އުމުރުން އެންމެ އަށް އަހަރުގައި އެކަނި ގެއިން ބޭރަށް ދާން ފެށީ ދޮންމަންމައާ މެދު ހިތްހަމަނުޖެހިގެންނެވެ. އެ އުމުރުގައި ސިނގިރޭޓް ބޯން ފެށި އެވެ. ގޭންގުތަކާ ގުޅި ކުށްކުރަމުން ދިޔަ އެވެ. ތަނެއްގައި ރޯކޮށްލި އެވެ. މިއީ އުމުރުން މިހާރު 19 އަހަރުގެ ޒުވާނެއްގެ ހަޔާތުގެ ބޮޑުބައި ބޭކާރުވެގެންދިޔަ ގޮތެވެ.
"ބޭރަށް ނިކުމެވުނީ ފެމިލީގައި ހިނގާ ކަންތައްތަކާ ހުރެ. އެ ގޮތަށް ނިކުންނަމުން ގޮސް ބަޔަކާ ދިމާވީ. އެ މީހުންނާ އެއްކޮށް އުޅެމުން ވަރަށް ގިނަ ކުށްތައް ކޮށް ހެދިން، ތަޅާފޮޅާ، މާރާމާރީ ހިންގާ. އެކިއެކި ގްރޫޕްތަކުގައި އުޅުނީ،" އޭނާ ކިޔައިދިނެވެ.
އެކަމަކު އަހުމަދު ނިމާލް (އަސްލު ނަމެއް ނޫން) މިހާރު ބުނަނީ އެއީ އޭނާ އެއްގޮތަކަށް ވެސް އެނބުރިދާން ބޭނުންވާ ދިރިއުޅުމެއް ނޫން ކަމަށެވެ. އޭނާ ވަނީ ކުށްކުރާ ކުޑަކުދިން އިސްލާހުކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެ. އެކަމަކު ކާމިޔާބުކަމާ އެކު އެނބުރި މުޖުތަމައަށް އާދެވެނީ އަދި އެ ގޮތުގައި ހިފަހައްޓާލެވެނީ މަދު ކުއްޖަކަށެވެ.
ކުޑަކުދިން ކުށްކުރުމުގެ މައްސަލަތަކުގެ މައްޗަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓެއްގައި ވާގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެކަނިވެސް 155 ކުއްޖެއްގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވެ އެވެ. އެންމެ ގިނައިން ކުށްކުރާ އުމުރުފުރާ އަކީ 16 އަހަރާއި 18 އަހަރު ކަމަށް ވެސް އެ ރިޕޯޓް ބުނެ އެވެ. މައްސަލަތަކުގައި ހިމެނޭ 68 ޕަސެންޓް ކުދިންނަކީ ސްކޫލަށް ނުދާ ކުދިންނެވެ.
ކުޑަކުދިން ކުށްކުރުމުގެ މައްސަލަތަކުގެ ތެރެއިން ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މާރާމާރީގެ މައްސަލަތަކެވެ. އެއާ ޖެހިގެން ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކެވެ.
މީހުން މެރުން ފަދަ ސީރިއަސް ކުށްތަކުގައި ކުޑަކުދިން ބައިވެރިވަމުން ދާއިރު މި މައްސަލަ އަށް ހައްލެއް ލިބޭ ފަދަ އެދެވޭ ނަތީޖާއެއް މިހާތަނަށް ފެނިފައެއްނުވެ އެވެ. ކުޑަކުދިން ކުށުގެ މާހައުލަށް ވަނުން ފަސޭހަވެފައި އާންމެވެ. އެކަމަކު އެ މާހައުލާ ދުރުގައި އުޅުމަށް ބޮޑެތި ހުރަސްތަކެއް ހުރި އިރު އިސްލާހުވެގެން މުޖުތަމައަށް ނުކުތަސް އެ ގޮތުގައި ހިފަހައްޓާނުލެވޭ ސަބަބުތައް ގިނަ އެވެ.
25 ފަހަރު "އުފުރާލި"
ގްރޭޑް ހަޔަކާ ހިސާބުން ނިމާލް ކިޔެވުން މަތިން ފޫހިވެއްޖެ އެވެ. ގްރޭޑް ހަތަކަށް ދިޔަ އިރު އޭނާ ހުރީ "އިތުރަށް ނުބައި"ވެފަ އެވެ. ނިމާލް ބުނި ގޮތުގައި ގްރޭޑް ދޭކުން ފެށިގެން އޭނާ "ސައުވީސް ގަޑިއރު އުޅުނީ ބޭރުގަ" އެވެ.
"ދަންވަރު ދޭއް، ތިނެއް ޖަހާ އިރު ގެއަށް އައިސް، ނިދާލާފައި ތެދުވެގެން، ސްކޫލަށް ވެސް ހިތަށް އެރިއްޔާ ގޮސްފައި، އެ ގޮތަށް އުޅުނީ،" އޭނާ ބުންޏެވެ.
ނިމާލް ފުރަތަމަ ފަހަރަށް މީހެއްގެ ގައިގައި ޖެހީ ގްރޭޑް ފަހެއް ނޫނީ ހައެއްގައި އުޅެނިކޮށެވެ. ރައްޓެއްސަކާ "މަޖަލަކަށް ތަޅައިގެންފައި ފަހުން ފަހުން ގޮސް ދެ މީހުން ސީރިއަސް ވީ" އެވެ. އެކަމަކު އޭނާ ބުނީ މީހެއްގެ ގަޔަށް ވަޅިހަރާފައި ނުވާނެ ކަމަށެވެ.
"އެންމެ ބޮޑު ކަމަކަށް ކުރީ ކާނިވާ ތެރޭގައި ކުރިން ހުރި ބިރުވެރި ހޮހަޅައިގައި ރޯކޮށްލީ، ސާފުތެޔޮ ބޮމެއް އެއްލައި، ހައެއްކަ މީހުން ވެގެން. އޭރު އުމުރުން ނުވަ އަހަރު. ރޯކޮށްލީ މަޖަލަކަށް. އެކަމަކު މިހާރު އެ ކަހަލަ ކަންތައްތައް އަސްލު މަޖަލެއް ނޫން. އެ ދުވަހު ]ފުލުހުންނަކަށް[ އަތެއް ނުވޭ. އެހެން ނޫންނަމަ މިހާރު ހުންނާނީ ޖަލުގައި،" ނިމާލް ބުންޏެވެ.
އެ މައްސަލާގައި އަތު ނުވިޔަސް "މަގުމަތިން އުފުރާލައިގެން" ނިމާލް ތަކުރާރުކޮށް ފުލުސް އޮފީހަށް ގެންދެ އެވެ. ފަންސަވީސް ވަނަ ފަހަރު އެޅީ ތަފާތު ފިޔަވަޅެކެވެ؛ ކުށްކުރާ ކުޑަކުދިން އިސްލާހުކުރުމަށް ފޭދޫފިނޮޅުގައި ސަރުކާރުން ހަދާފައިވާ މަރުކަޒަށް ނިމާލް ގެންދަން ކަމާ ބެހޭ ފަރާތްތަކުން އޭނާގެ ބައްޕަގެ ރުހުން ހޯދި އެވެ. ނިމާލް ދެކެނީ އެއީ ލިބުނު "ނަސީބެއް" ކަމަށެވެ. އެ މަރުކަޒުގައި ހަ މަސް ދުވަސް ހޭދަކޮށްފައި ނިމާލް ނުކުތީ އެ ތަނުގެ ޕްރޮގްރާމްތައް ފުރިހަމަކުރި ފުރަތަމަ ދެ ކުދިންގެ ތެރޭގައި ހިމެނިގެންނެވެ. އޭގެ ފަހުން މި ވޭތުވި 10 މަސް ދުވަހުގެ ތެރޭގައި ނިމާލްގެ ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ.
"އެ ތަނަށް ގެންދިޔައިމަ ވިސްނުނީ. ރަނގަޅުވާން ފުރުސަތު ލިބުނީ އެކަމާ ހެދި. އެ ތަނުގައި ހުރެގެން ކިޔެވޭ، ނަމާދުކުރެވޭ،" މިހާރު ޑާންސް ގްރޫޕެއްގައި މަސައްކަތްކުރާ ނިމާލް ބުންޏެވެ. "އޭގެ ފަހުން ލައިފް ވަރަށް ބޮޑަށް ޗޭންޖުވެއްޖެ. ކުރިން ބެސްޓް ފްރެންޑްގެ ގެއަށް ނުވެސް ވައްދާނެ، ބުނާނެ ވައްކަންކޮށް ހަދާނޭ. މިހާރު ]އެ ގޭގެ މީހުން[ ޓްރަސްޓްކުރޭ."
ފޭދޫފިނޮޅު
ނިމާލް ފަދަ ކުށްކުރާ ކުދިން، ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ތެރެއިން، އަނބުރާ މުޖުތަމައަށް ގެނައުމުގެ މަސައްކަތްކުރާ މުއައްސަސާ އަކީ 2007 ވަނަ އަހަރު ހޯމް މިނިސްޓްރީގައި އުފައްދާފައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓެވެ. އާއިލީ ވެށީގައި ބަހައްޓައިގެން އެ ޔުނިޓުން ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދީގެން ހެޔޮ ބަދަލެއް ނާންނަ ބައެއް ކުދިން ކ. ފޭދޫފިނޮޅުގައި ހުންނަ "ކަރެކްޝަނަލް ސެންޓާ ފޯ ޗިލްޑްރެން" އަށް ގެންދެ އެވެ.
ވިހި ކުދިންގެ ޖާގައިގެ އެ މަރުކަޒަށް ގެންދަނީ މުޖުތަމައުން ކޮންމެހެން އެކަހެރިކުރަންޖެހޭ ކުދިން އެކަނި ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުންޏެވެ. ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި އެ ތަނުގައި ހިންގާ ޕްރޮގްރާމްތަކުގައި މިހާތަނަށް 42 ކުއްޖަކު ބައިވެރިވެ 35 ކުއްޖަކު އަނބުރާ މުޖުތަމައަށް ވަނީ ގެނެސްފަ އެވެ. މަރުކަޒުން ނުކުންނަ ކުދިން މޮނިޓަކުރުމުގެ މަސައްކަތް ވެސް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ކުރެ އެވެ. އެކަމަކު ނަތީޖާ ރަނގަޅެއް ނޫނެވެ.
ޔުނިޓުގެ އެސިސްޓެންޓް ޑިރެކްޓަރު ފާތިމަތު ރޫނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިސްލާހީ ޕްރޮގްރާމް ފުރިހަމަކުރާ ކުދިންނަށް އެ ގޮތުގައި ހިފަހައްޓާނުލެވުމެވެ. އޭނާ ވިދާޅުވި ގޮތުގައި ދޫނިދޫން ގެންނަ ކުދިން ކުށްކުރާ މިންވަރު މަދު ކަމަށް ފާހަގަކުރެވިފައިވީ ނަމަވެސް މުޖުތަމައަށް ބޭނުންތެރި މީހަކަށް ވަނީ ވަރަށް މަދު އަދަދެއްގެ ކުދިންނެވެ.
"ސިސްޓަމްގައި މައްސަލަތަކެއް"
މައްސަލަ އަކީ، ރޫނާ ދެކެވަޑައިގަންނަވާ ގޮތުގައި، އެކަމަށް އެކަށީގެންވާ މާހައުލެއް ވެސް އަދި ނިޒާމެއް ވެސް މުޖުތަމައުގައި ނެތުމެވެ.
"ކުށްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ކުޑަކުދިން ވަރަށް ގިނައިން އެބަ ހިމެނޭ. މީގެ ތެރެއިން ގިނަ ކުދިންނަކީ ޖެންޑަ މިނިސްޓްރީގައި ރަޖިސްޓަކޮށްފައި ހުރި ކުދިން. އޭގެ މާނައަކީ ކުޑައިރުއްސުރެ އެކުދިންގެ ފަރާތުން ތަފާތު ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައި އެބަހުއްޓޭ. އެކަމަކު އެކަމަށް އެއްވެސް ވަރަކަށް އަޅާނުލެވި ހުރުމުގެ ސަބަބުން އެކުދިން ބޮޑުވެ، ބޮޑެތި ކުށްކުރުމުގެ ފުރުސަތު ބޮޑުވޭ. މުޅި ސިސްޓަމްގައި މައްސަލަތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ. "ކުދިން ކުށް ދަސްކޮށް، އޭގެ ތެރެއަށް އެބަ ވަދޭ. ބަޔަކު އެބައުޅޭ މިކުދިން އެ ކުށްތަކުގައި ބައިވެރިކުރަން. އެ ކުދިންގެ މައިންބަފައިންނަށް އެކުދިންގެ އަސާސީ ބޭނުންތައް ފުރިހަމައެއް ނުކޮށްދެވޭ. އެ ކުދިންނަށް ރައްކާތެރިކަން މި ފޯރުކޮށްދެނީ ކުށްކުރާ ބޮޑެތި މީހުން. އެހެންވީމާ މުޖުތަމައުން އެބަޖެހޭ މި ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދޭން."
ޖުވެނައިލް ޖަސްޓިސް ޔުނިޓުން ދެކ ޭގޮތުގައި ކުދިން ބޮޑުވާ މާހައުލު އެކަށީގެންނުވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.
"މާލޭގެ ވަކި ހިސާބުތަކެއް އެބަހުރި ކުށްކުރުން އާއްމުވެފައި ހުރި ސަރަހައްދުތަކެއް. އެ ސަރަހައްދުތަކުގައި ބޮޑުވުމަކީ އެކުދިންނަށް އެ މަންޒަރުތައް ފެނި އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް،" ރޫނާ ވިދާޅުވި އެވެ. "]އިސްލާހުވެގެން[ މުޖުތަމައަށް ނުކުންނަ އިރަށް އެ ގްރޫޕް ފެނޭ، އެ މާހައުލު ފެނޭ، އެ ރަހްމަތްތެރިންނާ ގުޅޭ، ބޭރަށް ނިކުންނަން ފަށާނެ، ވަޒީފާއެއް ހޯދަން އުނދަގޫވާނެ، އިތުރަށް ކިޔެވުމުގެ ފުރުސަތެއް ނޯންނާނެ."
ބެލެނިވެރިންގެ އިހުމާލު
ރޫނާ ދެކެވަޑައިގަންނަވާ ގޮތުގައި ކުޑަކުދިން ކުށުގެ ވެއްޓަށް ވަނުމުގެ މައިގަނޑު ސަބަބަކީ މައިންބަފައިންނާއި ބެލެނިވެރިންގެ އިހުމާލެވެ. ބައެއް އާއިލާތަކުން ކުދިންނަށް އަޅާނުލާ އިރު އަނެއްބައި މީހުން ލޯބިން ކުދިން ހަލާކުކުރާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މަރުކަޒުން ދޫކޮށްލުމަށް ފަހު ހައްޔަރުކުރާ ކުދިން އެބަ ބުނޭ މަރުކަޒަށް ދާން ވަރަށް އުފާވެއޭ، ތިމަންނަ އަށް ކާއެތިކޮޅު ލިބޭނެ ނޫންހޭ، އެތާގަ ކާއެއްޗެހި ވަރަށް މީރޭ،" ރޫނާ ވިދާޅުވި އެވެ.
ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ފާހަގަކުރެވިފައިވާ ގޮތުގައި ކުށްކުރާ ކުދިންނަކީ އާއިލީ މައްސަލަތައް ވަރަށް ގިނައިން ކުރިމަތިވެފައިވާ ކުދިންނެވެ.
"ގޭތެރޭގައި ހިނގާ އަނިޔާ ހައްލުކުރެވިއްޖެ ނަމަ މި ކަންތައްތައް ހައްލުކުރުމަށް ވަރަށް ފަސޭހަވާނެ. ކުޑަކުދިންނަށް ފެންނަން ނުޖެހޭ މަންޒަރުތައް ވަރަށް ގިނައިން ކުދިންނަށް އެބަ ފެނޭ. ބޮޑެތި މީހުން މަސްތުވާތަކެތި ބޭނުންކުރާ އާއިލާތައް ވެސް މީގެ ތެރޭގަ ހިމެނޭ،" ރޫނާ ވިދާޅުވި އެވެ.
ޖިނާއީ ޒިންމާ
ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނި ގޮތުގައި ކުޑަކުދިން ކުށްކުރުމާ ބެހޭގޮތުން 1999 ވަނަ އަހަރު ހަދާފައިވާ ގަވާއިދެއްގެ ދަށުން ރާއްޖޭގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަކީ 10 އަހަރެވެ. އެގާރަ އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހެނީ، ބޮޑެތި ކުށްތަކުގައި، ކަނޑައެޅޭ ވަކި މިންވަރަކަށެވެ. ނަމަވެސް 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ފުރިހަމަ އަށް ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހެ އެވެ. ކުށް ސާބިތުވެގެން ޖަލަށް ހުކުމްކުރާ ކުޑަކުދިން، ބޮޑެތި މީހުންނާ ވަކިން ބޭތިއްބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފަ އެވެ. ކ. ހިންމަފުށީ އައްސޭރި ޖަލުގައި ފިރިހެން ކުދިން އަދި ކ. މާފުށީ ޖަލުގައި އަންހެން ކުދިންނެވެ.
އެކަމަކު ކުށަށް ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ކުއްޖާއަށާއި މުޖުތަމައަށް ވެސް ވިސްނިފައި އޮންނަ ހާލަތްތައް ގިނަ ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ވަނީ ފާހަގަކުރެވިފަ އެވެ. އެ ތަނުން ބުނި ގޮތުގައި ކުޑަކުއްޖެއް ކަމަށް ބަލާ އުމުރު ދަށްކުރުން ފަދަ ފިޔަވަޅުތައް އަޅަން ގޮވާލަނީ ވެސް ކަން އޮތް ގޮތް ނޭނގޭތީ އެވެ.
"ކުއްޖާ ބޮޑެތި ކުށްކުރި ކަމުގައި ވިޔަސް އެ ކަންތައްތައް ފޮރުވަން މައިންބަފައިން އުޅޭ. އަދި ބުނާނެ އެހެން ވަނީ މިވެނި މީހެއްގެ ސަބަބުންނޭ. ކުއްޖާވެސް މިބުނަނީ، ތިމަންނަ އުޅޭ ހާލުންނޭ، ތިމަންނަ މިވެނި ކަމެއް ނުވާތީއޭ، މަންމަ ވަރިވެފައި ހުންނާތީއޭ، ތިމަންނަ ބައްޕަ އަޅައެއް ނުލައޭ، ބައްޕަ އަނގައިން ނުބުނެއޭ. އެކަމަކު ކޮންމެ ކުއްޖަކަށް ވެސް ކަމެއްކުރުމުގެ ޗޮއިސްއެއް އޮންނާނެ. ކޯޓުން ހުކުމެއް އިއްވީމަ ކުއްޖާ މިބުނަނީ 'ދިސް އިޒް އަންފެއާ، ދިސް އިޒް އަންފެއާ' އޭ،" ރޫނާ ވިދާޅުވި އެވެ. "ތަރުބިއްޔަތުކުރުމާއި ސްކޫލުތަކުގަ އާއި މުޖުމަތައުގައި ވެސް މައްސަލަތަކެއް އެބަހުރި. އަޅުގަނޑުމެން އެބަޖެހޭ އެ މައުލޫމާތު ދޭން. ކުޑަކުއްޖަކަށް ވިޔަސް ކުށެއްކޮށްގެން އެކަމެއް ސާބިތުވެއްޖެ ނަމަ، އެކުއްޖާ ޖެހޭނެ އެކުށުގެ ޒިންމާ އުފުލަން."
ނިމާލް އެކަން ގަބޫލުކުރެ އެވެ. ކުރިން ދޮންމަންމަ "ނަގާ ހޫރާލެވޭ" އަދި "ބައްޕަ ގައިގައި ޖަހަން އުޅެވުނު" ނިމާލް މިހާރު ރުޅި ކޮންޓްރޯލްކުރެ އެވެ. އޭނާ ހުރީ އިސްލާހުވެއްޖެ ކަން އެހެން މީހުންނަށް ސާބިތުކޮށްދިނުން ކުރިއަށް ގެންދިއުމުގެ އަޒުމްގަ އެވެ.
ނިމާލް ގަބޫލުކުރާގޮތުގައި އަމިއްލަ ހިތްވަރުން ހުރަސްތައް ގިރާކުރެވޭނެ އެވެ. އޭނާ މިހާރު މަސައްކަތްކުރަމުން އަންނަނީ އޯލެވެލް ހެދުމަށް ފަހު ޑިސެމްބަރު މަހު ފުލުސް އޮފީހުން ވަޒީފާ ހޯދާށެވެ. އޭނާ އަބަދުވެސް ވާން ބޭނުންވަނީ ފުލުހަކަށެވެ.
"ރަނގަޅުވެއްޖެ ކަން މީހުންނަށް ޕްރޫވްކޮށްދޭން ޖެހޭނީ. ވަޒީފާއެއްގައި ވެސް އުޅެން ޖެހޭނެ. އަމިއްލަ އަށް އަމިއްލަ ކަންތައްކޮށްލެވޭ ވަރުގެ ޖޮބަކަށް ވަނީމަ ރަނގަޅުވާނެ. ހަމައެކަނި ބޭރު ފުށުން ދައްކައިގެން ކަމަކު ނުދާނެ. އެތެރެއިން ވެސް ބޭރުން ވެސް، ރަނގަޅު މީހަކަށް ވާންޖެހޭނެ. މަސައްކަތްކުރީމަ އެކަން ވާނެ،" އޭނާ ބުންޏެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
17 comments