އީދު

އަހަރެންގެ އީދު ހަނދާން

ޕްރޮފެސާ ހަސަން އުގެއިލް
18 އޯގަސްޓް 2012 09:06 2 ކޮމެންޓު
  • އުގެއިލް -- ހަވީރު ފައިލް ފޮޓޯ

ކުޑައިރުގެ ހަނދާންތަކުގެ ތެރެއިން އަޅުގަނޑު އެންމެ ބޮޑަށް ހުންނަ އެއް ހަނދާނަކީ އީދުގެ ހަނދާންތަކެވެ. އެއީ އުމުރުން ގާތްގަނޑަކަށް ދިހައަހަރުގެ ހަނދާންތަކެވެ. އެއީ ވަރަށް ދުރާލާ އީދަށް ތައްޔާރުވާ ދުވަސްވަރެކެވެ. ކުޑައިރުގެ ދުވަސްތައް، އުފަން ރަށް ސ. ހިތަދޫގައި ހޭދަކުރި އިރު އީދާ އެންމެ ބޮޑަށް ގުޅިފައި ވަނީ ރީތި ހެދުމާއި މީރު ކާނާގެ ރަހަތަކާއި ތަފާތު ކުޅިވަރާ އެވެ.

އީދަށް ތައްޔާރުވުމުގެ ގޮތުން އޭރު އެންމެ ފާހަގަކޮށްލެވޭ މުހިންމު އެއް ކަމަކީ އާހެދުން ފަހާ ތައްޔާރު ކުރުމެވެ. އީދު އައުމުގެ ދުވަސްކޮޅެއް ކުރިން ފިހާރަތަކުން ފޮތިގަނެ ހެދުން ފަހާ ތަނަކާ ހަވާލު ކުރެ އެވެ. އަދި އީދު އައުމުގެ ދެތިން ދުވަސް ކުރިން އާހެދުން ހެޔޮވަރުކޮށް ހެނދުން ލުމަށް ތައްޔާރުވެ އެވެ. އޭރު އަޅުގަނޑުމެންގެ މާލީ ހާލަތު ހުންނަ ގޮތުން އާހެދުމެއް ލިބޭނީ ކޮންމެވެސް މުނާސަބަތަކާ ގުޅިގެންނެވެ. އެ ޒަމާނުގައި ހެދުން ލިބުމަކީ އެހާފަސޭހަ ކަމެއް ނޫނެވެ. އަޅުގަނޑުގެ އަތުގައި އެންމެ ތިން ގަމީހާއި ތިން ފަޓްލޫނު އޮންނަ ހަނދާން އަދިވެސް އެބަހުއްޓެވެ. އެހެންވެ، އީދު ދުވަހު އަލަށް ލިބޭ އީދުހެދުން ލައި ޒީނަތްތެރިވެގެން ގެއިން ބޭރަށް ނިކުތުމަކީ ވަރަށް އުފާވާ ކަމަކަށް އޮންނަނީ ވެފަ އެވެ.

އީދު ދުވަސް ފެށިގެން އަންނައިރު އެ ދުވަހު ފުރަތަމަ ލިބޭ ހެނދުނުގެ ސައި ވަރަށް ޚާއްސަ އެވެ. އެއީ އަހަރުގެ އެހެން ދުވަސްތަކާ އަޅާ ބަލާއިރު އީދު ދުވަހުގެ ހެނދުނު ސައި އާދަޔާއި ޚިލާފު ވާތީ އެވެ. އޭރު އާންމުކޮށް ލިބެނީ ކަޅު ސައި ކަމަށް ވިޔަސް އީދު ދުވަހަކީ ކިރު ސައި ބޯލަން ލިބޭ މަދު ފުރުސަތުތަކުގެ ތެރެއިން އެއް ފުރުސަތެވެ. މީގެ އިތުރުން ވެސް އީދުދުވަހު ލިބޭ "އީދު ބޯކިބާ" އަދި އެހެނިހެން ހެދިކާއާއި އެކީ ސައިބުއިމަކީ ވެސް އީދުދުވަހުގެ ވަރަށް ޚާއްސަ ކަމެކެވެ. އީދު ދުވަހު އީދު ހެނދުން ލައި ނަލަވެގެން އީދު ނަމާދަށް ދާން އިންތިޒާރުކުރެވޭ ފަދައިން ހެނދުނު ލިބޭ ސަޔަށް ވެސް އިންތިޒާރުކުރެވެ. އީދު ނަމާދަށް ފަހު، ތިމާގެ މީހުންނާއި އަވަށްޓެރިންގެ ގޭގެއަށް ގޮސް ސައި ބުއިމުގައި ވަރަށް "ބުރަކޮށް" އުޅެމެވެ. އެ ދުވަސްވަރު އަވައްޓެރިންނަށް އީދު ސަޔަށް ދައުވަތު ދީ ހެދުމަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. އެހެންކަމުން އެ ގޭގެ އަށް ޒިޔާރަތްކޮށް ކައިބޮއި ހަދައި، އަވަށްޓެރިންނާ ގުޅުން ބަދަހިކުރުމަކީ އީދު ދުވަސް ޚާއްސަވެގެންދާ އެއް ސަބަބެވެ.

އީދުދުވަހުގެ ހެނދުނު ސައިގެ އިތުރުން މެންދުރުގެ ކެއުމަކީ ވެސް ހަމަ އެހާ ޚާއްސަ އަދި އެކަމަށް އިންތިޒާރު ކުރެވޭ ބޮޑު ކަމެކެވެ. ޚާއްސަ ކަމަކާ ގުޅިގެން ނޫނީ ކިރު ސައި ނުލިބޭ ގޮތަށް އޭރު ކުކުޅު ރިހަ ކާން ލިބުމަކީ މިކަހަލަ ދުވަހަކާ ގުޅިގެން ލިބޭ އުފަލެކެވެ. މި ޚާއްސަ ރިހަ ކެއްކުމަށް ކުކުޅު ހިފުމަށް ރަށު ތެރޭގައި ކުކުޅުހާ ފަހައި ދުވެ އުޅުނު ދުވަސްތައް ހަނދާނަކުން ނުފިލަ އެވެ. އެއީ އަޅުގަނޑު ވެސް ވަރަށް ގަޔާވެގެން އޭރު ކުރި ކަމެކެވެ. ކުކުޅުހާ ހިފުމަށް ރައްޓެހި ކުދިންނާ އެކު ކުކުޅުތައް ފަހާދުވެ، އީދު ދުވަހުގެ މެންދުރު ވުމުގެ ކުރިން ހިފައި ބަނދެފައި ބައިތިއްބަމެވެ. ކުކުޅު ކަތިލުމަކީ އަދި މާބޮޑު ކަމެކެވެ. ކުކުޅެއް ކަތިލަން ފުރުސަތު ލިބުމަކީ އޭރު ލިބޭ ވަރަށް ބޮޑު ފަޚުރެކެވެ. އެޒަމާނަކީ ބޭނުންހާ އިރަކު ކުކުޅު ކާން ލިބޭ ޒަމާނެއް ނޫނެވެ. އީދުދުވަހުގެ މެންދުރު ވަރަށް ވަރުގަދައަށް ލިބޭ ހުދު ހަނޑުލުގެ ބަތާއި ކުކުޅާއި ކަސްޓަޑް ކެއުމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރެވެ އެވެ.

އީދުދުވަހާއި އީދާ ދިމާކޮށް ލިބޭ ޗުއްޓީ ތެރޭގައި ދެން އޮންނަނީ އެކި ކުޅިވަރުތައް ކުޅުމެވެ. އެހެންނަމަވެސް، މިހާރާ ޚިލާފަށް ކުޅިވަރުތައް ކުޅުމަށް ވަކި ޚާއްސަ ތަންތަން ގާއިމް ކުރެވިފައެއް އޭރު ނުހުރެ އެވެ. އެހެންވެ ރައްޓެހިންނާއެކު ފުޓްބޯޅަ ކުޅެ އުޅުނީ މަގުމަތީގަ އެވެ. އޭރު ބޯޅައެއްގެ ގޮތުގައި ބޭނުންކުރީ ސްޓާކީނަކަށް ފޮއްޗާއި ސްޕޮންޖް އަޅައި ބަނދެގެން ތައްޔާރުކުރާ ބޯޅައެކެވެ. ގޯލަކީ މަގުމަތީގެ ދެފަރާތުގައި ބަހައްޓާ ދެ ބުރި ގަލެވެ. މި ހުރިހާ ކަމެއްގެ ތެރެއިން ވެސް އީދު ދުވަހުގެ ކުޅިވަރުތަކުގައި ފެންކުޅިކުޅުމަކީ ވަރަށް މަޖާ ކަމެކެވެ. އޭރު "އީދު ހެދުން" ލައިގެން ހުރިމީހެއްގެ ގަޔަށް ފެންޖެހުން އެއީ "ކުރެވޭ ވަރަށް މޮޅުކަމެއް" ކަމަށް އޮންނަނީ ވެފަ އެވެ.

އެއީ ކުޑައިރުގެ އީދު ހަނދާންތަކެވެ. އެކަމަކު މިހާރު އިނގިރޭސިވިލާތުގައި އުޅޭއިރު އީދު ދުވަހަކީ އާންމުކޮށް ބަންދު ދުވަހަކަށް ނުވާތީ އެ ދުވަހު ވެސް މަސައްކަތުގައި އުޅެން ޖެހެ އެވެ. އެކަމަކު އެކުގައި މަސައްކަތްކުރާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ މުސްލިމުން އުޅުމަކީ ލިބޭ ހިތްހަމަޖެހުމެކެވެ. އެހެންވެ އޮފީހުގައި ވެސް ރައްޓެހިންނާއި ދަރިވަރުންނާ އެކު އީދު ދުވަސް ފާހަގަ ކުރަން ޚާއްސަ ކެއުންތައް ހެދުން އޮވެ އެވެ.

އޭރުގެ އީދަކީ މީހުން ދުރާލާތައްޔާރުވެ ރައްޓެހިންނާއި ތިމާގެ މީހުންނާއި ބައްދަލުކޮށް، އުފާކުރުމާއި މަޖާކުރުމަށް ޚާއްސަ ދުވަސްތަކެކެވެ. އަދި ކުޅިވަރުކުރުމާއި އާހެދުންލުމާއި ކެއިން ބުއިމަކީ އީދުގެ މުހިންމު ބައެކެވެ. އެކަމަކު މިހާރު އީދަކީ މީހުން ޗުއްޓީއެއްގެ ގޮތަށް ވަޒީފާތަކާއި މަސައްކަތްތަކުން މީހާގެ ހަށިގަނޑަށް ލުޔެއް ހޯދާލުމަށްޓަކައި ހޭދަކޮށްލާ ދުވަސްކޮޅަކަށް މި ވަނީ ވެފަ އެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait