ސިޔާސީ

އިދިކޮޅު ކޯޅުންތަކުން މަންފާކުރަނީ ކޮން ބަޔަކަށް؟

އަހުމަދު އަބުދުﷲ ސައީދު
27 ސެޕްޓެމްބަރ 2011 10:11
 • މަޖިލީހުގައި ހިމެނޭ އިދިކޮޅު މައި ތިން ޕާޓީގެ އިސް ބައެއް ބޭފުޅުން ކަމަށްވާ ޑީއާރްޕީގެ ލީޑަރު ތަސްމީން (ކ) އާއި ޕީއޭގެ ނައިބު ލީޑަރު އަހްމަދު ނާޒިމް (މ) އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މަޖިލީހުގެ ގޯތިތެރޭގައި--ހަވީރު ފޮޓޯ

ރާއްޖޭގެ ސިޔާސީ މަސްރަހަށް ވިސްނައިލާ އިރު، ދުނިޔޭގެ އެހެން ގައުމުތަކުގެ ސިޔާސީ މަސްރަހުން ފެންނަ ކަންތަކާއި ރާއްޖޭން ފެންނަ ކަންތައް ވަރަށް ތަފާތެވެ. އެއީ އެހެން ގައުމުތަކުގެ ސިޔާސީ މަސްރަހު ސިޔާސީ ކަންކަމަށް ފުރިހަމަ އަށް ހޭނި ފަރިތަވެފައިވާ އިރު، ރާއްޖެ އަދި އެ ކަމަށް ޅައީ ކަމުގައިވެދާނެ އެވެ.

ޑިމޮކްރެސީ އަށް ފަރިތަ ގައުމުތަކުގައި ކަންކަން ހިނގާ އުސޫލަށް ކަންތައް ގެންދިއުން ރާއްޖޭގައި ފަސޭހަ ނުވިޔަސް، ރާއްޖޭގައި ކަން ހިނގަމުން ދަނީ ވާދަވެރި ސިޔާސީ މާހައުލެއްގައި ކަން ހިނގާނޭ އުސޫލުން ކަމުގައި ބުނުން ދައްޗެވެ. އެއަށް ވުރެ ބޮޑަށް ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަނީ ޒާތީ ހަސަދަވެރިކަމާއި އަމިއްލަ އެދުމުގެ އަލާމާތްތައް ކަމަށް ބުނެވިދާނެ އެވެ.

ރާއްޖޭގައި ވެސް ވެރިކަންކުރާ ޕާޓީއަކާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކެއް އެބަހުއްޓެވެ. ހަމަ އެހެންމެ އިދިކޮޅު ޕާޓީތަކެއް ވެސް އެބަހުއްޓެވެ. އެހެން ނަމަވެސް މިހާރު ފެންނަ މަންޒަރަށް ބަލާއިރު، ވާދަވެރިކަމަކަށް ވާ ކަހަލަ ވާދަވެރިކަމެއް ފެންނަން އޮތީ އިދިކޮޅު ޕާޓީތަކާއި ވެރިކަންކުރާ ޕާޓީތަކާ ދެމެދަކުން ނޫނެވެ. އިދިކޮޅު ޕާޓީތައް އެއް ބަޔަކު އަނެއް ބައެއްގެ ކަރުގައި ހިފުން އެއަށް ވުރެ މާ ބޮޑެވެ.

އެ ކަން އެ މަގަށް ހުރި ކަމުގައި ވިޔަސް، ރާއްޖޭގެ ސިޔާސީ އިސް ފަރާތްތަކުގެ މުޅި އަމާޒު މިހާރު ހުއްޓިފައި ހުންނާނީ 2013 އަށެވެ. އެ އަހަރު އޮންނަ ރިއާސީ އިންތިހާބަށެވެ. އެ އިންތިހާބަށް އެއްވެސް ބަޔަކު ރަސްމީ ސިފައެއްގައި ކެމްޕޭން ނުފެށި ކަމުގައި ވިޔަސް، ސިޔާސީ މައި ޕާޓީތަކުން މިހާރު ވެސް ދަނީ ފާޑަކަށް ނަމަވެސް ކެމްޕޭން ކުރަމުންނެވެ.

އޭގެ ތެރެއިން ވެސް ވެރިކަންކުރާ އެމްޑީޕީން ނުވަތަ މިހާރުގެ ސަރުކާރު ވަނީ 2013ގެ އިންތިހާބަށް ރަނގަޅަށް ދަތުރަށް ތައްޔާރުވެފަ އެވެ. ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސިޔާސީ ހަރަކާތްތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް މިހާރު މިސްރާބު ހުރީ ހަމައެކަނި އެ ދިމާލަށެވެ.

އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން އެ މަންޒަރެއް ނުފެނެ އެވެ. އެއިރެއްގައި އޮންނަ ސަރުކާރެއްގެ މުށުތެރޭގައި ބާރާއި ނުފޫޒާއި އެ ނޫން ހުރިހާ ވަސީލަތްތަކެއް ހުންނާނެ އެވެ. އެ ބާރާއި ނުފޫޒާ އެކު ރައީސް ނަޝީދު އެ މަނިކުފާނުގެ ރިއާސީ ކެމްޕޭން "ރަސްމީ ދަތުރުފުޅު"ތަކުގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރައްވަމުން ގެންދަވާ އިރު، އިދިކޮޅު ފަރާތްތައް އަދިވެސް ތިބީ، ޒާތީ ހަސަދަވެރިކަމާއި ދެކޮޅުވެރިކަމުގެ ފަނާލައިގެން ދަތުރަށް ނުފެށިފަ އެވެ.

އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން އެކަން އެ ގޮތަށް ގަބޫލުކުރާނީ ކިހާ ވަރަކަށްތޯ ސުވާލު އުފެދެ އެވެ.

މައި އިދިކޮޅު ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވީ ރައްޔިތުން އެއަށް ވުރެ މާ ހޭލުންތެރި ކަމަށެވެ.

"އެ ގޮތަށް ސިޔާސީ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދިމާލަށް ކިޔާ އެއްޗަކުން [2013ގެ] ރިއާސީ އިންތިހާބުގައި ސަރުކާރަށް މާ ބޮޑު އެޑްވާންޓޭޖެއް ލިބޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއަށް ވުރެ ރައްޔިތުން މާ ހޭލުންތެރި. ރައްޔިތުންނަށް އެބަ އެނގޭ ކަންތައް މި ވަނީ ކިހިނެއްކަން. އެހެންވީމާ އެއީ ސަރުކާރަށް އޮތް އެޑްވާންޓޭޖެއް ކަމަށް ގަބޫލެއް ނުކުރެވޭ،" ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ތަސްމީން ވިދާޅުވި އެވެ.

އެހެން ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ދުރާލައި ކެމްޕޭންކޮށް ރައްޔިތުންނަށް ވަގުތީ ގޮތުން ނަމަވެސް ކަންތަކެއް ފަހިވަމުންދާ ނަމަ، އެފަދަ ކެމްޕޭނެއް ނުކުރެވި، އެ ފަދަ މަންފާއެއް ވެސް ހޯދައިނުދެވޭ ބަޔަކާ މެދު ރައްޔިތުންގެ ވިސްނުމުގައި ވެސް ތަފާތުތަކެއް ގެންގުޅޭނެ ކަމެވެ.

މިއަދުގެ ސިޔާސީ މަސްރަހުން ފެންނަ އެންމެ ބޮޑު ހަގީގަތަކީ އިދިކޮޅު ފަރާތްތައް ބައިބައިވެފައިވާ މަންޒަރެވެ. އެންމެ ބޮޑު ޑީއާރްޕީ އޮތީ ބައިބައިވެފަ އެވެ. އަދި އެ ޕާޓީއާ ގުޅުނު ގައުމީ ޕާޓީ ވެސް އޮތީ ބައިބައިވެފަ އެވެ.

ގައުމީ ޕާޓީ އާއި ޑީއާރްޕީ އެކުގައި ކޯލިޝަން ހަދައިގެން މަސައްކަތްކުރާ އިރު، މަޖިލީހުގައި ހިމެނޭ ގައުމީ ޕާޓީގެ ހަމައެކަނި މެމްބަރު، ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދު މަސައްކަތްކުރައްވަނީ، ޑީއާރްޕީން ވަކިވެގެން ނުކުތް ޒެޑް ފެކްޝަނާ އެކުގަ އެވެ. ނުވަތަ އެ ފެކްޝަނުން މިހާރު އުފައްދަމުން އަންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއާ އެކުގަ އެވެ.

އެހެންވީމާ ބައިބައިވެފައި އޮތީ ޑީއާރްޕީ އެކަންޏެއް ނޫނެވެ. ގައުމީ ޕާޓީ ވެސް އޮތީ އެ ހާލަތުގަ އެވެ. ދެން އޮތީ ޖުމްހޫރީ ޕާޓީ އެވެ. އެއީ ވެސް ޑީއާރްޕީއާ އެކު ކޯލިޝަނެއް ގާއިމުކޮށްފައިވާ ޕާޓީއަކަށްވީ ނަމަވެސް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މަޖިލީހުގައި ކަންކުރައްވަނީ، އިދިކޮޅު ފަރާތްތަކުގެ ވިސްނުމާ އެއްގޮތަކަށް ނޫނެވެ. އެ ކަމުގެ އެންމެ ބޮޑު ހެއްކަކީ، ގާސިމްގެ މައްޗަށް އެ ކަމަށް ތުހުމަތުކުރައްވައި، އެ ޕާޓީގެ މެމްބަރު، އަދި މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ އިބްރާހީމް މުއްތޮލިބު ޕާޓީން ވަކިވެވަޑައިގަތުމެވެ.

ތަސްމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މެދުގައި ދެބަސްވުންތަކެއް ހުރި ނަމަވެސް، އެ ކަންތައް މާ ގިނަ ދުވަހު ދެމި ނޯންނާނެ ކަމަށެވެ. އަދި އެ ޕާޓީގައި ބައިބައިވެގެން އުޅުނު ފަރާތްތައް އެހެން ޕާޓީއެއް ހެދުމަށް ޑީއާރްޕީން ވަކިވުމަކީ ކުރިން އޮތް ބައިބައިވުންތައް ހައްލުވެ، މިނިވަންކަމާ އެކު މަސައްކަތްކުރަން ޑީއާރްޕީ އަށް ލިބުނު ފުރުސަތެއް ކަމަށެވެ.

އެހެން ނަމަވެސް ޑީއާރްޕީ އާއި އެ ޕާޓީން ކަފިވެގެން ދިޔަ ގޮފީގައި ޕީޕީއެމްގެ ނަމުގައި ޖެހި ކުރިއާ ދެމެދު އަދިވެސް އޮތީ ނުތަނަވަސްކަމާއި ބަހުގެ ހަމަލާތަކެވެ. ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ނަމުގައި ނުކުންނަން މަސައްކަތްކުރާ ޕީޕީއެމުން އުންމީދުކުރަނީ، ވާދަވެރި އެމްޑީޕީ ދެމިއޮވެފައި ޑީއާރްޕީ އުވިގެން ދިއުމަށެވެ.

ޕީޕީއެމްގެ ވަގުތީ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފު، މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވީ ޕީޕީއެމްގެ ފުރަތަމަ އަމާޒަކީ ޑީއާރުޕީގެ މެމްބަރުން އެ ޕާޓީ އަށް ހޯދުން ކަމަށާއި މުސްތަގުބަލުގައި ޑީއާރުޕީގެ ނަން ފޮހެވި، "އެމްޑީޕީގެ ކުލަ ރަށްރަށުގައި ފަނޑުވެގެންދާނެ" ކަމަށެވެ.

"އިތުރު އިދިކޮޅު ޕާޓީއެއް އުފެދުމަކީ މައްސަލައެއް ނޫން. މައްސަލައަކަށް މިވަނީ އިދިކޮޅު ޕާޓީއެއްގެ ނަމުގައި ނުކުމެ ސަރުކާރު ޒިންމާދާރުކުރުމުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކާ ދިމާކުރުން. އާ އިދިކޮޅު ޕާޓީއަކުން ސަރުކާރު ޒިންމާދާރުކުރަން މަސައްކަތްކުރަންޏާ، އެއީ ސަރުކާރަށް ވެސް ކުރިމަތިވާނެ ފިއްތުމެއް. މިހާރު [ޕީޕީއެމުން] އެ ބުނަނީ ޑީއާރްޕީގެ ވަސް ފުހެލާށޭ މި އުޅެނީ. އެއީކީ ސަރުކާރު ޒިންމާދާރުކުރުވަން ނުކުންނަ އިދިކޮޅު ޕާޓީއެއްގެ ވާހަކަތައް ހުންނަންވާނެ ގޮތެއް ނޫން،" ތަސްމީން ވިދާޅުވި އެވެ.

އިދިކޮޅު ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރަކަށް ހުންނެވުމަށް ފަހު، ވެރިކަންކުރާ އެމްޑީޕީއާ ގުޅިވަޑައިގެން ހުންނެވި ތޮއްޑޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ވަހީދު ވިދާޅުވީ އިދިކޮޅު ފަރާތްތައް ކޯޅުމުން އެއްވެސް ބަޔަކަށް ވަކި ފައިދާއެއް ނުކުރާނެ ކަމަށެވެ. އަދި އެއީ ސަރުކާރަށް އޮތް އެޑްވާންޓޭޖެއް ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.

"ސަރުކާރާ މެދު ރައްޔިތުން ގޮތް ކަނޑައަޅާނީ، ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރާ ބުރަ މަސައްކަތާއި ސަރުކާރުން ހާސިލުކުރާ ކަންތަކަށް ރިއާޔަތްކޮށްގެން. އިދިކޮޅު ފަރާތްތަކަށް ލިބޭ ނާކާމިޔާބީގެ މައްޗަކަށް ނޫން،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މެދުގައި އޮތް ދެބަސްވުންތަކާއި ބައިބައިވުންތަކަށް ވަރަށް ފަސޭހަ ހައްލެއް އެބައޮތެވެ.

"އެއީ ރައީސް މައުމޫން، ސިޔާސީ ކަންކަމުން އެއްފަރާތަށް ޖެހިވަޑައިގެން، ސިޔާސީ ލީޑަރުންނާއި ސިޔާސީ ބޭފުޅުންގެ އައު ޖީލަކަށް މަގު ކޮއްޓަވައިދެއްވުން،" އަލީ ވަހީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭގެ ތަފްސީލަކަށް ވަޑައިގަންނަވަން އޭނާ ބޭނުންފުޅެއް ނުވި އެވެ.

ކޮންމެ ގޮތަކަށް ސިޔާސީ ފަރާތްތަކުގެ ބަސްމަގު ހުރި ކަމުގައި ވިޔަސް، ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ސަރުކާރު ޒިންމާދާރުކުރުމުގައި އިދިކޮޅު ފަރާތްތައް ނާކާމިޔާބުވެފައިވާ ކަމެވެ. ގާނޫނުތަކާއި ގަވާއިދުތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް، ޗާޓުގެ ބޭރުން ވިޔަސް ރައީސް ބޭނުންފުޅު ކަމެއް ކުރައްވަމުން ގެންދެވެނީ އެހެންވެ ކަމަށްވެދާނެ އެވެ.

އެހެން ނޫން ނަމަ، ރައީސް ނަޝީދު ހަމަ މާ ބޮޑަށް ވެސް ރާއްޖޭގެ ސިޔާސީ މަސްރަހަށް ފައްކަލީ އެވެ. އެ މަނިކުފާނުގެ ސިޔާސީ ވިސްނުން މާ ހުޝިޔާރީ އެވެ. އެހެން ނޫން ނަމަ، 30 އަހަރުގެ ސިޔާސީ ތަޖުރިބާ އިން މުޑުވައްކުރި ބިޔަ ގަހެއް، ހިމަ ހޯލިކޮޅަކަށް ހައްދަވާލައްވާފައި، ފަހަތަށް ބެއްލެވުމެއް ނެތި ގަލޮޅު މީހުންގެ "ރާސްޓަސް"ގައި ދަތުރުކުރައްވާނެ ފުރުސަތެއް ލިބިވަޑައެއް ނުގަތީހެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި