ބަޔޯސްފިއާ ރިޒާވް

ދުނިޔޭގެ ބައެއް ބަޔޮސްފިއާ ރިޒާވްތައް

އަހުމަދު އަބުދުﷲ ސައީދު
28 ޖޫން 2012 09:33 4 ކޮމެންޓު
  • މަޔޯރ ފަރުބަދަ، ޗައިނާ: ދުނިޔޭގެ ބަޔޮސްފިއާ ރިޒާވްގައި 2011 ވަނަ އަހަރު ހިމަނާފައިވާ މި ސަރަހައްދަކީ ކަނޑުގެ ސަތަހަ އިން ފެށިގެން 2،141.5 މީޓަރު އުހުގައި އޮންނަ ގާތްގަނޑަކަށް 23،608.5 ހެކްޓަރުގެ ބޮޑު ސަރަހައްދެއް. ފޮޓޯ/ޔުނެސްކޯ

  • ސޮންގޯރް، ގާނާ: މިއީ މީރު ފެނުގެ ކޯރުތަކާއި އެ ކޯރުތަކާ ގުޅިފައިވާ އެއްގަމުގެ މުއްސަނދި ސަރަހައްދެއް ހިމެނޭ ތަނެއް. ފޮޓޯ/ޔުނެސްކޯ

  • ބ. އަތޮޅު، ހަނިފަރު: ބ. އަތޮޅުން ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް 174،000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް. މިއީ އެންމެ ގިނައިން އެންމަޑި އާއި ފެހިރިހި ދިރިއުޅެ އާލާވަމުންދާ ސަރަހައްދު. ފޮޓޯ/ޔުނެސްކޯ

  • ބ. އަތޮޅު، ހަނިފަރު: ބ. އަތޮޅުން ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް 174،000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް. މިއީ އެންމެ ގިނައިން އެންމަޑި އާއި ފެހިރިހި ދިރިއުޅެ އާލާވަމުންދާ ސަރަހައްދު. ފޮޓޯ/ޔުނެސްކޯ

  • މުޖީބު، ޖޯޑްން: ދުނިޔޭގެ ބަޔޮސްފިއާ ރިޒާވްގައި މިދިޔަ އަހަރު ހިމަނާފައިވާ މި ސަރަހައްދަކީ ކަނޑުގެ ސަތަހަ އިން ފެށިގެން 420 މީޓަރު ތިރީގައި އޮންނަ ސަރަހައްދެއް. ފޮޓޯ/ޔުނެސްކޯ

  • މުޖީބު، ޖޯޑްން: ދުނިޔޭގެ ބަޔޮސްފިއާ ރިޒާވްގައި 2011 ވަނަ އަހަރު ހިމަނާފައިވާ މި ސަރަހައްދަކީ ކަނޑުގެ ސަތަހަ އިން ފެށިގެން 420 މީޓަރު ތިރީގައި އޮންނަ ސަރަހައްދެއް. ފޮޓޯ/ޔުނެސްކޯ

  • މަޔޯރ ފަރުބަދަ، ޗައިނާ: ދުނިޔޭގެ ބަޔޮސްފިއާ ރިޒާވްގައި 2011 ވަނަ އަހަރު ހިމަނާފައިވާ މި ސަރަހައްދަކީ ކަނޑުގެ ސަތަހަ އިން ފެށިގެން 2،141.5 މީޓަރު އުހުގައި އޮންނަ ގާތްގަނޑަކަށް 23،608.5 ހެކްޓަރުގެ ބޮޑު ސަރަހައްދެއް. ފޮޓޯ/ޔުނެސްކޯ

ދުނިޔޭގެ ތާރީޚަށް ބަލާއިރު ބަޔޮސްފިއާ ރިޒާވްގެ މަސައްކަތް އަމަލީ ގޮތެއްގައި ފެށިފައިވަނީ އދ.ގެ ސައެންސާއި ތައުލީމާ ބެހޭ ޖަމިއްޔާ "ޔުނެސްކޯ" އިން 1968 ވަނަ އަހަރު އިންތިޒާމްކުރި ބަޔޮސްފިއާ ކޮންފަރެންސަށް ފަހުގަ އެވެ. މިއީ އެކި ގައުމުތަކުގައި ހުރި ގުދުރަތީ މުއްސަނދި ކަމާއި ވަސީލަތްތައް އޭގެ ފުރިހަމަ ގޮތުގައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް ބޭނުންކުރަމުން ގެންދެވިދާނެ ގޮތްތަކާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް ބޭއްވި ކޮންފަރެންސެކެވެ.

އެ ކޮންފަރެންސްގެ ނަތީޖާއެއްގެ ގޮތުން ގިނަ ގައުމުތަކެއް، އެ ގައުމުތަކުގައިވާ ގުދުރަތީ މުއްސަނދިކަމާއި ވަސީލަތްތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް ޚާއްސަ އިސްކަމެއް ދޭން ފެށުނެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ 114 ގައުމުގެ 580 ތަނާއި ސަރަހައްދު، މިއަދުވަނީ ހިމާޔަތްކުރެވިފައިވާ ތަންތަން ކަމުގައި ކަނޑައަޅައި ރައްކާތެރިކޮށްފަ އެވެ. އޭގެ ތެރޭގައި ކަނޑުގެ ދިރުންތަކާއި އެއްގަމުގެ ސަރަހައްދުތަކާއި ފަރުބަދަތަކާއި ކޯރު ފަދަ ތަންތަން ހިމެނެ އެވެ.

ދުނިޔޭގެ ގައުމުތަކުގައިވާ މިފަދަ ސަރަހައްދުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގައި، ދޭދޭ ގައުމުތަކުގެ މެދުގައި މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމަށްޓަކައި، "ވޯލްޑް ނެޓްވޯކް އޮފް ބަޔޮސްފިއާ ރިޒާވްސް" ގެ ނަމުގައި ވަނީ ޚާއްސަ ޕްރޮގްރާމެއް ފަށައިފަ އެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު އަމާޒަކީ، ގައުމުތަކުގައި ހުރި ތިމާވެށީގެ ގޮތުން ނާދިރު ތަންތަން، ތިމާވެއްޓާ ރަހުމަތްތެރި، އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ވެސް އިންސާނުންނަށް ފައިދާކުރަނިވި ގޮތެއްގައި ދިގު ޒަމާންތަކަށް ރައްކާތެރިކޮށް ބެލެހެއްޓުމެވެ.

ކޮންމެ އަހަރަކުގެ ވެސް ދުނިޔޭގެ އެކި ތަންތަން، ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ޔުނެސްކޯ އިން ކަނޑައަޅަ އެވެ. އެ ގޮތުން 2011 ވަނަ އަހަރު ވެސް 18 ތަނެއް އދ.ގެ މޭން އެންޑް ބަޔޮސްފިއާ ޕްރޮގްރާމްގައި ހިމަނާފައިވެ އެވެ.

ބ. އަތޮޅު:

އޭގެ ތެރެއިން އެއް ތަނަކީ ރާއްޖޭގެ ބ. އަތޮޅުގައި އޮންނަ ހަނިފަރު ސަރަހައްދެވެ. ބ. އަތޮޅުން ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް 174،000 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. މިއީ އެންމެ ގިނައިން އެންމަޑި އާއި ފެހިރިހި ދިރިއުޅެ އާލާވަމުންދާ ސަރަހައްދެވެ. މީގެ އިތުރުން ވަރަށް ނާދިރު ބާވަތްތަކުގެ މުރަކަ އާއި އެ ނޫން ދިރޭ ތަކެތި ވެސް މި ސަރަހައްދުގައި ހިމެނެ އެވެ.

މަޔޯ ފަރުބަދަ، ޗައިނާ:

މިއީ ގާތްގަނޑަކަށް 23،608.5 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. މިއީ ޗައިނާ އިން ގައުމީ ފެންވަރުގައި ވެސް ހިމާޔަތްކޮށްފައިވާ، ވަރަށް ރީތި ގަސްތަކާއި މާބަގީޗާތައް ހިމެނޭ ސަރަހައްދެކެވެ. މީރު ފެނުގެ ކޯރެއް ވެސް ހިމެނޭ މި ސަރަހައްދަކީ ކަނޑުގެ ސަތަހަ އިން ފެށިގެން 2،141.5 މީޓަރު އުހުގައި އޮންނަ ތަނެކެވެ. ދެކުނު ޗައިނާގެ މަޝްހޫރު ތިން ކޯރު ކަމަށްވާ ލީ، ޒީ އަދި ޒުން ކޯރު ފެށިފައިވަނީ މަޔޯ ފަރުބަދައާ ހަމައިންނެވެ.

ސޮންގޯރް، ގާނާ:

މިއީ މީރު ފެނުގެ ކޯރުތަކާއި އެ ކޯރުތަކާ ގުޅިފައިވާ އެއްގަމުގެ މުއްސަނދި ސަރަހައްދެއް ހިމެނޭ ތަނެކެވެ. އަދި ކުޅިއާއި ފާތަކުގައި ހެދޭ ޒާތުގެ ގަސްތައް ގިނަ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ސަރަހައްދެކެވެ. ބޮޑުމިނަކީ ގާތްގަނޑަކަށް 51،113.3 ހެކްޓަރެވެ.

މުޖީބު، ޖޯޑްން:

މިއީ އުރްދުން ވާދީގެ ދެކުނު ސަރަހައްދުގައި އޮންނަ ފަރުބަދަތަކާއި ވާދީތައް ހިމެނޭ ސަރަހައްދެކެވެ. ވާދީތައް ގިނަ މި ސަރަހައްދު ގުޅިފައި އޮންނަނީ ޑެޑް ސީގެ އައްސޭރިފަށާ އެވެ. މި ސަރަހައްދުން ހިމާޔަތްކުރެވިފައިވާ ތަނުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 21،200 ހެކްޓަރެވެ. މި ސަރަހައްދުގެ އެންމެ ތިރި ހިސާބު ވެސް އޮންނަނީ ކަނޑުގެ ސަތަހަ އިން ފެށިގެން 420 މީޓަރު ތިރީގަ އެވެ. މިއީ މި ބިންމަތީގައި ކަނޑުގެ ސަތަހަ އިން ފެށިގެން އެންމެ ތިރީގައި އޮންނަ ހިކިފަސް ތަނެވެ.

4 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait