ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން އަކީ 27،000 އަށް ވުރެ ގިނަ މުވައްޒަފުންގެ ވެރިޔާ އެވެ. އެ ހުރިހާ މުވައްޒަފުންގެ ހައްގުގައި މަސައްކަތްކުރެއްވުމުގެ ބޮޑު ޒިންމާ އެބަ އޮތެވެ. އެކަމަކު އެންމެ ފަހުން އޭނާ "ބެދިފައި" ވަނީ ރާއްޖޭގައި މަސައްކަތުގެ މާހައުލުގައި ވަރަށް އާންމު، އެކަމަކު ސީރިއަސް މައްސަލައެއްގެ ތެރޭގަ އެވެ. މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ފަހުމީގެ މައްޗަށް ސާބިތުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ސީއެސްސީ ރިސާޗް އޮފިސަރެއްގެ މަގާމުގައި ހުރި އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް މަޖިލީހުގެ ކޮމިޓީ އަށް ސާބިތުވުމާ އެކު ފަހުމީ އަށް ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް 14 ދުވަހުގެ މުހުލަތެއް ދީފަ އެވެ. އެ މުއްދަތުގައި އޭނާ އިސްތިއުފާ ނުދެއްވައިފި ނަމަ މައްސަލަ ދާނީ މަޖިލީހުގެ ތަޅުމަށެވެ. އޭރުން ފަހުމީ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމާނީ ތަޅުމުންނެވެ.
މަޖިލީހުގެ މެންބަރުންގެ މެދުގައި ފަހުމީ އަށް ތާއީދު އޮތް ގޮތެއް ނޭނގެ އެވެ. މަޖިލީހުގެ އަޣުލަބިއްތު ފަހުމީ އަށް ލިބިވަޑައިގެންފި ނަމަ އޭނާ އަށް މަގާމުގައި ހުންނެވިދާނެ އެވެ. އެކަމަކު އެ ހިސާބަށް ދާއިރު ފަހުމީގެ ނަން އޮންނާނީ "ކުދިކޮށް ކޮށާލައިފައި" ކަން ޔަގީނެވެ. އިތުރަށް އޭނާ ބާޒާރު ވުން ވެސް ކައިރި އެވެ. ފަހުމީއާ ބެހޭ ގޮތުން ކޮމެޓީގައި އެތައް ވާހަކައެއް އެކި ފަރާތްތަކުން ހިއްސާ ކޮށްފައިވާ ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. ސުވާލަކީ އެ ހިސާބަށް ވަޑައިގަންނަވަން ފަހުމީ ހުންނެވީ ތައްޔާރަށްތޯ އެވެ؟
ފަހުމީއާ މެދު ކުރަނީ ދޮގު ތުހުމަތެއް ކަމަށް އޭނާ ވިދާޅުވުން ފިޔަވައި މި މައްސަލާގައި އިތުރަށް ވާހަކައެއް ނުދައްކަވަ އެވެ. އެހެން ނަމަވެސް ފަހުމީގެ މައްޗަށް ކުރާ ތުހުމަތުގެ މައްސަލަ ބަލާ ކޮމެޓީގެ ބައެއް މެމްބަރުން ވިދާޅުވަނީ ފަހުމީ އެ ކޮމެޓީ އަށް ދެއްވި މައުލޫމާތުތައް ދިމާނުވާ ކަމަށެވެ. އަދި ކަނޑައެޅިގެން ފަހުމީ "ދޮގު" ހެއްދެވި ކަމަށް މެމްބަރުންނަށް ފާހަގަކުރެއްވުނު ކަމަށް ވެސް ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. ކޮމެޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން ކަމަށް ވުމުން އެ ބައްދަލުވުމުގައި ދެއްކި ވާހަކަތައް ރަސްމީކޮށް މީޑިއާއާ ހިސާބަކަށް އަދި ނާދެ އެވެ.
ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ފަހުމީ އިސްތިއުފާ ނުދެއްވައި ހުންނަވައިގެން، މަޖިލީހުގެ ތަޅުމަށް މައްސަލަ ގެންގޮސްފި ނަމަ އޭނާއާ އެއްކޮޅަށް ނިމުމުގެ ފުރުސަތު ބޮޑެވެ. އެއީ ފަހުމީއާ މެދު ފިޔަވަޅު އެޅުމަށް ކޮމެޓީގައި ވޯޓު ނެގިއިރު ސަރުކާރަށް ނިސްބަތްވާ ބައެއް ޕާޓީތަކުން ފަހުމީއާ އެއްކޮޅަށް ވޯޓު ދެއްވާފައި ވާތީ އެވެ. މުޅި މަޖިލީހަށް ބަލާއިރު އަޣުލަބިއްޔަތު އޮތީ ސަރުކާރަށް ނިސްބަތްވާ ޕާޓީތަކަށް ކަމަށް ވުމުން މަޖިލީހުގެ ތަޅުމުން ފަހުމީ އަށް ކާމިޔާބު ލިބިދާނެ ކަމަށް ބެލެވެނީ އެހެންވެ އެވެ. ހާއްސަކޮށް ސަރުކާރަށް ތާއީދުކުރާ ބައެއް ޕާޓީތަކާ ފަހުމީއާ ގާތް ގުޅުމެއް އޮންނަ ކަމަށް ވާހަކަ ދެކެވެ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވޯޓު ނެގި އިރު ވެސް ފަހުމީގެ މައްޗަށް ތުހުމަތު ސާބިތުވުމުން ވެސް ފިޔަވަޅު އަޅަން ފާސްވީ ކިރިޔާ އެވެ. އެއީ އެއްކޮޅަށް ފަސް ވޯޓް އަދި ދެކޮޅަށް ފަސް ވޯޓް ލިބުމުން، ކޮމިޓީގެ މުގައްރިރް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވޯޓް ދެއްވައިގެންނެވެ. އެހެންވެ މަޖިލީހުގެ ތަޅުމާ ހިސާބުން އަދި ބަހުސް އިތުރަށް ބޮޑުވެގެން ދާނެކަން މި އޮތީ ފެންނާށެވެ.
ފަހުމީއާ މެދު މަޖިލީހުން ފިޔަވަޅު އެޅިދާނެތޯ މިއީ ވެސް ބައެއް ފަރާތްތަކުގެ ސުވާލެކެވެ. މަޖިލީހުގައި ނަގާ ސިޔާސީ ވޯޓަކުން ފަހުމީ "ކޮށާލެވިދާނެ" ބާވަ އެވެ؟ އެހެން ނަމަވެސް މިނިވަން މުއައްސަސާތަކުގެ ވެރިން މަގާމުން ވަކިކުރުމުގެ ބާރު ގާނޫނު އަސާސީން ލިބިދީފައި ވަނީ ރައްޔިތުންގެ މަޖިލީހަށެވެ. މީގެ ދުވަސްތަކެއް ކުރިން އޮޑިޓަ ޖެނެރަލް ވެސް މަގާމުން ވަކިކުރީ ހަމަ އެ ބީދައިން ރައްޔިތުންގެ މަޖިލީހުންނެވެ. މި ދެ ބޭފުޅުންގެ މައްޗަށް ކުރާ ތުހުމަތު ތަފާތުވިޔަސް މައްސަލަ އަކީ މަގާމަށް އެކަށީގެންނުވާ ހިސާބަށް ދިއުމެވެ.
ފަހުމީއާ މެދު މަޖިލީހުން ފިޔަވަޅު އެޅުމުގައި ބައެއް މެމްބަރުންގެ ހިޔާލު ތަފާތުވާ ނަމަ އެ ކަމަކީ ޖިންސީ ގޯނާކުރި މައްސަލަ އަންހެން މުވައްޒަފު ފުލުސް އޮފީހަށް ހުށަހަޅާފައިވުމެވެ. އެ މައްސަލަ ތަހުގީގުކޮށް ފުލުހުން ގޮތެއް ނިންމަންދެން މަޖިލިސް ހިމޭނުން އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބައެއް މެމްބަރުން ދެކެވަޑައިގަންނަވަ އެވެ. ނަމަވެސް ބައެއް ގާނޫނީ ވަކީލުން ވިދާޅުވީ މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅަން ޕޮލިހުގެ ތަހުގީގު ނުވަތަ ޝަރީއަތުގެ ހުކުމެއް ބޭނުން ނުވާނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވަނީ އެފަދަ މެންބަރުންނާ މެދު އަމަލުކުރަން ޖެހޭ ގޮތް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތުމެވެ. އެއީ މެންބަރުކަން ގެއްލޭ ވަރުގެ ކަމެއް ވެއްޖެ ކަމަށް މަޖިލީހަށް ގަބޫލުކުރެވުމެވެ.
ގާނޫނު އަސާސީގެ 187 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ސީއެސްސީގެ މެންބަރަކު މަގާމާ އެކަށީގެން ނުވާ ފަދަ ކަމެއް ކުރި ކަމަށް، ނުވަތަ އެ މަގާމް އަދާކުރުމަށް އުޒުރުވެރިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ނުވަތަ މަގާމު އަދާކުރުމުގެ ގާބިލްކަން ނެތް ކަމަށް "ފެނިއްޖެ" ހިނދެއްގައި މެންބަރުކަމުން ވަކި ކުރެވޭނެ ކަމަށެވެ.
ސިޔާސީ ބާރުގައި ފަހުމީ އަށް ކާމިޔާބު ހޯއްދެވިދާނެ އެވެ. ފަހުމީގެ މައްޗަށް ކުރާ ތުހުމަތު ގަބޫލު ނުކުރައްވައި، މަގާމުގައި ދެމިހުންނެވުމަށް ވެސް މަސައްކަތް ކުރެއްވިދާނެ އެވެ. އެކަމަކު ރާއްޖޭގައި އެންމެ ގިނަ މުވައްޒަފުންގެ ކަންތައްތައް ބެއްލެވުމުގެ އެންމެ ބޮޑު ޒިންމާއާ ހަވާލުވެ ހުންނެވި ބޭފުޅަކާ މެދު މަޖިލިހުގެ ކޮމިޓީއަކުން ވަކި ގޮތެއް ނިންމައިފި ނަމަ އެއީ ސީރިއަސް މައްސަލައެކެވެ. އަދި އެ މަގާމުގައި ހުންނަވާ ބޭފުޅަކީ ޝަރުއީ ދާއިރާގެ ކަންކަން ހިންގަން އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ވެސް މެންބަރެކެވެ. އެހެންވެ މުހިންމު ދެ މަގާމެއްގައި ހުންނެވި ފަހުމީ މިފަދަ ތުހުމަތެއްގައި ބެދުމުން މަގާމުގައި ދެމިހުންނެވުމަކީ ކޮން ކަހަލަ ކަމެއްތޯ އޭނާ އަމިއްލަފުޅަށް ވެސް ނިންމަވަން ޖެހިވަޑައިގަންނަވާނެ އެވެ.

23 comments