ބ. ހަނިފަރު ސަރަހައްދަކީ ރާއްޖޭގައި އަދި ދުނިޔޭގައި ވެސް ހާއްސަ ސަރަހައްދެކެވެ. އެ ސަރަހައްދުގެ ގުދުރަތީ ރީތިކަމުގެ ވާހަކަ ދައްކަނީ ހަމައެކަނި ފަތުރުވެރިންނެއް ނޫނެވެ. ބޭރު ގައުމުތަކުގެ ނޫސްތަކާއި ޓީވީ ޗެނަލްތަކުގެ ސަމާލުކަން ވެސް އެ ސަރަހައްދަށް އެބަ އޮތެވެ. މައިގަނޑު ސަބަބަކީ އެ ސަރަހައްދުން އެންމަޑި އާއި ފެހުރިހި ފެންނާތީ އެވެ.
ބ. އަތޮޅުގެ ގުދުރަތީ ރީތިކާއި އެ އަތޮޅުގައި ހުރި ހާއްސަ ކަންކަމުގެ ސަބަބުން، ހިމާޔަތުގެ ފިޔަވަޅެއްގެ ގޮތުން މުޅި އެ އަތޮޅު ވަނީ ޔުނެސްކޯގެ ބަޔޮސްފެއާ ރިޒާވަކަށް ހަދައިފަ އެވެ. މިއީ ރާއްޖޭގެ ފުރަތަމަ ބަޔޮސްފެއާ ރިޒާވް އެވެ. ޔުނެސްކޯގެ ބަޔޮސްފެއާ ރިޒާވަކަށް މިދިޔަ އަހަރު ބ. އަތޮޅު ލިސްޓްކުރި ނަމަވެސް، އޭގެ މާ ކުރިން އެ އަތޮޅުގެ ކަނޑުގެ ރީތިކަން ދެމެހެއްޓުމުގެ މަސައްކަތްތައް ވަނީ ފަށައިފަ އެވެ. އެގޮތުން 2003 ވަނަ އަހަރުން ފެށިގެން އެޓޯލް އެކޯސިސްޓަމް ކޮންޒަވޭޝަން (އޭއީސީ) ޕްރޮޖެކްޓް ނަމުގައި އެ އަތޮޅުގައި ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫއެއް އަންނަނީ ހިންގަމުންނެވެ.
އެ މަޝްރޫއުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ރާވައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމުގެ މުހިންމުކަން އަށަގެންނެވުން ހިމެނެ އެވެ. އަދި ތިމާވެށި ހިމާޔަތްކުރުމާއި ހިމާޔަތްކުރުމަށް ސަރަހައްދުތައް ދެނެގަނެ އެ ސަރަހައްދުތައް ބެލެހެއްޓޭނެ ގޮތްތަކެއް ކަނޑައެޅުމަކީ ވެސް މަޝްރޫއުގެ މަގުސަދެކެވެ. މި މަޝްރޫއު ފެށިއިރު. ބ. އަތޮޅުގައި ހިޔާމަތްކޮށްފައި އޮތީ އެންމެ ސަރަހައްދެކެވެ. އެކަމަކު މިހާރު 14 ކޯ އޭރިއާއެއް ވަނީ ކަނޑައަޅައިފަ އެވެ.
މަޝްރޫއުގެ އަނެއް މަގުސަދަކީ ބ. އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމެވެ.
ބ. އަތޮޅު ބަޔޮސްފެއާ ރިޒާވަކަށް ހެދުމުގެ ހިޔާލު އައީ 2009 ވަނަ އަހަރު އެވެ. އެއީ އޭއީސީ ޕްރޮޖެކްޓް ހުއްޓާލައިފި ނަމަ، އެ އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް، ހާއްސަކޮށް ހަނިފަރު ސަރަހައްދު ހަލާކުވެދާނެތީ އެވެ.
"ރާއްޖޭގެ ޕްރޮޖެކްޓް ނިމޭއިރު ހަމައެކަނި ޕްރޮޖެކްޓް ރިޕޯޓް ފެންނަން ހުންނާނީ. އެހެންވެ އައި ޚިޔާލަކީ ޔުނެސްކޯގެ ބަޔޮސްފެއާ ރިޒާވަކަށް [ބ. އަތޮޅު] ހުށަހެޅުމަށް.
ބ. އަތޮޅު ބަޔޮސްފެއާ ރިޒާވަކަށް ހެދުމަށްޓަކައި ޔުނެސްކޯ އަށް ހުށަހެޅީ 2010 ސެޕްޓެމްބަރުގައި. ހުށަހެޅީމާ އެ އަހަރުގެ ޑިސެމްބަރުގައި ކަންޑިޝަނަލް އެޕްރޫވެއް ދިނީ އެ އަހަރުގެ ޑިސެމްބަރުގައި. އަދި މިދިޔަ އަހަރު ބަޔޮސްފެއާ ރިޒާވެއް ކަމަށް ކަނޑައެޅީ" އޭއީސީ ޕްރޮޖެކްޓުގެ މެނޭޖަރު އަބްދުﷲ ޝިބާއު ވިދާޅުވި އެވެ.
ބ. އަތޮޅުގައި ކަނޑައަޅާފައިވާ ކޯ އޭރިޔާތަކުގެ ތެރެއިން އެންމެ ހާއްސަ ތަނަކީ ހަނިފަރެވެ. އެއީ އެ ސަރަހައްދުން އެންމަޑި އާއި ފެހުރިހި ފެންނާތީ އެވެ. އެކަމަށް ޓޫރިސްޓުންގެ ޝައުގުވެރިކަން ވެސް ބޮޑެވެ. މިއީ އެ ސަރަހައްދުން އެންމަޑި އާއި ފެހުރިހި ފެންނަން ފަށާ ދުވަސްވަރެވެ. ޝިބާއު ވިދާޅުވި ގޮތުގައި ކޮންމެ އަހަރެއްގެ ޖޫން މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށް ހަނިފަރު ކައިރިން އެންމަޑި އާއި ފެހުރިހި ފެނެ އެވެ.
"މިތަން ހިމާޔަތްވުމުން މިތަނަށް ސަމާލުކަން އިތުރުވެއްޖެ. މި ސަރަހައްދަށް އަންނަ މީހުންގެ އަދަދު 200 ޕަސެންޓް އިތުރުވެއްޖެ،" އޭނާ ވިދާޅުވި އެވެ.
އެ ތަން ބަޔޮސްފެއާ ރިޒާވަކަށް ހެދުމުގެ ކުރިން އެ ސަރަހައްދަށް ޒިޔާރަތްކުރާ މީހުންގެ އަމަލްތައް ބަހައްޓާނެ ވަކި އުސޫލެއް ނޯވެ އެވެ. ސަފާރީތަކާއި ދޯނިފަހަރު މުޅި އެ ސަރަހައްދުގައި އަޅައިގެން އުޅޭއިރު، ގިނަ އަދަދެއްގެ ބަޔަކު އެއް ފަހަރާ އެ ސަރަހައްދަށް ފީނަ އެވެ. ބައެއް ފަހަރު އެއް ބަޔަކު އަނެއް ބަޔަކަށް ތަޅައިފޮޅާ ހިސާބަށް ކަންތައް ގޮސްފައި އެބަހުރި ކަމަށް ވެސް ޝިބާއު ވިދާޅުވި އެވެ. އެހެންވެ މިހާރު އެ ސަރަހައްދު ބެލެހެއްޓުމަށް އުސޫލުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.
"މިހާރު ހަނިފަރަށް ވަދެވޭނީ ވަކި ހުއްދައެއް އޮވެގެން. ޓްއާ ގައިޑެއް ހުންނަން ޖެހޭނެ. އެތަނަށް ވަދެވޭނީ އުތުރު ފަރާތުގައި ހުންނަ ނެރުން. އެންމެ ފަހަރަކު އެ ސަރަހައްދުގައި އެންމެ ގިނަވެގެން އަޅާފައި ބޭއްވޭނީ ފަސް އުޅަނދަށް. އެއީ ގިނަވެގެން 80 މީހުން،" ޝިބާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބ. އަތޮޅު ބަޔޮސްފެއާ ރިޒާވަށް ދުނިޔޭގެ ސަމާލުކަން ލިބިފައިވާއިރު، އެކަމުގެ ސަބަބުން ރާއްޖެ އިތުރަށް މަޝްހޫރުވެ، ރާއްޖެ އަންނަ ފަތުރުވެރިން ވެސް އިތުރުވާނެ އެވެ. އެކަމަކު އެ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމަކީ ކުޑަ ކަމެއް ނޫނެވެ. ދެން އޮތީ އެކަން ކުރުމެވެ. އެގޮތުން ބ. އަތޮޅުގައި މިހާރު ވަނީ ބަޔޮސްފެއާ ރިޒާވް އޮފީހެއް ހަދައި، ފަންޑެއް ވެސް ގާއިމުކޮށްފަ އެވެ. އެ ފަންޑަށް، އޭއީސީ ޕްރޮޖެކްޓް ހިންގުމަށް އެންމެ ބޮޑަށް އެހީތެރިވާ ބައިނަލްއަގުވާމީ ޖަމާއަތް، ގްލޯބަލް އެންވަރަމަންޓް ފެސިލިޓީން ވަނީ 250،000 ޑޮލަރު ދީފަ އެވެ. އަދި ސަރުކާރުން 250،000 ޑޮލަރު ދޭން އެއްބަސްވެފައިވާ ކަމަށާއި އޭގެ ތެރެއިން 50،000 ޑޮލަރު މިހާރު ވެސް ދީފައިވާ ކަމަށް ޝިބާއު ވިދާޅުވި އެވެ. އަދި ބަޔޮސްފެއާ ބެލެހެއްޓުމަށް ރިސޯޓްތަކުން ވެސް ފަންޑުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކޮންޒަވޭޝަން ފަންޑަށް ކޮންމެ ރިސޯޓަކުން މަދުވެގެން އަހަރަކު 10،000 ޑޮލަރު ) 154،200ރ.( ލިބޭނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ އަދި ސަފާރީ ދޯނިފަހަރާއި ޑައިވް ސްކޫލްތަކުން ވެސް ފަންޑުގައި ބައިވެރިވާނެ ކަމަށް ޝިބާއު ވިދާޅުވި އެވެ.
މި ފަންޑުން އެ ސަރަހައްދު ބެލެހެއްޓުމާއި އެ ސަރަހައްދުގެ ދިރާސާތައް ކުރިއަށް ގެންދިއުމުގެ އިތުރުން ބ. އަތޮޅު ރައްޔިތުންނަށް ހިލޭ އެހީ ދޭނެ ކަމަށް ވެސް ޝިބާއު ވިދާޅުވި އެވެ.
މިހާރު ސަރުކާރުން ވަނީ މުޅި ރާއްޖެ ދުނިޔޭގެ އެންމެ ބޮޑު މެރިން ރިޒާވަށް ހެދުމަށް ކަނޑައަޅައިފަ އެވެ. އެކަން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ކުރެވޭނެ ކަމަށް ރައީސް މުހައްމަދު ވަހީދު ވިދާޅުވި އެވެ. އެކަން ކާމިޔާބު ވެއްޖެ ނަމަ ބ. އަތޮޅު ބަޔޮސްފެއާ ރިޒާވަށް ދުނިޔޭގެ ސަމާލުކަން ލިބޭ ފަދައިން މުޅި ރާއްޖެ އަށް ވެސް ބޮޑު ސަމާލުކަމެއް ލިބޭނެ އެވެ.


މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
9 comments