ޖުޑީޝަރީ

ކޯޓުތަކާ މެދު ކުރެވޭ ހަގީގަތެއް ނެތް ތުހުމަތުތައް!

ނިއުމަތުﷲ އިދުރީސް
21 ޖޫން 2012 10:19 10 ކޮމެންޓު
  • ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީން ކޭމްޕް ޖަހައިގެން ތިބިއިރު، "އިންސާފު ބޭނުން" ކަމަށް ބުނެ ފާރެއްގައި ކުރަހާފައިވާ ގްރެފިޓީއެއް -- ހަވީރު ފައިލް ފޮޓޯ

މިއީ ކޯޓުތަކާއި ޝަރުއީ ދާއިރާގައި އެއްވެސް މައްސަލައެއް ނެތްކަން ދެއްކުމަށް ލިޔެފައިވާ ރިޕޯޓެއް ކަމަށް ހީފުޅުކުރައްވައިގެން ފެއްޓެވި ނަމަ ކުރިއަށް ވަޑައިގަންނަވާށެވެ. އެންމެ ފަހު އަކުރާ ހަމަޔަށް ވެސް ވިދާޅުވާށެވެ. އެހެން ނޫނީ އަނެއްކާވެސް އަރާނީ އިތުރު އޮޅުމެކެވެ. މައްސަލަޔަކަށް ވެގެން މި އުޅެނީ މައްސަލަތައް އޭގެ ހަގީގަތަށް ވުރެ ބޮޑުވުމެވެ. އަރާފައިވާ އޮޅުންތައް ގިނަވުމެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު އޮތް ދުވަސްވަރު ސިޔާސީ ބައެއް ބޭފުޅުން ހައްޔަރުކުރުމުންނާއި ސަރުކާރުގެ ބައެއް ނިންމުންތަކާ ގުޅިގެން މައްސަލަތައް ކޯޓަށް ވެއްދި އެވެ. ހުރިހާ މައްސަލައެއްހެން ސަރުކާރާ ދެކޮޅަށް ނިމިގެން ދާން ފެށުމާ އެކު އޭރުގެ ސަރުކާރުގެ ބޭފުޅުންނާއި އެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދައްކަން ފެށި ވާހަކަތަކުން ހަމަ ހަގީގަތުގައި ވެސް ގިނަ ބަޔަކަށް އޮޅުންތަކެއް އެރި އެވެ.

ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅު ސިޔާސީ ބައެއް ލީޑަރުން ހައްޔަރުކުރުމާ އެކު ރޭގަނޑުގެ ވަގުތުތަކުގައި ކޯޓުތައް ހުޅުވައިގެން މައްސަލަތައް ކުރިއަށް ގެންދަން ފެށުމުން ބަޔަކަށް ހީވީ ރޭގަނޑު ކޯޓު ހުޅުވަނީ ވަކި ބައެއްގެ މައްސަލަތަކުގައި ކަމަށެވެ. އެކަން އެހެންވީ ހަގީގަތް އެނގި ތިބެ ނަމަވެސް ބަޔަކު ސިޔާސީ ބޭނުމަށް ގަސްދުގައި އޮޅުވާލައިގެން ވާހަކަ ދައްކަން ފެށުމުންނެވެ.

"ރޭގަނޑު ކޯޓު ހުޅުވައިގެން މައްސަލަތައް ކުރިއަށް ގެންގޮސް އެފަދަ މައްސަލަތަކުގައި ވަކާލާތުކުރައްވާފައިވާ ބައެއް ވަކީލުން ވެސް ސިޔާސީ ފޯރަމްތަކުގައި ހަމަ ކަނޑައެޅިގެން ވިދާޅުވެފައި އެބަހުރި ރޭގަނޑު ކޯޓު ހުޅުވައިދޭނީ ވަކި ބަޔަކު ބުނެގެންނޭ. އަޅުގަނޑު ގަބޫލުކުރަނީ އެއީ ސިޔާސީ ބޭނުންތަކެއް ހާސިލުކުރުމަށް ގާނޫނުތަކާ ހިލާފަށް ކަންކުރަން އުޅުމުން ކޯޓުތަކާ ހިސާބުން އެކަން ހުއްޓޭތީ، އެ ކަމެއް ކުރަން އުޅޭ ބަޔަކު ސަޕޯޓަރުންގެ ކުރިމަތީގައި ލަދުން ސަލާމަތްވުމަށް ދައްކާ ސިޔާސީ ވާހަކައޭ،" މަގާމުގެ ގޮތުން ނޫހުގައި ނަން ހާމަކުރުމަށް އުޒުރުވެރިވެވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޓުތައް މެދުވެރިކޮށް ކަން ކުރުމަށް އޮންނަ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާ ނަމަ ޝަކުވާކުރަން ޖެހުން މަދުވާނެ ކަމަށެވެ.

ބަންދުގެ މުއްދަތު އިތުރުކުމަށް ކޯޓަށް ގެނައުމުން އަޑުއެހުންތައް ބާއްވަނީ ވެސް ވަކި ބަޔަކު ބަންދަށް ގެނައުމުން ކަމަށް ވެސް ވާހަކަ ދެކެވެ އެވެ. އެކަމަކު ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުންތަކުގައި ގާނޫނީ ގޮތުން އެކަށީގެންވާ ގޮތަކަށް ޗެލެންޖުކުރެވޭ މައްސަލަތަކުގައި ގާޒީން ދެ ވަނަ ވިސްނުމަކަށް ވަޑައިގެންފައިވާ މައްސަލަތައް ބައިވަރެވެ. ވަކި ފެންވަރެއްގެ މީހަކު ތުހުމަތުގައި ގެނައުމުން، ފުލުހުން ބުނާ މުއްދަތެއް ޖަހާފައި ފޮނުވާލަނީ އަކީ ނޫނެވެ.

ނަމަވެސް ކޯޓެއްގެ އިސް ބޭފުޅަކު ވިދާޅުވީ ކޯޓަށް މައްސަލައް ހުށަހެޅުމުން އެ މައްސަލައެއް ހިންގަން ފެށުމާ މެދު އަމަލުކުރާނެ އިޖުރާއަތްތަކެއް ނެތުމަކީ މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ މައްސަލައެއް ހުށަހަޅާތާ ވަކި މުއްދަތެއްގެ ތެރޭގައި ހިންގަން ފެށުމާއި އިސްކަންދޭން ޖެހޭ މައްސަލަތަކާއި ކުއްލި މައްސަލަތަކަކީ ކޮބައިކަން ކަނޑައެޅި އެނގެން އޮންނަން ވާނެ ކަމަށެވެ. ވަކި ބައެއްގެ މައްސަލަތައް އަވަސްކޮށް އަދި ލަސްކޮށް ހަދާ ކަމަށް ބުނާ މައްސަލަ އަށް އޭރުން ހައްލެއް އަންނާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ކޯޓަކަށް ހަމަ ހުށަހަޅާ ކޮންމެ މައްސަލައެއް ބަލައި ނުގަންނާނެ ކަމާއި ކޯޓަކަށް މައްސަލައެއް ހުށަހެޅުމަށް ފަހު ގިރާކުރާ މަރުހަލާތަކެއް ހުންނަކަމާއި ކޯޓުގައި މައްސަލަ ކުރިއަށް ގެންދާނެ އުސޫލުތަކެއް ވެސް އޮންނަކަން އާންމުންނަށް އަންގައިދޭން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކޯޓުތަކުން ވެސް މީހުން ހާޒިރުކުރާއިރު އެ މީހަކު ހާޒިރުކުރެވޭ ބޭނުން ކުރިން ސާފުކޮށް އަންގައިދިނުމާއި ކޯޓުގައި އަމަލުކުރަން ޖެހޭ ގޮތް ސާފުކޮށް ކިޔައިދިނުން ފަދަ މަސައްކަތްތަކުން ވަރަށް ގިނަ އޮޅުންތައް ފިލައިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯޓަށް ހުށަހަޅާ ހެކި ގަބޫލުނުކުރާ ކަމަށް ބުނާ ވާހަކަ އަކީ ވެސް ތާކުންތާކުޖެހޭ ވާހަކައެއް ނޫނެވެ. ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ކޯޓަށް ވަޑައިގެން، ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅަކު ވިދާޅުވީ ރާއްޖޭގެ ކްރިމިނަލް ކޯޓަކީ މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ވެސް އެންމެ ގިނަ ބާވަތްތަކުގެ ހެކި ބަލައިގަންނަ ކޯޓަށް ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ފިންގަޕްރިންޓާއި ޑީއެންއޭ އާއި އޯޑިއޯ އާއި ވީޑިއޯ އަދި އެހެން ގޮސް ފޮރެންސިކް ހުރިހާ ހެއްކެއް ވެސް ބަލައިގަންނަ ކަމަށެވެ.

"ހަވީރަ"ށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވެސް ވަނީ ހެކި ބަލައިނުގަންނަ ކަމަށް ބުނާ މައްސަލާގައި ރައްދު ދެއްވައިފަ އެވެ.

"ހެކި ގަރީނާގެ ތެރޭގަ ހިމެނޭ އެއްވެސް އެއްޗަކީ ޝަރުއީ ކޯޓަކުން އެއްވެސް ޒަމާނެއްގައި، އެއްވެސް އިރެއްގައި އިންކާރުކުރާނެ އެއްޗެއް ނޫން. އެއީ ސަލާމަތް ބުއްދި ގަބޫލުކުރާނެ ވާހަކައެއް ވެސް ނޫން. އަދި ގާނޫނެއް ގަވާއިދެއް ދަންނަ މީހަކު އެކަހަލަ ވާހަކަ ދައްކައިގެން ވެސް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައި ވަނީ ހުށަހަޅާ އެއްވެސް ހެއްކެއް ގަބޫލު ނުކޮށް ނޯންނާނެ ކަމަށެވެ.

"ހެކި ގަބޫލުކުރުމާއި ހެކި ބަލައިގަތުމާ ހުށަހަޅާ ހެކިން އެކަން ސާބިތު ނުވެ ދިއުމާ ތަފާތު. ދައުލަތުން ހުށަހަޅައިފި ކޮންމެ ހެއްކެއް މިހާތަނަށް ކޯޓުން އޮންނާނީ ބަލައިގެންފަ ... މިވާ ގޮތަކީ ހުށަހަޅާ ހެކީގަ ބުރަދަނެއް ނުހުރެ މި ދަނީ. ހެކިންގެ ގޮތުގަ ހުށަހަޅާ މީހުން ތަހުގީގުގައި ދީފައި އޮންނަ ބަޔާނާ ދިމާ އިދިކޮޅަށް ޝަރީއަތުގައި އެބަ ހެކިބަސް ދޭ. ފޮޓޯ، ވީޑިއޯ، އޯޑިއޯ، ފިންގަޕްރިންޓް، ޑީއެންއޭ ރިޕޯޓް ބަލައިގަނޭ. ލިޔުން ބަލައިގަނޭ. ސޮއި ބަލައިގަނޭ. މި ކަންކަމުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުކޮށްފައި ވެސް އެބަހުރި ... މައްސަލަ އަށް އަލިމަގެއް ލިބެން ހުރި އެއްވެސް އެއްޗަކީ ކޯޓުން ގަބޫލު ނުކުރާ އެއްޗެއް ނޫން."

ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މީޑިއާ އެންޑް ޕަބްލިކޭޝަންސް ޔުނިޓުގެ ޑިރެކްޓަރު އަހުމަދު މާޖިދު ވިދާޅުވީ ކޯޓުތަކާއި ޝަރުއީ ދާއިރާއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ތެރޭގައި ހަގީގަތެއް ނެތް ވާހަކަތައް ވަރަށް ގިނަ ކަމަށެވެ. އޭނާ ވިދާޅުވީ ތަހުޒީބު ގައުމުތަކުގައި ވެސް ޖުޑީޝަރީގެ ހުރުމަތް ކެނޑުމަކީ ކުށެއް ކަމަށް ކަނޑައަޅާފައި ވަނީ ޖުޑީޝަރީއާ ބެހޭ ގޮތުން ހިތުހުރި ގޮތަކަށް ވާހަކަ ދައްކައި، އިތުބާރު ގެއްލިގެން ދިއުމުން ކުރިމަތިވެފައިވާ ނުރަނގަޅު ނަތީޖާތަކުން ފިލާވަޅު ލިބިގެން ކަމަށެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ބައެއް ނޫސްވެރިން އާންމުންގެ ސަމާލުކަން ބޮޑަށް ހޯދަން އަދި ސިޔާސީ ބޭފުޅުން ސިޔާސީ ވިސްނުން ކުރިއަށް ނެރުއްވައިގެން ޖުޑީޝަރީއާ ބެހޭ ގޮތުން ހަގީގަތާ ހިލާފް ވާހަކަ ދައްކަނީ ކަމުގެ ނަތީޖާއާ މެދު ވިސްނާލެވިފައި ނޯންނާތީ އެވެ. މާޖިދު ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ހަގީގަތާ ހިލާފަށް ވާހަކަ ދެއްކުމުގެ ހައްގު އޮތުން ނޫން ކަމަށެވެ.

ޖުޑީޝަރީގައި މައްސަލަތައް އެބަ ހުއްޓެވެ. ފަނޑިޔާރުންގެ ވެސް މައްސަލަތައް ހުންނާނެ އެވެ. އެކަމަކު އެ މައްސަލަތައް މިނަށް ވުރެ ބޮޑުކޮށްގެން އެބަ ވާހަކަ ދެކެވެ އެވެ. ތިމާގެ ފިކުރާ ދެކޮޅަށް މައްސަލައެއް ނިމޭ ކޮންމެ ފަހަރަކު ތުހުމަތުތަކުގެ އަޑު ގަދަވެ އެވެ. އޭގެ އަނެއްކޮޅަށް ނިމުމުން ކޯޓު ހަމަ ބަރާބަރެވެ!

10 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait