މީހުން

އެޑަމްގެ ހަނދާންތައް ނުފޮހެވޭނެ ސަފުހާއެއްގައި

ކ. ކާށިދޫން އަލީ ޔޫސުފް
28 ޖުލައި 2012 13:07 45 ކޮމެންޓު
  • އާދަމް ހަލީމް.--ފޮޓޯ: އާއިލާ

  • އާދަމް ހަލީމް އާއި އޭނާގެ ބައެއް އެކުވެރިން.--ފޮޓޯ: އާއިލާ

  • އާދަމް ހަލީމް.--ފޮޓޯ: އާއިލާ

އެޑަމް ފާހަނާ އިން ނުކުން އިރު ތުއްތު އަޔާމިން އޮތީ ކުކުރާލަ ކުކުރާލަ އެވެ. ކައިރީގައި ލޯމަރާލައިގެން އަންހެނުން މަރިޔަމް ޝިފާ އޮތެވެ. ޑިއުޓީ އަށް ދާން ވަގުތު އޮތުމުން ތައްޔާރުވުމުގެ ކުރިން ދަރިފުޅު ނިންދެވުމަށް އެޑަމް މަސައްކަތް ފެށި އެވެ. ޝިފާ އަށް އުނދަގޫކުރުމެއް ނެތި ދަރިފުޅު ނިންދެވުމަށް ފަހު އެޑަމް ޔުނިފޯމް އަޅައި ތައްޔާރުވި އެވެ. އެއީ އެ ދަރިފުޅުގެ ހަށިގަނޑުގައި ބީހިލެވޭނެ އެންމެ ފަހު ވަގުތުކޮޅުކަން އޭނާ އަށް އެނގިފައެއް ނެތެވެ.

އެހެން ދުވަސް ދުވަހު ސައިކަލުގައި ޑިއުޓީ އަށް ދިޔަ ނަމަވެސް ސައިކަލު ނެތުމުން އެ ދުވަހު އެޑަމް ނިންމީ ހިނގާލާފައި ދާށެވެ. ޑިއުޓީ އަށް ދާން ތައްޔާރުވުމަށް ގެ އަށް އައުމުގެ ކުރިން އެޑަމް އާއި އޭނާގެ ގާތް އެކުވެރިޔާ އަހުމަދު މާހިދު ރާވާފައި އޮތީ ބޮޑު މަގުން ދިމާކޮށް އެކުގައި ޑިއުޓީ އަށް ދިއުމަށެވެ. ނަމަވެސް މާހިދު ފޯނު ނުނެގުމުން އެޑަމް ހިނގައިގަތީ އެކަންޏެވެ.

މަގުގެ ވަކި ހިސާބަކުން އެޑަމް އަށް ފެނުނީ ގޭބަންދަށް ދޫކޮށްލާފައި ހުރި ކުށްވެރިއެއް ކަމަށްވާ ސަމާހު ބައިސްކަލުގައި ދުއްވާފައި އަންނަނިކޮށެވެ. އެޑަމް ފެނުމާ އެކު މިސްރާބު ބަދަލުކުރުމަށް ފަހު ބައިސްކަލު އެއްލާލާފައި އޭނާ ދުއްވައިގަތެވެ. އެޑަމް ލަސްނުކޮށް ސްޓޭޝަނަށް ގުޅައި ވެހިކަލް ފޮނުވުމަށް އެންގި އެވެ. އަދި ފޯނު ބޭއްވުމަށް ފަހު މާހިދަށް ވެސް އެ ހަބަރުދީ އެތަނަށް އައުމަށް އެދުނެވެ. ދެން ކުށްވެރިޔާގެ ފަހަތުން ދިޔަ އެވެ.

އަނދިރިކޮށް އޮތް ގޯޅީގައި، ތިރިތިރި ފުރާޅެއްލާފައި ހުރި ގެއަކަށް ސަމާހު ވަނުމުން އެޑަމް ފަހަތުން ގޮސް ދޮރުމަތީގައި ހުއްޓުނެވެ. އޭރު ސަމާހު ހުރީ އެތެރޭގަ އެވެ. އޭނާ ކުރިން ލައިގެން ހުރި ޓީޝާޓެއް ހަށިގަނޑަކު ނެތެވެ. ތަޅުން އަޅާފައި އޮތް ކުޑަކުޑަ ސިޓިން ރޫމްގެ އަރިމަތީގައި ހުރި އައްޓެއްގައި ސަމާހުގެ މުސްކުޅި މާމަ އޮތެވެ. ޖެހިގެން ހުރި ކޮޓަރީގައި ކުޑަ ތިން ކުދިން ނިދާފައި އޮތެވެ. ސަމާހުގެ ދައްތަ ވެސް އޭރު ގޭތެރޭގައި އުޅެ އެވެ.

އެޑަމް މަރާލި ކަމަށް ތަހުގީގުގައި އިއުތިރާފްވެފައިވާ ސަމާހުގެ ގޭގެ ބޭރު: އެޑަމް އަށް ހަމަލާދިނީ މި ތަނުގައި.

ގޭބަންދުގައި ހުރި މީހަކު ބޭރުގައި އުޅުމުން އެޑަމްގެ ޒިންމާއަކަށްވީ އޭނާ ހައްޔަރުކޮށްގެން ސްޓޭޝަނަށް ގެންދިއުމެވެ. ޓީޝާޓް ލައިގެން ބޭރަށް އައުމަށް ކުށްވެރިޔާގެ ކިބައިން އެޑަމް އެދުނެވެ. އަދި މާހިދަށް އަނެއްކާވެސް ގުޅި އެވެ. "އަހަރެމެންނަށް އަނިޔާނުކުރާށޭ" އޭރު ސަމާހު ގޮވަމުން ދިޔަ އަޑާއި އޭނާގެ ދައްތައާ ޒުވާބު ކުރަމުން ދިޔަ އަޑު ފޯނުން މާހިދަށް ވެސް އިވުނެވެ.

ފޯނު ރަނގަޅަށް ނުބޭއްވި އުޅެނިކޮށް ވަޅީގެ ހަމަލާ އިން އެޑަމްގެ މޭ ތޮރުފާލި އެވެ. މަސްތުގެ ހާލުގައި ހުރި ސަމާހުގެ އަނިޔާވެރި ހަމަލާ އިން ރެކޭނެ ފުރުސަތެއް ވެސް ނުލިބުނެވެ. "އައްދިއްޔޯ" އޭ ގޮވާލި އަޑަށް އެތޭރެގައި ހުރި ސަމާހުގެ ދައްތަ ބޭރަށް ނުކުން އިރު ސަމާހު ހުރީ އެޑަމްގެ ހަށިގަނޑުގައި ހިފަހައްޓައިގެންނެވެ. ދައްތަ އަވަހަށް ގޮސް ސަމާހު އަތުގައި އޮތް ވަޅި އަތުލުމަށް ފަހު ގޭތެރެއަށް އެއްލާލި އެވެ. އޭރު މުސްކުޅި މާމަ ރޮމުން އެހީއަކަށް އެދި ހަޅޭލަވަމުން ދިޔަ އެވެ.

ވަޅި އެއްލާލާފައި ދައްތަ ބޭރަށް ނުކުން އިރު އެޑަމްގެ ހަށިގަނޑުން ވާގި ދޫވެގެން ވެއްޓެނީ އެވެ. ދައްތަ ގޮސް އެޑަމް މަޑުމަޑުން ބަންޑުން މަގުމަތީގައި ބޭއްވި އެވެ. އޭރު މާހިދު ވެސް އެ ހިސާބަށް އަރާ ހަމަވަނީ އެވެ. އޭރު އެ ސަރަހައްދުގައި އުޅުނު އެހެން މީހަކު ވެސް އެޑަމް އަށް އެހީވުމަށް އެތާ ހުއްޓެވެ.

އެއީ އެޑަމް ކަމެއް މާހިދަކަށް ނޭނގެ އެވެ. އޭނާ އަވަސްވެގަތީ އެޑަމް ކައިރީގައި ހުރި މީހާގެ އެހީތެރިކަމާ އެކު ނަގައިގަނެގެން ވެހިކަލަށް އަރުވަން ގެންދިއުމަށެވެ. ވެއްޓިފައި އޮތް މީހާގެ ގަޔަށް ވަޅި ހަރާފައިވާކަން އޭރު މާހިދަކަށް ނޭނގެ އެވެ. އޭނާ ހީކުރީ ހޭނެތިފައި އޮތް މީހެއް ކަމަށެވެ. އަނެއްކޮޅުން ގޯޅި ކަންމައްޗަށް ވެހިކަލް ވެސް އަރާ ހަމަވަނީ އެވެ. އެއީ އެންމެ ގާތް އެކުވެރިޔާގެ ޒަހަމްވެފައިވާ ހަށިގަނޑުކަން މާހިދަށް ރޭކާލީ ވެސް ވަކި ހިސާބަކަށް ދިއުމުންނެވެ. އޭރު އެޑަމްގެ ހަށިގަނޑުން ހޯސްލާފައި ލޭތައް ފައިބަމުން ދިޔަ އެވެ. އެޑަމްގެ އަނގައިން ބަރު އަޑެއް ލައްވާލުން ފިޔަވައި އިތުރު އެއްވެސް ހަރަކާތެއް އެޑަމްގެ ނެތެވެ.

ވެހިކަލްގައި ސިއްހީ މަރުކަޒަށް ގެންދިއުމާ އެކު އެޑަމް އަށް ފަރުވާ ދޭން ޑޮކްޓަރުން ފެށި އެވެ. ނަމަވެސް ލިބިފައިވާ ޒަހަމްގެ ފުންކަމާ އެކު އެޑަމްގެ ފުރާނަ ދާން މާ ގިނަ ވަގުތެއް ނުނެގި އެވެ.

މިއީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ޑިއުޓީ އަށް ދަނިކޮށް ކ. ކާށިދޫ ކެތި، ލާންސް ކޯޕްރަލް އާދަމް ހަލީމް، ،27 ޝަހީދުކޮށްލި ހާދިސާ ހިނގައިދިޔަ ގޮތެވެ. މި ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އެރަށު ސުވާސާގޭ، މުހައްމަދު ސަމާހު، ،22 އެވެ.

"ދަރިފުޅު ފެންނަ ކޮންމެ ފަހަރަކު އެޑަމް ހަނދާންވޭ، ދުވަހަކު ވެސް އެޑަމްގެ ހަނދާންތަކެއް ނުދާނެ ފިލައިގެން،" އެޑަމްގެ އަންހެނުން ޝިފާ ބުންޏެވެ.

އެޑަމް އާއި ޝިފާގެ ކައިވެންޏަށް އަހަރެއް ވީ އިރު ތިން މަހުގެ ފިރިހެން ކުއްޖަކު އެބަ އޮތެވެ. ޝިފާގެ ދިރިއުޅުމުގައި އެޑަމްގެ އެންމެ ބޮޑު ހަނދާނަކަށް ވާނީ ވެސް އެ ތުއްތު ކުއްޖާ އެވެ.

އެޑަމް އާއި އަންހެނުން ޝިފާ

ޝިފާއެކޭ އެއްގޮތަށް ކާށިދޫ ޕޮލިސް ސްޓޭޝަނުގައި އެޑަމްއާ އެކު ވަޒީފާ އަދާކުރަމުން އަންނަ ކޮންމެ މީހަކަށް ވެސް އޭނާގެ ހަނދާންތައް އާވެ އާވެ ހުންނާނެ އެވެ. އެމީހުންގެ މިހާރުގެ އުންމީދަކީ އެކުގައި އުޅުނު ސަކަ މިޒާޖުގެ އެކުވެރިޔާގެ މަރައިލި އަނިޔާވެރިޔާ އަށް ހައްގު އަދަބު ލިބުމެވެ.

"އެޑަމް އަކީ ވަރަށް ޕްރޮފެޝަނަލް މީހެއް. އެކުގައި މަސައްކަތްކުރާ މީހަކަށް ވުރެ ބޮޑަށް އޭނާއަކީ ބޭބެއެއް، ގާތް އެކުވެރިއެއް،" މާހިދު ބުންޏެވެ.

އެޑަމްއަށް ހަމަލާދީން ސަމާހުގެ މައްސަލަ މިހާރު ވަނީ އޭނާގެ އިއުތިރާފާ އެކު ޕްރޮސެކިއުޓާ ޖެނެރަލް އަށް ފޮނުވައިފަ އެވެ. އެޑަމްގެ ގަޔަށް ވަޅި ހެރުމުގެ ކުރިން ވެސް އެތައް ކުށްތަކެއްގެ ތުހުމަތުގައި ސަމާހު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެޑަމްގެ ގަޔަށް ވަޅި ހަރާފައި ވަނީ ވެސް މާރާމާރީއަކާ ގުޅިގެން ގޭބަންދުގައި ހުއްޓަ އެވެ.

ސަމާހު ބަލަހައްޓަމުން އަންނަ ބޮޑުދައިތަ ގުލްމާ އަބްދުލްޣަފޫރު ސިފަކުރި ގޮތުގައި އޭނާ ކުށުގެ ޝިކާރައަކަށްވީ ކުޑައިރުއްސުރެ މައިންބަފައިންގެ އަޅާލުން ކުޑަވުމުންނެވެ. މަންމަ އާއި ބައްޕަގެ ކައިވެނި ރޫޅި އެހެން ރަށެއްގައި ދިރިއުޅެން ފެށި އިރު ވަރަށް ކުޑައިރު އޭނާ ވަނީ ތައުލީމުން މަހުރޫމްވެފަ އެވެ. މަސައްކަތްތެރި ނަމަވެސް ލިބޭ ފައިސާ ހަރަދުވަނީ މަސްތުވާތަކެއްޗަށް ކަމަށް ގުލްމާ ބުންޏެވެ.

ސަމާހަށް ދަރިއަކު ލިބުނީ ޖުލައި 7 ގަ އެވެ. އަންހެނުންނާއި ދަރިފުޅު ދިރިއުޅެނީ ގއ. ކޮލަމާފުށީގަ އެވެ.

ސަމާހުގެ ބޮޑުދައިތަ އާއި މާމަ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށު މީހުންގެ ނުރުހުމުގެ ބަސްތަކެވެ.

"މީހުން ބުނޭ އަހަރެމެންނަށް އެނގި ހުރެގެން ކުރިކަމެކޭ. ވަޅި ވެސް ފޮރުވީއޭ. ނަމަވެސް ﷲ ދެނެވޮޑިގެންވާނެ، އޭނާ އަތުން ވަޅި އަތުލައިގެން ގެނެސް ގޭތެރެ އަށް އެއްލައިލީ އަނެއްކާވެސް ހަމަލާއެއް ދީފާނެތީ. ވަޅީގައި ހުރި ލޭތައް ވެސް ފޮހުނިއްޔޭ މީހުން ކިޔާ. ނަމަވެސް ފުލުހުންނަށް ވެސް އެނގޭނެ އެމީހުން އައި އިރު ވެސް ވަޅި އެއްލައިލިތާ ލޭތަކާ އެކު އޮތްކަން،" ކަރުނަ ފޮހެމުން ގުލްމާ ބުންޏެވެ.

އޭނާ ބުނީ އެޑަމް ގަޔަށް ވަޅި ހެރުމުގެ ކުރިން ސަމާހު ގޭތެރޭގައި އުޅުނު އިރު ވެސް މައިތިރިކުރެވޭތޯ މަސައްކަތްކުރި ކަމަށާއި ނަމަވެސް ވަޅި ހިފައިގެން ބޭރަށް ނުކުތީ އޭނާ އާއި މާމަ ފޮޅުވާލުމަށް ފަހު ކަމަށެވެ.

ކުށުގެ ވެށިން ސަމާހު ހައްޔަރުކުރި އިރު އެންމެ ބޮޑަށް ސުވާލު އުފެދުނު އެއް ކަމަކަށްވީ އެޑަމްގެ އެކުވެރިންގެ އަތްދަށުން ސަމާހު ސަލާމަތްވާނެ ކަމާ މެދު އެވެ؟ ނަމަވެސް އެއީ ހަމައެކަނި އެކުވެރިންތަކެއް ނޫނެވެ. އެއީ ދިވެހި ފުލުހުންނެވެ. އެ މީހުން އެ ދުވަހު ވަނީ އެ ޕްރޮފެޝަނަލިޒަމް ދައްކައިފަ އެވެ.

"އެ ދުވަހު ހަވީރު ވެސް އަދި ޑިއުޓީ އަށް ތައްޔާރުވާން ދާންދެން މި ތަނުގައި ]ޕޮލިސް ސްޓޭޝަނުގައި[ އަހަރެމެންނާ އެކު އުޅުނީ ވެސް. އެ ހަބަރު ލިބުމުން އަހަރެމެން ގަނޑުވީ. ރުޅިވެސް އައި. ނަމަވެސް މި ޔުނީފޯމަށް ކުރާ ގަދަރެއްގެ ސަބަބުން މަޑުން ތިބީ،" ކާށިދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖެއްގެ ގޮތުގައި ހުރި އަހުމަދު އާމިރު ބުންޏެވެ

ސަމާހުގެ އަނިޔާވެރި ހަމަލާއިން ހަމައެކަނި ޒަހަމްވީ އެޑަމް އެކަންޏެއް ނޫނެވެ. އެތައް ފުލުހެއްގެ ހިތް ވެސް ވަނީ ޒަހަމްވެފަ އެވެ. ތިން މަހުގެ ކުއްޖަކާ އެކު އަންބެއް ވަނީ ހުވަފަތް ވެފަ އެވެ. ބައްޕައަކަށާއި މަންމަ އަށް ދަރިއަކު ގެއްލުނު އިރު ބޭބެ އާއި ތިން ކޮއްކޮ ވަނީ ނިކަމެތިވެފަ އެވެ. މުޅި ގައުމަށް ގެއްލިގެން އެ ދިޔައީ ހީވާގި ފުލުހެކެވެ.

"އޭނާ އެކަންޏެއް ނޫން އެ ދިޔައީ، މަ ވެސް ގޮވައިގެން އެދިޔައީ،" އިންޓަވިއުއަށް ތައްޔާރުވެން ތިބި އެޑަމްގެ ބޭބެ އެހެން ބުނުމާ އެކު އަނެއް ތިން ކޮއްކޮގެ ރުއިމުގެ އަޑު ވެސް ގަދަވެގެން ދިޔަ އެވެ. ގޭތެރޭގެ ރުއިމުގެ އަޑާ އެކު އިންޓަވިއު ހުއްޓުނީ އެވެ.

45 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait