ހދ. ވައިކަރަދޫ ދެ އަންހެންކުދިން ރަށުން ފައިބައިގެން އެހެން ރަށަކަށް ދިއުމުން ބައެއް މީހުންނަށް ގޯސްވީ އެ ދެ ކުދިންނެވެ. ދެބެއިންނަށް ލިބެމުންދިޔަ ޖިންސީ އަނިޔާ އާއި ގެއިން ނުކުމެގެން ދާން ޖެހުނު ސަބަބުތަކަށްޓަކައި އެ ކުދިންނަށް މާ ބޮޑު ހަމްދަރުދީއެއް ނުލިބުނެވެ. ތަކުރާރުކޮށް އެތައް ބައެއްގެ ޝިކާރައަކަށް ވަމުން ދިޔަ ށ. ފޭދޫ އަންހެންކުއްޖާ އަށް ކިރިޔާ ވެސް ސަމާލުކަމެއް ލިބުނީ އޭނާ ބަލިވެ އިނދެ، ވިހައި ދަރިފުޅު ގޭތެރޭގައި ވަޅުލާފައި އޮއްވާ ފެނުމުންނެވެ. އެ މައްސަލާގައި މަންމަ އާއި ދޮންބައްޕަ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އެހާތަނާ ޖެހެންދެން 15 އަހަރުގެ ކުއްޖާ އެ އަނދިރި ދުނިޔެ އިން ސަލާމަތްކޮށް ނުދެވުނު އިރު ގެއްލިގެންދިޔަ ތުއްތު ފުރާނަ ވެސް ސަލާމަތް ނުކުރެވި ވަގުތު އޮތީ ފާއިތުވެފަ އެވެ. ބަޔަކަށް އެކަން ނޭނގޭތީއެއް ނޫނެވެ.
މިއީ ވަރަށް ބާ މައުލޫ އެކެވެ. އެތަކެއް ފަހަރު ތަކުރާރުވަމުންދާ ވާހަކަތަކެކެވެ. އެކަމަކު ކުޑަކުދިން ޖިންސީ ޝިކާރައަކަށް ވުމަކީ އެންމެ ސީރިއަސް އެއް މައްސަލަ އެވެ. އާބާދީގެ ނިސްބަތުން ރާއްޖޭގައި އިންތިހާ އަށް ބޮޑު ކަމަށް ބެލެވޭ މި މައްސަލައިގެ ވާހަކަ އަބަދު ދައްކަން ޖެހެނީ އިހުމާލު ބޮޑުކަމުންނެވެ. ޚާއްސަގޮތެއްގައި ބެލެނިވެރިންނާއި ކަމާބެހޭ ފަރާތްތަކެވެ.
ޖެންޑާ، ފެމިލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ޑިސެމްބަރު 2010 އިިން އޮކްޓޯބަރު 2011 ގެ ނިޔަލަށް ހުށަހަޅާފައިވާ، 18 އަހަރުން ދަށުގެ ކުދިންގެ މައްސަލަތަކުގެ ތެރެއިން 56.8 ޕަސެންޓަކީ ހާނިއްކައިގެ މައްސަލަތަކެވެ. އަދި އޭގެ ތެރެއިން 25.3 ޕަސެންޓަކީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެއަށްވުރެ ވެސް ބޮޑަށް ސިއްސައިގެންދާ އަދަދުތަކަކީ މިއީ އެވެ؛ އެ 10 މަސް ދުވަހުގެ ތެރޭގައި ފަސް އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންގެ 230 މައްސަލަ ހުށަހެޅި އިރު އޭގެ ތެރޭގައި ޖިންސީ ހާނިއްކައިގެ 47 މައްސަލަ ހިމެނެ އެވެ. އަދި 11 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ 348 މައްސަލަ ހުށަހެޅި އިރު އޭގެ ތެރެއިން 106 މައްސަލައަކީ ( 30.5 ޕަސެންޓް) ޖިންސީ އަނިޔާގެ މައްސަލަތަކެވެ!
ކަމާބެހޭ ބައެއް ބޭފުޅުން ވިދާޅުވަނީ އަދަދުތައް މިހާ މަތިވެފައިވަނީ ހޭލުންތެރިކަން އިތުރުވެ، ރިޕޯޓްކުރާ މިންވަރު އިތުރުވުމުން ކަމަށެވެ. އެކަމަކު ހަގީގަތުގައި ވެސް ޖިންސީ އަނިޔާ އިތުރުވަމުންދާ ކަމަށް ވެސް ބެލެވިދާނެ އެވެ. ކަން ހިނގަނީ މި ދެ ގޮތުން ކުރެ ކޮން ގޮތަކަށް ކަން ކަނޑައެޅިގެން ބުނަން ނުވަތަ ދިރާސާއަކުން ހޯދަން ފަސޭހަވާނެހެނެއް ހިއެއް ނުވެ އެވެ. ނަމަވެސް އެނގޭ އެއް ކަމެއް އެބައޮތެވެ. ޖިންސީ ޝިކާރަވެރިންގެ މަޅިތަކުގައި އެތަކެއް ކުޑަކުދިންނެއް ޖެހެމުން ދާއިރު މައިންބަފައިންނާއި ކަމާބެހޭ ފަރާތްތައް ތިބީ ގަބުވެފަ އެވެ. ބައްޕަ ނުވަތަ ދޮންބައްޕަގެ ކިބައިން ދަރިން ސަލާމަތްކުރުމަށް މައިން ނުކުޅެދިފައި ވާއިރު ކުއްޖަކަށް ހާނިއްކަ ލިބެމުން ދިޔަ ޔަސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ވެސް އެ ކުދިންނަށް ހިމާޔަތެއް ނުދެވެ އެވެ. ވައިކަރަދު އާއި ފޭދޫން ދާދި ފަހުން ފެނިގެން އެ ދިޔައީ އޭގެ ވަރަށް ރަނގަޅު ދެ މިސާލެވެ.
ފޭދޫ ކޭސް އަށް ބަލާ އިރު ކުރިން އެ މައްސަލަ ބެލި ފުލުހުންނަށާއި ސޯޝަލް ވޯކަރުންނަށް ހުރަސްތަކެއް ކުރިމަތިވި އެވެ. އެކަމަކު އަނިޔާ ލިބެމުންދާ ކުއްޖާ އަނިޔާގެ މާހައުލުން ދުރަށް ގެންދަން އާއިލާ އިން ދެކޮޅުހެދުމުން ނުވަތަ އަނިޔާލިބެމުންދާ ކަމަށް ކުއްޖާ އިންކާރުކުރުމުން ދެން ހެދޭނެ ގޮތެއް ނެތުމަކީ ހައިރާންވާންޖެހޭ ކަމެކެވެ. އާއިލާގެ ހަޑިހުތުރު "ސިއްރު" ބޭޒާރުވެދާނެތީ އާއިލާ އިން ދެކޮޅުހަދާނެ އެވެ. ދުނިޔޭގެ ލަދަށްޓަކައި އަދި އަނިޔާކުރާ މީހާ ނުވަތަ އާއިލާގެ މީހުން ދެކެ ބިރުން، އަނިޔާލިބޭ ކުއްޖާ ދޮގު ވެސް ހަދާނެ އެވެ. މާނައަކީ ސަރުކާރަށް ކުރެވޭނެ އިތުރު ކަމެއް ނެތުން ހެއްޔެވެ؟ އެތައް ބަޔަކަށް މަންޒަރު ފެނި އެތައް ހެކިތަކެއް ލިބިފައި ވިޔަސް ކުއްޖާ ރައްކާތެރިކުރެވޭނެ ގޮތެއް ނޯންނާނެ ހެއްޔެވެ؟
ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދޭ އެތަކެއް ގާނޫނެއް އެބަހުއްޓެވެ. މީގެ 20 އަހަރު ކުރިން ފެށިގެން އަމަލުކުރަމުން އަންނަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނާއި 2009 ވަނަ އަހަރު އައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނާއި މި އަހަރު ތަންފީޒުކުރަން ފެށި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި، މި އަނިޔާވެރިކަމުން ކުދިން ހިމާޔަތްކުރަން ބާރުއަޅާ އެތަކެއް މާއްދާތަކެއް އެބަހުއްޓެވެ. އެކަމަކު ފިޔަވަޅު ނޭޅޭ މައްސަލަ ބޮޑެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތައް 1990ގެ އަހަރުތަކުން ފެށިގެން އެކި ނަންނަމުގައި ވަނީ އުފައްދާފަ އެވެ. އެކަމަށް ޚާއްސަ ޔުނިޓެއް ނުވަތަ ޑިޕާޓްމެންޓެއް ނުވަތަ މިނިސްޓްރީއެއް ނެތް އިރެއް ނާދެ އެވެ. ހިއުމަން ރައިޓްސް ކޮމިޝަނެއް ވެސް އެބައޮތެވެ. މި ދާއިރާ އަށް ޚާއްސަ އަމިއްލަ ޖަމްއިއްޔާތައް ވެސް އެބަހުއްޓެވެ. ނަތީޖާ ނެރެވެނީ ކިހާ ވަރަކަށް ހެއްޔެވެ؟
މިހާރު އެންމެ އިސް ޒިންމާ އުފުލަން ޖެހޭ ޖެންޑާ، ފެމިލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓްރީން ފާހަގަކުރާ ގޮތުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އަތޮޅުތަކުގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސެންޓަރުތަކެއް ހުއްޓަސް އެ ތަންތަނުގައި ފަރުނީޗަރު ފަދަ ވަސީލަތެއް ނެތުމުން ކުދިން ބޭތިއްބޭނެ ގޮތެއް ނެތެވެ. އަނިޔާ ލިބޭ ކުދިން ސަރުކާރުގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށް ފަހު އަލުން އާއިލާއާ ހަވާލުކުރާ އިރު އެ ކުދިން މޮނިޓާކުރެވޭނެ ނިޒާމެއް ވެސް ނެތެވެ.
ފޭދޫ ކޭސްއާ ގުޅިގެން ހަވީރުން ސުވާލުކުރުމުން މިނިސްޓަރު ދިޔާނާ ސައީދު ދާދި ފަހުން ވިދާޅުވެފައިވަނީ މިދިޔަ މޭ މަހު މިނިސްޓްރީއަކަށް ބަދަލުވުމުގެ ކުރިން ޑިޕާޓްމެންޓް އޮތީ ވަރަށް ބަލިކަށިކޮށް ކަމަށެވެ. ތަފާތު މައްސަލަތައް ފާހަގަކުރައްވަމުން ދިޔާނާ ވިދާޅުވެފައިވަނީ ޖިންސީ ގޯނާ ކުރިމަތިވާ ކުދިން ރައްކާތެރި ނުކުރެވި، ކަންބޮޑުވާ މިންވަރަށް ތިބި ކަން ގަބޫލުކުރައްވާ ކަމަށެވެ.
"ބައެއް ކަހަލަ ކަންކަމުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ވެސް ނޭޅިވާ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެއީ މިސާލަކަށް، އެގޮތަށް އަޅުގަނޑުމެން އެކަހެރިކުރަން ޖެހޭ ކުދިން ނުވަތަ ދައުލަތުގެ ބަދަލުވެރިކަމުގެ ތެރެއަށް ނަގަންޖެހޭ ކުދިން ނެގުމަށް ފަހު ވެސް ގާނޫނީ ޕްރޮސެސްގެ ބައެއް ކަންކަން ކޮމްޕްލީޓްނުވެ ހުރި ކަމަށް އަޅުގަނޑަށް ފާހަގަކުރެވުނީ،" ދިޔާނާ ވިދާޅުވި އެވެ.
ނަމަވެސް ކަންކަން ރަނގަޅުކޮށް، ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކުރަންވެއްޖެ ނަމަ ގާނޫނީ އެހީ ދީގެން ނަމަވެސް އެ މައްސަލައެއް ހައްލުކުރެވޭނެ އުސޫލެއް ހަމަޖައްސަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް ބޮޑުވެފައި ގިނައިރު އެކަމާ ދެކޮޅަށް ފިޔަވަޅުތައް އަޅާނެ ވަރުގަދަ ގާނޫނުތަކެއް ވަނީ ވުޖޫދަށް އައިސްފަ އެވެ. އެ ގާނޫނުތައް ތަންފީޒުކުރާ މުއައްސަސާތައް ވެސް ވަރުގަދަވާން ޖެހޭނެ އެވެ. އެކަށީގެންވާ މިންވަރަށް ފައިސާ އާއި ފަންނީ މީހުން ބޭނުންކޮށްގެން އެ ތަންތަނުގެ "ގަބުކަން" ފިލުވާލަން އެބަޖެހެ އެވެ. މި ޒިންމާ އުފުލަން ޖެހޭ ހުރިހާ ފަރާތްތަކުން ވެސް މަސްއޫލިއްޔަތު އަދާކުރުމުގައި މިހާރަށް ވުރެ ހަރުދަނާ ވާން ޖެހެ އެވެ. އެހެން ނޫން ނަމަ ފޭދޫ ކޭސް އާއި ވައިކަރަދޫ ކޭސް ފަދަ އިތުރު އެތަކެއް މައްސަލަތަކެއް އަދިވެސް ފެންމަތިވެ އެތަކެއް ކުދިންނެއްގެ ހައްގުތައް ދާނީ ނިގުޅައިގަންނަމުންނެވެ.
މިއީ ކިތަންމެ "ބާ" މައްސަލައަކަށް ވިޔަސް ސީރިއަސް މައްސަލައެކެވެ. އެންމެ ކުއްޖަކު ވެސް މީހެއްގެ ޖިންސީ ޝިކާރައަކަށް ވެގެން ނުވާނެ އެވެ.

6 comments