އެންޓި ކޮރަޕްޝަން ކޮމިޝަން

އޭސީސީ އޮތުމުގެ ބޭނުން ކެނޑުނީތަ؟

ހުސައިން ފިޔާޒު މޫސާ
06 ސެޕްޓެމްބަރ 2012 09:30 14 ކޮމެންޓު
  • އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން: އެ ކޮމިޝަންގެ ބާރުތައް ނުކެނޑޭ ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވޭ. -- ހަވީރު ފައިލް ފޮޓޯ

ބޯޑަ ކޮންޓްރޯލް ސިސްޓަމްގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައި ކޯޓުގައި ކުރި އިސްތިއުނާފާ ގުޅިގެން ނެރުނު ވަގުތީ އަމުރު ބާތިލްކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު އޭސީސީގެ ބޭނުން ކެނޑިފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވަނީ ވިދާޅުވަ އެވެ. އެކަމުގެ އެ ވާހަކައިގެ ހަގީގަތަކީ ކޮބައިހެއްޔެވެ؟

ބޯޑަ ކޮންޓްރޯލް ސިސްޓަމްގެ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ދައުލަތުގެ މުއައްސަސާއަކުން ކުރަމުންދާ މަސައްކަތެއް ހުއްޓާލުމަށް އޭސީސީ އިން އަންގާ އެންގުމަކަށް އަމަލުކުރުން ގާނޫނީ ގޮތުން ލާޒިމްވާ ކަމުގެ އިހްތިމާލް ވުޖޫދުގައި ނުވާ ކަމަށެވެ. އަދި ދައުލަތުގެ އިދާރާއަކަށް އެފަދަ އެންގުމެއް އެންގުމުގެ ހައްގު އޭސީސީ އަށް ލިބިދޭ ގާނޫނީ ގާއިދާއެއް ވެސް ނެތް ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ ބޯޑަ ކޮންޓްރޯލް މަސައްކަތް މަޑުޖައްސާލަން އޭސީސީން އެންގި އެންގުމަށް ތާއީދުކޮށް ހައި ކޯޓުން ވަގުތީ އަމުރެއް ނުނެރެވޭނެ ކަމަށް ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފަ އެވެ.

މި ހުކުމާ ގުޅޭ ގޮތުން އޭސީސީގެ ރައީސް ވިދާޅުވީ އެ ކޮމިޝަނަކީ ހަމައެކަނި "ތަހުގީގުކުރާ އިދާރާއެއް ވެއްޖިއްޔާ [ކޮމިޝަން] ހުރުމުގެ ބޭނުމެއް ނެތް" ކަމަށެވެ.

"ފުލުހުންގެ އިދާރާ އަށް ވެސް ތަހުގީގުކުރެވޭނެ ނޫންތޯ؟ އެހެންވީމާ މި ދައުލަތަށް މާ ހަރަދު ކުޑަވާނެ ހަމައެކަނި ތަހުގީގުކުރަން އޭސީސީ ހުރުމުގެ ބަދަލުގައި ފުލުހުންގެ އިދާރާ ހުރިއްޔާ،" އޭނާ ވިދާޅުވި އެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި އެންޓި ކޮރަޕްޝަން ކޮމިޝަނާ ބެހޭ އިދާރާ އިން ތަހުގީގުކުރުމާއި ޕްރިވެންޝަނާއި އެވެއާނަސްގެ ކަންތައް ހިންގާނެ. އެކަމަކު ކޮރަޕްޝަން ހުއްޓުވުމާ ބެހޭ އިދާރާ އިން އެ ތިން ކަންތައް ނުކުރެވެންޏާ އެއްވެސް ބޭނުމެއް ނެތް. މުއައްސަސާއަކުން ހިޔާނާތުގެ އަމަލެއް ހިންގުމުގެ ފުރުސަތުދީފައި އެ ހިޔާނާތް ހިންގައި ނިމުމުން މި ތަނަށް [އޭސީސީ] އެ މީހަކު ގެނައީމާ ހަނު ހުރެފައި ޝަރީއަތަށް މައްސަލަ ހުށަހަޅަން ޕީޖީ އަށް ފޮނުވުމުގެ ބޭނުމަކީ ކޮބައިތޯ؟ ކޮރަޕްޝަން އަމަލެއް ހިންގާއިރު އެ އަމަލެއް ނުހުއްޓުވުމުން ދައުލަތާއި ރައްޔިތުންނަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީ ކާކުތޯ؟."

ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ލުތުފީގެ ވާހަކަ އަށް އެއްބަސްވެވަޑައިގަންނަވަ އެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މިހާރު އޭސީސީ އަކީ "ދަތް ނެތް ސިންގާ" އެކެވެ. އެ ބޭފުޅުން އެހެން އެ ވިދާޅުވަނީ ކޮރަޕްޝަންގެ ކިތަންމެ ބޮޑު ކަމެއް، މައްސަލައެއް ދިމާވިޔަސް އަދި ދައުލަތަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބޭ ހާލަތެއްގައި ވެސް އެކަން ހުއްޓުވުމަށްޓަކައި ސީދާ އެ ކޮމިޝަނަށް ކުރެވޭނެ މާބޮޑު މަސައްކަތެއް ނެތް ކަމަށް ގަބޫލު ކުރައްވާތީ އެވެ.

ނަމަވެސް ޖިނާއީ ބައެއް މައްސަލަތަކުގައި ފުލުހުން މިހާރުވެސް ކޯޓް މަރުހަލާ ކުރިއަށް ގެންދަނީ ޕްރޮސިކިއުޓާ ޖެނެރަލް މެދުވެރިކޮށެވެ. އެއީ ސުޕްރީމް ކޯޓުން މީގެ ކުރިން ކޮށްފައިވާ ހުކުމަކާ ގުޅިގެންނެވެ. އެއީ ފުލުހުންގެ ބާރު ކެނޑުނު ހުކުމަކަށް ނުވެ އެވެ.

ބޯޑާ ކޮންޓްރޯލްގެ މައްސަލައިގެ ހުކުމް އައިސްފައިވާ ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ނައިބު މުގައްރިރު، ދިއްދޫ ދާއިރާގެ މެމްބަރު އަހްމަދު ސަމީރު ވިދާޅުވި އެވެ.

"އޭސީސީގެ ބާރުތަކަށް، އެ މުއައްސަސާގެ މުސްތަގުބަލަށް، އެ މުއައްސަސާގެ މަގުސަދަށް [ސުޕްރީމް ކޯޓުން] ބައްލަވާނުލެއްވުމުން ކަންބޮޑުވޭ. އެ ހުކުމުގެ ސަބަބުން، ކޮރަޕްޝަން ހުއްޓުވުމަށް އެޅޭ ހުރަހުގެ ޒިންމާ ނަގަންޖެހޭނީ ސުޕްރީމް ކޯޓުން" ސަމީރު ވިދާޅުވި އެވެ.

"މިހާރު އެ ކޮމިޝަން ވެފައި އެވަނީ ދަތް ނެތް ސިންގާ އަކަށް. އެއީ ރަނގަޅު ގޮތެއް ނޫން. ކޯޓު އަމުރު ހޯދުމުގެ ބާރު އޭސީސީ އަށް އޮންނަން ވާނެ. ޕީޖީ މެދުވެރިކޮށް އަމުރު ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ. ތިމާ ބޭނުންވާ ކަމެއް އެހެން މީހަކު ލައްވައި ކުރުމަކީ ފަސޭހަ ކަމެއް ވެސް ނޫން."

ބޯޑަ ކޮންޓްރޯލް މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ސަމީރު ސިފަ ކުރައްވަނީ ވެސް "ޒާތީ ނިންމުމެއް" ގެ ގޮތުގަ އެވެ. ސަބަބަކީ ސުޕްރީމް ކޯޓުގެ ކޮރަޕްޝަން މައްސަލަތަކެއް އޭސީސީން ބަލަމުންދާތީ އެވެ.

"އަޅުގަނޑަށް އެކަން ސިފަވަނީ ޒާތީ ނިންމުމެއްގެ ގޮތުގައި. ސަބަބަކީ އޭސީސީން ސުޕްރީމް ކޯޓުގެ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއަށް ވެސް ވަދެފައި ވަނިކޮށް، އޭސީސީގެ ފުރިހަމަ ބާރު ކެނޑޭ ގޮތަށް ހުކުމް އައުމުން،" ސަމީރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އޭސީސީގެ ބާރު ކެނޑިއްޖެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވާއިރު، އޭސީސީގެ ގާނޫނުގައި މަޝްރޫއުތައް ހުއްޓުވުމުގެ ބާރު އެ ކޮމިޝަނަށް ލިބެންވާކަން ސަރީހަ އިބާރާތުން ބުނެފައެއް ނެތެވެ. ނަމަވެސް އެ ކޮމިޝަނުން ކުރާ ތަހުގީގަކާ ގުޅިގެން ކުރެވިދާނެ އެހެން ކަންކަން ގާނޫނުގައި ވަރަށް ސާފުކޮށް ބުނެފައިވެ އެވެ. އެހެން ކަމުން މަދަނީ އެއްބަސްވުމެއްގެ ދަށުން ކުރެވޭ މަސައްކަތެއް އޭސީސީ އަށް ނުހުއްޓުވޭނެ ކަމަށް ބައެއް ވަކީލުން ވިދާޅުވި އެވެ.

ނެކްސް ބިޒްގެ ގާނޫނީ ވަކީލް އިސްމާއީލް ވިޝާމް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމުން އޭސީސީގެ އެއްވެސް ބާރެއް ނުކެނޑެ އެވެ. އަދި އެއްވެސް ބާރެއް ހައްޏެއް ވެސް ނުވެ އެވެ.

"އޭސީސީގެ އެއްވެސް ބާރެއް ހަންޏެއް ނުކުރޭ، އެއްވެސް ބާރެއް މަދެއް ނުކުރޭ. ގާނޫނުގެ ތެރެއިން ކަންކަން ކުރުމަށް [ކޯޓުން] އެ ބުނީ،" ވިޝާމް ވިދާޅުވި އެވެ.

މަދަނީ އެއްބަސްވުމެއްގެ ދަށުން ކުރެވޭ މަސައްކަތެއް ހުއްޓުވުމަކީ ގާނޫނީ ގޮތުން ވެސް އޭސީސީ އަށް ލިބިދީފައިވާ ބާރެއް ނޫން ކަމަށާއި މަސައްކަތެއް ހުއްޓުވަން ބޭނުންވެއްޖެ ނަމަ އެކަން ދެން ކުރަންޖެހޭނީ ޕީޖީ މެދުވެރިކޮށް ކަމަށް ވިޝާމް ވިދާޅުވި އެވެ.

"މިހާރު އޭސީސީ އަށް ވެސް އެ މީހުން ބާރު ނާޖާއިޒު ގޮތުގައި ބޭނުމެއް ނުކުރެވޭނެ. ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން ޗެކް އެންޑް ބެލެންސްގެ އިތުރު ފަށަލައެއް މިލެވުނީ،" ވިޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް އޭސީސީ އަށް ނުހުއްޓުވޭނެ ކަމަށް ހުކުމް ކުރުމަކީ އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމަށެވެ. އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމި ނަމަ، ރާއްޖޭގައި އިތުރަށް ކޮރަޕްޓްވުމަށާއި އޭސީސީގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކުރަން މަގު ފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނެއް ކޮޅަށް މައްސަލަ ނިންމި ނަމަ. ސިޔާސީ ގޮތުން އައްޔަން ކޮށްފައިވާ މީހުންނަށް ކޮންޓްރެކްޓް ބާތިލްކޮށްދޭނެ. އޭރުން އޭސީސީ ބޭނުންކޮށްގެން އެއްބަސްވުން ރޫޅާލެވޭނެ. އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ. އެކަމުން ގެއްލުން ވެސް ލިބޭނީ ހަމަ ރާއްޖެ އަށް،" ވިޝާމް ވިދާޅުވި އެވެ.

މި މައްސަލައިގައި އެކި ފަރާތްތަކުގެ ހިޔާލު ތަފާތުވި ނަމަވެސް، ފެންނަން އޮތް ހަގީގަތަކީ އޭސީސީ އަށް އެ ކޮމިޝަންގެ ވާޖިބު އަދާކުރުމަށް މަގުތައް ބަންދު ނުވާ ކަމެކެވެ. ޕީޖީ މެދުވެރިކޮށް އަމުރު ހޯދަން ޖެހުމުން މަގު ދިގުވި ކަމަކަށް ވިޔަސް، ކޮރަޕްޝަން ހުއްޓުވުމުގެ މަގު ބަންދުވި ކަމަކަށް ނުފެނެ އެވެ.

14 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait