މި ދުވަސްވަރަކީ ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ޖިންސީ ގޯނާކުރާ ވާހަކަތައް ދެކެވޭ ދުވަސްވަރެކެވެ. މިއީ ވެސް އޭގެ ތެރެއިން ހާއްސަ ވާހަކައެކެވެ.
"ޖޮބެއް ބޭނުންތަ؟" ކުރިމަތީގައި އިން ޒީނާގެ ގާތް ރަހުމަތްތެރިޔާ އެހި އެވެ.
"ޖޮބެއް ލިބިދާނެތަ؟" ޒީނާއަކަށް ޔަގީނެއް ނުކުރެވުނެވެ.
އޭނާ އަށް އަބަދުވެސް އިވެމުން ދަނީ "ޖޮބެއް ނެތްހޭ" ކިޔައި މުޅި ގައުމުގެ ޒުވާން ޖީލު ގޮވަމުންދާ އަޑެވެ. އެހެންވެ އަނެއްކާ ވެސް އެ ސުވާލު އޭނާ ރިޕީޓްކުރި އެވެ.
"ހަގީގަތުގައި ވެސް ޖޮބެއް ދޭންތަ ތި އަހަނީ؟" ރެސްޓޯރެންޓެއްގައި އިނދެ ޒީނާ އެހި އެވެ.
"އަހަރެންގެ ރަހުމަތްތެރިއަކު އެބަ ބޭނުންވޭ އޭނާގެ ސެކްރެޓަރީއަކަށް އަންހެން ކުއްޖެއް. ޒީނާ ބޭނުން ނަމަ އަހަރެން ބުނެފާނަން އޭނާގެ ގާތުގައި ކުއްޖަކު އެބަހުއްޓޭ... އޯކޭތަ؟"
ޒީނާ އޯކޭ ދިނެވެ. އެކަމަކު އޭނާ އަކީ ވަޒީފާގެ އެއްވެސް ތަމްރީނެއް ހުރި ކުއްޖެއް ނޫނެވެ. އުމުރުން އަދި 20 އަހަރު ނުވެ އެވެ. ސްކޫލު ނިންމިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. އޭރުން ފެށިގެން ޒީނާ ދިޔައީ ވަޒީފާއާ ދޭތެރޭ ވިސްނަމުންނެވެ. އެކަން ކުރާނެ ގޮތަކާ ދޭތެރޭގަ އެވެ. ލިބޭ މުސާރަ އިން ކުރާނެ ކަމަކާ ދޭތެރޭ އެވެ.
ދެ ދުވަސް ފަހުން ޒީނާ އަށް އިންޓަވިއު އަށް ދާން ކިޔައިފި އެވެ. ފެންވަރައި ނަލަ ހެދިގެން އޭނާ ޓެކްސީއެއްގައި އެ އޮފީހަށް ހިނގައްޖެ އެވެ. އޮފީހުގެ ދޮރު ހުޅުވާލައިފި އެވެ. އެހެން ނަމަވެސް ފެނުނީ އެހެން މަންޒަރެކެވެ. އޭނާގެ ކުރިމަތީގައި ހުރި ގޮނޑިތަކުގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ބަރި ޖަހާލައިފައި ތިއްބެވެ. ޒީނާ ގޮސް އެންމެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެއްޖެ އެވެ. ކައިރީގައި އިން ކުއްޖާގެ އަތުގައި އޮތް ޓްރާންސްޕޭރެންޓް ފައިލް ތެރެއިން އޭނާގެ ސެޓްފިކެޓްތައް ފެނެ އެވެ. ޒީނާގެ އަތުގައި އެކަހަލަ ހަމަ އެކައްޗެއް ވެސް ނެތެވެ. އޭނާ އިނީ ފިނިވެފަ އެވެ. މި އެންމެންގެ ތެރެއިން ޒީނާ ކަހަލަ ތަޖުރިބާއެއް، އަދި އެހާ މަތީ ތައުލީމެއް ލިބިފައި ނެތް އިރު އޭނާ އަށް އެ ވަޒީފާގެ އުފާ ލިބޭނީ ކިހިނެއްބާއޭ އޭނާ އިނީ ހިތާހިތާ ސުވާލު ކޮށްލަކޮށްލަ އެވެ. ވަގުތުތައް ގުނަމުން ދަނިކޮށް ގަޑީގެ ކަށި ޒީނާއާ ދިމާއަށް އެނބުރިއްޖެ އެވެ. އިންޓަވިއު ފެށިއްޖެ އެވެ. ނަމާއި އެހެން ވަނަވަރުތައް ކިޔައިދީފި އެވެ.
"ތިޔައީ އަޅުގަނޑުގެ ސެކްރެޓަރީ އަށް ވެއްޖިއްޔާ އަޅުގަނޑުގެ ހުރިހާ ކަމެއް ސިއްރު ކުރެވިދާނެތަ؟،" ފަންސާހެއްހާ މުވައްޒަފުން ވަޒީފާ އަދާކުރާ ކުންފުނީގެ ޗެއާމަން، ނާޒިމް ކުއްލިއަކަށް އެހި އެވެ.
"އާދެ!" ޒީނާ ވަގުތުން ޖަވާބު ދިނެވެ.
ހަގީގަތަކީ، ޒީނާ އެ ވަޒީފާ އަށް ދާން "އޯކޭ" ދިނުމާ އެކު އެ ވަޒީފާ އަށް އިއުލާންކުރި ކަމެވެ. އެކަމަކު އެކަން ޒީނާ އަށް ނޭނގެނީ އެވެ. އެ ކުންފުނީގައި ވަޒީފާ ދެވޭނީ އިއުލާންކޮށްގެން ކަމަށްވެފައި ޒީނާ އަށް ވަޒީފާ ދެވެން އޮތީ އިއުލާންކޮށްގެން ކަމަށް ވާތީ އެކަން މަތިމަތިން ރަސްމީކޮށްލީ އެވެ. ޒީނާ އިންޓަވިއު އަށް ދިއުމުގެ ކުރިން އޭނާގެ ހުރިހާ ވަނަވަރެއް އޮތީ ހޯދައިފަ އެވެ. ޒީނާ އަކީ ނިކަމެތި ކުއްޖެއް ކަމާއި އެކަނި، ހުސްހަށިބައިކޮށް ހުރި ކުއްޖެއްކަން އޮތީ އެ ކުންފުނީގެ އެންމެ އިސް ވެރިޔާ އަށް އެނގިފަ އެވެ.
ޒީނާގެ އޮފީސް މަސައްކަތް ފެށުނީ އެވެ. ހަފުތާއެއްވީ އިރު އޭނާ އަށް ވަރަށް ރަނގަޅަށް މަސައްކަތް ކުރެވުނެވެ. އެހެން ނަމަވެސް، ވަޒީފާގައި އޭނާ ދެން ޖެހުނީ ގަދަ ކަނޑެއްގައި ދުއްވާށެވެ. އެއް ދުވަހަކު އޭނާގެ ބޮސް އިންޓަކަމުން ގުޅި އެވެ. އަދި އޭނާގެ ކެބިން އަށް ދިއުމަށް އެދުނެވެ.
"އަހަރެން މި އުޅެނީ ލަންކާ އަށް ދާން. ވަރަށް މުހިންމު ކަމެއްގައި. އަހަރެން ބޭނުން ޒީނާ ވެސް އަހަންނާ އެކު ދާން،" ނާޒިމް އެދުނެވެ.
ދޭނެ ޖަވާބެއް ނޭނގި ޒީނާ ގަނޑުވި ކަހަލަ އެވެ. އަނގައިން ބުނާނެ ބަހެއް ނޭނގިފައި އިނދެވުނެވެ.
"ޒީނާ އެއްބަސް ނޫން ނަމަ، މި އޮފީހުން އަހަންނަށް އެހެން މީހަކު ވެސް ގެންދެވިދާނެ. ކޮންމެހެން ދާހިތްނުވެގެން ދާނެކަމެއް ނެތް،" ނާޒިމް އަނެއްކާ ވެސް ވާހަކަ ދައްކަމުން ދިޔަ އެވެ.
އަނގައިން އެއްވެސް އެއްޗެއް ނުބުނުމުގެ މާނައަކީ އެކަމަށް ނޫނެކޭ ބުނުންކަން ނާޒިމަށް ވިސްނުނެވެ. އެހެންވެ، ނާޒިމްގެ ވާހަކަ ބަދަލުކޮށްލި އެވެ. އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ދައްކަން ފެށި އެވެ.
ނާޒިމަކީ މީހަކާ އިނދެ ކާފަ ދަރިން ވެސް ލިބިފައިވާ މީހެކެވެ. އުމުރުން 50 އަށް ވުރެ މައްޗަށް ހިނގައްޖެ އެވެ. އޭނާ ބުނާ ގޮތުން އަނބިމީހާގެ ފަރާތުން އޭނާ އަށް ހަމަ އެއްވެސް އުފަލެއް ނުލިބެ އެވެ. އެހެންވެ "ރަނގަޅު ކުއްޖަކު ލިބިއްޖިއްޔާ މެރީކުރަން ވެސް ބައެއް ފަހަރު ވިސްނާ" ކަމަށް އޭނާ ބުނެ އެވެ.
އެއަށް ފަހު، ނާޒިމް އެކި ގޮތްގޮތުން ޒީނާ އަށް އެކި ކަހަލަ ގޮތްގޮތުން ދިމާކުރެ އެވެ. ނާޒިމްގެ މައްޗަށް ޒީނާގެ ސިކުނޑި ދޮވެލަން އެތައް ރޭވުމެއް ރާވަ އެވެ. އިންޓަނެޓުން އެކި ކަހަލަ ލިޔުންތައް ނަގައި ޕްރިންޓްކޮށްގެން ކިޔަން ދެ އެވެ. އޭގެ ތެރޭގައި، އަނބިމީހާ ފިރިމީހާ އަށް ޖިންސީ އެދުންތައް ހާސިލްކޮށްނުދީފި ނަމަ ދެން ވާނެ ގޮތްތައް ކިޔައިދީފައި ހުންނަ ޑޮކިއުމެންޓްތައް ހިމެނެ އެވެ. އެހެން ނަމަވެސް ޒީނާ އަށް ޝައުގުވެރިވާކަން އަމަލީ ގޮތުން ނާޒިމް ނުދައްކަ އެވެ.
ޒީނާގެ ބައްޕަ ކުއްލިއަކަށް ބަލިވެއްޖެ އެވެ. އެކަން ނާޒިމަށް ވެސް އެނގިއްޖެ އެވެ. އެހެންވެ ޒީނާގެ ބައްޕަ އަށް ގޮވާލަން، އެ ރޭ ނާޒިމް ހޮސްޕިޓަލަށް ދިޔަ އެވެ. އަދި އެނބުރި ގެއަށް ދާންވެގެން ހޮސްޕިޓަލްގެ ބޭރަށް ނުކުމެފައި ޒީނާ އަށް ފައިސާ ވެސް ދިނެވެ. އަދި ޒީނާގެ އަތުގައި ހިފާލި އެވެ. "ހަމްދަރުދީ"ގެ އަތުން ބުރަކަށީގައި ފިރުމާލި އެވެ.
ޒީނާގެ އަތުގައި ހިފާލި ގޮތާއި ފިރުމާލި ގޮތުން އެއީ ރަނގަޅު ނިޔަތެއްގައި ކުރި ކަމެއް ނޫންކަން ޒީނާ އަށް ވިސްނެން ފެށި އެވެ. މުޅި މޫޑު ގޯސްވެ، އެރޭ ހަތަރުދަން ހޭދަވީ އެކަމާ ދޭތެރޭ ވިސްނުމުގަ އެވެ. އެހެންވެ ޖެހިގެން އައި ދުވަހު ވެސް ޒީނާ އޮފީހަކަށް ނުދެ އެވެ. އޮފީސް ތެރޭގައި ހޭދަވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ބޮސްގެ ފަރާތުން ކުރިމަތިވި އަދި ފެންނަ މަންޒަރުތަކުގެ ފަރުދާ ކަހާލުމުން ޒީނާ އަށް ފެންނަމުން ދިޔައީ މުޅިން އެހެން މަންޒަރެކެވެ.
"ޒީނާ އޮފީހަށް ނާންނަންޏާ އަހަރެން ވެސް ދެން އޮފީހަކަށް ވެސް ނާންނާނަން،" ޒީނާ އޮފީހަށް ނުދާކަން އަންގަން ވެގެން ސަލާން ބުނެ ފޮނުވި އެސްއެމްއެސްގެ ޖަވާބުގައި ނާޒިމް ފޮނުވި އެވެ.
ޒީނާ އަށް އޮތީ ދެ ގޮތެކެވެ. އެއްގޮތަކީ ވަޒީފާ އިން ވަކިވުމެވެ. އެހެން ނޫނީ އޭނާ އޮފީހަށް ދާންޖެހެ އެވެ. ޒީނާ އަށް ލިބިފައިވާ ވަޒީފާ އަކީ އާދައިގެ ވަޒީފާއެއް ނޫނެވެ. އާދައިގެ މުސާރައެއް ނޫނެވެ. އޮފީހުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ މީހުން ވެސް މިހާރު ތިބެނީ ޒީނާގެ ދަށުގަ އެވެ. އަނެއްކޮޅުން ވަޒީފާ ގެއްލިއްޖެ ނަމަ ޒީނާގެ ދިރިއުޅުމަށް މިހާރު ބޮޑެތި ބަދަލުތަކެއް ގެންނަންޖެހެ އެވެ. ޒީނާގެ ފަރާތުން އާއިލާ އަށް ކުރާ ހޭދަތައް ހުއްޓިގެން ދާނެ އެވެ. އަނެއްކޮޅުން ނާޒިމްގެ ފަރާތުން ފާޅުގައި ކަމެއް ފެނިފައިނުވާތީ އޭނާ އަށް ޝައްކުކުރުމަކީ ޒީނާ ބޭނުންވާ ގޮތެއް ވެސް ނޫނެވެ. އެހެންވެ ޒީނާ ނިންމީ ވަޒީފާ އަށް ދާށެވެ.
ޒީނާގެ ޝައްކުތައް ޔަގީނަށް ބަދަލުވާން ފެށި އެވެ. ބޮސްގެ ފަރާތުން ފެންނަ ހުތުރު އަމަލުތައް ތަކުރާރުވާން ފެށި އެވެ. ޒީނާ އަށް އިންޓަކަމުން ގުޅާފައި "އަންނާށޭ" ބުނެފައި ޒީނާ ކެބިނަށް ވަންނައިރު ނާޒިމް ފާހާނާ އަށް ވަދެ ނުކުމެގެން ޒިބު އަޅުވަމުން އަންނަ މަންޒަރުތައް ތަކުރާރުވާން ފަށައިފި އެވެ. އަދި ބައެއް ހަޑިހުތުރު ވާހަކަތައް ވެސް ދެކެވެން ފަށައިފި އެވެ. އެކަހެރި ތަންތަނަށް ދާން ކިޔަން ފަށައިފި އެވެ. އޮފީސް ނިމޭ ވަގުތު ދިގުވާން ފަށައިފި އެވެ. ނޫން ގޮތަކަށް، ނުވަތަ އެކްސިޑެންޓެއްގެ ގޮތުގައި ގައިގައި ޖެހެވެން ފަށައިފި އެވެ.
"އަޅުގަނޑަކަށް ތި ގޮތްތައް ކަމަކު ނުދޭ. އަޅުގަނޑާ ތިގޮތަށް ދިމާނުކުރެއްވުން އެދެން،" ޒީނާގެ ކެބިންގައި އިން ދުވަހަކު ނާޒިމް ފަހަތުން އައިސް ދެ ކޮނޑުގައި ހިފަހައްޓާލި ދުވަހަކު ޒީނާ ބުންޏެވެ.
އެއީ މަޖަލަކަށް ކުރި ކަމެކޭ ނާޒިމް ބުންޏެވެ. އަދި އެކަމަށްޓަކައި މާފަށް އެދުނެވެ. އެހެން ނަމަވެސް އެކަމެއް ނުހުއްޓެ އެވެ. ނުބައި ނަޒަރަކުން ބަލަމުން އައި ބެލުންތައް އެންމެ ފަހުން ނުބައި އަމަލުތަކަކަށް ބަދަލުވެ އޭގެ ހައްދުން ނެއްޓެން ފެށި އެވެ.
އެއް ދުވަހަކު ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިއްޖެ އެވެ. އެއީ ނާޒިމާއި ޒީނާ އެކަނި ކުރަންޖެހޭ ކަމެކެވެ. އެހެންވެ އޮފީސް ނިންމައި، ހަވީރު 30: 5 ވަންދެން ދެ މީހުން އޮފީހުގައި ތިބެން ޖެހުނެވެ. އެ މަސައްކަތް ނިމުމުން ނާޒިމް އޭނާ އަށް އިންޓަކަމުން ގުޅާލި އެވެ.
ޒީނާ ކެބިން އަށް ވަދެއްޖެ އެވެ. ނާޒިމްގެ ބޮޑު މޭޒު ކުރިމަތީގައި ހުރި ގޮނޑިއެއްގައި ޒީނާ އިނށީދެއްޖެ އެވެ. ނާޒިމް ތެދުވެގެން އައިސް ފަހަތުން ބައްދާލި އެވެ. ބަނޑުގައި ފިރުމާލި އެވެ.
ޒީނާ ފުންމައިގެން ތެދުވި އެވެ. ދޮރާ ދިމާއަށް ހިނގައިގަންނަން މިސްރާބު ޖެހި އެވެ. އެހެން ނަމަވެސް އެނބުރިލި ވަގުތު ފަހަތުން ޒީނާގެ އަތުގައި ހިފައި ނާޒިމްގެ މޭމައްޗާ ދިމާއަށް ދަމައިގަތެވެ. ޒީނާ ގަދަހަދަން ފެށި އެވެ. އެއާ އެކު ޒީނާގެ އަތް ގަދަކަމުން ގެންގޮސް ނާޒިމްގެ ބައެއް ގުނަވަންތަކުގައި އަތްލުވަން މަސައްކަތްކުރި އެވެ. ޒީނާ ގަދަހަދަމުން ދިޔަ ނަމަވެސް، އެ ވަގުތުކޮޅު އެއީ އެކަނިމާއެކަނި ސަލާމަތް ވާނެ ވަގުތެއް ނޫންކަން ޒީނާ އަށް އެނގެ އެވެ. އެ އަމަލު ހިންގަން ފެށީ ކުއްލިއަކަށް ކަމަށް ވާތީ ޝޮކެއް ލިބި ޒީނާގެ ލޮލުން ކަރުނަ އަންނަން ފެށި އެވެ. ވަކި ހިސާބަކަށް ކަންތައް ގޯސްވާން ފެށުމުން ޒީނާ ދުރަށް ދުއްވައިގަތެވެ. އެވަގުތު މޭޒުމަތީގައި ބަހައްޓާފައި ހުރި ބިއްލޫރި ވާސްއެއްގައި ޒީނާގެ އަތްޖެހި ބިންމައްޗަށް ވެއްޓި ތަޅައިގެން ވެސް ދިޔަ އެވެ. އޭގެ ބިއްލޫރިކޮޅަކުން ޒީނާގެ ފައިގެ ތަނބިކަށި ޒަހަމްވެ ލޭ އަންނަން ފެށި އެވެ.
***
"މިއީ ޒީނާއާ އަހަންނާ ދޭތެރޭގައި އޮތް ސިއްރެއް،" އޮފީހުގެ ބޭރު ދޮރު ހުޅުވާލަމުން ނާޒިމް ބުންޏެވެ.
ޒީނާ ބޭނުން ނަމަ "އެ ވަގުތުކޮޅު" ބޭނުން ވަރަކަށް ހަޅޭއްލެވުނީހެވެ. އެހެން ނަމަވެސް އެ އަޑު އޮފީހުން ބޭރަކަށް ނުދާނެ އެވެ. ހަގީގަތުގައި ނާޒިމްގެ ރޭވުން ވަރަށް ހުށިޔާރެވެ. އެ ހުރިހާ ކަމެއް އެނގުނީ އެކަން ހިނގިތާ ދުވަސްގަނޑެއް ފަހުންނެވެ. އަދި އެ ދުވަހު އޮފީހުގައި މަޑުކުރަން ޖެހުނީ އިމަޖެންސީ މަސައްކަތެއްގައި ނޫން ކަމާއި އެއީ ރޭވުމެއްކަން ވެސް އެނގުނީ ވަރަށް ފަހުންނެވެ.
އެ ދުވަސް އެއީ ޒީނާ އެ އޮފީހުގައި ހޭދަކުރި އެންމެ ފަހު ދުވަހެވެ. ނާޒިމްގެ އެސްއެމްއެސްތަކާއި ފޯންކޯލްތައް ހަފުތާއެއް ވީއިރު ވެސް މެދުކެނޑުމެއް ނެތި ލިބެމުން ދިޔަ އެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކޯލަކަށް އޭނާ ޖަވާބެއް ނުދެ އެވެ. ރިޕްލައިއެއް ވެސް ނުކުރެ އެވެ. އޮފީސް މާހައުލު އެއީ ޒީނާ އަށް ބިރުވެރި މާހައުލެކެވެ.
މިހާރު އޭގެ ފަހުން ދެ އަހަރުވީ އެވެ. މިހާރު ޒީނާގެ ތުއްތު ދަރިއަކު ހުރެ އެވެ. އަލަތު ފިރިމީހާ އާ އެކު ރަނގަޅު، އުފާވެރި ދިރިއުޅުމެއް އުޅެމުން ދެ އެވެ. އޭގެ ފަހުން އޭނާ އޮފީހަކަށް ނުދެ އެވެ. ނުވެސް ދާނެ އެވެ. އެ މަންޒަރު ރިޕީޓްކުރާކަށް ޒީނާ ބޭނުމެއް ނުވެ އެވެ. އެއަށް ވުރެ ގޭގައި ހުރެގެން ދަރިން ބެލިޔަސް ޒީނާ އަށް މާ ރަނގަޅެވެ.
15 comments