ރާއްޖޭގެ މިނިވަންކަމުގެ ބާނީ އަލްމަރުހޫމް ރައީސް އިބްރާހިމް ނާސިރު އަޅުގަނޑުގެ ހަމަ ލޮލަށް ފެނުނީ ނޮވެމްބަރު ،23 2008 ގެ ހަވީރު އެވެ. އެކަމަކު އޭރު އެއީ ފުރާނަ ނެތް ހަށިގަނޑެކެވެ. ސިންގަޕޫރުގައި އަވަހާރަވެ ފަސްދާނުލުމަށްޓަކައި އެ މަނިކުފާނު މާލެ ގެންނަވައި ތީމުގޭގައި ބާއްވާފައި އޮތް އިރު މޫނު ދުށުމަށް ގޮސް ތިބި މީހުންގެ އަދަދަށް ނަޒަރު ހިންގާލުމުން ވެސް އެ ޝަހުސިއްޔަތުގެ ވަރުގަދަކަން އިހުސާސް ކުރެވުނެވެ. އަޅުގަނޑު ފަދަ މި ޖީލުގެ މީހަކަށް ނާސިރުގެ ޝަހުސިއްޔަތު އެންމެ ރަނގަޅަށް އޭރު ނޭނގުނު ނަމަވެސް ނާސިރުގެ "ހަނދާންތައް" ހިމެނޭ ފޮތާއެކު އެ މަނިކުފާނުގެ ހިދުމަތުގެ "ބިޔަކަން" އެނގިއްޖެ އެވެ.
ދިވެހި ބަހުގެ އެކަޑެމީން ތައްޔާރުކޮށް މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ރޭ އާންމުކުރި ނާސިރުގެ "ފަނޑުވުމެއް ނެތް ހަނދާންތައް" މިއީ ކުރީގެ ރައީސް ނާސިރާ ބެހޭ ގޮތުން ވަރަށް ގިނަ އެއްޗެހިތަކެއް ހާމަވާނެ ފޮތެކެވެ. ކުރިން ނޭނގޭ ބައިވަރު އެއްޗެހިތަކެއް އެ ފޮތުގައި އެކި ބޭފުޅުން ލިޔުއްވާފައިވާ ލިޔުއްވުންތަކުންނާއި އިންޓަވިއުތަކުން ހާމަވެ އެވެ. ހާއްސަކޮށް ނާސިރުގެ އެންމެ ފަހު ވަގުތުގެ ހަނދާންތައް އެއީ އާންމުކޮށް ގިނަ ބަޔަކަށް ނޭނގޭ އެއްޗެހިތަކެކެވެ. ނާސިރު އަވަހާރަވުމުގެ ކުރީގައި ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފައި އޮތް އިރު ހިނގާދިޔަ ބައެއް ކަންކަން އެ ފޮތުން އެނގެން އެބަހުއްޓެވެ. އެއީ ޝައުގުވެރި އަދި އެހާމެ އަސަރުގަދަ ވާހަކަތަކެކެވެ.
ފޮތުގައި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދު، ނާސިރުގެ އެންމެ ގާތް ބޭފުޅުންނާ އިންޓަވިއު ކުރައްވާފައިވާ ލިޔުއްވުމެއްގައިވާ ގޮތުން ނާސިރު އަވަހާރަވީ ކިޑްނީގެ އާލާސްކަންފުޅާއި ޑައެބީޓިސް އިން އުފެދުނު ކަންތައްތަކެއްގެ ސަބަބުންނެވެ. ކިޑްނީގައި ހިލައެއް އޮތް ކަމަށް ހީވެގެން އެ ހިލަ ނެގުމަށްޓަކައި ތަންކޮޅެއް ކުރިން ހޮސްޕިޓަލްގައި އެޑްމިޓް ވެސް ކުރެއްވި އެވެ. އެކަމަކު ހޮސްޕިޓަލުން ގެއަށް ދޫކުރެއްވި ފަހުން ނާސިރުގެ ހާލު ވަރަށް ރަނގަޅުވި ކަމަށްވެ އެވެ. އެހެން ނަމަވެސް ކިޑްނީގައި ހިލަ އުފެދުމުން އެކަމާ ނާސިރު ވަރަށް ބޮޑަށް ވިސްނަވަން ފެއްޓެވި ކަމަށް ލަފާ ކުރެއްވޭ ކަމަށް ނާސިރުގެ އާއިލާގެ ބޭފުޅެއް ކަމަށްވާ އަބްދުﷲ ސައީދު (ސީޕްރިއާ ސައީދު) ގެ އަނބިކަނބަލުން ހައްވާ މަނިކެ ނާސިރުގެ "ފަނޑުވުމެއް ނެތް ހަނދާންތައް" ފޮތަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.
ނާސިރު އަވަހާރަވީ ސިންގަޕޫރުގެ ހޮސްޕިޓަލުގައި އެޑްމިޓް ކުރިތާ ހަ ވަނަ އަށް ވީ މަހު އެވެ. އޭގެ ތެރެއިން ތިން މަހު އޮންނެވީ އައިސީޔޫގަ އެވެ.
"ހާލުކޮޅު އެންމެ ބޮޑުވި ދުވަސްކޮޅު ވެސް ޔޫކޭ އަށް ވަޑައިގަންނަވަން އުޅުއްވި ކަމަށްވެ އެވެ. އެހެން ނަމަވެސް ހާލުކޮޅުގެ ސީރިއަސް ކަމުންނާއި ސިންގަޕޫރުގައި ބެލެހެއްޓުން ރަނގަޅުވާނެތީ އިސްމާއީލް ނާސިރު އެކަމަކަށް ގަބޫލުފުޅު ނުވީ އެވެ،" ނާސިރާ ބެހޭ ގިނަ މައުލޫމާތުތައް ހިމެނޭ ފޮތުގައިވެ އެވެ.
އިސްމާއީލް ނާސިރަކީ، ނާސިރު އެންމެ ފަހުން ކައިވެނި ބައްލަވައިގަތް ނަސީމާ މުހަންމަދުގެ ދަރިކަލުންނެވެ.
ނާސިރު ސިންގަޕޫރުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ވެސް ދިވެހި ކެއުން މަތިން ހަނދުމަފުޅެއް ނުނެތެ އެވެ. އޭގެ އެއް ހެއްކަކީ ހަޔާތުގެ އެންމެ ފަހު ދުވަސްތައް ހޮސްޕިޓަލްގައި ގުނަމުން ގެންދެވިއިރު ވެސް ބަތްޕެން ހިއްޕެވުމެވެ. ސީޕްރިއާ ސައީދުގެ އަނބިކަނބަލުން ބަތްޕެން ކައްކަވައިގެން ގެންދިއުމުން ވަރަށް މީރު ކަމަށް އަބަދުވެސް ނާސިރު ވިދާޅުވެ އެވެ. އަދި ގައިގައި ވަރުޖެހޭ ކަމަށް ވެސް ނާސިރު ވިދާޅުވާ ކަމަށް ހައްވާ މަނިކެއާ ހަވާލާދީ ފޮތުގައިވެ އެވެ.
ނާސިރުގެ ހާލުކޮޅު ރަނގަޅުވުމުން އެއް ފަހަރަކު ހައްވާ މަނިކެ މާލެ ވަޑައިގަތެވެ. އެ ފަހަރު ވެސް އެނބުރި އަވަހަށް ސިންގަޕޫރަށް ވަޑައިގަތުމަށް ނާސިރު އެދިވަޑައިގެންނެވި ކަމަށް ފޮތުގައިވެ އެވެ. އެކަމަކު އޭނާ މާލެ ވަޑައިގެންނެވި ދުވަހުގެ އިރު ނާރަނީސް، ނާސިރުގެ ދަރިކަލުން އިސްމާއީލް ނާސިރު ގުޅުއްވާފައި އަވަހަށް އެނބުރި ސިންގަޕޫރަށް ވަޑައިގަތުމަށް ދެންނެވި އެވެ. އެއީ ނާސިރުގެ ހާލު ދަށްވާން ފެށުމުންނެވެ.
ނާސިރު އަވަހާރަވިއިރު އަރިހުގައި ސީޕްރިއާ ސައީދާއި އަނބިކަނބަލުންގެ އިތުރުން ނާސިރާއެކު މަސައްކަތް ކުރެއްވި ކަރަންކާގޭ އިބްރާހިމް ރަޝީދާއި އަބްދުއް ސައްތާރު މޫސާ ދީދީ އާއި އަހުމަދު އާދަމާއި މުއުމިނާ ހަލީމް ހޮސްޕިޓަލްގައި ތިއްބެވި އެވެ.
ސީޕްރީއާ ސައީދަކީ ނާސިރާ ދެބެއިންގެ ދެދަރި ބޭފުޅެކެވެ. ނާސިރުގެ މަންމަ އާއި ސީޕްރިއާ ސައީދުގެ ބައްޕަ އަކީ އެއްބަފާ ދެބެއިންނެވެ. ނާސިރު އަވަހާރަވުމާ ހަމައަށް ވެސް އެ މަނިކުފާނުގެ ކަންކަން އެންމެ ގާތުން ބައްލަވަމުން ގެންދެވި ބޭފުޅުންގެ ތެރޭގައި ސީޕްރިއާ ސައީދާއި އަނބިކަނބަލުން ހައްވާ މަނިކެ ހިމެނިވަޑައިގަތް ކަމަށް ޑރ. ހަސަން ހަމީދު ލިޔުއްވާފައިވެ އެވެ. އަދި ދޭތެދޭތެރެއިން އެ ދެ ބޭފުޅުން ސިންގަޕޫރަށް ވަޑައިގެން ނާސިރާއެކު ވަގުތު ހޭދަކުރައްވަ އެވެ.
ސީޕްރިއާ ސައީދާއި ހައްވާ މަނިކެއާ ނާސިރާ އޮތް ގުޅުމުގެ އެއް ހެއްކަކީ އެއް ފަހަރު ނާސިރު ހުން އައިސްގެން ޑޮކްޓަރަށް ވަޑައިގަތުމަށް ދަރިކަލުން އިސްމާއީލް ނާސިރު އެދިވަޑައިގަތުމުން ނާސިރު އެކަމާ ދެކޮޅު ހެއްދެވުމެވެ. ނާސިރު ހޮސްޕިޓަލަށް ވަޑައިގަންނަވަން ބޭނުންފުޅުވީ ސީޕްރިއާ ސައީދާއި ހައްވާ މަނިކެއާ އެކު އެވެ. އެހެންވެ އެ ދެ ބޭފުޅުން ޖެހިގެން އައި ދުވަހު ސިންގަޕޫރަށް ވަޑައިގަތް ކަމަށް ޑރ. ހަސަން ލިޔުއްވާފައިވެ އެވެ.
ނާސިރަށް އެންމެ މީރު ކެއުމަކީ ޖަޕަނީސް ކެއުމެވެ. ދިވެހި ކެއުމުގެ ތެރެއިން ކަނޑުކުކުޅާއި ފިހުނު މަހެވެ.
"ބައެއް ދަތުރުތަކުގައި ހައްވާ މަނިކެ މަސް ފިހެގެން މާލެ އިން ގެންދަވަ އެވެ. ފޮނި އެއްޗެހި ވެސް މީރުފުޅު ކަމަށާއި އެހެން ނަމަވެސް ޑައިބީޓިސް ހުންނާތީ ވަރަށް މަދުން ފަރިއްކުޅުވާ ކަމަށް ހައްވާ މަނިކެ ވިދާޅުވި އެވެ،" ޑރ. ހަސަން ލިޔުއްވާފައިވެ އެވެ.
ނާސިރުގެ ހާލުކޮޅު ގޯސްވި ފަހުން އެންމެ ފަހު ބަސްފުޅެއްގެ ގޮތުގައި ވިދާޅުވި ވެފައި ވަނީ "އަހަރެން ރަނގަޅުވާނެހެން ހައްވާ މަނިކެ އަށް ހީވޭތަ؟" މިހެން ކަމަށް ނާސިރާ ބެހޭ ފޮތުގައިވެ އެވެ.
"އަދި އާލާސްކަންފުޅު ރަނގަޅުވުމުން އެންމެ ފުރަތަމަ ވެސް ވަޑައިގަންނަވާނީ ހައްވާ މަނިކެމެންނާ އެކު ފަރިއްކުޅުވުމަށް ކަމަށް ވިދާޅުވި އެވެ،" ފޮތުގައިވެ އެވެ.
ތާރީހުން އެނގޭ ގޮތުގައި ވަރަށް ކުރިން ނާސިރު ވަނީ ބޮޑު އޮޕަރޭޝަނެއް ކުރައްވައިފަ އެވެ. އެ ގޮތުން ކުޑަކަމުދާ ނިޒާމަށް ޖެހުނު މައްސަލައެއްގައި ކުއްލި ގޮތަކަށް ނާސިރު ލަންކާ އަށް ވަޑައިގެން 1966 ގައި ފަރުވާ ހޯއްދެވި އެވެ. ނާސިރުގެ އެއް ކިޑްނީ ހަލާކުވެފައި ހުރުމުގެ ސަބަބުން އެ މަނިކުފާނުގެ އެއް ކިޑްނީ އޭރު ނެންގެވި ކަމަށް ނާސިރުގެ "ފަނޑުވުމެއް ނެތް ހަނދާން" ގައިވެ އެވެ. އޭގެ ފަހުން ފަރިއްކުޅުއްވަނީ ވަރަށް ބޮޑަށް ސިއްހަތަށް ބައްލަވައިގެންނެވެ.
"ނާސިރުގެ ހަޔާތުގައި، ސިންގަޕޫރުގައި ހުންނަވަނިކޮށް، އެއްފަހަރު ޑަޔަބީޓިސްގެ ކަންތައް ކުއްލިއަކަށް މައްޗަށް ގޮސްގެން ސީރިއަސްވެ، އިނގިރޭސިވިލާތަށް ވަޑައިގެންނެވި އެވެ. ހާލުކޮޅު ބޮޑުކަމުން އަމިއްލަފުޅަށް ހިންގަވައި ވެސް ނުހެއްދެވޭ ކަމަށާއި އިސްމާއީލް ނާސިރާއި އަބްދުﷲ ސައީދު އަތުލަފިކޮށްގެން ގެންދެވި ކަމަށް ވިދާޅުވި އެވެ. ނަމަވެސް ފަރުވާ އަށް ފަހު، ނާސިރުގެ ސިއްހީ ހާލަތު ވަރަށް ބޮޑުތަން ރަނގަޅުވެގެން ދިޔަ ކަމަށާއި އަވަހާރަވީ ވެސް އޭގެ އެތައް އަހަރެއް ފަހުން ކަމަށް ވިދާޅުވި އެވެ،" ސީޕްރިއާ ސައީދާ ހަވާލާދީ ލިޔުއްވާފައިވެ އެވެ.
ރާއްޖޭގެ މިނިވަންކަމުގެ ބައްޕަ ކަމުގައި އެތައް ބަޔަކު ހެކިވާ ނާސިރުގެ "ފަނޑުވުމެއް ނެތް ހަނދާންތައް" ފޮތުގައި އެކި ބޭފުޅުން ލިޔުއްވާފައިވާ ވާހަކަތަކަށް ބަލާއިރު އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ 1978 ގައި ވެރިކަން ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގެންނެވި ފަހުން ރާއްޖޭގެ ސިޔާސީ މަސްރަހަށް ޝައުގުވެރިކަމެއް ނެތް ކަމެވެ. އަދި ދިވެހި ދައުލަތަށް އެކި ގޮތްގޮތަށް ހިދުމަތް ކުރެއްވި ދުވަސްތަކުގައި ވެސް ނާސިރުގެ ދިރިއުޅުއްވުމުގެ "ޕްރައިވެޓް" ކަމެވެ. ބަސް މަދު ކަމެވެ. އަމަލު ގިނަ ކަމެވެ. ނާސިރުގެ "ފަނޑުވުމެއް ނެތް ހަނދާންތައް" ގައި ބޭފުޅަކު ލިޔުއްވާފައިވާ ގޮތުން ނަމަ ނާސިރަކީ "އަނބިންނާއި ދަރިންނާއި އުޅޭ ގޮތުގެ ވާހަކަ ނުދައްކާ މީހާ އެވެ. އަމިއްލަ ހަޔާތާ މެދު ވާހަކަ ނުދައްކާ މީހާ އެވެ."
އެ ފޮތުގައިވާ ގޮތުން މާލޭގައި ސިޔާސީ ކަންތައް އެންމެ ބޮޑުވި ދުވަސްވަރު، ސީޕްރިއާ ސައީދު އެ ވާހަކަތައް ނާސިރުގެ އަރިހުގައި ދެންނެވިޔަސް އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ނާސިރު ވެރިކަން ދޫކުރެއްވި ފަހުން އެ މަނިކުފާނުގެ އެއްވެސް ހަރަކާތެއް ރާއްޖޭގެ ސިޔާސީ ހަޔާތުން ނުފެނުނީ އެހެންވެ ކަމަށް ވެދާނެ އެވެ.
ނާސިރަކީ ރާއްޖެ ދެކެ ލޯބިވި ބޭފުޅެއްކަން އެނގެ އެވެ. އިނގިރޭސިންގެ ހިމާޔަތުން ރާއްޖެ ސަލާމަތްވެ މިނިވަންކަމުގެ އެއްބަސްވުމުގައި އިނގިރޭސިންނަށް ސޮއިކުރަން މަޖުބޫރުވީ ވެސް ނާސިރުގެ ބަސްފުޅުގެ ވަރުގަދަ ކަމާއި ގޮތުގައި ހުންނަވާތީކަން ފޮތުން އެނގެ އެވެ. ދެކުނުގެ ތިން އަތޮޅު ދިވެހި ދައުލަތުން ވަކިކޮށް ހިންގި ބަޣާވާތަށް ފަހު އެކަމުގެ އިސް މޭސްތިރި އަބްދުﷲ އަފީފު އިނގިރޭސިންގެ ހިމާޔަތުގައި ދިވެހި ސަރުކާރަށް ނޭނގި ސީޝެލްސް އަށް ގެންދެވުމުން އެކަމާ ވަރަށް ބޮޑަށް ނާސިރު ކޯފާ އިސްކުރެއްވި އެވެ. އަދި ނާސިރުގެ އެންމެ ފަހުގެ ނިންމުމަކަށްވީ އިނގިރޭސިންގެ ހިމާޔަތުގެ އެއްބަސްވުން އުވާލައި، ރާއްޖެ އަށް ފުރިހަމަ މިނިވަންކަން ދިނުމަށް އެއްބަސް ނުވަނީސް، އިނގިރޭސިންގެ އެއްވެސް މަންދޫބަކާ ބައްދަލު ނުކުރެއްވުމެވެ.
ނާސިރު އާންމުންނާ މުހާތަބު ކުރައްވައި ތަގުރީރެއް، ވާހަކަފުޅެއް ދެއްކެވި އަޑެއް އިވުނު ބޭފުޅެއް ނެތް ކަމަށް ނާސިރުގެ "ފަނޑުވުމެއް ނެތް ހަނދާންތަކުން" އެނގެ އެވެ.
"ރައީސް ކަމުގެ ހުވާ ކުރައްވާ އަޑު އިވޭނީ ވެސް ކޮމެންޓަރީ ގެނެސްދޭ އެނައުންސަރުގެ އަޑުންނެވެ. މަޖިލިސް ހުޅުވާ ދުވަހު، ރިޔާސީ ބަޔާން އިއްވަވަން ވަޑައިގަންނަވަނީ، މަންދޫބެކެވެ. އެކަން އޭރުގެ ގާނޫނުން ހުއްދަ ކުރެ އެވެ. ނާސިރުގެ އަޑުފުޅު އަޅުގަނޑުމެން އަހަން ޖެހޭނީ ގައުމަށް ކޮށްދެއްވި ގިނަގުނަ ހިދުމަތްތަކުގެ މަންމަން ދޫތަކުންނެވެ،" އަހުމަދު ސޯލިހު ކިޔާ ބޭފުޅަކު ލިޔުއްވާފައިވެ އެވެ.
އެހެން ނަމަވެސް އޭނާ ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވާފައިވެ އެވެ. ނާސިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު މެމްބަރުކަން އޭރު ކުރައްވައިފަ އެވެ.
ސޯލިހު ވިދާޅުވި ފަދައިން ނާސިރުގެ ގިނަ ހިދުމަތްތައް ފެންނަން ހުރީ އަމަލުންނެވެ. އެކަންކަން އެނގެން ހުރީ މަންމަން ދޫތަކުންނެވެ. އަޅުގަނޑުމެން ފަދަ މިހާރުގެ ޖީލުތަކަށް މި "މަންމަން ދޫ"ތަކުގެ ބޭނުންތެރިކަން ވަރަށް ބޮޑެވެ. ނާސިރުގެ "ފަނޑުވުމެއް ނެތް ހަނދާންތައް" މިހާރުގެ ޖީލަށް މުހިންމީ އެހެންވެ އެވެ. ނާސިރު ފަދަ މުހިންމު ގައުމީ ޝަހުސިއްޔަތުތަކުގެ މިފަދަ އެތައް ވާހަކަތަކެއް އަދިވެސް ބޭނުމެވެ.

ފޮޓޯ އިން ހަބަރު
24 comments