ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު މިދިޔަ ފެބްރުއަރީ 7 ގައި ވެއްޓުނު ފަހުން ސަލާމަތީ ބާރުތަކާއި އާންމުންނާ ދެމެދު ވަރަށް ގިނަ ހަމަނުޖެހުން ހިނގައިފި އެވެ. އަދި ފަހަކަށް އައިސް އެ ހަމަނުޖެހުން މި އަންނަނީ ބޮޑުވަމުން، ކުރިމަތިލާވަރު ގިނަވަމުން، އެކަމުގެ ނުރައްކާތެރިކަން ވެސް އިތުރުވަމުންނެވެ.
ސަލާމަތީ ބާރުތަކާ އާންމުންނާ މެދު ހަމަނުޖެހުން އުފެދެން އެންމެ ފުރަތަމަ ފަށާފައި ވަނީ ފެބްރުއަރީ ހައެއްގަ އެވެ. އޭގެ ފަހުން ފެބްރުއަރީ ހަތެއް އަދި ފެބްރުއަރީ އަށެއްގައި ވެސް ސަލާމަތީ ބާރުތަކާއި އާންމުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ވަނީ ހިނގައިފަ އެވެ. ފެބްރުއަރީ ހައެއްގައި އެމްޑީޕީގެ ހަރުގެ ތަޅާލުމާއި ހަތެއްގައި ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމާއި އަށެއްގައި އެމްޑީޕީގެ ސަޕޯޓަރުންނަށް ފުލުހުން ކުރި އަނިޔާ އަކީ މިހާރު އުފެދިފައިވާ ހުޅުގަނޑު ރޯވުމަށް މެދުވެރިވި މައިގަނޑު ސަބަބުތައް ކަމަށް ބުނެވިދާނެ އެވެ.
ފެބްރުއަރީ އަށް ވަނަ ދުވަހު ސަލާމަތީ ބާރުތަކުން އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) ގެ ނިންމުމަކީ ވެސް އެ އެވެ.
"މާލޭގައި އޮތް ބޮޑު މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހަރުކަށިކޮށް އަމަލު ކޮށްފައިވާކަން އެއީ އަޅުގަނޑަށް ހީވަނީ އެންމެނަށް ވެސް ފެނިގެންދިޔަ ކަމެއްހެން. ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އެކަން ފެނިގެން ދިޔައީ،" ޕީއައިސީގެ ރައީސާ ޝަހިންދާ އިސްމާއިލް ވިދާޅުވި އެވެ.
އެދުވަހަށް ފަހު އެކި ދުވަސްތަކުގެ މަތިން އާންމުންގެ މީހުން ވަނީ ފުލުހުންނަށް ބޮޑެތި އަނިޔާތަކެއް ދީފަ އެވެ. އެގޮތުން މިދިޔަ މާޗް 1 ގައި މަޖިލިސް ހުޅުވުމާ ދިމާކޮށް އެމްޑީޕީން ކުރި މުޒާހަރާގައި އެތައް ފުލުހުންނަކަށް ވަނީ އަނިޔާކޮށްފަ އެވެ. އަދި އޭގެ ފަހުން މިމަހުގެ 19 ގައި މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާއާ ދިމާކޮށް ވެސް އެމްޑީޕީން ބޭއްވި މުޒާހަރާގައި ވަނީ ސީދާ ފުލުހުންނާ ބޮޑު ކުރިމަތިލުމަކަށް ގޮސްފަ އެވެ. އެ ދުވަހު ބައެއް އާންމުންގެ އިތުރުން 11 އަށް ވުރެ ގިނަ ފުލުހުންނަށް އަނިޔާވެ އޭގެ ތެރެއިން އެކަކު އިތުރު ފަރުވާ އަށް ސްރީ ލަންކާ އަށް ފޮނުވަން ޖެހުނެވެ. އޭގެ ފަހުން ފުލުހުންނަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން ކުރީ ރެއަކު ގްރޫޕަކުން ވަނީ އަންހެން ފުލުހަކު ހިފަހައްޓާ ގޯނާކޮށްފަ އެވެ.
ޝަހިންދާ ވިދާޅުވީ ފުލުހުންނާއި އާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގުމަކީ ނުވަތަ އެ ދެ ފަރާތުގެ ދެމެދުގައި އޮންނަން ޖެހޭ ގުޅުން ކުޑަވުމަކީ ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް އެޅޭ ބޮޑު ހުރަހެއް ކަމަށެވެ. އަދި ފުލުހުންނާއި އާންމުންނާ ދެމެދު އޮންނަން ޖެހޭ ގުޅުން ރަނގަޅުވުމުގެ މުހިންމުކަން ފާހަގަކުރެއްވުމަށް ފަހު ޝަހިންދާ ވިދާޅުވީ އެ ގުޅުން ދެ ފަރާތުން ވެސް ހިފަހައްޓަން ޖެހޭނެ ކަމަށެވެ.
"ކޮމިޝަނުން ވަރަށް ހިތާމަކުރާ ކަމެއް މިއީ ފުލުހުންނާއި އާންމުންނާ ދެމެދު އޮންނަންވާ ގުޅުމަށް ބުރޫއެރުމަކީ. އެ ގުޅުމަކީ ވަކި އެއް ފަރާތަކުން ހިފެހެއްޓޭނެ ގުޅުމެއް ނޫން. ގާނޫނީ ޒިންމާއެއް ފުލުހުންގެ މައްޗަށް އެބަ އޮވޭ. އެހެންވީމަ ފުލުހުން، ފުލުހުންގެ ގާނޫނާއި އެހެން ވެސް ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރޭގައި ތިއްބަވައިގެން އާންމުންގެ މެދުގައި މަގުބޫލު ބަޔަކަށް ވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. މިއާ އެކު ފުލުހުންގެ މަސައްކަތަށް އެހީތެރިވުމާއި ފުލުހުންނަށް އެ ދެއްވަންވާ އިހްތިރާމް އާންމު ރައްޔިތުންގެ ފަރާތުން ދެއްވުމަކީ ވެސް އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" ޝަހިންދާ ވިދާޅުވި އެވެ.
ޝަހިންދާ ވިދާޅުވީ ފުލުހުންނަށް ފުލުހުންގެ ދައުރު އަދާކުރުމުގެ މަގި ފަހިވެގެން ދާނީ އާންމުން ގަބޫލުކުރާ ފެންވަރުގެ ބަޔަކަށް ފުލުހުން ވެސް ވެގެން ކަމަށެވެ.
"ފުލުހުންނަކީ ރައްޔިތުން ގަބޫލުކުރާ ފެންވަރުގެ ބަޔަކަށް ވެގެން ތިބެގެން އަމަން ހިފަހައްޓައި ފުލުހުންނަށް ފުލުހުންގެ ދައުރު އަދާކުރުމަށް ފަހިވެގެން ދާނީ. އާންމުން ފުލުހުން ބަލައިނުގަންނަ ނަމަ އެކަން ވާނީ ފުލުހުންގެ ދައުރު އަދާކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހަކަށް،" ޝަހިންދާ ވިދާޅުވި އެވެ.
ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ފުލުހުންގެ ފަރާތުން ވެސް އަދި އާންމުންގެ ފަރާތުން ވެސް ގޯސްތަކެއް ފެނިފައިވާ ކަމެވެ. އެކަމަކު ފުލުހުންނާއި އާންމުންނާ ދެމެދު ހަމަނުޖެހުން ހިނގާ ނަމަ ކުރި ލިބޭނެ އެއްވެސް ބައެއް ނޯންނާނެ އެވެ. އެހެންކަމުން ކޮންމެވެސް ހިސާބަކުން މިއަށް ހައްލެއް އަންނަން އެބަ ޖެހެ އެވެ.

35 comments