މަރުގެ އަދަބު

ގޮތެއް ކަނޑައެޅިފައި ނެތުމަކީ ގިސާސް ނުހިފުމަށް އޮތް ބަހަނާއެއް ނޫން

އަހުމަދު އަބުދުﷲ ސައީދު
24 ޖުލައި 2012 10:45 17 ކޮމެންޓު
  • އާދަމް ހަލީމްގެ ޖަނާޒާ އިއްޔެ ރަސްމީ އިއްޒަތުގައި ބާއްވަނީ: މަރުގެ ޖަރީމާތައް އިތުރުވުމުގައި ހުކުމް ތަންފީޒުނުކުރެވުމުގެ މައްސަލަ ބޮޑު ދައުރެއް އަދާކުރޭ --ހަވީރު ފޮޓޯ ހުސައިން ސިނާން

  • އާދަމް ހަލީމްގެ ޖަނާޒާ އިއްޔެ ރަސްމީ އިއްޒަތުގައި ބާއްވަނީ: މަރުގެ ޖަރީމާތައް އިތުރުވުމުގައި ހުކުމް ތަންފީޒުނުކުރެވުމުގެ މައްސަލަ ބޮޑު ދައުރެއް އަދާކުރޭ --ހަވީރު ފޮޓޯ ހުސައިން ސިނާން

  • އާދަމް ހަލީމްގެ ޖަނާޒާ އިއްޔެ ރަސްމީ އިއްޒަތުގައި ގަލޮޅު ސަހަރާގައި ބާއްވަނީ: މަރުގެ ޖަރީމާތައް އިތުރުވުމުގައި ހުކުމް ތަންފީޒުނުކުރެވުމުގެ މައްސަލަ ބޮޑު ދައުރެއް އަދާކުރޭ --ހަވީރު ފޮޓޯ ހުސައިން ސިނާން

  • އާދަމް ހަލީމްގެ ޖަނާޒާ އިއްޔެ ރަސްމީ އިއްޒަތުގައި ބާއްވާ އިރު އޭނާ މަންމަ އޭނާގެ ސަންދޯއް މައްޗަށް ވެލިއުކަނީ: މަރުގެ ޖަރީމާތައް އިތުރުވުމުގައި ހުކުމް ތަންފީޒުނުކުރެވުމުގެ މައްސަލަ ބޮޑު ދައުރެއް އަދާކުރޭ --ހަވީރު ފޮޓޯ ހުސައިން ސިނާން

  • އާދަމް ހަލީމްގެ ޖަނާޒާ އިއްޔެ ރަސްމީ އިއްޒަތުގައި ގަލޮޅު ސަހަރާގައި ބާއްވަނީ: މަރުގެ ޖަރީމާތައް އިތުރުވުމުގައި ހުކުމް ތަންފީޒުނުކުރެވުމުގެ މައްސަލަ ބޮޑު ދައުރެއް އަދާކުރޭ --ހަވީރު ފޮޓޯ ހުސައިން ސިނާން

  • އާދަމް ހަލީމްގެ ޖަނާޒާ އިއްޔެ ރަސްމީ އިއްޒަތުގައި ގަލޮޅު ސަހަރާގައި ބާއްވަނީ: މަރުގެ ޖަރީމާތައް އިތުރުވުމުގައި ހުކުމް ތަންފީޒުނުކުރެވުމުގެ މައްސަލަ ބޮޑު ދައުރެއް އަދާކުރޭ --ހަވީރު ފޮޓޯ ހުސައިން ސިނާން

އެންމެ ތިން ލައްކަ މީހުންގެ ކުޑަކުޑަ މި އާބާދީގައި މި އަހަރުގެ މިހާތަނަށް ނުވަ މީހުން މަރައިލީ އެވެ. މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ، ގާނޫނީ ވަކީލު އަހްމަދު ނަޖީބު އަވަހާރަކޮށްލިތާ 22 ވަނަ ދުވަހު، އިތުރު މީހެއްގެ ފުރާނަ ދުއްވައިލީ ވެސް ހަމަ އެފަދަ ރަހުމު ކުޑަ ގޮތަކަށް ވަޅި ހަރައިގެންނެވެ. އެއީ އިއްޔެ ރަސްމީ އިއްޒަތުގައި ޖަނާޒާ ބޭއްވި ފުލުހުންގެ ލާންސް ކޯޕްރަލް އާދަމް ހަލީމެވެ.

މި ދިޔަ ހައެއްކަ އަހަރުގެ ތެރޭގައި ރާއްޖޭގައި ވަޅި ހަރައިގެންނާއި އެ ނޫން ގޮތްގޮތަށް އެތައް ބަޔަކު މަރާފައިވެ އެވެ. އޭގެ ތެރޭގައި ވިހާފައި ދަރިފުޅު މަރައިލުމުގެ ހާދިސާތަކާއި ފައިސާގެ ދަހިވެތިކަމުގައި މަރާލާފައިވާ މީހުންނާއި ގޭންގު މާރާމާރީތަކުގައި މަރާފައިވާ މީހުން ހިމެނެ އެވެ.

އެއިން ކޮންމެ މަރަކާ ގުޅިގެން ވެސް އާންމުންގެ މެދުގައި އެންމެ ބޮޑަށް ދެކެވެނީ ގިސާސް ހިފުމުގެ ވާހަކަ އެވެ. އަދި ވަކީލު ނަޖީބުގެ މަރާ ގުޅިގެން އެކަމަށް ގޮވައިލުން ވަނީ އިތުރުވެފަ އެވެ. މަރުގެ އަދަބު ދިނުމަށް ތާއީދުކުރައްވައި ސަރުކާރުގެ ބައެއް ވަޒީރުން ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ.

ނަމަވެސް ނަޖީބުގެ ގާތިލުންގެ މައްޗަށް މަރުގެ ހުކުމް އިއްވި އިރު، ސަރުކާރުގެ ތެރެއިން އިވުނީ އެ ހުކުމް ތަންފީޒްކުރުމުގައި ފަހަތު ފަޔަށް ބުރަވާ ފަދަ އަޑުތަކެކެވެ. އެ ހުކުމް ތަންފީޒުނުކޮށް ލަސްކުރެވޭނެ ގޮތެއް އޮތްތޯ ސަރުކާރުން ބަލަމުންދާހެން ހީވާ ކަހަލަ އަޑުތަކެކެވެ.

ނަޖީބުގެ ގާތިލުންގެ މައްޗަށް މަރުގެ ހުކުމް އިއްވި ދުވަހު، ތަންފީޒީ މަރުހަލާގެ އެންމެ އިސް ފަރާތް ކަމަށްވާ ހޯމް މިނިސްޓަރު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރާނެ ގޮތްތައް އެހެން ގައުމުތަކުގައި ކަނޑައަޅާފައިވާ ކަމަށާއި ނަމަވެސް ރާއްޖޭގައި އެފަދަ ގޮތެއް ހަމަޖެހިފައި ނެތް ކަމަށެވެ. އެހެންކަމުން މަރުގެ ހުކުމް ތަންފީޒުކުރާނެ ގޮތްތަކެއް ކަނޑައަޅައިދިނުމަށް މަޖިލީހުގައި އެދިވަޑައިގެންފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ގިސާސް ހިފާނެ ސީދާ ގޮތެއް، ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކަނޑައަޅާފައި ނެތުމަކީ، އެ ހުކުމް ތަންފީޒު ނުކުރުމަށް ނުވަތަ ތަންފީޒުކުރުން ފަސްކުރުމަށް އޮތް ބަހަނާއެއް ނޫނެވެ.

ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވި ގޮތުގައި ބައެއް ގައުމުތަކުގައި މަރުގެ ހުކުމް އިއްވާއިރު، މަރަންވީ ގޮތް ކަނޑައަޅާފައި އޮވެ އެވެ.

"މިސާލަކަށް ހޭންގް އަންޓިލް ޑެތު. އޭނާ މަރުވަންދެން ދަންޖައްސާފައި ބަހައްޓާށޭ، އެހެން ކިޔާފައި ނެރޭނެ ހުކުމެއް. އަނެއް ބައި ތަންތާ ހުކުމް ނެރޭނެ ގަތުލުކުރުމަށް. އެއީ ބޯ ބުރިކުރުން. އެހެންވީމާ އެއީ ހަގީގަތުގައި ކޯޓުން ނެރެން ޖެހޭނެ ހުކުމެއް ކޮން ގޮތަކަށްތޯ މަރާނީ. ކޯޓުން [މަރަންވީ ގޮތުގެ] އެއްވެސް ހުކުމެއް ނުނެރެފިއްޔާ އޭގެ މާނައަކީ ތަންފީޒުކުރާ ފަރާތަށް އިޚްތިޔާރު ލިބިގެން ދިޔައިއްޔޭ އޭގެ ތެރެއިން ކޮންމެ ޕްރޮސީޖާއެއް [އިޖްރާއާތެއް] ބޭނުންކުރި ކަމުގައި ވިޔަސް މައްސަލައެއް ނެތް ކަމަށް،" ޑރ. ޒަކަރިއްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިސާސް ހިފަންވީ ވަކި ގޮތެއް ހުކުމުގައި ނެތުމަކީ، ގިސާސް ހިފުމުން ދުރުހެލިވާން އޮތް ބަހަނާއެއް ނޫން ކަމަށެވެ.

"އެކަމަކު އެ [މަރުގެ ހުކުމް ތަންފީޒު] ކުރާނެ ގޮތެއް ނޭނގިގެންނޭ ކިޔާފައި އެކަން ނުކޮށް ތިބުމުގެ އެއްވެސް ކަހަލަ ހުއްޖަތެއް ބަހަނާއެއް ނޯންނާނެ. ކޯޓުން [މީހެއްގެ މައްޗަށް] ހުކުމްކޮށްފައި އޮތީ މަރަން. އެހެން ކަމަށްވަންޏާ އޭގެ މާނައަކީ ހާކިމަށް އިޚްތިޔާރު ލިބިފައޭ އެ އޮތީ މެރެން އޮތް އެންމެ ފުރިހަމަ ގޮތުގައި މަރަން. ހާކިމަށް އިޚްތިޔާރު ލިބިގެންވެޔޭ ކޮންމެ ގޮތަކަށް މަރުގެ ހުކުމް ތަންފީޒުކުރަން ވެސް،" އޭނާ ވިދާޅުވި އެވެ.

ޑރ. ޒަކަރިއްޔާ ވިދާޅުވި ގޮތުގައި، ގިސާސް ހިފުމާ މެދު އިލްމުވެރިންގެ މެދުގައި އެއްވެސް ކަހަލަ ދެބަސްވުމެއް ނެތެވެ. ނަމަވެސް ގިސާސް ހިފާނެ އެންމެ ރަނގަޅު ގޮތަކާ މެދު އިލްމުވެރިންގެ މެދުގައި ޚިލާފު އެބަ ހުއްޓެވެ.

"ގިނަ އިލްމުވެރިން ބުރަވަނީ، ދަންޖެއްސުމަށް ވުރެ ވެސް ގަތުލުކުރުމޭ ނޫނީ ފިސްތޯލައަކުން ބަޑިޖަހައި މެރުމަށް ވުރެ ވެސް ގަތުލުކުރުމޭ މޮޅީ. އެއީ ކީރިތި ރަސޫލާ އަންގަވާފައި އޮންނާނެ، ކަލޭމެން ގިސާސް ހިފާ ނަމަ، މަރައިލެވޭ މީހާ އަށް ވީހާ ވެސް އަނިޔާ ކުޑަވާނެ ގޮތަކަށް ގަތުލުކުރާށޭ. އެ ބަސްފުޅަށް ބަލާފައި [ގިސާސް ހިފުން] އެންމެ އައުލާވެގެންވާ ގޮތް ކަމަށް އިލްމުވެރިން ވިދާޅުވަނީ ގަތުލުކުރުން. ދެން ހުރި ގޮތްތައް [ބަޑިޖެހުން، ދަންޖެއްސުން] ކޮންމެހެން ގޯސްވާތީކީ ނޫން. ވަކި ގޮތެއް ގާނޫނެއްގައި ކަނޑައަޅާފައި ނެތިއްޔާ އޭގެ ތެރެއިން ކޮންމެ ގޮތަކަށް ގިސާސް ހިފުމުގެ އިޚްތިޔާރު ވެސް ހާކިމަށް އެބަ އޮތް،" ޑރ. ޒަކަރިއްޔާ ވިދާޅުވި އެވެ.

ޑރ. ޒަކަރިއްޔާގެ އެ ވާހަކަ އިން ދޭހަވާ އެއް ކަމަކީ ގާނޫނެއްގައި ނެތެއް ކަމަކު ޝަރީއަތް ގާއިމުކުރުމުގައި ފަހަތަށް ޖެހެވެން ނެތް ކަމެވެ. އޭގެ އިތުރުން، ގާނޫނެއްގައި ނެތް ކަމުގައި ވިޔަސް، އިސްލާމީ ގިނަ އިލްމުވެރިން ބުރަވާ ގޮތަކީ ވެސް ޝަރީއަތުގައި ބުރަދަނެއް ހުރި ގޮތަކަށް ވާނެ އެވެ.

ދުނިޔޭގައި މަރުގެ އަދަބު ތަންފީޒުކުރާ ގައުމުތަކަށް ބަލާއިރު، އެމެރިކާގައި މަރުގެ އަދަބު ދެނީ އެކި ގޮތަށެވެ. ކަރަންޓުގައި ޖައްސައިގެންނާއި ވިހަ ގޭހުން ނޭވާ ހާސްކޮށްލައިގެންނާއި އިންޖެކްޝަން ޖަހައިގެންނެވެ. އީރާން، އިރާގު، އަފްޣާނިސްތާން، ޖަޕާން، މެލޭޝިޔާ، ޕާކިސްތާން، ސިންގަޕޫރު، ލަންކާ، މިސްރު އަދި އެމެރިކާގެ ވޮޝިންޓަންގައި މީހުން މަރަނީ ދަން ޖައްސައިގެންނެވެ. ގަތަރާއި ސަޢޫދީ އަރަބިއްޔާގައި ގަތުލުކޮށްގެންނެވެ. ޗައިނާ، ލުބްނާން، އުތުރު ކޮރެއާ ފަދަ ގައުމުތަކުގައި ބަޑި ޖަހައިގެންނެވެ.

ފިޤުހުގެ ދާއިރާ އިން ޕީއެޗް.ޑީ ހާސިލުކުރައްވާފައިވާ އެހެން އިލްމުވެރިއަކު ވިދާޅުވީ، ގިސާސް ހިފާނެ ގޮތުގެ އިޖްރާއާތެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެއީ އެކި ދުވަސްތަރު ތަންފީޒީ އިދާރާތަކުގައި ތިބޭ މީހުން އެކި ގޮތަށް އަމަލުކުރުމުން ދުރުކުރުމަށްޓަކަ އެވެ. އެހެން ނަމަވެސް އެފަދަ އިޖްރާއާތެއް ނެތުމަކީ ހުކުމް ތަންފީޒުނުކޮށް ތިބުމަށް އޮތް ބަހަނާއެއް ނޫން ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"އިޖްރާއާތެއް އޮންނަންވާނެ. ގޮތެއް ކަނޑަނޭޅި އޮތް ކަމުގައި ވިޔަސް އެ ހުކުމް ތަންފީޒުނުކުރުން ހުއްދައެއް ނުވާނެ. ކޯޓުން ހުކުމްކޮށްފައި އޮތިއްޔާ އެ ހުކުމް ތަންފީޒްކުރަންވާނެ،" އެ އިލްމުވެރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެހެން އިޖްރާއާތެއް ކަނޑައެޅިފައި އޮތުން ޝަރުއުގައި ލާޒިމްނުކުރާ ކަމެއް ނަމަ، ލިބިގެންވާ އިޚްތިޔާރުތަކުގެ ތެރެއިން ވަކި ގޮތެއް އިޚްތިޔާރުކުރުމަކީ ހާކިމަށް އޮތް ބާރެކެވެ. އަދި އިސްލާމީ ޝަރުއުގައި މެރުމަށް ވަކި ގޮތެއް ކަނޑައެޅިފައި އޮތީ ރަޖަމްކުރަން ޖެހޭ ހާލަތުގަ އެވެ. އެ ނޫން ހާލަތެއްގައި ނަމަ ކޮންމެ ގޮތަކަށް މެރިކަމުގައި ވިޔަސް ގިސާސް ހިފުނީ ކަމުގައިވާނެ އެވެ. ސަބަބަކީ މެރުމުގައި ދުނިޔޭގައި ބޭނުންކުރާ އުސޫލުތަކުން ކޮންމެ އުސޫލެއް ބޭނުންކުރި ކަމުގައި ވިޔަސް ނަތީޖާއަކަށް ވާނީ އެކައްޗެކެވެ. އެހެންކަމުން އެ ކަމުގައި ގޮތެއް ނިންމުމުގެ އިޚްތިޔާރު ހާކިމަށް ލިބިގެންވެ އެވެ.

"އެކި ކަންކަމަށް ރައީސް ކޮމިޝަންތައް ހައްދަވައިގެން ވެސް އެބަ ކަންތައް ކުރައްވާ. ވަގުތީ ގޮތުން ރިއާސީ ކޮމިޝަނެއް ހަދައިގެން ވެސް، ގިސާސް ހިފާނެ ގޮތެއް ކަނޑައެޅިދާނެ، ވަކި ގާނޫނަކުން އިޖްރާއާތެއް ކަނޑައެޅެންދެން ވެސް. އިޖްރާއާތެއް ނެތް ވާހަކަ ދައްކާ އިރު، މިއީ ވެސް ކުރެވިދާނެ ކަންތައް،" އޭނާ ވިދާޅުވި އެވެ.

އިލްމުވެރިޔާ ވިދާޅުވި ގޮތުގައި އިޖްރާއަތެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެކަން ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. މަރުގެ އަދަބަކީ ދުނިޔޭގެ ފެންވަރުގައި ވެސް ހޫނު ބަހުސްތަކެއް ކުރެވޭ ކަމަކަށްވާ އިރު، ރާއްޖޭގައި ވެސް އެކަން ސިޔާސީ ކަމަކަށް ހަދައި ދިގުދެންމުމުގެ ފުރުސަތު އެބަ އޮތެވެ.

"ކިހިނެއް އެނގޭނީ ރައްޔިތުންގެ މަޖިލީހުން ކޮން ދުވަހަކުން ކަމެއް އޭތި ނިންމަނީ؟ ހަމަ ތަޅުމުން ބޭރު ވެސް ކޮށްފާނެ ތިމަންނަމެންގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫނޭ ކިޔާފައި. ރައީސް ނަޝީދުގެ މައްސަލަ ހުޅުމާލޭ ކޯޓުން ބޭރުކޮށްލިހެން. ހުރިހާ ކަމެއްގައި މި ކިޔަނީ ހުޅުމާލެ އަކީ މާލޭގެ އަވަށެއް ކަމަށް. އެކަމަކު ވަކި މީހެއްގެ މައްސަލަ ބަލަންވީމާ ހުޅުމާލެ ނުވި މާލޭގެ އަވަށަކަށް. އެހެންވީމާ ކިހިނެއްތޯ އެނގޭނީ އެ ކަންތައް މަޖިލީހުން ބަލައިގަންނާނެ ކަމެއް ވެސް؟" އޭނާ ވިދާޅުވި އެވެ.

17 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait