ނަޝީދުގެ ވެރިކަން ބަދަލުކުރުން

ބަޣާވާތަކަށް ވިޔަސް، ނުވިޔަސް ފިނިކަމެއް ނެތް!

ނިއުމަތުﷲ އިދުރީސް
02 އޯގަސްޓް 2012 10:29 23 ކޮމެންޓު
  • ސަރުކާރާ ދެކޮޅަށް އެމްޑީޕީގެ އަންހެނުން ކުރި މުޒާހަރާއެއް ރޫޅާލަން ފެން ޖަހަނީ: ވެރިކަން ބަދަލުވި ގޮތް އެނގުމަކީ ސިޔާސީ މަސްރަހަށް ފިނިކަމެއް އަންނާނެ ކަމެއްގެ ގޮތުގައި ނުފެނޭ. -- ހަވީރު ފައިލް ފޮޓޯ

ފެބްރުއަރީ 7 ގައި ވެރިކަން ގެއްލުނު ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ އެ ދުވަހު ހުރިހާ ކަމެއް ހިނގީ އެންމެންގެ ކުރިމަތީގައި ކަމަށާއި އެ ދުވަހު ކަން ހިނގި ގޮތަށް ބަލާއިރު އެއީ ބަޣާވާތަކަށް ނޫނީ ނުވާނެ ކަމަށެވެ. ނަޝީދުގެ ކުރިން ވެރިކަމުގައި ހުންނެވި އަދި "ބަޣާވާތުގެ" ތުހުމަތު ކުރެވިފައިވާ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވަނީ މީގެ އިދިކޮޅަށެވެ.

އެންމެ ގިނަ ބައެއްގެ ތާއީދު އޮތް ސިޔާސީ ދެ ލީޑަރުން މިގޮތަށް ވާހަކަ ދައްކަވާއިރު ވެރިކަން ބަދަލުވި ގޮތާ ގުޅޭ ތަހުގީގަކީ ގައުމުގައި މިއަދު އޮތް ސިޔާސީ ކޯޅުންތައް ހައްލުކުރެވޭނެ އެއްޗެއްތޯ މިއީ ކުރަން ރަނގަޅު ސުވާލެކެވެ.

ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަންގެ ކޮންމެ ނިންމުމެއް ގަބޫލުކުރައްވާނެ ކަމަށާއި އެކަމަކު ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ނޫނީ ނުވާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު މައުމޫން ވިދާޅުވަނީ ކޮމިޝަނުން ކޮންމެ ގޮތަކަށް ނިންމި ކަމުގައި ވިޔަސް އެއީ ބަޣާވާތެއް ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށެވެ. ނަޝީދުގެ އެދިވަޑައިގަތުމަށް އެ މަނިކުފާނުގެ ފަރާތުން ބޭފުޅަކު ހިމެނޭ ގޮތަށް އަލުން އެކުލަވާލާފައިވާ ކޮމިޝަންގެ ނިންމުން ގަބޫލުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވިޔަސް ނަޝީދު ގަބޫލުކުރައްވަނީ ބަޣާވާތެއް ކަމަށެވެ. ކޮމިޝަނުން ނިންމާ ގޮތެއް ގަބޫލުކުރައްވައި، އެ ނިންމުމަށް އިހްތިރާމްކުރައްވާނެ ކަމަށް މައުމޫން ސީދާ ގޮތެއްގައި ވިދާޅެއް ނުވެ އެވެ. އެކަމަކު ނުސީދާކޮށް ހަމަ ވިދާޅުވެވެނީ ކޮންމެ ގޮތަކަށް ނިންމިޔަސް އެ މަނިކުފާނުގެ ވިސްނުންފުޅު ބަދަލު ނުކުރައްވާނެ ވާހަކަ އެވެ. މިހާރުވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް މައުމޫނަށް އެއީ ބަޣާވާތެއް ނޫނެވެ. ނަޝީދަށް ބަޣާވާތެކެވެ.

އެހެންވެ އިންކުއަރީ ކޮމިޝަންގެ ތަހުގީގުން ލިބޭނީ ކޮން ފިނިކަމެއް ހެއްޔެވެ؟ ކޮމިޝަންގެ ނިންމުމަށް ފަހު ގައުމު ސިޔާސީ ގޮތުން ހަމަޔަކަށް އެޅިދާނެހެއްޔެވެ؟ ނުވަތަ ސިޔާސީ ބައިބައިވުން ވާނީ ބޮޑު ހެއްޔެވެ؟

ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވީ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސް މުހައްމަދު ވަހީދު ކޮމިޝަނެއް އެކުލަވާލެއްވީ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން ކުރެވޭ ސުވާލުތަކުގެ ޖަވާބު ހޯއްދަވައި، ތާރީހަށްޓަކައި އެ މައުލޫމާތު ރައްކާކުރައްވައި އެ މައުލޫމާތުގެ އަލީގައި ކަންކަން ރަނގަޅުކޮށް އިސްލާހުކުރެއްވުމަށް ކަމަށެވެ.

"ކޮމިޝަންގެ ނިންމުމާ މެދު ބޭފުޅަކު ކޮންމެ ގޮތަކަށް ގަބޫލުކުރެއްވިޔަސް އެއީ ސަރުކާރުން ކަންބޮޑުވާ މައްސަލައެއް ނޫން. ކޮމިޝަނުން ކޮންމެ ގޮތަކަށް ނިންމި ކަމުގައި ވިޔަސް އެ ގޮތެއްގެ މަތިން ސަރުކާރުން އަމަލުކުރާނެ،" އައްބާސް ވިދާޅުވި އެވެ.

ބޮޑު ސުވާލު އުފެދޭ ހިސާބަކީ މިއީ އެވެ. ނަޝީދުގެ އެމްޑީޕީން ކެނޑިނޭޅި ބުނަމުން ދަނީ ރައީސް ވަހީދަކީ ވެރިކަން ފޭރިގަނެގެން ހުންނެވި ބޭފުޅެއް ކަމަށާއި އެހެންވެ ވަހީދު އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ. ވަހީދު ކުރިން ވިދާޅުވެފައި ވަނީ ބަޣާވާތެއްގައި ބައިވެރިވެފައިވާ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށެވެ. އެކަމަކު ރައީސް ވަހީދުގެ ވެރިކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ރިޕޯޓުން ހާމަވެއްޖެ ނަމަ އެކަން އެ ވިދާޅުވާހާ ފަސޭހަކަމާ އެކުގައި ވެދާނެ ކަމާ މެދު ސުވާލު އުފެދެނީ ގައުމު ހުރިހާ ފަންތިއެއްގެ މީހުންގެ މެދުގައި ސިޔާސީ ފިކުރު ހުރި ގޮތުންނެވެ.

ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން މިހާތަނަށް އެކި ފަރާތްތަކުން ލިޔުނު ލިޔުންތަކުގެ ތެރެއިން ވެސް، ސަރުކާރަށް ނިސްބަތްވާ ޕާޓީތަކުން ބަލައިގަތީ ބަޣާވާތެއް ނޫން ކަމަށް ދޭހަވާ ލިޔުންތަކެވެ. އަނެއްކޮޅުން އެމްޑީޕީން ގަބޫލުކޮށްފައި ވަނީ ބަޣާވާތެއް ކަމަށް ބުނި ރިޕޯޓްތަކެވެ. މިއީ ކޮމިޝަންގެ މަސައްކަތް ކިތަންމެ ފުރިހަމަ އަށް ނިންމި ކަމުގައި ވިޔަސް އެ ބައެއްގެ ސިޔާސީ ފިކުރުގައި އެ ބަޔަކު ތިބޭނެ ކަމުގެ ނިޝާންތަކެވެ.

ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ ކޮމިޝަންގެ ރިޕޯޓް މި މަހުގެ 30ގެ ނިޔަލަށް ނިންމައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ޕްރޮސިކިއުޓާ ޖެނެރަލް އާއި އެޓާނީ ޖެނެރަލް އަށް ފޮނުވުމުން އެ ފަރާތްތަކުން ބެލުމަށް ފަހު އަންގާ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމަށާއި އިންކުއަރީ ކޮމިޝަނެއް އުފެއްދުމުގެ ބޭނުމަކީ އެގޮތަށް އަމަލުކުރުން ކަމަށެވެ.

ސިޔާސީ ފިތުނައިގެ ހޫނުން ގައުމުގައި ހުޅު ރޯވަމުން ދާއިރު، ވެރިކަން ބަދަލުވި ގޮތުގެ ތަހުގީގުގެ ނަތީޖާ އަކީ އެ އަލިފާނަށް އެޅޭ ތެލަކަށް ވެދާނެ ކަމުގެ ބިރު ބޮޑީ ސިޔާސީ ލީޑަރުންނާއި އެ ލީޑަރުންގެ ސަޕޯޓަރުންގެ ވިސްނުމެވެ. އެ ބައެއްގެ ލީޑަރު ބުނި ބަހެއްގައި ހިފައިގެން ސަޕޯޓަރުން ނިކުމެ ކޮޅުކޮޅަށް ދުވާނެތީ އެވެ. ސިޔާސީ ފައިދާ ނަގަން ގައުމުގެ މަސްލަހަތު ފަސްކޮށްލާތީ އެވެ.

މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ކޮމިޝަންގެ ރިޕޯޓަކީ ސިޔާސީ ހަމަނުޖެހުންތަކަށް އޮތް ހައްލެއް ކަމަކަށް ނުފެނެ އެވެ. އެކަމަކު އެއީ މިހާރުގެ ބައިބައިވުންތައް ބޮޑުވެދާނެ އެއްޗެކެވެ. އެކަމަކު އައްބާސް ވިދާޅުވީ ކުރީގެ ސަރުކާރުގެ ފަހުކޮޅު ހިންގި ފަދަ، ސަރުކާރާއި އާންމުންގެ މުދަލަށް ބޮޑެތި ގެއްލުންތައް ދޭ ފަދަ ހަމަނުޖެހުންތައް ހިންގުމަށް ސަރުކާރުން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ގައުމުގެ އަމަން އަމާންކަން ދަމަހައްޓަން ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރާނެ ކަމަށް ވިދާޅުވި އެވެ.

23 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait