ރޯދަ މަސް ދިވެހިން ފާހަގަކުރަނީ ތިން ކަމެއް ހިމަނައިގެންނެވެ. އެންމެ ފުރަތަމަ އަޅުކަމެވެ. ދެން މީރުކޮށް ކެއުމެވެ. އެއަށް ފަހު މުނިފޫހިފިލުވުމެވެ. މި ތިން ކަންތައްތައް ރަނގަޅަށް ނުހިމެނޭ ރޯދަ މަހެއް ފަހުގެ ތާރީހެއްގައެއް ނާދެ އެވެ. ރޯދަ އަށް މިސްކިތްތައް ރަނގަޅަށް ތައްޔާރުކުރާއިރު، ކޮންމެ މީހަކު ވެސް ގެއަށް މީރު ކާބޯތަކެތި ގަނެ އެވެ. އާންމުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އާންމު މައުލޫމާތުން މުއްސަނދިކުރުމަށް ޓީވީ އާއި ރޭޑިއޯ ޗެނަލްތައް ވަރަށް ރަނގަޅަށް، ދުރާލައި އޮންނަނީ ތައްޔާރުވެފަ އެވެ.
ރާއްޖޭގައި މިހާރު ހިދުމަތް ދޭ ހަތަރު ޓީވީ ޗެނަލް ވެސް ކުރިއަށް އޮތް ރޯދަ މަހަށް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. ވަރަށް ގިނަ، އަގު ބޮޑު ޕްރޮގްރާމްތަކެއް އެ ޗެނަލްތަކުން ދައްކާނެ އެވެ. އޭގެ ތެރޭގައި މުޅިން އާ ޑްރާމާތަކާއި ގޭމް ޝޯތަކާއި މައުލޫމާތު ހިމެނޭ ކުއިޒްތަކާއި ބޮޑެތި އިނާމްތައް ހިމެނޭ ލައިވް ޝޯތަކާއި ޑިބޭޓްތައް ގެނެސްދޭން ޓީވީތަކުގެ މުވައްޒަފުން މިހާރު ވެސް މަސައްކަތް ކުރަމުން ދެ އެވެ. ބައެއް މަގުތަކުގައި ޝޫޓިންތައް ކުރިއަށްދާތަން މިހާރު ވެސް ފެނެ އެވެ.
ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ގޮތުން ހިދުމަތް ދޭން ފެށި ފަހުން ކުރިމަތިވި ފުރަތަމަ ރޯދަ މަހުގެ ތެރޭގައި ޓީވީއެމުން ވެސް ގިނަ ޕްރޮގްރާމްތަކެއް ހުށަހަޅައިދޭނެ އެވެ. އެހެން ނަމަވެސް، ޓީވީއެމްގެ ޕްރޮގްރާމް ހެޑް މުހަންމަދު ނިޔާޒު (ގަމް) ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މި ރޯދަ މަހު ޓީވީއެމްގެ ޕްރޮގްރާމްތައް ބައްޓަން ކޮށްފައިވާނީ ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ދައުރު ވެސް ހިމެނޭ ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ހުރިހާ ޕްރޮގްރާމެއްގައިހެން، އެއީ ޑްރާމާއެއް ވިޔަސް އިޖުތިމާއީ އިޝޫތަކަށް އިޖުތިމާއީ މެސެޖްތައް ލިބިދޭ ގޮތަށް ހަދާނީ،" އޭނާ ވިދާޅުވި އެވެ. "މި ރޯދަ މަހު 60 ޕަސެންޓަކީ ދީނީ ޕްރޮގްރާމްތައް. އިޖުތިމާއީ ބައި ބޮޑަށް ދެން ހިމެނޭނީ."
ޓީވީއެމުން މި ރޯދަ މަހުގެ ތެރޭގައި ބޮޑު ގޭމް ޝޯއެއް ގެނެސްދޭނެ އެވެ. "އަވަހިއްޔާ އަވަސް" ނަމަކަށް ކިޔާ އެ ޝޯގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ރޯދަ މަސް ފާހަގަކުރާ ގޮތްތަކަށް ބަލާލައި ހާއްސަ ޕްރޮގްރާމެއް ގެނެސްދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި މިދިޔަ އަހަރު ވެސް ދެއްކި "އައިލެންޑް ސަވައިވާ" މި ރޯދަ މަހު ވެސް ޓީވީން ގެނެސްދޭނެ އެވެ. އެކަމަކު 14 ބައިވެރިން ހިމެނޭ އެ ޕްރޮގްރާމް މި އަހަރު ނަގާފައި ވަނީ ސުނާމީގައި ހަލާކުވެފައިވާ ރަށެއްގައި ކަމަށް ގަމް ވިދާޅުވި އެވެ.
"ދެން އޮންނާނެ އެއް ޕްރޮގްރާމަކީ 'އެހަނދާނުގައި'. މި ޕްރޮގްރާމް ވެސް އެހެން އަހަރުތަކަށް ވުރެ މާ ބޮޑަށް ވެސް ތަފާތުވާނެ. މީގެ އިތުރުން 'ވަތަނިއްޔާ މަސް ރޭސް' ވެސް ކުރިއަށް ދާނެ. އަދި 'ބޮޑުބެރު ޗެލެންޖް' ވެސް މި އަހަރު އޮންނާނެ. މިއީ ބޮޑުބެރު ޝޯގެ ތިން ވަނަ އަހަރު،" ގަމް ވިދާޅުވި އެވެ.
ޓީވީއެމްގެ ދެން ހުރި ބައެއް މުހިންމު ޕްރޮގްރާމްތަކުގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރުން އުފައްދާފައިވާ ފަސް ޑްރާމާއެއް ހިމެނެ އެވެ. އެ ޑްރާމާތައް ވެސް އަމާޒުކޮށްފައި ވަނީ އިޖުތިމާއީ މައްސަލަތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ގަމް ވިދާޅުވީ ރާއްޖޭގައި އުޅެމުން ދަނިކޮށް އިސްލާމްވި ބައެއް މީހުންގެ ވާހަކަތަކާއި އެ މީހުން ރާއްޖޭގައި ދީން ޕްރެކްޓިސް ކުރާ ގޮތުގެ މައްޗަށް އިނގިރޭސި ބަހުން، އެކަމަކު ދިވެހިން ސަބް ޓައިޓްލް ކޮށްގެން ގެނެސްދޭނެ ކަމަށެވެ. އަދި ނުކުޅެދޭ މީހުންގެ ވާހަކައެއްގެ ތެރެއިން ލަވަތަކެއް ހިމަނައިގެން ރިޔަލިޓީ ޝޯއެއް ގެނެސްދޭން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓީވީއެމުން ފޮނުވާ ބައެއް އެހެން ޕްރޮގްރާމްތަކުގެ ތެރޭގައި، ހަފުތާއަކު އެއްފަހަރު ގެނެސްދޭ "ހާރުދަން" ހިމެނެ އެވެ. މި ޕްރޮގްރާމް މި ފަށަނީ އެތައް އަހަރެއްގެ މެދުކެނޑުމަކަށް ފަހު އެވެ. މީގެ އިތުރުން ދީނީ ވަރަށް ގިނަ ޕްރޮގްރާމްތަކެއްގެ އިތުރުން 13 ސްކޫލަކުން ވާދަކުރާ މަދަހަ މުބާރާތާއި ގުރުއާން މުބާރާތް މި އަހަރު ވެސް ކުރިއަށް ދާނެ ކަމަށް ގަމް ވިދާޅުވި އެވެ.
ދިޓީވީގެ ޕްރޮގްރާމް ހެޑް މިހުސޯ އަބްދުއްސައްތާރު ވިދާޅުވީ ރޯދަ އަށްޓަކައި ހާއްސަ ޕްރޮގްރާމްތަކެއް މިހާރު ވެސް އުފައްދަމުން އަންނަ ކަމަށާއި އެކަމަށް ދުރާލައި ތައްޔާރުވެފައިވާ ކަމަށެވެ. ދި ޓީވީން މި އަހަރު ބާއްވާ އެއް ޝޯ އަކީ 24 މީހަކު ވާދަކުރާ "އެންމެ ވަރުގަދަ" ހޮވުމުގެ ޝޯއެކެވެ.
"ލައިވް އިވެންޓެއް އެއީ. ކޮންމެ ހަފުތާއަކު ހޮނިހިރު ދުވަހުގެ ރޭ އެ ޕްރޮގްރާމް އޮންނާނެ. އަޅުގަނޑުމެން އެ ޝޯ ބާއްވާނީ އާންމުންނަށް ވަދެވޭ ހުޅުވާލެވިފައިވާ މާހައުލެއްގައި ބޮޑުބެރާ އެކު،" އޭނާ ވިދާޅުވި އެވެ.
ދިޓީވީގެ ޕްރޮގްރާމްތަކަށް ބަލާއިރު ކުރީގެ މަޝްހޫރު ލަވަކިޔުންތެރިންގެ ހަޔާތުގެ މައްޗަށް ހަދާ ލައިވް ޝޯއެއް ވެސް ހިމެނެ އެވެ.
"މިސާލަކަށް އިބްރާހިމް ޝަކީބު ވިއްޔާ އޭނާ ގެނެސްގެން އޭނާގެ ނައިޓެއް މި ހަދަނީ. އެ ޕްރޮގްރާމް ވެސް ކުރިއަށް ދާނީ ޗެލެންޖެއްގެ ގޮތަށް. އޭގެ ތެރޭގައި ޝައުގުވެރި ބައެއް ކަންތައްތައް ވެސް ކުރިއަށް ދާނެ،" މިހުސޯ ވިދާޅުވި އެވެ.
މުބާރާތެއްގެ ގޮތަށް ކައްކާ ޝޯއެއް ވެސް ކުރިއަށް ގެންދާ ގޮތަށް ދިޓީވީން ވަނީ ހަމަޖައްސައިފަ އެވެ. ބާރަ ބައިވެރިއަކު ވާދަކުރާ މި ޝޯގައި ކޮންމެ ރެއަކު ހަތަރު މީހުން ހިމެނޭނެ ކަމަށާއި ދީފައި އޮންނަ މެނޫއަކަށް އެ މީހުން ކައްކަން ޖެހޭނެ ކަމަށް މިހުސޯ ވިދާޅުވި އެވެ.
"އެއް ގަޑިއިރުގެ ތެރޭގައި އެ މީހުން ކައްކައި ނިންމަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ދިޓީވީގެ މުހިންމު ބައެއް އެހެން ޕްރޮގްރާމްތަކުގެ ތެރޭގައި ސްޓޫޑިއޯގައި ބާއްވާ ގޭމް ޝޯއެއް ހިމެނެ އެވެ. "ފަސް ރޭ" ކިޔާ އެ ޕްރޮގްރާމްގައި އެއް މިނެޓްގެ ތެރޭގައި ތަފާތު ގޭމްތައް ނިންމަން ޖެހެ އެވެ. އެއީ ބޮޑެތި އިނާމްތައް ވެސް ލިބޭ ޝޯއެއް ކަމަށް މިހުސޯ ވިދާޅުވި އެވެ.
"އެމަންޖެގެ ރޫހު" ނަމަކަށް ކިޔާ ބިރުވެރި ޑްރާމާ ސީރީޒެއް ވެސް ދިޓީވީން ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖޭގެ މުހިންމު އިޝޫތަކަށް ބަހުސް ސްޓައިލަށް ބާއްވާ ޝޯއެއް ވެސް ދިޓީވީގެ ރޯދަ ޕްރޮގްރާމް ގައިޑްގައިވެ އެވެ.
"އެ ޝޯ ހޮސްޓް ކުރާނީ މަސްއޫދު އަލީ. މިއީ ބޮޑެތި ކަންތައްތަކުގެ މައްޗަށް ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްލާ ޝޯއެއް. މައުލޫއެއް ނަގާފައި އެ މައުލޫއާ އެއްކޮޅަށް ވާހަކަ ދައްކާ ބަޔަކާ މައުލޫއާ ދެކޮޅަށް ވާހަކަ ދައްކާ ބަޔަކު ވެސް ތިބޭނެ. އަދި އޯޑިއެންސަށް ވެސް ބަހުސްގައި ބައިވެރިވެވޭނެ،" މިހުސޯ ވިދާޅުވި އެވެ.
"ފިލިޕްސް މައި ކިޗަން" ވެސް މި އަހަރު ދިޓީވީގައި ކުރިއަށް ދާނެ އެވެ. މީގެ އިތުރުން "ރޯދަ" އުފާ ނަމުގައި މެންދުރު ފަހު ވެރައިޓީ ޝޯއެއް ވެސް ކުރިއަށް ދާނެ ކަމަށް އެ ޓީވީން ބުނެ އެވެ. މީގެ އިތުރުން ދިޓީވީގައި ވެސް ދީނީ ޕްރޮގްރާމްތައް ގިނަ އެވެ.
"އޭގެ ތެރޭގައި ހިމެނޭ މުހިންމު އެއް ޕްރޮގްރާމަކީ ގުރުއާނުގެ 30 ފޮތަށް ބަލާލައިގެން ކޮންމެ ފޮތަކާ ބެހޭ ގޮތުން ވަކިވަކިން އަލިއަޅުވާލައިފައިވާ ޕްރޮގްރާމެއް،" އޭނާ ވިދާޅުވި އެވެ.
ދިޓީވީން ގެނެސްދޭނެ މުހިންމު އަނެއް ޕްރޮގްރާމަކީ މިދިޔަ އަހަރު ވެސް ކުރިއަށް ގެންދިޔަ "ތަރިންގެ ރޭ" އެވެ. މި އަހަރު މި ޕްރޮގްރާމް ވަރަށް ފޯރިގަދަވާނެ ކަމަށް މިހުސޯ ވިދާޅުވި އެވެ.
"ވީވާ ޗޮއިސް އިން އެންމެ މައްޗަށް އަންނަ ޖޯޑަކަށް ބޮޑު އިނާމެއް ވެސް ހުށަހަޅާފައި ވާނެ،" އޭނާ ވިދާޅުވި އެވެ.
ޚަބަރާއި ސިޔާސީ ޕްރޮގްރާމްތަކުގެ މައްޗަށް ބައްޓަންކޮށްފައިވާ ޗެނަލް، ރާއްޖެ ޓީވީން ވެސް މި ރޯދަ މަސް ކޮންމެވެސް ވަރަކަށް ތަފާތުކޮށްލާނެ އެވެ. އެ ޓީވީގެ ޕްރޮގްރާމްތަކާ ބެހޭ ބައިގައި އިސްކޮށް ހުންނެވި އަލީ މުސްތޮފާ (ސެމީ) ވިދާޅުވީ ރާއްޖެ ޓީވީން މާ ބައިވަރު ޕްރޮގްރާމްތަކެއް ކުރިއަށް ނުގެންދިޔަ ނަމަވެސް، މުނިފޫހިފިލުވުމުގެ ބައެއް ޕްރޮގްރާމްތައް ގެނެސްދޭނެ ކަމަށެވެ.
"އޭގެ ތެރޭގައި ޓެޑްރީ (މުހަންމަދު ނިޔާޒު) ހަދާ ޑްރާމާ ސީރީޒެއް ހިމެނޭނެ. އެއީ އަޅުގަނޑުމެން ބެލުންތެރިންނަށް ގެނެސްދޭ ރޯދަ ހަދިޔާ އަކީ. މީގެ އިތުރުން ކޮންމެ ދުވަހަކު ހަވީރު ކޮންމެވެސް މިސްކިތަކުން ރޯދަ އިހުޔާކުރުން ލައިވްކޮށް ގެނެސްދެވޭނެ. މާކަނާ ޝޯ ވެސް ރޯދަމަހު ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.
ވީޓީވީން ވެސް އަންނަނީ ރޯދަ މަހަށް އަމާޒުކޮށްގެން ގިނަ ޕްރޮގްރާމްތަކެއް ހަދަމުންނެވެ.
އެ ޓީވީ ސްޓޭޝަންގެ ކްރިއޭޓިވް މެނޭޖަރު އަދި ޕްރޮގްރާމް ޑިޕާޓްމެންޓްގެ ހެޑް މުހަންމަދު އިކްރާމް ވިދާޅުވީ ރޯދަ އަށް އަމާޒުކޮށްގެން މިއުޒިކާއި މުނިފޫހިފިލުވުމާއި ފިލްމުގެ އިތުރުން ދީނީ ޕްރޮގްރާމްތަކާއި އިޖުތިމާއީ ޕްރޮގްރާމްތައް ވެސް މިފަހަރު ހިމެނޭނެ ކަމަށެވެ.
"މިއުޒިކް ތިން ޕްރޮގްރާމެއް ހިމެނޭނެ. އޭގެ ތެރެއިން އެއް ޕްރޮގްރާމްގައި ގެނެސްދޭނީ މޯލްޑިވިއަން އައިކަންގެ އޮޑިޝަން. އެއީ މާލެ އާއި ރަށްރަށުގައި ކުރިއަށް ގެންދިޔަ އޮޑިޝަންތައް. ދެން މިއޮތީ 'ކްރޮސް އޯވާ' ނަމުގައި ބާއްވާ މިއުޒިކް ޝޯއެއް. އެއީ ސްޓޫޑިއޯގައި ބާއްވާ ޝޯއެއް. އޭގައި ރާއްޖޭގެ މިއުޒިކް ބޭންޑްތައް ގެނެސްގެން އެ މީހުންގެ ލަވަތަކާ ބެހޭ އިންޑެޕްތު މައުލޫމާތުތައް ވެސް ގެނެސްދޭނެ. ދެން ވެސް މިއޮތީ ސްޓޫޑިއޯގައި ބާއްވާ މިއުޒިކް ޝޯއެއް. އޭގައި ރާއްޖޭގައި ބޭންޑްތައް ވެސް، އަދި މިއުޒިކީ ފަންނާނުން ވެސް ގެންނާނެ. އޭގައި ހަތަރު ފަސް ބަޔަކު ގެނެސްގެން މި ގެނެސްދެނީ އެއް ލިރިކްސް އަށް މެލޮޑީ ހަދަން. ވަކި ވަގުތެއްގެ ތެރޭގައި އެއަށް މެލޮޑި ހަދައި ޕާފޯމް ވެސް ކުރަން ޖެހޭނެ."
ވީޓީން ދެން ގެނެސްދޭ އަނެއް ޕްރޮގްރާމަކީ ގޭމް ޝޯތަކެކެވެ. އަދި ވަރަށް ގިނަ ހަދިޔާތައް ލިބޭ އެ ޕްރޮގްރާމް މެންދުރުފަހު ބާއްވާއިރު، ކުޑަކުދިންނަށް އަމާޒުކޮށްގެން ގެނެސްދޭ "ފިނިބުރު" ނަމަކަށް ކިޔާ ޝޯއަކާއި ރޭގަނޑު ގެނެސްދޭ "އަނގަމަޖާ" ނަމަކަށް ކިޔާ ޕްރޮގްރާމެއް ހިމެނެ އެވެ.
"އަނގަމަޖާ އަކީ ތަންކޮޅެއް މަޖާ ކުއިޒްތަކާއި މަސައްކަތް ހެއްވާ މަސައްކަތްތަކެއް ހިމެނޭ ޝޯއެއް. ކޮމެޑީ މަޖާ ސްޓައިލަކަށް މި ޕްރޮގްރާމް ގެނެސްދޭނީ،" އިކްރާމް ވިދާޅުވި އެވެ.
ވީޓީވީން ނިންމާފައި ވަނީ ކޮންމެ ހަފުތާ ބަންދެއްގައި ވެސް ކުރު ފިލްމެއް ގެނެސްދޭށެވެ.
"މާލޭގައި މަޝްހޫރުވެފައި ހުރި ފިލްމުތަކެއް ދައްކާނީ،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ކޮމެޑީ އެކްޓަރުންނަށް ވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް، ޝޯއެއް މެދުވެރިކޮށް ވީޓީވީން ހުޅުވާލާނެ އެވެ.
"އެއީ ކޮމެޑީ އޮޑިޝަން ކިޔާ ޕްރޮގްރާމެއް. ކޮމެޑީ އެކްޓަރަކަށް ވާން ބޭނުންވާ މީހުންނަށް އެއީ ރަނގަޅު ޕްލެޓްފޯމެއް،" އިކްރާމް ވިދާޅުވި އެވެ.
ރޯދަ މަހު ވީޓީވީން ވަރަށް ހާއްސަ އިލްމީ ޕްރޮގްރާމެއް ފޮނުވަން ވެސް ރާވާފައި ވެ އެވެ. އެއީ ޕީއެޗްޑީ ހަދާފައިވާ މީހުންގެ ތީސިސްގެ ޕްރެޒެންޓޭޝަންތައް ގެނެސްދޭ "އިލްމީ ދަންމަރު" އެވެ. އަދި "ކުށުގެ ހަފަރާތް" ނަމުގައި، ރާއްޖޭގެ ގާނޫނާއި ގަވައިދާ ހިލާފުވެގެން ދިމާވާ ހާދިސާތައް ޑްރާމާއެއްގެ ސިފައިގައި ގެނެސްދޭ ޕްރޮގްރާމެއް ވެސް ހިމެނެ އެވެ.

6 comments