މެރިން ރިޒާވް

ހިމާޔަތް ކޮށްފައިވާ ތަންތަން ހަމައެކަނި ކަރުދާހުގައި

ހަސަން އާމިރު
28 ޖޫން 2012 09:26 3 ކޮމެންޓު
  • ބ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ހަނިފަރުގައި މަޑިތަކެއްގެ ފޮޓޯ ޓޫރިސްޓަކު ނަގަނީ: ހިމާޔަތްކޮށްފައިވާ ތަންތަން ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް ބޭނުންވޭ.

ކަނޑުއަޑީގެ އެންމެ ބޮޑު ރިޒާވް އޮތް ގައުމަށް، ކުރިއަށް އޮތް ފަސް އަހަރު ދުވަހު ތެރޭ ރާއްޖެ ހަދާނެ ކަމަށް ރައީސް މުހައްމަދު ވަހީދު ރިއޯ+ 20 ސަމިޓުގައި އިއުލާންކުރެއްވުމުން ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިގެން ދިޔަ އެވެ. ރާއްޖޭގެ ރަށްތަކުގެ ވަށައިގެން ކަނޑު އޮތް މި ގައުމުގެ ހިމާޔަތަށް އެއީ ބޭނުންތެރި ކަމަކަށްވާތީ އެވެ.

ދުނިޔޭގެ އެންމެ ބޮޑު މެރިން ރިޒާވަށް ރާއްޖެ ހައްދަވާނެ ކަމަށް އިއުލާންކޮށްފައިވީ ނަމަވެސް އެކަން ކުރިއަށް ގެންދާނެ ގޮތެއް އަދި ނޭނގެ އެވެ. އެކަމާ ބެހޭ ޕްލޭނެއް އަދި ނެތެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ވަރަށް ގިނަ ތަންތަން އެބަހުއްޓެވެ. އެއްގަމާއި ކަނޑުގަ އެވެ. އެގޮތުން 40 އަށް ވުރެ ގިނަ ސަރަހައްދު ހިމާޔަތްކޮށްފައި ވާއިރު މީގެ ތެރެއިން ގިނައީ ކަނޑުގެ ސަރަހައްދުން ހިމާޔަތްކޮށްފައިވާ ތަންތަނެވެ. އެކަމަކު އެ ތަންތަނަށް ލިބެނީ ކޮން ހިމާޔަތެއް ބާވަ އެވެ؟ އެއީ ނަމެއްގައި، ލިޔުމަކުން ހިމާޔަތްކޮށްފައިވާ ތަންތަނެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ތަންތަން ބެލެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެންމެ ބޮޑު ހުރަހަކީ ފައިސާގެ ދަތިކަމެވެ.

އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ހިމާޔަތްކޮށްފައިވާ ތަންތަން އެންމެ އެދެވޭ ގޮތުގައި ބެލެހެއްޓޭނީ މެނޭޖްމަންޓް ޕްލޭނެއް ހަދައިގެން ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފަންޑު ވެސް ހޯދައިގެން ކަމަށެވެ.

"ހިމާޔަތްކޮށްފައިވާ ބައެއް ތަންތަން ބެލެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން. މިސާލަކަށް ކަނޑު އަޑިން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ބެލެހެއްޓުމަކީ ދަތި ކަމެއް. މިކަން އެންމެ އެދެވޭ ގޮތުގައި ކުރުމަށްޓަކައި މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލަން ޖެހޭ،" ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމަށް އަމިއްލަ ބައެއް ފަރާތްތަކުގެ އިތުރުން ރަށު ކައުންސިލްތަކުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް އުސޫލުތަކެއް ކަނޑައަޅަމުން އަންނަ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ. ނަމަވެސް ގައުމީ ފެންވަރުގެ މުހިންމު ތަންތަން ބަލަހައްޓާނީ އީޕީއޭގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ބައެއް ސަރަހައްދުތައް ހިމާޔަތްކޮށްފައިވީ ނަމަވެސް ބ. އަތޮޅުގައި ދަނީ ނަމޫނާ މަޝްރޫއެއް ހިންގަމުންނެވެ. އެޓޯލް ކޮންޒަވޭޝަން ޕްރޮޖެކްޓުގެ ދަށުން އެ އަތޮޅުގައި މިހާރު ވަނީ ބަޔޮސްފިއާ ރިޒާވެއް ވެސް ގާއިމްކޮށްފަ އެވެ.

އެޓޯލް ކޮންޒަވޭޝަން ޕްރޮޖެކްޓުގެ މެނޭޖަރު އަބްދުﷲ ޝިބާއު ވެސް ވިދާޅުވީ ހިމާޔަތްކޮށްފައިވާ ތަންތަން ބެލެހެއްޓުމުގައި ދިމާވާ އެންމެ ބޮޑު ހުރަހަކީ ފައިސާގެ ދަތިކަން ކަމަށެވެ. އެހެންކަމުން ބ. އަތޮޅުގައި ހިންގާ މަޝްރޫ އަށް ފައިސާ ހޯދުމަށްޓަކައި ކޮންޒަވޭޝަން ފަންޑެއް މިހާރު ވަނީ ގާއިމްކޮށްފަ އެވެ.

ޝިބާއު ވިދާޅުވީ ކޮންޒަވޭޝަން ފައިނޭންސް ނެތި، ހިމާޔަތްކޮށްފައިވާ ތަންތަން ރަނގަޅު ގޮތުގައި ނުބެލެހެއްޓޭނެ ކަމަށެވެ.

ބ. އަތޮޅުގައި 2003 ވަނަ އަހަރު މި މަޝްރޫއު ފެށި އިރު ހިމާޔަތްކޮށްފައި ވަނީ ދިގަލިހާ އެކަންޏެވެ. ނަމަވެސް އެ އަތޮޅުން މިހާރު ވަނީ 10 ތަނެއް ހިމާޔަތްކޮށްފަ އެވެ. ބ. އަތޮޅުގައި ހިންގާ މި މަޝްރޫއު މި އަހަރު ނިމޭއިރު މި މަޝްރޫގައި ހުރި ރަނގަޅު ކަންތައްތައް އެހެން އަތޮޅުތަކަށް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޝިބާއު ވިދާޅުވި އެވެ.

ތިމާވެށީގެ ތަޖުރިބާކާރެއް ކަމަށްވާ މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވީ ކަނޑުގެ ސަރަހައްދުން ހިމާޔަތްކޮށްފައިވާ ތަންތަން ބެލެހެއްޓުމަކީ އަގު ބޮޑު މަސައްކަތެއް ކަމަށެވެ.

"ސެޓެލައިޓުގެ އެހީގައި ވެސް އެތަންތަން ބެލެހެއްޓިދާނެ. މި ގޮތުން ބަލާއިރު އެޑްވާންސް ޓެކްނޮލޮޖީ އެކަމަށް ބޭނުންވާނެ،" ތިމާވެށީގެ ރޮނގުން ގްލޯބަލް 500 ހޯއްދަވާފައިވާ މީމު ޒަވިޔަނި ވިދާޅުވި އެވެ. "އެކަމަކު މި މަސައްކަތުގެ އަގު ބޮޑުވުމަކީ އެކަން ނުކޮށް ދޫކޮށްލުމެއް ނޫން."

މީމު ޒަވިޔަނި ވިދާޅުވީ ރާއްޖޭގެ މުރަކަ ފަރުތަކަކީ ދުނިޔޭގެ ހެރިޓޭޖް ލިސްޓުގައި ހިމެނުމަށް ޝަރުތު ހަމަވާ ތަންތަނުގެ ގޮތުގައި މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ޔުނެސްކޯ އިން ނެރުނު ބައެއް ލިޔުންތަކުގައި ވެސް ހިމަނާފައިވާ ކަމަށެވެ.

3 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait