މަޖިލީހުގެ މާލިއްޔަތު ކޮމިޓީ

ގާނޫނާ ހިލާފު، އެކަމަކު މާ ބޮޑު މައްސަލައެއް ނޫން!

ހުސައިން ފިޔާޒު މޫސާ
09 ޖުލައި 2012 08:53 19 ކޮމެންޓު
  • މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް: އޮޑިޓް ރިޕޯޓްތައް ދިރާސާކުރުމުގެ މަސައްކަތް ވަނީ ފަށާފައި

ނިމިގެން ދިޔަ ހަފުތާއަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވަރަށް ޝައުގުވެރި ހަފުތާއެކެވެ. ޑިފެންސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި ރާއްޖެ އަށް ބޭހުގެ ސާމާނު އެތެރެނުކޮށް 11 މިލިއަން ރުފިޔާ ދައުލަތުން ނެގި ކަމަށް ތުހުމަތުކުރާ ކުންފުނި، އެފްޓެކްގެ މައްސަލައިގެ އޮޑިޓް ރިޕޯޓާ މެދު ހޫނު ބަހުސްތަކެއް ކޮމިޓީގައި ކުރި އެވެ. މާލިއްޔަތު ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންކަމުގައި ފިޔަވަޅު އެޅުމަށް މެމްބަރުން ވަކާލާތު ކުރައްވަ އެވެ. އެކަމަކު ހައިރާންކަން ލިބުނީ ބައެއް ކަންކަން މާ ބޮޑު މައްސަލައަކަށް ނުވުމުންނެވެ.

ޑިފެންސް މިނިސްޓްރީ އަށް މީގެ 11 އަހަރު ކުރިން، 2001 ވަނަ އަހަރު ނީލަމުން ލޯންޗެއް 138،888ރ. އަށް ގަތެވެ. އެ ލޯންޗް ގަތީ މިނިސްޓްރީން ތަކެތި ގަތުމުގައި އަމަލުކުރާ އުސޫލާ ހިލާފަށް ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ވަނީ ވިދާޅުވެފަ އެވެ. އަދި އެ ލޯންޗް އެއްގޮތަކަށް ވެސް ބޭނުންނުކޮށް ބާއްވާފައިވާތީ، އެއީ ވަކި ފަރާތަކަށް މަންފާ ހޯދައިދިނުމަށް ހިންގާފައިވާ މުއާމަލާތެއް ކަމަށް ބެލެވޭ ކަމުގައި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެ ލޯންޗް އެއްގޮތަކަށް ވެސް ބޭނުންނުކޮށް ބޭއްވުމަށް ފަހު، އަލުން ނީލަމުގައި ވިއްކާލަން ވަނީ ނިންމައިފަ އެވެ.

އޮޑިޓަ ޖެނެރަލް އޮފީހުގެ ފައިނޭންޝަލް އޮޑިޓް މެނޭޖަރު އިބްރާހިމް ނައީމް ވިދާޅުވީ ޑިފެންސް މިނިސްޓްރީ އަށް ތަކެތި ގަންނަނީ އެ އެއްޗެއް ގަތުމުގެ ބޭނުންތެރިކަން ދެނެގަތުމަށް ޓެކްނިކަލް ސްޓަޑީއެއް ނުވަތަ ނީޑް އެސެސްމެންޓެއް ހެދުމަށް ފަހު ކަމަށެވެ. އެކަމަކު ނީލަމުން އެ ލޯންޗް ގަތުމަށް، އެފަދަ އެއްވެސް ދިރާސާއެއް ހަދާފައިވާކަން އެނގެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭ ލިޔެކިޔުންތައް ވެސް ފެންނަން ނެތް ކަމަށާއި ހަމައެކަނި އެނގެން އޮތީ އެއީ ނީލަމުން ގަތް އެއްޗެއް ކަމަށް ނައީމް ވިދާޅުވި އެވެ.

އެ މައްސަލައިގެ ލިޔެކިޔުންތައް ފެންނަން ނެތުމުން، ލޯންޗް ގަތުމުގެ މުއާމަލާތް ހިންގާފައިވަނީ ކިހިނެތްކަން ކަށަވަރުކޮށް ކަނޑައެޅުމަށް ދަތިވި ނަމަވެސް، 11 އަހަރު ވަންދެން ލޯންޗް ބޭނުންނުކޮށް ބާއްވާފައި އޮތުމުން، އެ މުއާމަލާތަކީ ބަޔަކަށް ނުވަތަ މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކުރި ކަމެއް ކަމަށް ތުހުމަތުކުރުމުގެ ފުރުސަތު އެބަ އޮތެވެ. އަދި އެއީ މަގާމުގެ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށް ބުނުމުގެ ޖާގަ ވެސް އެބަ އޮތެވެ. މިއީ ގާނޫނާ ހިލާފު ކަމަކަށް ވާއިރު، ލޯންޗްގެ މައްސަލަ އަކީ "މާ ބޮޑު މައްސަލައެއް" ނޫން ކަމަށާއި ޚިޔާނާތެއް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް މާލިއްޔަތު ކޮމިޓީގެ ބައެއް މެމްބަރުން ވިދާޅުވި އެވެ.

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ޑިފެންސް މިނިސްޓްރީ އަށް އެތައް މިލިއަން ރުފިޔާއެއްގެ ބަޖެޓް ދީފައިވާއިރު، 138،888ރ. އަކީ މާ ބޮޑު އެއްޗެއް ނޫނެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ " 138،888ރ. އަކީ އެއް ދުވަހުގެ ސައި" ކަމަށާއި ލޯންޗްގެ މައްސަލަ އަށް ވުރެ ބޮޑެތި މައްސަލަތައް ހުރި އިރު އެކަން މާ ބޮޑު މައްސަލައެއް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރުގެ ލޯންޗެއް ތ. އަތޮޅު މީހަކަށް ދިން މައްސަލަ ވެސް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ތެދެކެވެ. އެ މައްސަލަ ވެސް ބަލަންވީ އެވެ. އެކަމަކު މަހުޖަނުންގެ އަމިއްލަ ވިޔަފާރިތަކުގެ މާލީ މައްސަލައެއް ހައްލުކުރާ އުސޫލުން ދައުލަތުގެ މާލިއްޔަތާ މެދު ވިސްނުމަކީ ރަނގަޅު އުސޫލަކަށް ނުވާނެ އެވެ.

ނޮޅިވަރަމް ދާއިރާ މުހައްމަދު ނަޝީދު ވިދާޅުވީ ޑިފެންސް މިނިސްޓްރީން އިންޓާނަލް އޮޑިޓްކޮށް އެ މިނިސްޓްރީގެ ކަންކަން އިސްލާހުކުރަމުން ދާއިރު އޮޑިޓް ރިޕޯޓްގައި ކުދިކުދި ކަންކަން ފާހަގަކޮށްފައި އޮތުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ލޯންޗް ގަތުމުގެ މުއާމަލާތަކީ ރަނގަޅު މުއާމަލާތެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި ލޯންޗްގެ މައްސަލަ މާ ބޮޑު ކަމަކަށް ހަދައިގެން އުޅެނީ ސިފައިންގެ އަގު ވައްޓާލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ގާނޫނާ ހިލާފު ކަންކަން، އެ ކަމެއްގެ ފައިސާގެ ކުޑަބޮޑު މިނަށް ބަލައިގެން، މައްސަލައެއްގެ ގޮތުގައި ދުށުމަކީ ޒިންމާދާރު ގޮތެއް ނޫނެވެ. އަދި ކުޑަ އަދަދެއް ވެއްޖެ ނަމަ އެކަމެއް ބަލަން ނުޖެހޭ ކަމަށް ގަބޫލުކުރުމަކީ އެގޮތަށް ދެކެވަޑައިގަންނަވާ މެމްބަރުންގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފެއްދޭނެ ކަމެކެވެ. ދައުލަތަށް ކިތަންމެ ކުޑަ މިންވަރެއްގެ ގެއްލުމެއް ލިބިފައިވާ އަދި ލިބޭ ނަމަ އެކަމެއްގެ އެންމެ ފުނަށް ފީނައި ބަލަން ޖެހޭނެ އެވެ. މާލިއްޔަތު ކޮމިޓީގެ ޒިންމާ އަކީ ވެސް އެއީ އެވެ. ނޫން ނަމަ މުއައްސަސާތައް ޒިންމާދާރެއް ނުކުރެވޭނެ އެވެ. އަދި އެސިސްޓެންޓް އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެފައިވާ ގޮތަށް، ޑިފެންސް މިނިސްޓްރީ އަށް ލޯންޗް ގަތުމުގެ މައްސަލައާ މެދު މެމްބަރުން ކަންބޮޑުވެވަޑައިނުގަންނަވާ ނަމަ ދެން ކުރިމަތިވާނީ އެއަށް ވުރެ މާ ބޮޑެތި ކަންކަމެވެ.

އިސްރާފުވާ ގޮތަށް ނުވަތަ ވަކި ފަރާތަކަށް މަންފާ ލިބޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ބޭނުންކޮށްފައިވާ ކަމަށް ބެލެވެނީ ހަމައެކަނި ލޯންޗް ގަތުމަކަށް ނޫނެވެ. މިފަދަ އެތައް މައްސަލައެއް އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާއިރު، އެ މައްސަލަތަކުގެ ފައިސާގެ ކުޑަބޮޑު މިނަށް، އެކަނި ބެލުމަކީ އިންސާފުވެރި ގޮތެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

ލޯންޗްގެ މައްސަލައިގެ އިތުރުން މިދިޔަ ހަފުތާގެ ބަހުސްތަކުން ފާހަގަކުރެވުނު އަނެއް ކަމަކީ ދައުލަތުގެ ހަރުމުދާ ބެލެހެއްޓުން ދޯދިޔާވެފައިވާ މައްސަލަ އެވެ. އިއުލާން ކުރުމެއް ނެތި ތަކެތި ހޯދުން ހައްދުން ނެއްޓިފައި އޮތުމެވެ. އަދި ހިޔާނާތަށް ފަހިވާ ގޮތަށް ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުންނާއި ކޮންޓިންޖެންސީ ބަޖެޓުން ހޭދަކުރުމުގެ މައްސަލަ އެވެ. މީގެ އިތުރުން އޮޑިޓް ރިޕޯޓުތަކުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައި އެބަ ހުއްޓެވެ. އެ މައްސަލަތައް ދިރާސާކޮށް ބަލާއިރު، އެއް އުސޫލަކުން ކަންކަން މިނުން މުހިންމެވެ.

އަނެއް މައްސަލަ އަކީ މާލިއްޔަތު ކޮމިޓީގެ ނިންމުންތަކުގެ މައްސަލަ އެވެ. ތިން ފަނޑިޔާރަކަށް ފުލެޓް ދޭން ނިންމުމާއި ނުކުރާ މަސައްކަތަށް ކޮމިޓީ އެލެވަންސް ދޭން ނިންމި މައްސަލަ އެވެ. ފަނޑިޔާރުންނަށް ފްލެޓް ދޭން ނިންމީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައި ވާއިރު އަދި މާލިއްޔަތު ކޮމިޓީގެ މެންޑޭޓުން ބޭރު އެތައް ކަމެއް ކުރާ ކަމަށް އެ ކޮމިޓީގެ މެމްބަރުން ވެސް ވިދާޅުވެ އެވެ. އެފަދަ ކަންކަން ވެސް މާ ބޮޑު މައްސަލައަކަށް ނުވެ އެވެ. ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް ކުރާ ކަންކަން ދިމާއަށް ފެންނަ އިރު އެއީ މާ ބޮޑު މައްސަލައަކަށް ނުހެދުމަކީ އެއަށް ވުރެ ސީރިއަސް ކަމަކަށް ނޫނީ ނުވާނެ އެވެ.

19 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait