ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެގެންދާނީ "ބޮޑު" ޖަލްސާ އަކަށެވެ. މިއަދުގެ ޖަލްސާގައި ކަންތައް ވެގެންދާނެ ގޮތުގެ އިންތިޒާރުގައި އެތައް ބަޔަކު ތިބޭނެ އެވެ. ގާނޫނީ ބެލެނިވެރިކަން ދޭން ޖެހޭ ގަވާއިދުތަކުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާއިރު އެ ގަވާއިދުތަކަށް "ދިރުން" ދެވޭނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށްދާ ގޮތަކުންނެވެ. މިއަދުގެ ޖަލްސާ މުހިންމު ވަނީ އެހެންވެ އެވެ. ސިޔާސީ ގޮތުން ގައުމު ބައިބައިވެފައިވާ މި ނުރައްކާތެރި ދަނޑިވަޅުގައި މަޖިލީހުގެ މެމްބަރުން މިއަދު އަމަލު ކުރައްވާ ގޮތަކުން އަނެއްކާ ވެސް އިތުރު އަނދަވަޅަކަށް ގައުމު ވެއްޓިދާނެ އެވެ. އަދި އެކަމުން ސަލާމަތް ކުރުމުގެ ބާރު ވެސް އޮތީ ހަމަ އެ މަޖިލީހަށެވެ.
އާންމު ގަވާއިދުތަކުގެ ގާނޫނުގެ ދަށުން ގަވާއިދުތަކަކަށް ގާނޫނީ ބާރު ދޭން ޖެހުނު މައިގަނޑު ސަބަބަކަށް ވެފައި ވަނީ އޮގަސްޓް ،7 2008 ގައި އަމަލުކުރަން ފެށި މިހާރުގެ ގާނޫނު އަސާސީގެ މާއްދާއެކެވެ. އެ ގާނޫނުގެ 271 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުން އެ މައްޗަށް އަމަލުކުރަން ޖެހޭ ހުރިހާ ގަވާއިދުތަކަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ލިބިގެން ހަދާ ގަވާއިދުތަކަކަށް ވާން ވާނެ އެވެ. އެހެންވެ އޭރު ވަކިން ހިންގަމުން ދިޔަ 80 ވަރަކަށް ގަވާއިދަށް، ގާނޫނީ ބެލެނިވެރިކަން ދިނުމަށްޓަކައި އޮގަސްޓް ،5 2008 ގައި އާންމު ގަވާއިދުތަކާ ބެހޭ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ. އެ ގާނޫނުގެ ޖަދުވަލު 1 އަދި 2ގެ ދަށަށް އެ ގަވާއިދުތައް ގެނެސް ބެލެނިވެރިކަން ދިނެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އައީ އެ ގަވާއިދުތަކަށް މަޖިލީހުން ގާނޫނީ ބެލެނިވެރިކަން އިތުރުކޮށްދެމުންނެވެ. ބައެއް ގާނޫނުތައް އުފެދި ގަވާއިދުތައް އުވުމުން މިއަދު ގާނޫނީ ބެލެނިވެރިކަން ބޭނުންވާ ގަވާއިދުތަކުގެ އަދަދު 53 އަށް ތިރިވެފައިވެ އެވެ.
އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު މައްސަލަތައް ކުރިމަތިވީ، ގަވާއިދުތަކުގެ މުއްދަތު ހަމަވާ ސުން ގަޑި ޖެހުނުއިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނެ އަމާން މާހައުލެއް ނެތުމުން ޖަލްސާތައް މެދުކަނޑާލާފައިވާތީ އެވެ. މިދިޔަ ހަތަރު ވަރަކަށް ދުވަހު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކުރެއްވި ބުރަ މަސައްކަތާ އެކު މިއަދު ޖަލްސާއެއް ބޭއްވޭ ގޮތްވި އިރު ގާނޫނު ހަދާ ބާރުގެ "ނުކުޅެދުންތެރިކަން" އެތައް ބަޔަކަށް ވަނީ ހާމަވެފަ އެވެ. އެތައް ގަވާއިދެއްގެ ހިންގުން ހުއްޓި ގާނޫނީ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ގައުމު ދާތީ ޖަލްސާއެއް ބާއްވާލަން ވެސް މަޖިލީހުގެ ރައީސަށް ޖެހިވަޑައިގަތީ މެމްބަރުންގެ އަރިހުގައި "އާދޭސް" ދެންނެވުމަށެވެ. އެ މެމްބަރުންގެ އަމިއްލަ ޒިންމާ އަދި ފަރުދީ ޒިންމާގެ މަތިން ހަނދާން ކުރައްވާކަށް ބޭނުމެއް ނުވި އެވެ. ގާނޫނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވުމުގެ ބިރު އޮތް އިރު ވެސް ބައެއް މެމްބަރުން ގެންދަވަނީ ސިޔާސީ ގޮތުން ހުއްޖަތް ދައްކަވަމުންނެވެ. ސިޔާސީ ގޮތުން އަމިއްލަ އެދުން ކުރިއަށް ނެރުއްވަމުންނެވެ. ސިޔާސީ ވަކި ފައިދާއެއް ނުވާ ނަމަ ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ވިދާޅުވަމުންނެވެ.
ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7 ގައި ބަދަލުވި ގޮތާ މެދު ސުވާލު އުފައްދާ އެތައް ބަޔަކު އެބަތިއްބެވެ. މިއަދު ކޮމިޝަނެއް ހަދައި އެކަންކަން ބަލަނީ އެހެންވެ އެވެ. ނަޝީދުގެ ވެރިކަން ބަދަލުވި ފަހުން ގައުމުގެ ސިޔާސީ މައްސަލަތަކަށް ހައްލެއް ނެތެވެ. ފެބްރުއަރީ 7 އާ ގުޅިގެން ގައުމު މި ދަނީ ސިޔާސީ ގަދަ ކަނޑެއްގައި ދަތުރު ކުރަމުންނެވެ. އެކަމަކު އޭގެ މާނަ އަކީ ނަޝީދުގެ ވެރިކަން ވަކި ގޮތަކަށް ބަދަލުވުމުން ގައުމުގެ އެހެން ބާރުތަކުން ގައުމު އިތުރަށް ހަލާކުގެ މަގަށް ދުއްވާލުމެއް ނޫނެވެ. ބަދަލު ހިފުމުގެ ރޫހެއް ނެރުމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ބޭނުންވާ ގާނޫނުތައް ހަދައި ފާސްކުރާ މުއައްސަސާ ކަމަށްވާއިރު މަޖިލީހުގެ މެމްބަރުންގެ ފަރުދީ ޒިންމާ ވަރަށް ބޮޑުވާނެ އެވެ. މަޖިލިސް ހައިޖެކް ކޮށްގެން ހަމައެކަނި ސިޔާސީ ފައިދާ ހޯދާނަމަ އެއީ ބޮޑު މައްސަލައެކެވެ.
ސިޔާސީ ނުތަނަވަސް ކަމަށް ހައްލެއް ހޯދުމުގެ މަޝްވަރާތައް ފޭލް ވެފައިވާ ކަމީ ހަގީގަތެކެވެ. ސިޔާސީ ޕާޓީތަކުގެ މެދުގައި ފެށި މަޝްވަރާތަކުން އެދެވޭ ހައްލެއް އައިސްފައެއް ނެތެވެ. އެކަމަކު ގަވާއިދުތަކުގެ މުއްދަތު ހަމަވާން ކައިރިވެ މަޖިލީހުގެ ޖަލްސާއަކަށް އެދި ސަލާން ޖަހާއިރު ވެސް ބައެއް މެމްބަރުންގެ ޝަރުތަކަށް އެއް ފަހަރެއްގައިވީ ސީދާ ރައީސް މުހަންމަދު ވަހީދު މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވޭނެ ދޮރު ނުހުޅުވެނީސް ޖަލްސާތައް ނުބޭއްވޭނެ ކަމަށެވެ. އާސަންދަ ނިޒާމުން ރައްޔިތުން އަތުން ފީ ނެގުން ހުއްޓާލަންދެން ޖަލްސާއެއް ނުބޭއްވޭނެ ކަމެވެ. މި ހުރިހާ ކަންތައްތަކުގައި ވާހަކަ ދެއްކޭނެ އެތައް ކޮޅެއް އެބަހުއްޓެވެ. އެކަމަކު އޭގެ މާނަ އަކީ އެންމެ ހުތޫރަތްތެރި ދަނޑިވަޅުގައި މަޖިލީހުގެ ޖަލްސާތަކަށް ހުރަސް އެޅުމެއް ވެސް ނޫނެވެ.
ގަވާއިދުތަކަށް ގާނޫނީ ބާރު ދިނުމުގެ ކަންތައްތައް ވެސް މިހާ ދިގުލައިގެން ދިއުމުގެ ޒިންމާ ވެސް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން ނަގަން ޖެހެ އެވެ. ތިން އަހަރު ވީއިރު ވެސް އެތައް ގަވާއިދެއް އުނި ނުކޮށް މަޖިލީހުން އެ ގަވާއިދުތަކުގެ މުއްދަތު އިތުރު ކޮށްލަ ކޮށްލާ ތިބީ އެވެ. އޭގެ ބަދަލުގައި ގާނޫނުތައް ހަދައި އެ ގަވާއިދުތައް ހެދޭނެ މަގު މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ނަމަ މިއަދު މި މައްސަލަ ވެސް ކުރިމަތި ނުވީހެވެ.
ގަވާއިދުތައް "މަރުން" ސަލާމަތް ކުރުމަށް މިއަދު ހެނދުނު 30: 10 ގައި ބާއްވާ ހާއްސަ ޖަލްސާއަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ސިޔާސީ ޕާޓީތަކުން ދީފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ރޭ ބުނެފައިވެ އެވެ. އެކަމަކު އެއީ ހަމައެކަނި މިއަދުގެ ޖަލްސާ އަށެވެ. ކުރެވުނު މަޝްވަރާތަކުގައި ލިބުނު ކާމިޔާބެކެވެ.
އެހެން ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ޖަލްސާތައް އާންމު އުސޫލުން ހިންގަން ފެށެން އޮތީ މެމްބަރުންނާ ސީދާ ގުޅުން ހުރި ދެ ގަވާއިދަކާއި ގާނޫނެއް ފާސްކުރެވޭނެ މަގެއް ހޯދައިގެން ކަމަށްވެ އެވެ. ސުލޫކާއި ބެހޭ ގަވާއިދާއި މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރާތާ އެތައް ދުވަހެއްވީއިރު ނަތީޖާއެއް ނުފެނެ އެވެ. މިއަދު މަޖިލިސް ހުއްޓި، ރިޔާސަތުން ނަން އިއްވާ މެމްބަރުން މަޖިލީހުން ނެރެވޭ ގޮތެއް ނެތި އެތައް ވަގުތެއް ބޭކާރު ވަނީ މި މަސައްކަތް ވެސް އެކަށީގެންވާ ސްޕީޑެއްގައި ނުކުރެވޭތީ ކަމަށް ބައެއް މެމްބަރުން ވިދާޅުވެ އެވެ.

އެމްޑީޕީ ހއ. އަތޮޅު ކެމްޕެއިން
11 comments