ރައްޔިތުންގެ މަޖިލީހުގައި އެންމެ އާންމުކޮށް ދެކެވޭ އެއް ވާހަކަ އަކީ ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ހަރަދުތައް ބޮޑުވާ ވާހަކަ އެވެ. ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ފަރަގު ބޮޑު ވާހަކަ އެވެ. އެކަމަކު މަޖިލީހުގެ މެމްބަރުން އެ ބޭފުޅުންގެ އަމިއްލަ މުސާރަ އާއި އިނާޔަތްތައް ލިބޭ މިންވަރާ މެދު ކަންބޮޑުވެ ވަޑައިގެން އުޅުއްވާ ތަނެއް ނުފެނެ އެވެ. މަޖިލީހުގެ އެންމެ ޖަލްސާއެއް ވެސް އަދި ކޮމެޓީއެއް ވެސް މިދިޔަ މާޗް ނުބާއްވާއިރު ކޮމެޓީ އެލަވަންސް ނަންގަވަން މިދިޔަ ބުދަ ދުވަހު ނިންމެވުމަކީ މެންބަރުން ދައުލަތުގެ ހަރަދުތަކާ ބެހޭ ގޮތުން ދައްކަވާ ވާހަކަ އާއި އަމަލު ދިމާ ނުވާ ކަމުގެ ހެއްކެކެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މި ނިންމެވުމަކީ ކޮންމެ އުސޫލަކުން ބެލި ކަމުގައި ވިޔަސް ޒިންމާދާރުކަން ކުޑަ އަމަލަކަށް ނޫނީ ނުވާނެ އެވެ. ނުކުރާ މަސައްކަތަކަށް އުޖޫރައެއް ނެގުމަކީ އެއްވެސް މުއައްސަސާއެއްގައި އަދި ޒިންމާދާރުކަމާއެކު މަސައްކަތްކުރާ ބަޔަކު ކޮށްގެންވާނެ ކަމެއްގެ ގޮތުގައި ގަބޫލެއް ނުކުރެވޭނެ އެވެ.
އެކަމަކު މާލިއްޔަތު ކޮމެޓީ ބައްދަލުކޮށް އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ދެ މެމްބަރެއް ފިޔަވައި ހުރިހާ މެމްބަރުން ވަނީ މާޗް މަހު މަޖިލިސް ނުބާއްވާއިރު ވެސް 20،000ރ. ގެ ކޮމެޓީ އެލަވަންސް ނަންގަވަން ތާއީދުކުރައްވައިފަ އެވެ. ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ ކޮމެޓީގެ ރިއާސަތުގައި އިންނަވައިގެން ކޮމިޓީ އެލަވަންސްގެ މައްސަލަ މެމްބަރުންގެ ސަމާލުކަމަށް ގެންނެވުމުން އެ އެލަވަންސް ނެންގެވުމަށް ތާއީދު ކުރައްވައި ވޯޓު ދެއްވީ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދާއި އަލިފުށީ ދާއިރާގެ މެމްބަރު މުހަންމަދު ނާޝިޒް އަދި އޭދަފުށީ ދާއިރާގެ އަހުމަދު ސަލީމް (ރެޑްވޭވް) އެވެ. ވޯޓު ނުދެއްވަނީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ އަބްދުލް ޣަފޫރު މޫސާ އެވެ.
ދައުލަތުގެ އެހެން މުއައްސަސާތަކުގެ މުވައްޒަފުންނަށް ބޮޑު މުސާރަ އާއި އިނާޔަތްތައް ދޭތީ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވާ ކަމަށް ވިދާޅުވެ މަޖިލީހުގެ މެމްބަރުން ވާހަކަ ދައްކަވާއިރު އެ ބޭފުޅުން އަމިއްލަފުޅަށް ފާސްކުރައްވައިގެން ނަންގަވާ މުސާރަ އާއި އިނާޔަތްތަކާ މެދު ކަންބޮޑުވެ ވަޑައިނުގަތުމަކީ ބޮޑު މައްސަލަ އެކެވެ. އެ ވާހަކަ މާގިނައިން ދެއްކެވުމަށް ވެސް އެ ބޭފުޅުން ބޭނުންފުޅެއް ނުވެ އެވެ. ކޮމެޓީތައް ނުބާއްވާއިރު ކޮމެޓީ އެލަވަންސް ނެގުމަށް މާލިއްޔަތު ކޮމެޓީން ފާސްކުރުމަށް ފަހު އެ ވާހަކަ ފާޅުގައި ދައްކަވާފައި ވަނީ ދެތިން ބޭފުޅެކެވެ. އަދި ކޮމެޓީގެ އެ ނިންމުމާ މެދު މަޖިލީހުގެ ތަޅުމުގައި ވެސް އަޑު އުފުލާނެ މެންބަރަކު ނުވި އެވެ.
ނުކުރައްވާ މަސައްކަތަކަށް 20،000ރ. ނަންގަވަން ފާސްކުރުމުން މާޗް މަހު އެކަނި ވެސް ކޮމެޓީ އެލަވަންސްގެ ގޮތުގައި މަޖިލީހުގެ 77 މެމްބަރުންނަށް 1.5 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކުރަން ޖެހޭނެ އެވެ. މިއީ ދައުލަތުގެ އެހެން މުވައްޒަފުންނަށް ވަރަށް ބޮޑު ބޭ އިންސާފަކަށް ނޫނީ ނުވާނެ އެވެ. ދައުލަތުގެ އެހެން މުވައްޒަފުންނަށް އެލަވަންސެއް ދޭ ކަމަށް ވަންޏާ ދެމުން ދަނީ ކުރާ މަސައްކަތަކަށެވެ. އިތުރު ގަޑީގެ ފައިސާ ވެސް ދެނީ އިތުރު ވަގުތުގައި މަސައްކަތްކުރި މިންވަރެއްގެ މައްޗަށެވެ. އެކަމަކު ދައުލަތުގެ އެއް މުއައްސަސާ އެ ހުރިހާ އުސޫލުތަކުން ބަރީއަވެ ނުކުރާ މަސައްކަތަކަށް އެލަވަންސް ނަގަން ނިންމުމަކީ އިންސާފުން އެއްކިބާވުމެވެ.
"ހާޒިރުނުވާ ނުވަތަ ނެތް ބައްދަލުވުމަށް އެ ފައިސާ ނެގުމަށް ނިންމުމަކީ ރަނގަޅު ކަމެއް ނޫން. ދައުލަތުގެ ހަރަދު ބޮޑުވާ ވާހަކަ މަޖިލީހުގައި އަބަދު ދެކެވޭއިރު އެއީ ވަރަށް ޣައިރު ޒިންމާދާރު ނިންމުމެއް ކަމަށް އަޅުގަނޑު ދެކެނީ،" ކޮމެޓީ އެލަވަންސް އެއްގޮތަކަށް ވެސް ނުނަންގަވާ މަޖިލީހުގެ މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު ވިދާޅުވި އެވެ.
ކޮމެޓީ އެލަވަންސް ދިނުމަށް މަޖިލީހުން މިދިޔަ އަހަރު ފާސްކުރުމާ ގުޅިގެން އެކަން ކުރަމުން ގެންދަނީ ވަކި އުސޫލެއްގެ ދަށުންނެވެ. އެ ގޮތުން 20،000ރ. ގެ އެލަވަންސް އެއްކޮށް ލިބެނީ ކޮމެޓީތަކުގެ ޖަލްސާ އަށް 75 ޕަސެންޓަށް ވުރެ ގިނައިން ހާޒިރުވުމުންނެވެ. ނަމަވެސް މާޗް މަހު އެއްވެސް މަސައްކަތެއް ނުކުރައްވައި ބޮޑު އެލަވަންސް ނަންގަވަން ފާސްކުރެއްވީ އެ އުސޫލު ވެސް އޮތްތަނުގައި ބާއްވައިފަ އެވެ.
"މެމްބަރުންގެ ހާޒިރީއަށް ބިނާކޮށް ވަކި އިންސައްތަ އަކަށް ބަލައި ކޮމެޓީ އެލަވަންސް ދެމުން ގެންދަނީ. މާޗް މަހު އާންމު އުސޫލުން ކޮމެޓީތައް ނުބާއްވައި، ނުބާއްވާ ކޮމެޓީތަކަކަށް އެލަވަންސް ނެންގެވުމަކީ ވަރަށް ދެރަވަރު ކަމެއް. ވަރަށް ހިތާމަކުރަން ޖެހޭ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ މަސައްކަތްތައް ގާތުން ބަލަމުންދާ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ކޯޑިނޭޓަރު އައިމަން ރަޝީދު ވިދާޅުވީ ނުކުރާ މަސައްކަތަކަށް އެލަވަންސެއް ނަންގަވަން މާލިއްޔަތު ކޮމެޓީން ފާސްކުރުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށެވެ. އަދި އެއީ ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތަށް އެޅޭނެ ހުރަހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ ކަމަކަށް ގާނޫނު އަސާސީ އާއި ގާނޫނުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ ބޭފުޅުންގެ މުސާރަ އަމިއްލައަށް ކަނޑައެޅުމަކީ އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ވާނެ ކަމެއް ނޫން. ދެވަނަ ކަމަކީ ކޮމެޓީއަށް ވަކިން އެލަވަންސެއް ދިނުމަކީ އެއްވެސް ތަނެއްގައި އޮންނަ ކަމެއް ނޫން. ދެން ނުކުރާ ކަމަކަށް އެއްވެސް ތަނަކުން އެލަވަންސެއް ނުދޭނެ،" އައިމަން ވިދާޅުވި އެވެ. "އެހެންވީމަ އެއީ ވަރަށް ކަންބޮޑުވާންޖެހޭ އަމަލެއް. އަޅުގަނޑުމެންނަށް ބަލައިގަންނަން ދަތި ކަމެއް."
މަޖިލީހުގެ މެމްބަރުންނަށް 20،000ރ.ގެ ކޮމެޓީ އެލަވަންސްގެ އިތުރުން މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 62،500ރ. އެވެ. މިއީ ދައުލަތުގެ ވަކި މުއައްސަސާ އަށް ބަލާއިރު އެންމެ ބޮޑު ހޭދަކުރާ އެއް ތަނެވެ. ނަމަވެސް ރައްޔިތުންގެ ޝަކުވާ އާއި ކަންބޮޑުވުންތައް އަބަދު އޮހެނީ އެވެ. އެކަށީގެންވާ ވަރަށް ގާނޫނުތައް ހެދުމަށް ވުރެ ބޮޑަށް އޮންނަނީ ސިޔާސީ ޒުވާބެވެ. ކޯރަމް ގެއްލުމުގެ މައްސަލަ ދުވަހަކު ހައްލެއް ނުވި އެވެ.
މެމްބަރުންނަށް 20،000ރ. ގެ ކޮމެޓީ އެލަވަންސް ދޭން ފާސްކުރުމުން އެކަމާ އެތައް ބަޔަކު އިހުތިޖާޖުކޮށް ދެކޮޅަށް ނިކުތް މައިގަނޑު އެއް ސަބަބަކީ ވެސް އެކަށީގެންވާ ވަރަށް މަޖިލީހަށް މަސައްކަތް ކުރެވިފައި ނުވުމެވެ. މުހިންމު އެތައް ގާނޫނެއް ނުހެދި އަދިވެސް އެބަހުއްޓެވެ. މިހާރުގެ މަޖިލީހަށް ތިން އަހަރު ފުރުނުއިރު ވެސް އަދިވެސް ދައްކަނީ ގާނޫނުލް އުގޫބާތާއި ޖިނާއީ އިޖުރާއަތުގެ ބިލްގެ ވާހަކަ އެވެ. ސިޔާސީ ޕާޓީތަކުގެ ބިލްގެ ވާހަކަ އެވެ. އެއީ 16 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދުވަސްވަރު ވެސް ހަމަ ދެއްކި ވާހަކަތަކެވެ. އެކަމަކު މި މަޖިލީހުގެ ދައުރު ހަމަވާން ދެ އަހަރަށް ވެފައިވާއިރު އަދިވެސް އެ ބިލްތަކުން ރައްޔިތުންނަށް ފައިދާއެއް ކުރާނެ ނަތީޖާއެއް، ރައްޔިތުންގެ މަންދޫބުންނަށް ނެރެދެވިފައެއް ނުވެ އެވެ.
"ތި 20،000ރ. އެ ގޮތަށް ނަގަން ނިންމުމަކީ މަޖިލީހުގައި ހުރި އިތުރު މައްސަލަތައް ދައްކުވައިދޭ ކަމެއް. އިގުތިސާދީ ގޮތުން ނުލާހިކު ބޮޑަށް ހީނަރުވެފައި ވާއިރު އަދި އެ ވާހަކަ ދައްކަވަމުން ނުކުރައްވާ މަސައްކަތަށް އެލަވަންސެއް ނެންގެވުމުން އެނގެނީ ގައުމުގެ މައްސަލަތަކަށް މެމްބަރުން އަޅާލައްވާ މިންވަރު،" އައިމަން ވިދާޅުވި އެވެ.

50 comments