމެއް ކޮށްފައިވާ ކަމަށް އެނގެ އެވެ. ދަށު ކޯޓުގެ އެހެން ހުކުމަކާ ތައާރަޒުވާ ގޮތަށް މިލަންދު އާއި މާފުށީ ކޯޓުން ނެރުނު އަމުރުގެ ސަބަބުން ޝަރުއީ ދާއިރާގެ މުސްތަގިއްލުކަމާ މެދު ބޮޑެތި ސުވާލުތަކެއް ކުރިމަތިކުރެ އެވެ. އެ ދެ ކޯޓުގެ އަމުރު ރާއްޖޭގެ އެންމެ މަތީ ކޯޓުން ބާތިލް ކަމަށް ނިންމީ ވެސް އެހެންވެ އެވެ. ޝަރުއީ ދާއިރާގެ ހިމާޔަތަށްޓަކަ އެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވާ ގޮތުގައި މާފުށީ ކޯޓާއި މިލަންދޫ ކޯޓުގެ އަމުރު ބާތިލްކުރަން ޖެހުނީ އެއް މަރުހަލާއެއްގެ އެހެން ކޯޓަކުން ކުރާ ހުކުމެއްގެ ބާރު ކެނޑޭ ގޮތަށް ހަމަ އެ މަރުހަލާގެ އެހެން ކޯޓަކުން ހުކުމް ކުރަމުން ގެންދިއުމަކީ ގާނޫނު އަސާސީގެ ބާރު ކެނޑި ފިތުނަވެރިކަމެއް އާންމުވެދާނެ ކަމަކަށް ވާތީ އެއީ ވަގުތުން މަނާކުރަން ޖެހޭ ބާތިލް ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގުވެވިގެންނެވެ.

ށ. އަތޮޅު ކައުންސިލާއި ކ. އަތޮޅު ކައުންސިލްގެ އިދާރާގެ މައްސަލާގައި ސުޕްރީމް ކޯޓުންނާއި ހައި ކޯޓުން ގޮތެއް ނިންމުމުން ގާނޫނު އިތުރަށް ސާފުވެއްޖެ އެވެ. އެހެން ނަމަވެސް މި މައްސަލާގައި ކަންތައް ކޮށްފައިވާ ގޮތުން ވަނީ ބޮޑެތި މައްސަލަތަކެއް އުފެދިފަ އެވެ. އެ ދެ އަތޮޅުގެ މަސްލަހަތަށް ބުރޫ އަރައިފަ އެވެ. ޝަރުއީ ދާއިރާ އަށް ކުރާ އިތުބާރު އިތުރަށް ގޯސްވެފަ އެވެ. އެތައް ބަޔަކަށް އަނިޔާވެފަ އެވެ. އެކަމަކު ސިޔާސީ އަދި ގާނޫނީ ބޭފުޅުންގެ ނަޒަރުގައި މިއީ އެންމެންނަށް ވެސް ލިބުނު ފިލާވަޅެކެވެ.

0 comment