އާއިޝަތު ރަޝީދާ (އައިސްތު) ފެރީގައި އައިސް ވިލިމާލެ އަށް ފޭބީ ކުރުނބާ ގޯންޏަކާއި ކަރާ ގޯންޏެއް ހިފައިގެންނެވެ. އޭނާ އެ އައީ ވިލިމާލޭ މާރުކޭޓުގައި ހުންނަ އޭނާގެ ގޮޅީގައި ވިއްކަން މާލޭ މާރުކޭޓުން އެއްޗެހި ގަނެގެންނެވެ.
އައިސްތު ފަދަ މަސައްކަތްތެރި އަންހެނުން ރާއްޖޭގައި މަދުވާނެ ކަމަށް ބުނަން ކެރިދާނެ އެވެ. އޭނާގެ ޚާއްސަ ކަމަކީ "ފިރިހެނުންނަށް ޚާއްސަ" މަސައްކަތްތަކަށް ވެސް ފަސް ނުޖެހުމެވެ. އުމުރުން ގާތްގަނޑަކަށް 50 އަހަރުގައި އައިސްތު އަކީ ތިން ކުދިންގެ މަންމައަކާއި ދެ ކުދިންގެ މާމަ އަކާއި މީހެއްގެ އަތްބެއް އެކަންޏެއް ނޫނެވެ. އޭނާ އަކީ ކުޑަ ވިޔަފާރިވެރިއެކެވެ. މަސްވެރިއެކެވެ. ރާނާ ސިމެންތިޖަހާ މީހެކެވެ. ރުކަށް އަރާ މީހެކެވެ. ފިލްމް ކުޅޭ މީހެކެވެ. ރާއްޖޭގެ ފުރަތަމަ އަންހެން ޓެކްސީ ޑްރައިވަރެވެ. ފޫޅުމައެކެވެ. ބަލި މީހުން ގޮވައިގެން ފަރުވާ އަށް ރާއްޖެ އިން ބޭރަށް ދަތުރުކުރާ މީހެކެވެ. އަޅާލާނެ މީހަކު ނެތް މުސްކުޅިންނަށް އެހީތެރިވެދޭ މީހެކެވެ.
އޭނާ ނުކުރާ ކަމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެކަމަކު ދުވާލުދާ ހަތަރުދަމު އެފަދަ މަސައްކަތްތަކުގައި އުޅޭ މީހެއް ކަމުގެ އެއްވެސް ނިޝާނެއް އައިސްތުގެ ކިބައަކުން ނުފެނެ އެވެ. ހަވީރުގެ ވަގުތު ފެރީން ފައިބައިގެން އައިސް ހިނިތުންވުމާ އެކު އަހަންނާ ބައްދަލުކޮށްލި އިރު އެއްވެސް ކަހަލަ ވަރުބަލިކަމެއް، ބުރަކޮށް އުޅުމުގެ ހާސްކަމެއް ނެތެވެ. އޭނާ އެ އައީ ދެ މީހެއްގެ ބޭސްފަރުވާގެ ކަންކަމުގައި ދެ ހޮސްޕިޓަލުގައި އުޅެފައި މާރުކޭޓަށް ވެސް ގޮސްފަ އެވެ. އެ ވަގުތު އޭނާގެ ކޮއްކޮ ބަލަހައްޓަމުން ދިޔަ ގޮޅީގެ ކަންކަން ހަމަޖައްސާލުމަށް ފަހު އަނެއްކާވެސް ތިމާގެ ކުއްޖެއްގެ ކިޔެވުމުގެ ކަމެއްގައި އޭނާ ގޮވައިގެން މާލެ ނައްޓާލަންވީ އެވެ.
އެކަމަކު އޭގެ ކުރިން އަހަންނަށް ބައިގަޑި އިރު ދިނެވެ.
އައިސްތުއާ ބައްދަލުކުރަން ދިޔައީ ކުރިއާލާ ގުޅާފައެއް ނޫނެވެ. ހަމަ އޭނާ ފެރީން ފޭބި ތަނުން އިންޓަވިއުއަކަށް އެދުނީ އެވެ. އެކަމަކު ވެސް ހިތްހެޔޮކަމާ އެކު ވާހަކަ ދައްކަމުން، މާރުކޭޓު ކައިރީގައި ހުރި ޖޯލިފައްޗެއްގައި އަހަންނާ އެކު އިށީނެވެ.
"ހެނދުނު ތެދުވެގެން މިތާ [މާރުކޭޓުގައި] އުޅެފައި ގާތްގަނޑަކަށް 12 ޖަހާކަށް ހާއިރު ބާޒާރަށް ދަނީ. އެއްޗެހި ގަނެފައި 30: 2 ގެ ފެރީން މި ކޮޅަށް އެއްޗެހި ގެނެސް، މިތާ އިނދެފައި، މި ތަނުގައި އެހެން ކުއްޖަކު ބައިންދާލާފައި 30: 5 ވީމަ މަހަށް ދަނީ. އޭގެ ފަހުން ރޭގަނޑު 11 ޖަހަންދެން ގޮޅީގައި އިންނަން. އެގާރަ ޖެހީމާ ބަންދުކޮށްފައި ގެ އަށް ގޮސް ބައެއް ރޭރޭ ހެނދުނަށް ލައިގެން ކާ އެއްޗެއް ކައްކާލަން. ޑްރާމާއެއް ކުޅެލަން ދާން ޖެހިއްޖެއްޔާ ވެސް ގޮޅީގައި މީހަކު ބައިންދާލާފައި ދަނީ،" އައިސްތުގެ ދިރިއުޅުމުން އާދައިގެ ދުވަހެއް ސިފަކޮށްދިނެވެ. މާރުކޭޓް ވިޔަފާރީގަ އާއި ގޭތެރޭގެ މަސައްކަތްތަކުގައި ވެސް އޭނާ އަށް އާއިލާގެ އެހީތެރިކަން ލިބެ އެވެ. އެކަމަކު ދުވަހަކު ވެސް މުވައްޒަފަކު ނުގެންގުޅެ އެވެ.
ހއ. ދިއްދު އަށް ނިސްބަތްވި ނަމަވެސް، އުމުރުން ހަތް އަހަރުގައި މަންމަ މަރުވުމުން މާލެ ގެނައި ގޮތަށް އައިސްތު ދިރިއުޅެމުން އައީ މާލޭގަ އެވެ. އޭނާގެ "ހީވާގި"ކަމުގެ ފެށުމަކީ ވެސް އެއީ އެވެ. މާލޭގައި ދިރިއުޅޭ ރަށު މީހަކު އައިސްތު މާލެ ގެނެސް އޭނާގެ ގޭގައި ބެހެއްޓުމުން އުޅެން ޖެހުނީ އެ ގެ އަށް މަސައްކަތް ކޮށްދީގެންނެވެ. އެ ގޭގެ އަންހެންމީހާ އަކީ ނީލަން މުދާ ގަނެގެން ބާޒާރުގައި ވިއްކަން އުޅުނު މީހެކެވެ. އައިސްތު އޭނާއާ އެއްކޮށް ބާޒާރަށް ދެ އެވެ. އެހެން އުޅެނިކޮށް ވިޔަފާރި އަށް ނެރެދިނީ "ފަޓްލޫނު ޔޫސުފް" އެވެ. އުމުރުން އެންމެ 12 އަހަރުގައި އައިސްތު ވިޔަފާރިކުރަން ފެށީ 50 ރުފިޔާގެ މުދަލާ އެކު އެވެ. ބާޒާރުމަތީ ފިހާރައެއްގެ ދޮރުމަތީގައި އޭނާ ވިއްކަމުން ދިޔައީ ހެދިބިލެތާއި ސިނގިރޭޓް ފަދަ އެއްޗެއްސެވެ.
"ފަޓްލޫނު ޔޫސުފް އަޅުގަނޑަށް ދެއްވީ 50 ރުފިޔާގެ އެއްޗެހި ގަނެފައި. އޭނާގެ ފިހާރައިގެ ތަޅުންގަނޑު މަތީގައި އަޅުގަނޑު ބައިންދައިގެން އުޅުނީ،" އައިސްތު ބުންޏެވެ.
"ފަޓްލޫނު ޔޫސުފް" މަރުވުމުން އައިސްތު އަށް އެހީތެރިވީ "ވޭލާ މޮހޮދޭ" އެވެ. އެކަމަކު ސަރުކާރުން ހުއްދަ ނުނަގައި ފިހާރަތަކުގެ ދޮރުމަތީގައި އެއްޗެހި ވިއްކުމަކީ މަނާ ކަމަކަށް ވުމުން އައިސްތުގެ ވިޔަފާރި ވިލިމާލެ އަށް ބަދަލުކުރި އެވެ.
"މާލޭގައި ކުރެވެން ނެތީމަ މި ކޮޅަށް [ވިލިމާލެ އަށް] ބަދަލުވީ. މި ކޮޅުގައި ބަރޯއެއްގައި އެއްޗެހި ވިއްކަން ފެށީ. މި ކޮޅުގައި އުޅޭތާ މިހާރު ވިއްސަކަށް އަހަރުވީ،" އޭނާ ބުންޏެވެ.
އައިސްތު ތިން ކައިވެނިކޮށް ހަ ކުދިން ވިހައި ތިން ކުދިން ދުނިޔޭގައި އެބަތިއްބެވެ. ދަރިން ވަނީ ބޮޑެތި ވެފަ އެވެ. އެންމެން އެކުގައި ވިލިމާލޭގައި ކުއްޔަށް ދިރިއުޅޭ އިރު ފިރިމީހާ މަސައްކަތްކުރަނީ ސަފާރީއެއްގަ އެވެ. ތޭރަ އަހަރުގައި ކައިވެނިކޮށްގެން 14 އަހަރާއި ދެ މަހުގައި އައިސްތު ފުރަތަމަ ދަރިފުޅު ވިހެ އެވެ. ކުރީގެ ކައިވެނިތައް ރޫޅިފައިވީ ނަމަވެސް މިހާރުގެ ކައިވެންޏަށް ފަންސަވީހަކަށް އަހަރު ވަނީ ވެފަ އެވެ. އައިސްތު ބުނީ މިހާރުގެ ފިރިމީހާ ވެސް އަދި ކުރިން އިން މީހުން ވެސް އޭނާ އަށް "ވަރަށް ހެޔޮ" ކަމަށެވެ.
ބާޒާރު ވިޔަފާރިން ލިބެމުންދިޔަ އާމްދަނީ އިތުރުކުރުމަށްޓަކައި އައިސްތު މަހަށް ދާން ފެށި އެވެ. އެންމެ ފުރަތަމަ މަސްބާނަން އުޅުނީ ރައްޓެއްސަކާ އެކުގަ އެވެ. އެކަމަކު މިހާރު އައިސްތުގެ އަމިއްލަ ބޮއްކުރައެއް އޮވެ އެވެ.
"ބޮއްކުރައެއް ގަނެގެން ބޮއްކުރާގައި މިހާރު މަހަށް ދަނީ. ހަތަރެއްގެ އިންޖީނެއް އަޅާފައި އިންނާނީ. ފިލޮޅު، ގިއުޅު، ފާނަ ކަހަލަ އެއްޗެހި ބާނަނީ. މަހަށްދާ އިރު ބައެއް ފަހަރު ކުދިން ވެސް ގެންދަން. މަސް ވިއްކާލައިގެން ރެއަކު 600 ނޫނީ 700 ރުފިޔާ ވަރު ލިބޭ،" އޭނާ ބުންޏެވެ. "ރާނައި ސިމެންތި ވެސް ޖަހަން. މިހާރު އުޅޭލެއް ބިޒީކަމުން ދާން ވަރަށް އުނދަގޫ. އެކަމަކު މީހުންނަށް މަސައްކަތްކޮށްދެން އޭރުގައި. ގާ އަޅައި އުވަ ވެސް ޖަހައިދެން. ފޫޅުމާކަން ވެސް ކުރަން. ފޫޅުމާ ސެޓްފިކެޓް ވެސް އޮވޭ. ރުކަށް ވެސް އަރަން. މީހުން ގޮވައިގެން ބޭސްފަރުވާކޮށްދޭން އިންޑިއާ އަށް ގޮސްގޮސް މަލަޔާޅަމް ބަސް އެނގޭތީ ޑޮކްޓަރުންނާ ވާހަކަ ދައްކަން ވެސް އެނގޭ. ގެންދާ މީހުން ކޮންމެވެސް ޕަސެންޓެއް ]ފައިސާ[ ދޭ. އެކަމަކު ނުއެއް ބުނަން، ވަކި ވަރެއް ދޭކަށް."
އެކަމަކު ހުރިހާ މަސައްކަތެއްގެ ތެރެއިން ވެސް އައިސްތު އެންމެ ބޮޑަށް ކުރާ ހިތްވާ ކަމަކީ އެކްޓްކުރުމެވެ.
"ހުރިހާ މަސައްކަތެއް ވެސް ކުރަނީ ހަމަ ހިތުން ރުހުމުން. އެކަމަކު އަހަރެން ހަމަ އެންމެ ހިތްހަމަޖެހެނީ ފިލްމްކުޅުމާ ދޭތެރޭ. އެއީ ވަރަށް ގިނަ ކުދިންނާ ފްރެންޑްވެ، އެ ކުދިން އަހަރެންނާ ދޭތެރޭ ވަރަށް ހުރުމަތްތެރިކޮށް ހިތާތީ. ވަރަށް ގަދަރުކުރޭ އެ ކުދިން. އަހަންނަށް ކިޔާނީ ވެސް މަންމީ ޖީ. ފައްތާހު ކިޔަނީ އެސްޓާސް މަންމަ. އެއީ އެސްޓާސް އިޝްތިހާރު ކުޅެފައި އޮތީމަ،" ހިނިގަނޑެއް ޖަހާލަމުން އައިސްތު ބުންޏެވެ.
އޭނާ އަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް ނަމޫނާ އެކެވެ. އަޅާލާނެ މީހަކު ނެތި ހޮސްޕިޓަލުގައި ތިބޭ އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދެ އެވެ. އަދި ބައެއް ފަހަރު އެފަދަ މީހުން ގެ އަށް ގެންގޮސްގެން ވެސް ބަލަ އެވެ.
"މިހާތަނަށް ހައެއްކަ މީހުން އަހަރެންގެ އަތުގައި ނިޔާވެގެން ހިނގައްޖެ،" އޭނާ ބުންޏެވެ.
ނުވަދިހައިގެ އަހަރުތަކުގައި ދުވަސްކޮޅެއް ވަންދެން ޓެކްސީ ދުއްވި ނަމަވެސް އައިސްތު ވަނީ އެކަން ހުއްޓާލާފަ އެވެ. އޭނާ ބުނަނީ އެއީ އަންހެނަކު ކުރަން އެހާ ރައްކާތެރިކަމެއް ނޫން ކަމަށެވެ. އެކަމަކު އޭނާ ޓެކްސީ ދުއްވުން ހުއްޓާލީ އެފަދަ ނުރައްކަލެއް ކުރިމަތިވެގެންނެއް ނޫނެވެ.
އައިސްތު ބުނިގޮތުގައި އޭނާ އަށް ލިބޭ އާމްދަނީން ޚަރަދު ކަނޑާފައި މަހަކު ވިއްސަކަށް ހާސް ރުފިޔާ ފައިދާވެ އެވެ. ފިރިމީހާގެ އިތުރުން ދެ ކުއްޖަކު ވެސް ވަޒީފާ އަދާކުރެ އެވެ. އައިސްތު ބުނީ އޭނާގެ އާއިލާގެ ދިރިއުޅުމުގެ ފެންވަރު ހުރީ "ހަމަ އާދައިގެ ގޮތަކަށް" ކަމަށެވެ.
"އަހަރެން ބޭނުންވަނީ މީރު އެތިކޮޅު ކާލައިގެން ހަމަޖެހިލައިގެން މެދުމިނެއްގައި އުޅެން. އޭނަ އަށް ދަރާފައި މީނަ އަށް ދަރާފައި އޮތުން އެއީ ވަރަށް ހަޑިހުތުރު ކަމެއް. އިރާދަކުރެއްވިއްޔާ ދުވަހަކު ވެސް ބޭންކަކުން ވެސް ބައިރުފިޔާއެއްހާ ވަރު ވެސް [ދަރަންޏަށް] ނަގާފައެއް ނުހުންނާނެ،" އައިސްތު ބުންޏެވެ.
ވާހަކައިގެ ތެރޭގައި އޭނާ ތަފާތު އިނގިރޭސި ބަސްތައް ބޭނުންކުރަމުން ގެންދިޔަ އެވެ. އެކަމަކު އެއީ މާ ބޮޑު ރަސްމީ ތައުލީމެއް ލިބިގެން ދަސްވެފައި ހުރި އެއްޗެއްސެއް ނޫނެވެ.
"މީހުން ބުނޭ ބާޒާރުމަތީގައި އުޅެއުޅެ ފަރަންޖީ ބަސް އެނގޭނޭ، އެ ގޮތަށް ދެން ބައެއް އެއްޗެހި ބުނަން އެނގެނީ،" އައިސްތު އަނެއްކާވެސް ހިނިގަނޑެއް ޖަހާލި އެވެ.
އުމުރުން ގާތްގަނޑަކަށް 50 އަހަރުވީ އިރު ވެސް އައިސްތު ހުރީ ހެޔޮ ހާލުގަ އެވެ. މިހާތަނަކަށް ބޮޑު ބައްޔެއް ވެފައެއް ނެތެވެ. އޭނާ ދެކޭ ގޮތުގައި އޭގެ އަސްލަކީ މަސައްކަތްތަކުގައި ހަރަކާތްތެރިކޮށް އުޅުމެވެ. ކުރިން ސައިކަލުގައި އުޅުނަސް އޭނާ މިހާރު އުޅެނީ ހިނގާފަ އެވެ. މާލޭގެ މަގުތަކުގައި ދުއްވުމަކީ އޭނާ އަށް "ބިރު ބޮޑު" ކަމަކަށް ވަނީ ވެފަ އެވެ. އިންޓަވިއުކުރާ ތަން ބަލަން އިން އައިސްތުގެ ރައްޓެއްސަކު ބުނިގޮތުގައި "އައިސްތު ހިނގާ ވަރަކަށް މާލޭގައި މީހަކަށް ނުހިނގޭނެ" އެވެ. މަހަށް ގޮސް، ރުކަށް އަރާ އުޅޭ އިރު ވެސް ނުރައްކާތެރި ހާދިސާއެއް ވެސް މިހާތަނަކަށް އޭނާއާ ކުރިމައްޗެއް ނުވެ އެވެ.
މަސައްކަތް ހުއްޓާލަން ދަރިން އެދުނަސް އައިސްތު ބޭނުންވަނީ ކުރިއަށް ގެންދާށެވެ. ގޭގައި އޮށޯވެގެން އޮތުން އޭނާ އަށް ސިފަވަނީ "ބޮޑު ބައްޔެއް ވުން ފަދަ ކަމެއް" ގެ ގޮތުގަ އެވެ.
"އިރާދަކުރެއްވިއްޔާ ގަދަވެ ސަލާމަތުން ހުރިއްޔާ އަޅުގަނޑު ބޭނުމެއް ނުވޭ، މަސައްކަތް ހުއްޓާލާކަށެއް. އަޅުގަނޑަށް ގޭގައި އޮތުން ވަރަށް ދަތިވާނެ،" އައިސްތު ބުންޏެވެ.
އަންހެނަކަށް ވުމުން ވަކި ކަހަލަ ކަންތައްތަކެއް ނުކުރެވޭނެ ކަމަށް ބުނާ ބަހުގެ ދޮގުކަން އައިސްތު ވަނީ ކިތަންމެ ރަނގަޅަކަށް ވެސް ސާބިތުކޮށްދީފަ އެވެ. އޭނާ ދެކޭގޮތުގައި އަންހެނަކަށް ވިޔަސް އަމިއްލަ ދިރިއުޅުން ބަލަހައްޓަންވާނީ އަމިއްލަ މަސައްކަތުންނެވެ.
"ކޮންމެ އަންހެނަކަށް ވެސް، ކުރަން ބޭނުން ވެއްޖެއްޔާ ކުރެވޭނެ ކަންތައްތައް މިއީ. ހީވާގިކަމާއި މުރާލިކަން އޮތީ އެ މީހާގެ އަމިއްލަ އިޚްތިޔާރުގައި. ދިހަ ދަރިން ބަލާ މީހަކަށް ވެސް އަމިއްލަ އަށް ފުރުސަތު ލިބޭނެ މަސައްކަތްކުރަން. އޭގައި އޮންނާނީ އަހަރެމެންގެ ހިތްވަރާއި ކެރުން. އަރާމުކޮށްލާނެ ފުރުސަތު ވެސް ލިބޭނެ،" އޭނާ ބުންޏެވެ. "ފިރިމީހާ އައިސް ގެ އަށް ވަންނަ އިރަށް، ދޭބަލަ، އެހެރަ ތަނުން ހެދިކާއެއް ގެނެސްދޭން، މިއީ އިންސާނުންގެ އުސޫލެއް ނޫން."
އައިސްތު ކުރާ މަސައްކަތްތަކުގެ ދިގު ލިސްޓަށް ސިޔާސީ ކަންކަން ވެސް ވަނީ އަރާފަ އެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫނަށް އޭނާ ކެމްޕެއިން ވެސް ކޮށްދިނެވެ. އަދި އެންމެ ކުރިންސުރެ މިހާތަނަށް ވެސް ޑީއާރުޕީގެ ރަޖިސްޓްރީގައި އައިސްތުގެ ނަން އޮވެ އެވެ. އެކަމަކު އޭނާ ބުނީ ސިޔާސީ ވިސްނުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
"އެ މީހުން ހިއެއް ނުކުރޭ އަހަރެމެން ކޮށްދެނީ ބުރަ މަސައްކަތެއް ކަމަކަށް. އެހެންވެ ފޫހިވީ،" އައިސްތު ކިޔައިދިނެވެ. "އިހަށް ދުވަހު ގާސިމް ވެސް އެބަހުރި ފޯމްތަކެއް ހަވާލުކޮށްފައި ފުރަން ވެގެން. ވަކި ފަރާތަކަށް ސަޕޯޓްކުރާކަށް މިހާރަކު ބޭނުމެއް ނޫން. ލާރި ލިބޭ މަސައްކަތެއް ވިއްޔާ ކޮށްލަދޭން ބޭނުންވަނީ."
އޭނާ ގަބޫލުކުރާ ގޮތުގައި ދިރިއުޅުމުގައި ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީ އަކީ މީހެއްގެ ބަދު ބަހެއް ނުލިބުމެވެ.
"އަހަރެން އެންމެ ފަޚުރުވެރިވާ ކަމަކީ އަހަރެންގެ ރައްޓެހިން ގިނަވެފައި، ހަމްދަރުދީ އާއި އިހުތިރާމް ލިބުން. މީހުން ދުލުން އަހަރެން ރަނގަޅޭ ބުނާތީ އަހަރެން ވަރަށް އުފާވޭ. އެއްވެސް މީހަކު ނުބުނޭ އަހަރެން ހާދަ މަކަރޭ، ހާދަ ގޯސް، ވިޔާނުދާ މީހެކޭ،" އައިސްތު ބުންޏެވެ.
ވާހަކަ ނިންމާލާފައި މާރުކޭޓް ކައިރި އަށް ޖެހިލި އިރު ކުޑަކުއްޖަކު މާމަގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުއްޓެވެ. އައިސްތު އިރުކޮޅެއް ވަންދެން އޭނާ އުރާލި އެވެ. އެއަށް ފަހު އޭނާ ވަނީ ގޮޅިއަށެވެ. އަދި އެ ތަނުގެ ކަންކަން ތަރުތީބުކުރަމުން ތިން ހަތަރު ކަސްޓަމަރަކަށް އެއްޗެހި ވިއްކި އެވެ. ޝުކުރު އަދާކޮށްފައި އަހަރެން ނައްޓާލީ އެވެ. ފެރީގައި އިން އިރު ސިކުނޑީގައި ހަރުލާފައި ހުރީ މާ ކުރިންސުރެ އައިސްތުގެ ހިތުގައި ބިންވަޅު ނެގިފައި އޮތް އަޒުމެވެ؛
"ބާޒާރުމަތީގައި އުޅޭތީ ވަރަށް ކުރިން އެއް ދުވަހު އަޅުގަނޑާ ދިމާލަށް މީހަކު ބުނެލި، ކަލޭ ތިއޮތް ރީތި އަންހެންކުއްޖާ ކީއްކުރަން ކުރާ ކަމެއްހޭ ތީ، ހިނގާށޭ އަހަރެމެން ގެ އަށް ދާން، އަހަރެން ކާން ދީގެން ބަލާނަމޭ. އެކަމަކު އަހަރެން ހިތާހިތުން ވިސްނާލާފައި ހިތަށް އެރީ އެހެން އެ ބުނީ ފިރިހެނެކޭ، ފިރިހެނުން ބޭނުންވާނީ އަންހެނުންގެ އިއްފަތްތެރިކަން ބޭނުންކޮށްލާށޭ. އެހެންވީމާ އަހަރެން މަސައްކަތްކުރީ އަމިއްލަ އަށް ކޮންމެވެސް ކަހަލަ މަގްސަދެއް ހާސިލްވޭތޯ. އަޅުގަނޑުގެ ބޭނުން ﷲ އަޅުގަނޑަށް ފުއްދަވައިދެއްވައިފި."

16 comments