ދިވެހި ރާއްޖެ އަށް މޮޅު ދިވެހި ޑޮކްޓަރަކު ލިބިއްޖެ ވާހަކަ 1989 ގެ ކުރީކޮޅު ފެތުރުނެވެ. އެ ޑޮކްޓަރެއްގެ މަޝްހޫރުކަން ހުރި މިންވަރަކީ، ބައެއް މީހުން ބަލިވެގެން އޭނާ ނޫން ޑޮކްޓަރަކަށް ދައްކަން ދެކޮޅު ހެދުމެވެ. ހަގީގަތުގައި ވެގެން މި އުޅޭ ގޮތަކީ ސިއްހީ ޑޮކްޓަރަކު މަތީ ފާހެއް ނަންގަވައިގެން ރާއްޖެ ވަޑައިގެންނެވުމެއް ނޫނެވެ. ޕީއެޗު.ޑީ ފުރަތަމަ ނެންގެވި ދިވެހި ދަރިވަރު މުހައްމަދު ވަހީދު ހަސަން މަނިކުގެ ނަމުގެ ކުރިއަށް ޑރ އައިސްގެންނެވެ. އޭރު ގިނަ ދިވެހިންނަށް ވިސްނިފައި އޮންނަނީ ޑޮކްޓަރެއްގެ ނަން ހަމައެކަނި ކިޔަނީ ބޭސްވެރިންނަށް ކަމަށެވެ. އެހާވެސް އިލްމީ ގޮތުންނާއި މައުލޫމާތުގެ ގޮތުން އަޅުގަނޑުމެން ފަގީރެވެ. އެކަމަކު ދިވެއްސަކު ބޮޑު ކާމިޔާބީއެއް ހޯދުމުން، އެ ނޭނގުމުގެ ތެރޭގައި ވެސް، މުޅި ރާއްޖެ އެކަމުގެ އަގުވަޒަންކުރި އެވެ. އެހެންކަމުން ޑރ. ވަހީދު، އެމެރިކާގެ ސްޓެންފަޑް ޔުނިވަސިޓީން ޕީއެޗު.ޑީ ހާސިލްކުރެއްވުމުން އޭނާ ވެވަޑައިގަތީ ދިވެހިންގެ މެދުގައި އަގުހުރި، ނަމޫނާ ދިވެހި ދަރިއަކަށެވެ.
އެ ޕީއެޗު.ޑީ ނެންގެވިތާ ޖޫން ،14 2012 އަށް ބަރާބަރު 25 އަހަރު ވީ އެވެ. މިހާރު ރާއްޖޭގެ ރައީސްގެ މަގާމުގައި ހުންނެވި ޑރ. ވަހީދަށް އިހުސާސްކުރެއްވެނީ، ތައުލީމީ ގޮތުން ލިބިވަޑައިގެންނެވި މި ބޮޑު ހާސިލްކުރުމަށް އެހާ ދުވަސް ވެއްޖެކަން އެނގިވަޑައިނުގަންނަވާހާ އަވަހަށް އަހަރުތައް ވޭތުވެއްޖެ ކަމެވެ.
"ހިތަކަށް ނާރާ މިހާ އަވަހަށް ދުވަސްތައް ފާއިތުވެދާނެ ކަމަކަށް،" ރަސްމީ ގެކޮޅު ހިލާލީގައި އިންނަވާ "ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި، ހިނިތުންވެވަޑައިގަންނަވަމުން، ޑރ. ވަހީދު ވިދާޅުވި އެވެ.
އެކަމަކު ތައުލީމީ ގޮތުން އެހާ ކުރިއަށް ވަޑައިގެންނެވުނު ސަބަބަކީ ކޮބައިތޯ ދެންނެވުމުން، އިސްޖައްސަވައިގެން، ގާތްގަނޑަކަށް، ތިރީހަކަށް ސިކުންތު އިންނެވި އެވެ. އެމަނިކުފާނުގެ ސިކުނޑިފުޅަށް އަރައިފައިބައިގެން ދިޔައީ ކޮން އެއްޗެއް ކަމެއް ނޭނގެ އެވެ. އެކަމަކު ދެން އިސްއުފުއްލައްވާފައި ވިދާޅުވި އެއް ވާހަކަ އަކީ، އޭރުގެ ކަންތައް އޮންނަ ގޮތުގެ ހަގީގީ ހާލަތެވެ.
"ގިނަ ފަހަރު ވާ ގޮތަކީ ގިނަ ކުދިން ތިބޭ އާއިލާއެއްގައި މައިންބަފައިންނަށް ބޮޑަށް އަހައްމިއްޔަތުކަން ދެވެނީ އެންމެ ފުރަތަމަ ލިބޭ ކުއްޖަކަށް. އަޅުގަނޑަށް ހީވަނީ އަޅުގަނޑަށް އާއިލާގެ އެހެން ކުދިންނަށް ވުރެ ބޮޑަށް މައިންބަފައިންނަށް އަޅާލެވުނޭ. އެހެން ކުދިންނަށް ވެސް ކެރިފޯރުންތެރިކަން ހުރި މިންވަރުން އަޅާލަމުން ދިޔައީ. ކަން ދިމާވި ގޮތުން އާއިލާގެ ތެރެއިން އެންމެ ފުރަތަމަ މަތީ ތައުލީމާ ހަމައަށް ދެވުނީ އަޅުގަނޑަށް. އެކަމުގައި އަޅުގަނޑުގެ ނަސީބު ރަނގަޅުވުމާއި ފުދޭވަރަކަށް ގިނަ މީހުންގެ އެހީ ލިބުނު،" ޑރ. ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާނަށް ތައުލީމީ ގޮތުން ކުރިއަށް ވަޑައިގަތުމުގެ ހުރިހާ ފުރުސަތެއް ލިބިވަޑައިގަތީ ހަމައެކަނި، އާއިލާ އާއި ގާތްތިމާގެ މީހުންގެ ސަބަބުން ކަމަށް ބުނެވޭކަށް ނެތެވެ. މަޖީދިއްޔާގައި ތައުލީމް ހާސިލްކުރެއްވި އިރު ވެސް އާލިއާ ފަދަ ސްކޫލްތަކަށް ޕާޓް ޓައިމްކޮށް ކިޔަވާ ދެއްވުމާއި އެހެން ކުދިންނަށް ފިލާވަޅު ނަންގަވައިދެއްވުމުގެ މަސައްކަތް ކުރައްވައި، ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ވެސް ހޯއްދެވި އެވެ.
ޑރ. ވަހީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ތައުލީމީ ހަޔާތަށް އާއިލާ އާއި ގާތްތިމާގެ މީހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. އަދި ބައެއް އިސް ބޭބޭފުޅުން ދެއްވި ހިތްވަރު ވެސް މުހިންމު ބައެއް އަދާކުރި އެވެ. އެގޮތުން އާލިއާ ސްކޫލްގެ ބާނީ އަލީ އަހުމަދާއި އަބްދުއްސައްތާރު މޫސާ ދީދީ އާއި ރާއްޖޭގައި އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހިންގި ތައުލީމީ ބޮޑު މަޝްރޫއެއްގައި އިސްކޮށް ހުންނެވި ޑރ. މުހައްމަދު ޒާހިރު ހުސެއިން ފަދަ ބޭބޭފުޅުންގެ ނަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ޕީއެޗު.ޑީއާ ހަމައަށް ވަޑައިގަތުމުގެ ފުރަތަމަ ފިޔަވަޅު ރައީސް ވަހީދު އެޅުއްވީ ލެބެނަންގެ ވެރިރަށް ބެއިރޫތުގެ އެމެރިކަން ޔުނިވަސިޓީގަ އެވެ. އެގޮތުން 1970 ގެ އަހަރުތަކުގެ ކުރީކޮޅު އެ ޔުނިވަސިޓީގައި، ލެބެނަންގެ ދާޚިލީ ހަނގުރާމަ އެންމެ ވަރުގަދަކޮށް ދިޔަ ދުވަސްވަރު، އިނގިރޭސި ބަހުން ފުރަތަމަ ޑިގްރީ އާއި ޓީޗިންގެ ރޮނގުން ޑިޕްލޮމާއެއް ނެންގެވި އެވެ.
ރާއްޖެ ވަޑައިގެން އެމަނިކުފާނު މަސައްކަތްކުރެއްވީ މަޖީދިއްޔާ ސްކޫލްގެ އިނގިރޭސި ޓީޗަރަކަށެވެ. އަދި އޭރު ޔުނެސްކޯގެ އެހީގައި ސަރުކާރުން ފަށާފައިވާ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގައި ޕާޓް ޓައިމްކޮށް އުޅުއްވި އެވެ. ތައުލީމީ ދާއިރާގައި ކަންކަން ރޭވުމުގެ ގޮތުން މާސްޓާޒް ޑިގްރީ އަށް ކިޔަވާ ވިދާޅުވުމުގެ ފުރުސަތު، ޔުނެސްކޯގެ އެހީގެ ދަށުން، ޑރ. ވަހީދަށް ލިބިވަޑައިގަތީ އޭގެ ސަބަބުންނެވެ. އެ ސްކޮލޮޝިޕްގައި ކިޔަވާ ވިދާޅުވާން ސްޓެންފަޑް ޔުނިވަސިޓީ އަށް ވަޑައިގަތީ 1978 ގަ އެވެ.
އެމެރިކާގެ ކެލިފޯނިޔާގައި ހުންނަ މި ބޮޑު އަދި މަޝްހޫރު ޔުނިވަސިޓީ އަށް ޑރ. ވަހީދު ވަޑައިގަތުމުގެ މައިގަނޑު ސަބަބަކީ، ޔުނެސްކޯގެ އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ޕްލޭނިންގައި އިސްކޮށް ހުންނެވި ޖަރުމަން ވިލާތަށް އުފަން ހާންސް ވައިޑާ އެވެ. ބެއިރޫތުގައި ކިޔަވާ ވިދާޅުވި އިރު ޕްރޮފެސަރު ހާންސްގެ ނަން ޑރ. ވަހީދަށް އޮތީ އިވިވަޑައިގެންފަ އެވެ. އެހެންކަމުން އޭނާއާ އެކު މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން އުފެދުނެވެ.
"ޑިގްރީ ހޯދުމަށް ވުރެ ބޮޑަށް ކުރަން ޖެހޭ މަސައްކަތްކުރުމުގެ ތަމްރީން ހޯދުމުގެ ވިސްނުން ހުރީ. އެގޮތުން އަޅުގަނޑު މަސައްކަތްކުރަން ބޭނުންވީ ވަކި ބޭފުޅަކާ އެކު. އެކަމަކު ފަހުން އެނގުނީ އެބޭފުޅާ [ހާންސް] އައިއީޕީގައި [މަސައްކަތް] ނިންމުމަށް ފަހު ކުރީގެ މަގާމަށް [ސްޓެންފަޑް ޔުނިވަސިޓީ އަށް] ވަޑައިގަތްކަން. އެހެންވެ އަޅުގަނޑު އެ ޔުނިވަސިޓީ އަށް އެޕްލައިކުރީ،" ޑރ. ވަހީދު ވިދާޅުވި އެވެ.
"ޔޫރަޕްގެ މަތީ ތައުލީމުގައ އޮންނަ އުސޫލެއް މަތީ ތައުލީމަށް ކިޔެވުމަށްޓަކައި ވަކި މީހަކާ އެކު މަސައްކަތްކުރުން ވަކި ތަނަކަށް ވުރެ ބޮޑަށް. އަޅުގަނޑު ތިން ޑިގްރީ ނިންމީ އެބޭފުޅާއާ އެކު އުޅެމުން."
މާސްޓާޒް ޑިގްރީ އަށް ފަހު އެނބުރި ވަޑައިގެން ރާއްޖޭގައި އޭރު ކުރަމުން ދިޔަ ޕްރައިމަރީ ތައުލީމު ފެތުރުމުގެ މުހިންމު މަޝްރޫއުގައި އަމަލީ ގޮތުން ޑރ. ވަހީދު އުޅުއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ވަރަށް ބޮޑެތި ތަޖުރިބާތަކެއް ލިބިވަޑައިގެންނެވި، ރާއްޖޭގެ ތައުލީމުގެ ވަރުގަދަ ބިންގަލެއް އެޅި މަޝްރޫއުއެކެވެ.
ޕީއެޗު.ޑީ އަށް ކިޔަވާ ވިދާޅުވުމަށް އަނެއްކާވެސް ސްޓެންފަޑް ޔުނިވަސިޓީ އަށް ޑރ. ވަހީދު ވަޑައިގަތެވެ. ދިވެހި ސަރުކާރުން ދިނީ އެއް އަހަރުގެ ސްކޮލޮޝިޕެކެވެ. އެހެންކަމާ އެކު ޑރ. ވަހީދު މަސައްކަތް ކުރައްވައިގެން ސައުދީ އަރަބިއްޔާގެ ސްކޮލޮޝިޕެއް ހޯއްދެވި އެވެ. ޕީއެޗު.ޑީ ފުރިހަމަކުރެއްވުމުގެ ހަތަރު އަހަރު ހޭދަކުރެއްވީ ސައުދީ އަރަބިއްޔާގެ އެހީގަ އެވެ. މި ދިގު ދަތުރުފުޅުގައި ފުރަތަމަ އެމަނިކުފާނު ނެންގެވީ ޕޮލިޓިކަލް ސައިންސްގެ ދާއިރާ އިން މާސްޓާޒް ޑިގްރީއެކެވެ. ޕީއެޗު.ޑީގެ މަސައްކަތުގައި އުޅުއްވި އިރު، އެމެރިކާގެ މިޗިގަން ސްޓޭޓް ޔުނިވަސިޓީގައި ކިޔަވާދެއްވަމުން ވެސް ގެންދެވި އެވެ.
އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެޑިޔުކޭޝަންގެ ރޮނގުން ޕީއެޗު.ޑީއާ ހަމައަށް ވަޑައިގަތުމަށް އެމަނިކުފާނުގެ ތީސިސް ބިނާކުރެއްވީ ނުވަތަ ދިރާސާ ހެއްދެވީ ތައުލީމީ ސިޔާސަތުތައް ކަނޑައަޅާއިރު އޭގެ ތެރޭގައި ސިޔާސީ ގޮތުން ކުޅޭ ރޯލު ދެނެގަތުމަށެވެ. މައިގަނޑު ދިރާސާ ކުރެއްވީ ސްރީ ލަންކާގައި އެދުވަސްވަރު ކުރިއަށް ގެންދިޔަ ތައުލީމީ މަޝްރޫއުއަކާ ބެހޭ ގޮތުންނެވެ.
"އަޅުގަނޑު ބޭނުންވީ ބައިނަލްއަގުވާމީ އެހީ ދޭ ފަރާތްތަކުން އެހީ ދިނުމުގައި އިލްމު އުފެއްދުމާއި އެ އިލްމު ބޭނުންކުރާ ގޮތް ދެނެގަތުން. ސްރީ ލަންކާގައި އެދުވަސްވަރު ހިންގި އެޑިޔުކޭޝަން ޕްރޮޖެކްޓްގެ ސިޔާސަތު ކަނޑައެޅުމުގައި ތަފާތު ފަރާތްތަކުން ދީފައި ހުރި މަޝްވަރާ އާއި ލަފާ މިއީ ކިހިނެއް، ކޮން ދިމަދިމާއަކުން ކިހިނެއް އަންނަ އެއްޗެއްތޯ ދެނެގަތިން،" ތީސިސްއާ ބެހޭ ގޮތުން ޑރ. ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގުނީ އެޑިޔުކޭޝަން ޕޮލިސީތައް ގާއިމްކުރާ އިރު ސިޔާސީ ވަރަށް ގިނަ ކަންތައްތަކެއް ވާކަން. ވަކި ކަހަލަ ސިޔާސީ ނުފޫޒުތައް އިލްމު އުފެއްދުމުގައި ވެސް އޮވޭ. ޚާއްސަކޮށް އިޖުތިމާއީ ކަންކަމުގައި ވަކި ފަރާތަކަށް ނުޖެހި، ވާނުވާ ނޭނގިއެއް ނޫނޭ އެބަޔަކު ބޭނުންވާ ގޮތަށް ކަންތައް ގެންދަނީ."
ޕީއެޗު.ޑީ ހާސިލްކުރެއްވުމާ އެކު، ސްޓެންފަޑް ޔުނިވަސިޓީގެ އިސް ބޭފުޅަކު އެ ޚަބަރު އޭރުގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް މެސެޖަކުން ދެންނެވި އެވެ. އަދި އެ ކާމިޔާބީ އަށް ރައީސް މައުމޫން މަރުހަބާ ވިދާޅުވެ، މެސެޖެއް ވެސް ފޮނުއްވި އެވެ. ފަހުން މާލެ ވަޑައިގަތުމުން 1989 ގެ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ޚާއްސަ އިނާމު ޑރ. ވަހީދަށް އެރުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕީއެޗު.ޑީ ނެންގެވުމަކީ އަދި ފެށުމެކެވެ.
"ޕީއެޗު.ޑީ ނިމުމަށް ފަހުގައި ހަޔާތުގެ އެންމެ ބޭނުންތެރި މަސައްކަތް އަދި ފެށުނީ. ކިޔެވުމަކީ ދިރިއުޅުމުގެ މަސައްކަތަށް ތައްޔާރުވުމެއް. އެއީ ނިމުމެއް ނޫން. އެއީ ފެށުމެއް،" ޑރ. ވަހީދު ވިދާޅުވި އެވެ. "ހަގީގަތުގައި ޔުނިވަސިޓީގައި ކިޔެވުމާ އެއް ހަމައެއްގައި އަޅުގަނޑަށް ފާހަގަކުރެވޭ ތަޖުރިބާގެ ގޮތުންނާއި މަސައްކަތުގެ ގޮތުން ދަސްވެފައި ހުރި ކަންކަން."
ޑރ. ވަހީދުގެ ޕީއެޗު.ޑީ އަކީ ދިވެހި ދަރިވަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އެމަނިކުފާނު ހިންގެވި މަގުން، އިލްމީ މަތީ ހަރުފަތްތަކަށް އަރަމުން އައި ޒުވާނުން އޭގެ ފަހުން އައީ ގިނަވަމުންނެވެ.
"އަޅުގަނޑުހީކުރަން އެހެން ކުދިންނަށް ވެސް ހިތްވަރު ލިބޭނެ ކަމަށް،" ތައުލީމީ ގޮތުން ދިވެއްސަކު އެހާ މައްޗަށް ދިއުމުން ދިވެހި ދަރިވަރުންނަށް އުއްމީދުތަކެއް ގެނެސްދިން ކަމަށް ގަބޫލުކުރައްވަންތޯ ދެންނެވުމުން ޑރ. ވަހީދު ވިދާޅުވި އެވެ. "އެގޮތުން އަޅުގަނޑު މަޖީދިއްޔާގައި ކިޔަވައިދިން ބައެއް ދަރިވަރުން މިހާރު ވަނީ ޕީއެޗު.ޑީ ނަންގަވާފައި."
ޑރ. ވަހީދުގެ ޕީއެޗު.ޑީއާ އެކު އެމަނިކުފާނުގެ ނަން އާންމު ދިވެހިންގެ މެދުގައި މަޝްހޫރުވީ ވަރަށް ބޮޑަށެވެ. ކޮންމެ އާ ކާމިޔާބީއެއްގައި ދިވެހިންގެ އަގުވަޒަންކުރުން އޮތް މިންވަރު އެދުވަސްވަރު އެނގުނެވެ. މިއަދު ޕީއެޗު.ޑީ އަކީ ދިވެހިންނަށް އާ އެއްޗެއް ނޫނެވެ. އެކަމަކު މީގެ 25 އަހަރު ކުރިން ތައުލީމީ ރޮނގުން ޑރ. ވަހީދު ހޯއްދެވި އެ ކާމިޔާބީ ބެލެވުނީ ގައުމީ ކަމެއްގެ ގޮތުގަ އެވެ. ދިވެހި ތާރީޚަށް އެމަނިކުފާނުގެ ނަންފުޅު ވަދެފައިވަނީ ވެސް އެހެންވެ އެވެ.

ގައުމީ އިއްތިހާދުގެ ޖަލްސާ
33 comments