ރާއްޖޭގެ ސިޔާސީ ހަމަނުޖެހުން

ގައުމުގައި ގޮތް ދޫނުކުރުމާއި ބައިބައިވުން

ހުސައިން ފިޔާޒު މޫސާ
06 އޯގަސްޓް 2012 10:28 6 ކޮމެންޓު
  • ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން: ކޯލިޝަންތެރޭގައި ބައިބައިވުން އޮތަސް، ކަންބޮޑުވަންޖެހޭ ވަރުގެ މައްސަލައެއް ނެތް ކަމަށް ޕާޓީތަކުން ބުނޭ. -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

ގައުމުގައި އޮތް ބައިބައިވުން ތަކަކީ މިއަދު ސިއްރެއް ނޫނެވެ. ސަރުކާރުގައި ހިމެނޭ ބޭފުޅުންނާއި އިދިކޮޅު ފަރާތްތަކުން ވެސް މިކަން ދަނީ ފާހަގަކުރަމުންނެވެ.

ގައުމުގައި އޮތީ ބައިބައިވުމެވެ. ގޮތް ދޫނުކުރުމެވެ. ކުދިކުދި ސަރުކާރުތަކެއް ވުޖޫދަށް އައިސްގެން އުޅޭ ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މުޝީރު އަދި ގައުމީ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދު ވިދާޅުވީ ސަރުކާރާއި ކައުންސިލްތަކާ އޮންނަންޖެހޭ ގުޅުން ނެތުމާއި އެ ކައުންސިލަކަށް ފެނުނު ގޮތަކަށް ބައެއް ކައުންސިލްތަކުން ކަންކުރާތީ އެވެ.

ވެރިކަން ބަދަލުވުމާ ގުޅިގެން، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ބައެއް ކައުންސިލްތަކުން މިހާރުގެ ސަރުކާރު ގަބޫލުނުކުރަން ނިންމައި އެކަން އިއުލާންކުރި އެވެ. ސަބަބަކީ ކުރީގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ސަރުކާރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ނުކުމެގެން ކަމަށްވާތީ އެވެ. އަދި ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް އެމްޑީޕީން ސިފަކުރާތީ އެވެ.

ވެރިކަން ބަދަލުވުމަށް ފަހު ފެންނަމުން ދަނީ ހަމަނުޖެހުމާއި ބައިބައިވުމާއި ޖެއްސުންކުރުމެވެ. އެއްބަޔަކު އަނެއް ބައެއްގެ ބާރަށް އަރައިގަތުމަށް މަސައްކަތްކުރުމެވެ. މާލޭ ސިޓީ ކައުންސިލާއި ސަރުކާރާ ދެމެދު ފެންނަމުންދަނީ މިފަދަ މަންޒަރުތަކެވެ. ސިޓީ ކައުންސިލުން ބައެއް ކަންކަމުގައި ސަރުކާރަށް ޖެއްސުންކުރާއިރު، ހައުސިން މިނިސްޓްރީން ވެސް ސިޓީ ކައުންސިލަށް ޖެއްސުންކުރުމެވެ. ސިޔާސީ ގޮތުން ކަންކަމަށް ހައްލު ހޯދުމަށް އެއްވެސް ބަޔަކު ބޭނުންވާ މަންޒަރެއް ނުފެނެ އެވެ.

ޑރ. ހަސަން ވިދާޅުވީ ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެއް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވީ ނަމަވެސް މިއީ އެފަދަ ދައުލަތެއް ނޫން ކަމަށް ވެސް ބައެއް ފަހަރު ހީވާ ކަމަށެވެ. އަދި ބައެއް ކައުންސިލްތަކުގައި އަމަލީ ގޮތުން އުޅުއްވާ ބޭފުޅުންގެ ހަރަކާތްތަކުން މިއަދު ފެންނަނީ ޔުނިޓަރީ ދައުލަތަކަށް ވުރެ ބޮޑަށް ކުދިކުދި ސަރުކާރުތަކަކަށް ބެހިފައިވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމު ޅަފަތުގައި އޮއްވައި މިހާރު އަމަލުތައް މިހާރު ފެންނަމުންދާ ކަންކަމުން، އެ ނިޒާމަށް އިތުބާރު ގެއްލިދާނެ ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ.

ކައުންސިލްތަކުގެ މައްސަލަތައް މިހެން އޮތްއިރު ސަރުކާރުގެ ތެރެއިން ވެސް ބަދަހި ކަމެއް ފެނިގެންނެއް ނުދެ އެވެ. ބޮޑު ކޯލިޝަނަކުން ވެރިކަން ހިނގުމަކީ އުނދަގޫ ވެސް ކަމެކެވެ.

މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވެ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިއްޔެ ވިދާޅުވީ ސަރުކާރުގެ ތެރެއިން ފެންނަމުންދަނީ ވަކިވަކި ސަރުކާރު ތަކެއް ކަމަށެވެ.

އިބޫ ވިދާޅުވީ ސަރުކާރަށް ތާއިދުކުރާ ޕާޓީތަކުން މަސައްކަތް ކުރަނީ "ސަރުކާރަށް، ރައްޔިތުންނަށް، ގައުމަށް ބެލުމެއް ނެތި" އެ ޕާޓީއަކުން ބޭނުންވާ ގޮތަކަށް ކަމަށެވެ.

"އެ ޕާޓީއަކުން ބޭނުންވާ ކަމެއް ކުރުމަށް މަސައްކަތް ކުރަނީ. މިނިވަން މުއައްސަސާއަކަށް މެމްބަރަކު ނެގިޔަސް، ބިލެއް ފާސްކުރިޔަސް އެ ޕާޓީއަކުން ބޭނުންވާ ގޮތަކަށް މަސައްކަތް ކުރަނީ،" އިބޫ ވިދާޅުވި އެވެ.

"ސަރުކާރު ދިގު ދެމިގެން ދިޔަ ވަރަކަށް އެކަމުގެ އަސަރު ރައްޔިތުންނަށް ކުރާނެ. ވެރިޔަކަށް ހުންނެވި ބޭފުޅާގެ ކޮންޓްރޯލް ހަގީގަތުގައި ވެސް ނެތް. އެއީ މިދިމާވެގެން އުޅޭ މައްސަލައަކީ."

ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން ދެކޮޅު ހަދަ އެވެ. އެގޮތުން އާސަންދަ ހުއްޓާލުމަށާއި ޖީއެމްއާރުގެ މައްސަލައިގައި ޑީއާރުޕީގެ ހިޔާލާ އެހެން ޕާޓީތަކުގެ ހިޔާލު ތަފާތެވެ. ޖީއެމްއާރު އަތުން އެއާޕޯޓު އަތުލަން ބޭނުންވާ ކަމަށް ޑީއާރުޕީން ސާފުކޮށް ނުބުނާއިރު، އާސަންދަ ހުއްޓާލަން ވެސް އެ ޕާޓީން ތާއީދެއް ނުކުރެ އެވެ. އަދި މީޑިއާ ކައުންސިލް އުވާލުމަށް ވެސް ޑީއާރުޕީން ތާއިދެއް ނުކުރެ އެވެ. މިކަންކަމުގެ އިތުރުން ފެށުނީއްސުރެ ވެސް ޑިއާރުޕީ އާއި ޕީޕީއެމްއާ ދެމެދުގައި އޮންނަ ހަސަދަވެރިކަން ދޭތެރެ ދޭތެރެއިން ބޮޑުވެ އެވެ. އެ ދެ ޕާޓީގެ މެމްބަރުން އެއްބަޔަކު އަނެއް ބަޔަކަށް ފާޑު ވިދާޅުވެ އެވެ.

ދެން އޮތް ކަމަކީ ސަރުކާރުގެ ތަރުޖަމާނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުންގެ ވާހަކަފުޅާ ދިމާނުވުމެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި، ކޮމަންވެލްތުގެ މަންދޫބު ޑޮން މެކިނަން ރާއްޖެ ވަޑައިގެންނެވިއިރު ސަރުކާރާއެކު ކުރެއްވި މަޝްވަރާތަކުގައި ކުރީގެ ރައީސްގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރުމަށް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވި ވާހަކަ ފާހަގަކުރެވެ އެވެ. ނަމަވެސް އެ ވާހަކަ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު އޭރު ވެސް ދޮގުކުރެއްވި އެވެ. އެއަށް ފަހު ޖީއެމްއާރުގެ މައްސަލައިގައި ޑިއާރުޕީން ސިޓީ ނުފޮނުވާ ކަމަށް އައްބާސް ވިދާޅުވެފައިވާއިރު، އެކަމުގައި ސިޓީއެއް ފޮނުވާފައި އޮތް ކަމެއް އައްބާސް އަށް އެނގިވަޑައެއް ނުގަންނަވަ އެވެ. އަދި އެންމެ ފަހުން ކުރިމަތިވި ގާނޫނީ ލަފާ ހޯދުމުގެ މައްސަލައިގައި އެކަމަށް ސަރުކާރުން 75،000 ޕައުންޑް ހަރަދު ނުކުރާ ކަމަށް އައްބާސް ވިދާޅުވިއިރު، އާޒިމާ ވިދާޅުވީ އެއީ ކުރެވިފައިވާ ހަރަދެއް ކަމަށެވެ.

މިކަންކަމުން ވެސް ސަރުކާރުތެރޭގައި ގުޅުމެއް ނެތް މިންވަރު ފެނިގެންދެ އެވެ. އެކަމަކު އައްބާސް ވިދާޅުވީ "ކަންބޮޑުވާންޖެހޭ ވަރުގެ މައްސަލަތަކެއް ކޯލިޝަންގެ ތެރޭގައި ނެތް" ކަމަށެވެ.

"ކޯލިޝަންގައި ޕްރޮފެޝަނަލް ރިލޭޝަންޝިޕް އެބަ އޮތް. ލަވް އެފެއާއެއް ނެތް،" އައްބާސް ވިދާޅުވި އެވެ.

ކޯލިޝަންގެ ގައި ކަންބޮޑުވާ ވަރުގެ ބޮޑު މައްސަލައެއް ނެތް ކަމަށް ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ވެސް ވިދާޅުވި އެވެ. އަދި "ހިޔާލު ތަފާތުވުމަކީ ކޯލިޝަންގެ ސިފައެއް" ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކިވަކި ޕާޓިތައް ހަދައިގެން ތިބީ އެހެންވެ. ހިޔާލު ތަފާތުވުން ނެތް ނަމަ އެއް ޕާޓިއެއްގެ ތެރޭގައި ތިބޭނީ،" އުމަރު ވިދާޅުވި އެވެ.

ކޯލިޝަންގެ ތެރޭގައި ބައިބައިވުން ހުރިއިރު 2013 ވަނަ އަހަރަށް ކޯލިޝަން ދެމި އޮވެދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. ސަބަބަކީ ކޯލިޝަންގައި ހިމެނޭ ބޮޑެތި ހުރިހާ ޕާޓިތަކަކުން ރިއާސީ އިންތިހާބުގައި ވަކިވަކިން ވާދަކުރާނެތީ އެވެ. މިހާރު ފެންނަމުން މިދަނީ 2013ގެ އަރައިރުންވުންތަކެވެ. ނަމަވެސް ކޮންމެ ކަމެއްގައި ވެސް ކޮންމެ ބައެއް ވެސް ގައުމީ މަސްލަހަތު އިސްކުރަންޖެހޭނެ އެވެ.

6 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait