އޭނާ އޮސްޓްރޭލިއާގައި ފުރަތަމަ ޑިގްރީ ހެއްދެވިއިރު ޕްރޮފެސަރަކު ވިދާޅުވި ވާހަކަ މިހާރު ވެސް ރަނގަޅަށް ހަނދާން އެބަހުއްޓެވެ؛ ކެތްތެރިކަމާއި ކަމަށް ތެދުވެރިކަމާއެކު މަސައްކަތްކުރުމާއި ކާމިޔާބީ ހޯދަން މަސައްކަތް ކުރާށެވެ. ޕްރޮފެސަރު ވިދާޅުވި އެ ވާހަކަ އިން އަހުމަދު އަފްއާލް އަށް ދޭހަވީ އަތުގައި "ޕީއެޗްޑީ"އެއް ނެތަސް އެ ހުރިހާ ކަމެއް ހަމަވެއްޖެ ނަމަ އެ މީހަކަށް އެ އޮތީ ޕީއެޗްޑީ ހާސިލުވެފައި ކަމެވެ. ޕްރޮފެސަރު އެ ދެއްކެވި ވާހަކަތަކަށް ބަލާއިރު އުމުރުން 41 އަހަރުގެ އަފްއާލް ވަނީ އެ ރޮނގުން ޕީއެޗްޑީ ހައްދަވައިފަ އެވެ. ކެތްތެރިކަމާއި މަސައްކަތަށް ތެދުވެރިވުމާއި އެ ކުރާ ކަމަކުން ކާމިޔާބީ ހޯދުމަކީ އަފްއާލްގެ އެންމެ ބޮޑު އަމާޒެވެ.
ރާއްޖޭގައި ހެލްތު މެނޭޖްމަންޓުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލްކޮށްފައިވާ މަދު މީހުންގެ ލިސްޓުން އަފްއާލް ޖާގަ ހޯއްދެވީ އެ ސަބަބުތަކާއެކުގަ އެވެ. މިއަދު ރާއްޖޭގައި ހުރި އަމިއްލަ ހަމައެކަނި ހޮސްޕިޓަލް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރުގެ ބުރަ މަސްއޫލިއްޔަތު އަދާކުރައްވަމުން އޭނާ އަށް ގެންދެވޭނީ ވަރަށް ބޮޑަށް ކެތްތެރިވެގެންނެވެ. ދުވަހުން ދުވަހަށް ހޮސްޕިޓަލްގެ ހުރިހާ ކަމެއް އޭނާ ބަލަހައްޓަވަމުން ގެންދަވަނީ ދުރު މުސްތަގުބަލަށް ރާއްވަވައިގެންނެވެ. އަފްއާލް ދެކެވަޑައިގަންނަވާ ގޮތުގައި ކިޔަވާ ވިދާޅުވި އެއްޗެއްގެ ބޭނުން އަމަލީ ގޮތުން މިއަދު އޭނާ ގެންދަވަނީ ހިއްޕަވަމުންނެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވެނީ ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރަން ފެށި ފަހުން އަޅުގަނޑުގެ މަސައްކަތުގެ ސެޓިސްފެކްޝަން ލެވެލް މައްޗަށް ދިޔަކަން. އަދި ކަމެއް ކާމިޔާބު ކުރަން ފަސޭހަތަކެއް ހުރޭ، އަމިއްލައަށް ކަމަށް ގޮތް ކިޔައި އެކަން ކުރިއަށް ގެންދާނެ ފުރުސަތު ލިބޭ. އެ ފުރުސަތަކީ ސަރުކާރު ވަޒީފާ އަދާކުރާއިރު އެކި އިރު އެކި ގޮތަށް ލިބޭ ފުރުސަތެއް. ސަރުކާރުގައި މަސައްކަތް ކުރަން ޖެހެނީ ވަރަށް ބޮޑެތި ބިއުރޯކްރެސީގެ ތެރެއިން،" ހެލްތު މިނިސްޓްރީގައި 11 ވަރަކަށް އަހަރު ދުވަސް ވަންދެން އުޅުއްވި އަފްއާލް ވިދާޅުވި އެވެ.
އޭނާ އެ ވިދާޅުވިހެން 2007 ގައި އޭޑީކޭގެ އެމްޑީގެ މަގާމަށް ވަޑައިގަތުމަށް ފަހު އެ ތަން ތަރައްގީ ކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ އަފްއާލެވެ. މީގެ ފަސް އަހަރު ކުރިން އޭޑީކޭ ފެނުނު ގޮތާއި މިހާރު ހިދުމަތްތައް ފުޅާކޮށް އާންމުންނަށް ފަސޭހައިން ހިދުމަތް ލިބޭނެ އެކި ކަހަލަ ޕްލޭންތަކެއް އަފްއާލް ހެއްދެވި އެވެ.
"މިދިޔަ ފަސް އަހަރު ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑަށް އޭޑީކޭގައި ކުރެވިއްޖެ. ފިޒިކަލީ ފެންނަން ވެސް އެބަހުރި އަޅުގަނޑުގެ ހިއްސާ އޮވެގެން ކުރި ކަންތައް. އެހެންވީމަ މިހާރު އަޅުގަނޑަށް ގަބޫލު ކުރެވޭ އޭޑީކޭ އަށް ބަދަލުވުމަށް ނެގި ޑިސިޝަން ރަނގަޅުކަން،" އަފްއާލް ވިދާޅުވި އެވެ.
އޭނާގެ ތަޖުރިބާ އަކީ މެނޭޖްމަންޓް ދާއިރާގައި ތިބޭ މީހުންނާއި ކްލިނިކްތަކުގައި ޕްރެކްޓިސްކުރާ މީހުންގެ ވިސްނުން ވަރަށް ބޮޑު ތަފާތުތަކެއް ހުރި ކަމެކެވެ. އެހެންވެ މިއަދު އަފްއާލް އަށް ކުރިމަތިވެ ވަޑައިގެންފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސީދާ ހޮސްޕިޓަލެއް ހިންގާ އުސޫލަށް އޭޑީކޭ ބަދަލު ކުރުމެވެ. އެހެންވެ ހިދުމަތް ހޯދަން އަންނަ މީހުންގެ ވަށައިގެން ހިދުމަތްތައް ފަހިކޮށް ދިނުމުގެ މަސައްކަތް އަފްއާލް ވަނީ ފައްޓަވައިފަ އެވެ. އެ ދާއިރާގެ ތަމްރީނުތައް ވެސް މިހާރު އަފްއާލް ގެންދަވަނީ ހައްދަވަމުންނެވެ. ބައެއް ތަމްރީނުތައް މިހާރު ވެސް ހައްދަވައިފި އެވެ. އަދި އޭޑީކޭގެ ބައެއް މުވައްޒަފުންނަށް ވެސް އެ ތަމްރީނުތައް ހޯއްދަވައިދެއްވުމަށް އަފްއާލް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
"ރާއްޖޭގައި އަޅުގަނޑުގެ ތަޖުރިބާ އަކީ ހިދުމަތް ދޭ މީހާގެ ވަށައިގެން ވަރަށް ބޮޑަށް މި ހުންނަނީ ގާއިމް ކޮށްފައި. ހުރިހާ ފަސޭހަތައް މި ހުންނަނީ ހިދުމަތް ދޭ މީހާއަށް. ހާއްސަކޮށް ބަލިވެގެން އަންނަ މީހާގެ ވަށައިގެން ސިއްހީ ދާއިރާގެ ހިދުމަތް ގާއިމްކުރުން އަޅުގަނޑު މިއަދު ބޭނުންވާ ބަދަލަކީ،" ހެލްތު މެނޭޖްމަންޓުގެ ދާއިރާ އިން މާސްޓާސް ހައްދަވާފައިވާ އަފްއާލް ވިދާޅުވި އެވެ.
އަފްއާލް އެންމެ އިސްކަން ދެއްވަނީ ސިއްހީ ދާއިރާގެ ކޮލިޓީ އަށެވެ. އެހެންވެ ސިއްހީ ދާއިރާގެ މީހުން އަމަލުކުރާނެ ކޯޑް އޮފް ކޮންޑަކްޓެއް ވަނީ އޭޑީކޭގައި އެކުލަވާލައިފަ އެވެ. އަދި އޭޑީކޭގެ ލެބޯޓަރީ އައިއެސްއޯ ސްޓޭންޑެޑަށް ގެނައުމާއި މީހުން ތަމްރީނު ކުރުމަކީ އަފްއާލްގެ މެނޭޖްމަންޓުގެ ދަށުން އޭޑީކޭ އިން ހޯދާފައިވާ ކާމިޔާބީތަކެވެ. މީގެ އިތުރުން ރާއްޖޭގައި ނެތް ހިދުމަތްތަކެއް އޭޑީކޭގައި ތައާރަފު ކުރުމުގެ ޕްރޮޖެކްޓެއް އެކުލަވާލުމުގެ މަސައްކަތް ވަނީ ފައްޓަވައިފަ އެވެ. އަދި ސިއްހީ ދާއިރާ އިން އޭޑީކޭއާ ގުޅިގެން ކިޔަވައި ދިނުމަށްޓަކައި އަފްއާލް ވަނީ ސްކޫލެއް ރަޖިސްޓްރީކުރައްވައިފަ އެވެ. މިއީ ވެސް ރާއްޖޭގައި މުޅިން އާ ކަމެކެވެ. އޭޑީކޭ ހޮސްޕިޓަލްގެ ސްކޫލް އޮފް ހެލްތު ސައިންސަސްގައި ކިޔަވައިދޭނެ އެއް ކޯސް ވެސް މިހާރު ވަނީ އެކްރެޑިޓް ކޮށްފަ އެވެ.
"އެހެންވީމަ މުސްތަގުބަލަށް އަޅުގަނޑު އެބަ ތައްޔާރުވަން އިރާދަކުރެއްވިއްޔާ ކިޔަވައިދިނުން ވެސް އަޅުގަނޑުމެންގެ ސްޓްރީމްލައިންގެ ތެރެއަށް ހޮސްޕިޓަލަކާ ގުޅިގެން ގެނެވޭނެ ގޮތްތަކެއް ތައާރަފު ކުރަން. އަޅުގަނޑު ބޭނުންވަނީ ލެބޯޓަރީ، މެޑިކަލް އިމޭޖިން ކަހަލަ ދާއިރާތަކުން އެފިލިއޭޓް ސްކޫލެއްގެ ތެރެއިން މީހުން ބިނާކުރަން. މިހާރު މި އޮތް ނީޑަށް ސިއްހީ ދާއިރާގެ މީހުން ބިނާކުރެވޭނެ ފެސިލިޓީސްތަކެއް ވެސް ރާއްޖެއަކު ނެތް. މިއީ ވެސް ކުޑަ ވިސްނުމަކުން ކުރެވުނު ކަމެއް. ވަރަށް ގިނަ ގޮންޖެހުންތަކާ ވެސް ދިމާވި މިތަނާ [އޭޑީކޭ] އާ ގުޅިގެން ސްކޫލެއް ގާއިމްކުރަން ޖެހުނީމަ. އިރާދަކުރެއްވިއްޔާ މުސްތަގުބަލުގައި އަޅުގަނޑުމެން އެ ސްކޫލުގައި ކިޔަވައި ދޭނަން،" އަފްއާލް ވިދާޅުވި އެވެ.
އޭނާގެ އަމާޒަކީ އޭޑީކޭ އަކީ ބަލި މީހުންނަށް ފަރުވާ ދޭ ތަނެއްގެ އިތުރުން ރިސާޗް ކުރާ ތަނަކަށް ހެދުމެވެ. އެފަދަ ދިރާސާތަކެއް މިހާރު ވެސް އަފްއާލް ގެންދަވަނީ ކުރައްވަމުންނެވެ.
އޭޑީކޭގައި އޭނާ އަދި ހޭދަކުރެއްވީ ފަސް އަހަރު ނަމަވެސް އޭނާގެ ސިއްހީ ހިދުމަތުގެ ސިލްސިލާ ފަށާފައި ވަނީ މީގެ އެތައް އަހަރެއް ކުރިންނެވެ. އޭރު ވެސް މިހާރު ވެސް އަފްއާލް އަކީ ސިއްހީ ދާއިރާގައި ވަރަށް ޕްރޮފެޝަނަލް ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާ ބޭފުޅެކެވެ. އޭނާ ވަނީ 1994 ގައި ސަރުކާރަށް ލިބުނު ޑަބްލިއުއެޗްއޯގެ ސްކޮލަޝިޕެއްގައި އޮސްޓްރޭލިއާ އަށް ވަޑައިގެން ޔުނިވަސިޓީ އޮފް ސިޑްނީގައި ބެޗެލާ އޮފް އެޕްލައިޑް ސައިންސް، ހެލްތު އިންފޮމޭޝަން މެނޭޖްމަންޓުގެ ދާއިރާ އިން ހަތަރު އަހަރު ދުވަހުގެ ކޯހެއް ފުރިހަމަ ކުރައްވައިފަ އެވެ. އެއީ މެނޭޖުމަންޓުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރަން ފެއްޓެވި ހިސާބެވެ. އޭފެ ފަހުން 2001 ގައި ވިލާ ސްކޮލަޝިޕް ސްކީމްގެ ދަށުން އިނގިރޭސިވިލާތަށް ވަޑައިގެން ޔުނިވަސިޓީ އޮފް މެންޗެސްޓާގައި އަފްއާލް ވަނީ ހެލްތު ސާވިސަސް މެނޭޖްމަންޓުގެ ދާއިރާ އިން މާސްޓާސް ފުރިހަމަ ކުރައްވައިފަ އެވެ.
މާސްޓާޒް ހެއްދެވުމަށް ފަހު ބޮންޑް ހަމަވަންދެން އަފްއާލް ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރެއްވި އެވެ. އެ މިނިސްޓްރީގެ އިނގިރޭސި ސެކްރެޓަރީއެއްގެ ވަޒީފާ އިން ފެށި ފެށުމާއެކު ބޮންޑް ހަމަ ކުރައްވައި ސަރުކާރުން ވަކިވެ ވަޑައިގެންނެވިއިރު އޭނާ ހުންނެވީ ޑިރެކްޓަރު ހެލްތު ސިސްޓަމްސް ޑިވެލޮޕްމަންޓުގެ މަގާމުގަ އެވެ. ސަރުކާރުގެ ހިދުމަތުން ވަކިވެ ވަޑައިގެންނެވިއިރު އަފްއާލް ވަނީ ސިއްހީ ދާއިރާގައި މުހިންމު "ހަނދާންތަކެއް" ދޫކުރައްވައިފަ އެވެ. އެ ގޮތުން އެ ދުވަސްވަރު ސިއްހީ ދާއިރާގެ ދެ މާސްޓާ ޕްލޭން ތައްޔާރު ކުރުމުގައި އޭނާގެ ހިއްސާ ވަކި ކުޑައެއް ނޫނެވެ. މީގެ އިތުރުން ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ވެސް އަފްއާލް އިސްކޮށް އުޅުއްވި އެވެ. މިހާރު ވެސް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުގެ ވައިސް ޗެއާ އަކީ އޭނާ އެވެ. އޭނާ ވިދާޅުވި ގޮތުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ އަމަލީ މަސައްކަތް ފެށުނީ ސަރުކާރުގައި އުޅުއްވި ދުވަސްވަރު އެވެ. ސުނާމީގެ ޕްރޮޖެކްޓްތަކުގައި ވެސް އަފްއާލް ވަނީ އިސްދައުރެއް އަދާކުރައްވައިފަ އެވެ. އެ ގޮތުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި އައްޑޫގައި އާ ރީޖަނަލް ހޮސްޕިޓަލެއް އެޅުމުގެ އެތައް ކޮންސެޕްޓްތަކާއި ޕްލޭންތަކެއް އަފްއާލް ކުރެއްވި އެވެ. އަދި ކުވެއިތު ފަންޑާ ގުޅިގެން ހުޅުމާލޭގައި ބޮޑު ހޮސްޕިޓަލެއް އެޅުމުގެ މާސްޓާ ޕްލޭން ތައްޔާރު ކުރުމުގައި ވެސް އަފްއާލް އަމަލީ ގޮތުން އުޅުއްވި އެވެ.
ސިއްހީ ދާއިރާގައި އަފްއާލް އަކީ ކާމިޔާބު ބޭފުޅެކެވެ. އޯލެވެލް އާއި އޭ ލެވެލަށް ކިޔަވާ ވިދާޅުވިއިރު އެއީ އެވްރެޖު ދަރިވަރެއްގެ ގޮތުގައި ފާހަގަ ކުރެވުނު ނަމަވެސް މިއަދު އޭނާ ވަނީ އެންމެ ޝައުގުވެރިވެ ވަޑައިގަންނަވާ ދާއިރާ އިން މާސްޓާސް ވެސް ހައްދަވައިފި އެވެ. އެހެން ނަމަވެސް ޕީއެޗްޑީ އަކީ އޭނާގެ ހުވަފެނެއް ނޫން ކަމަށް ބުނުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބިދާނެ އެވެ. އަބަދުވެސް ކިޔެވުމަށް ޝައުގުވެރިކަން ބަހައްޓަވާ އަފްއާލް ޕީއެޗްޑީ އަށް ކިޔަވާ ވިދާޅުވުމަށް އާއިލާ އާއި ރައްޓެހިންގެ ޕްރެޝަރު އެބައޮތެވެ. އެކަމަކު އަފްއާލް ގަބޫލު ކުރައްވާ ގޮތުގައި ޕީއެޗްޑީ ހާސިލް ކޮށްފައިވާ މީހަކާ އެއް ފެންވަރުގެ ތަޖުރިބާ މިއަދު އޭނާގެ ކިބައިގައި އެބަހުއްޓެވެ. އެހެންވެ އަފްއާލް އަމިއްލަ ވިސްނުމުގައި އެއީ ކޮންމެހެން މިހާރުގެ ހާލަތަށް ބަލާއިރު މުހިންމު ކަމެއް ނޫނެވެ.
"އެހެނެއް ނޫން އަޅުގަނޑު ވަރަށް ބޮޑަށް އެކަޑެމިކް މީހަކަށް ވެގެން ކިޔަވައިދީ، ޑީޕް ރިސާޗް ކުރަން ބޭނުމިއްޔާ މުސްތަގުބަލުގައި ޕީއެޗްޑީއެއް ހެދުމަކީ ވިސްނުން އޮތް ކަމެއް. އެކަމަކު މިހާރަކު ކޮންމެހެން އަޅުގަނޑު ނުވިސްނަން ޕީއެޗްޑީއެއް ހަދާކަށް. އަޅުގަނޑަކީ އެކަޑެމިކް މީހެއް ވެސް ނޫން،" އަފްއާލް ވިދާޅުވި އެވެ.
އޭނާގެ ވިސްނުން މުޅިއަކުން ގޯހެއް ނޫނެވެ. އަފްއާލްގެ ޕްރޮފެސަރު ވިދާޅުވެފައިވާ ފަދައިން އަމަލީ މައިދާނުގައި އަފްއާލް ވަނީ ޕީއެޗްޑީ ހޯއްދަވައިފަ އެވެ. ކެތްތެރިކަމާއި ހީވާގި ކަމާއި ކާމިޔާބު ހޯދުމުގެ މަސައްކަތުގެ ޕީއެޗްޑީ އެވެ. ރާއްޖޭގައި ހެލްތު މެނޭޖުމަންޓުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން އަފްއާލް މިއަދު ހުނި ޖަހާލެވެނީ އެހެންވެ އެވެ. އަމިއްލަ ހޮސްޕިޓަލެއްގައި 300 އަށް ވުރެ ގިނަ މުވައްޒަފުން ގޮވައިގެން ދުވަހުން ދުވަހަށް އެތައް ސަތޭކަ އާންމުންނަކަށް ހިދުމަތް ދިނުމުގައި އަފްއާލް އަށް މިއަދު އިސްކޮށް ހުންނެވެނީ އަމަލީ މައިދާނުގެ އެ ތަޖުރިބާގެ އަލީގަ އެވެ.

1 comment