ޒުވާނުން

ޝިނާޒު: އެންޓާޓިކާގެ ދިރާސާ ދަތުރެއްގައި ބައިވެރިވާ ފުރަތަމަ ދިވެހި ޒުވާނާ!

އަހުމަދު ރިޝާން އަދި ހުސެން އިޔާދު
08 މާޗް 2012 11:57 14 ކޮމެންޓު
  • ޝިނާޒް އެންޓާކްޓިކާގައި: އޭނާ ބޭނުންވަނީ ތިމާވެށި ރައްކާތެރިކޮށް ހޭލުންތެރިކުރުމުގައި ދެމި ހުރުމަށް.--ވީޑިއޯ ސްނެޕްޝޮޓް: ފޭސްބުކް ޕޭޖް/ ޝިނާޒް އިން އެންޓާކްޓިކާ

  • ޝިނާޒް އެންޓާކްޓިކާގައި: އޭނާ ބޭނުންވަނީ ތިމާވެށި ރައްކާތެރިކޮށް ހޭލުންތެރިކުރުމުގައި ދެމި ހުރުމަށް.--ވީޑިއޯ ސްނެޕްޝޮޓް: ފޭސްބުކް ޕޭޖް/ ޝިނާޒް އިން އެންޓާކްޓިކާ

އެންޓާޓިކާ އަކީ ދުނިޔޭގެ އެންމެ ފިނި ގަދަ، ގަނޑުފެނުން އުފެދިފައިވާ ހިސާބެކެވެ. ހޫނު މޫސުމުގައި ފިނިހޫނުމިން ހުންނަނީ 15 ޑިގްރީ ސެލްސިއަސް އަށް ވުރެ ވެސް ދަށުގަ އެވެ. އަދި މަދު ބަޔަކަށް ނޫނީ އެންޓާޓިކާ އަށް ދިއުމުގެ ފުރުސަތެއް ނުލިބެ އެވެ. ނަމަވެސް މޯލްޑިވްސް ޔޫތު ކްލައިމެޓް ނެޓްވޯކްގެ ކޯ-ފައުންޑާ މުހައްމަދު ޝިނާޒު ސައީދު ،25 މިހާރު ހުރީ އެންޓާޓިކާގަ އެވެ.

ޝިނާޒު އެންޓާޓިކާ އަށް ދާން ރާއްޖެ އިން ފުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހެވެ. އޭނާ އެނބުރި އައުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހެވެ. ޝިނާޒުގެ އިތުރުން 2003 ވަނަ އަހަރު ވެސް ދިވެއްސަކަށް އެންޓާޓިކާ އަށް ދިއުމުގެ ފުރުސަތު ލިބުނެވެ. ތ. ހިރިލަންދު އަށް އުފަން މުހައްމަދު ނަސީމަކީ މިހާތަނަށް އެނގޭ ގޮތުން އެންޓާޓިކާ އަށް ދިޔަ ފުރަތަމަ ދިވެއްސެވެ. އޭނާ ވަނީ ސައިންޓިސްޓުންތަކެއް އެންޓާޓިކާ އަށް ގެންދިއުމުގައި އެ ތަނުގައި ދެ މަސް ދުވަސް ހޭދަކޮށްފަ އެވެ. ނަމަވެސް ޝިނާޒު އެންޓާޓީކާ އަށް ދިޔަ ބޭނުން ވަރަށް ތަފާތެވެ. ޝިނާޒު އެންޓާޓިކާ އަށް ދިޔައީ ތިމާވެށީގެ ގޮތުން ކަނޑުގެ ލޮނުގަނޑު ބޮޑުވުމާ ބެހޭ ގޮތުން ކުރާ ދިރާސާއެއްގައި ބައިވެރިވުމަށެވެ.

ޝިނާޒު އެންޓާޓިކާ އަށް ދަތުރު ފެށުމުގެ ކުރިން އެއާޕޯޓުގައި ހުރެ ހަވީރަށް ދިން އިންޓަވިއުއެއްގައި ބުނީ އެންޓާޓިކާ އަށް ދިއުމަށް އޭނަ އަށް ފުރުސަތު ލިބުނީ އެންޓާޓިކާގައި ތަފާތު ދިރާސާތައް ހިންގާ ބައެއް ކަމަށްވާ 2041 ގެ ފަރާތުން ކަމަށެވެ.

ޝިނާޒު އެންޓާޓިކާ އަށް ފުރުމަށްޓަކާ ފެބްރުއަރީ 24 ގައި އެއާޕޯޓްގައި.

އޭނާ ފުރަތަމަ އެންޓާޓިކާ އަށް ދިޔުމުގެ ހިޔާލު އައީ މިދިޔަ އަހަރު އިންޑިއާގެ ގޯވާގައި އޮތް ތިމާވެއްޓާ ބެހޭ ބައްދަލުވުމެއްގައި ބައިވެރިވުމަށް ފަހު، އެންޓާޓިކާ އިން އައި އިންޑިއާގެ ސައިންޓިސްޓުންތަކެއް އެ މީހުންގެ ދިރާސާތަކާ ބެހޭ ގޮތުން ކިޔައިދިނުމުންނެވެ.

ޝިނާޒު ބޭނުންވީ އޭނާ އަމިއްލަ އަށް އެންޓާޓިކާ އަށް ގޮސް ދިރާސާތަކުގައި ބައިވެރިވެ އޭނާގެ ފޮޓޯ ނެގުމުގެ ހުނަރުން، ކަނޑުގެ ލޮނުގަނޑު ބޮޑުވުމާ ބެހޭ ގޮތުން ތަފާތު ފޮޓޯތަކެއް ދައްކުވައިދިނުމަށެވެ.

އިންޑިއާގެ އެ ދަތުރަށް ފަހު ރާއްޖެ އައިސް އޭނާ ފުރަތަމަ ވެސް ބެލީ އެންޓާޓިކާ އަށް އެފަދަ ދިރާސާއެއް ކުރުމަށް ދެވޭނެ ގޮތެއް ހޯދުމަށެވެ.

ޝިނާޒުގެ އިތުރުން އެންޓާޓިކާގެ މި ދިރާސާގައި ދުނިޔޭގެ އެކި ގައުމުތަކުން 70 އަށް ގާތްކުރާ އަދަދަކަށް ޒުވާނުން ބައިވެރިވެފައިވެ އެވެ. އޭނާ ބުނީ ދަތުރަށް ތައްޔާރުވިއިރު އެންމެ ގިނަ ރަހުމަތްތެރިން އެދެމުން ދަނީ ޕެންގުއިން ފޮޓޯ ނެގުމަށް ކަމަށެވެ. އަދި އެ ރަހުމަތްތެރިންގެ އެދުން އޭނާ ފުރިހަމަކޮށްދޭނެ ކަމަށް ވެސް ޝިނާޒު ބުންޏެވެ.

ޝިނާޒު ބޭނުންވަނީ ތިމާވެށި ރައްކާތެރިކޮށް ހޭލުންތެރިކުރުމުގައި ދެމި ހުރުމަށެވެ. އެ ގޮތުން އޭނާގެ ފޮޓޯނެގުމުގެ ހުނަރާއި ޑިޒައިންކުރުމުގެ ހުނަރު ބޭނުންކޮށްގެން ތިމާވެށީގެ ގޮތުން މީހުން ހޭލުންތެރިކުރުމަށް އޭނާ ވަނީ ނިންމާފަ އެވެ.

އޭނާ ބުނީ ކަނޑުގެ ލޮނުގަނޑު ބޮޑުވުން ނުހުއްޓުނު ނަމަވެސް އެކަމަށް ތައްޔާރުވެ ތިބެ ހޭލުންތެރިވެ ތިބުން މުހިއްމު ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް ތިމާވެށީގެ ގޮތުން މީހުން ހޭލުންތެރިކުރުމަށް މަސައްކަތްކުރުމަށް އޭނާ ގޮވައިލި އެވެ.

ތިމާގެ ހުނަރަކީ ކިތަންމެ ކުޑަ ހުނަރެއް ނަމަވެސް ކޮންމެ މީހަކު ވެސް އެ މީހެއްގެ ހުނަރު ބޭނުންކޮށްގެން ތިމާވެށީގެ ގޮތުން މީހުން ހޭލުންތެރިކުރުމަށް މަސައްކަތްކުރެވިދާނެ ކަމަށް ޝިނާޒު ބުނެ އެވެ.

14 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait