ނަޝީދުގެ ވެރިކަން ބަދަލުވުން

އުމަރުގެ "ކޮމާންޑް ސެންޓަރު"

އިސްމާއިލް ނަސީރު އަދި އަހުމަދު ހަމްދޫން
07 ފެބުރުއަރީ 2013 08:59 57 ކޮމެންޓު
  • ގާޒީ އަބްދުﷲ މުހަންމަދު ދޫކޮށްލުމަށް ގޮވާލައި ބޭއްވި މުޒާހަރާތަކުގެ ޕްލޭންތައް އުމަރު "ހަވީރަ"ށް ދައްކާލައްވަނީ -- ފޮޓޯ: އަހުމަދު ހަމްދޫން

ކުރީގެ ރައީސް މުހަންމަދު ނަޝީދު ވެރިކަން ވައްޓާލެވިދާނެކަން ގަބޫލުކުރި އެންމެ ބޮޑު އެއް ސިޔާސީ ލީޑަރަކީ އުމަރު ނަސީރެވެ. އޭނާ މިހާރު ވެސް ވިދާޅުވަނީ "އެކަން ހިތުގެ އަޑިން ގަބޫލުކޮށް ފާޅުގައި އެ ވާހަކަ ދެއްކީ ހަމައެކަނި އަޅުގަނޑު" ކަމަށެވެ.

ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްޓަކައި އޭރު ޑީއާރުޕީއާ ވާދަވެރި ހުރިހާ ލީޑަރުން ނަޝީދާ ބައިއަތު ހިއްޕެވިއިރު އުމަރު ފުރަގަސް ދެއްވީ ވެސް އޭނާގެ ބަހުން ނަމަ "ތާކުން ތާކު ޖެހޭ މީހަކަށް ނުވާތީ" އެވެ. އަދި ވެރިކަމަށް ނަޝީދު ވަޑައިގަތުމަށް ފަހު އޭނާއާ ސީދާ ދެކޮޅު ހަރަކާތްތަކެއް ހިންގެވި މަދު ލީޑަރުންގެ ތެރޭގައި އުމަރު ހިމެނި ވަޑައިގަތީ، އުމަރު ވިދާޅުވި ގޮތުން ނަމަ، "އެ ސަރުކާރު ވެއްޓޭތަން ރީތިކޮށް ފެންނާތީ" އެވެ.

ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު ހައްދަވައިފާނެ ހުރިހާ ގޯހެއް ހައްދަވަމުން ގެންދެވިތަން އުމަރަށް ފެނިވަޑައިގަތެވެ. އެހެންވެ ނަޝީދުގެ ސަރުކާރަކީ ބާރެއް ނެތް، "ސިޔާސީ ބޮޑެތި ހަޑި ހާވަމުން" ދިޔަ ސަރުކާރެއް ކަމަށް އުމަރަށް ގަބޫލުކުރެއްވި، ހަދަމުން ދިޔަ ގޯސްތަކުގެ މައްޗަށް ކަންކަން ރާއްވަވަމުން އޭނާ ގެންދެވި އެވެ. އުމަރު "ހަވީރަ"ށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ފެބްރުއަރީ 7 އަށް ފަހު މަޝްހޫރުވި އޭނާގެ ވަރުގަދަ "ކޮމާންޑް ސެންޓަރު"ގެ އަސްލު ބިނާވެފައި ވަނީ ނަޝީދުގެ ވެރިކަން ވައްޓާލުމުގެ މައި މަރުކަޒާ އެވެ.

"ފަހަކަށް އައިސް ހިނގި ހުރިހާ މުޒަހަރާއެއް ލީޑްކުރަމުން ދިޔައީ ކޮމާންޑް ސެންޓަރަކުން. އެ ކޮމާންޑް ސެންޓަރަކުން އަޅުގަނޑުމެން ބަލަމުން ދިޔައީ އަޅުގަނޑުމެންގެ ޓްރޫޕްސްގެ ހަރަކާތްތައް. އަޅުގަނޑުމެންގެ އެސްއެމްއެސް އަށް ޑިޕްލޮއިކުރާ 200 އެއްހާ މީހުން އުޅެމުން ދިޔަ. އެ މީހުން އޮންނާނީ ޕްލޭޓޫންތަކެއްގެ މައްޗަށް ބެހިފައި. ކޮމާންޑް ސެންޓަރުން ބަލަމުން ގެންދާނެ މިސާލަކަށް ޖަންކްޝަން ކައިރީގައި ތިބީ އަހަރެމެންގެ ކިތައް މީހުންތޯ، ދެން އެމްއެމްއޭ ކައިރި އަށް ދާނީ ކިތައް މީހުންތޯ، ޓީވީ މޯލްޑިވްސް އަށް ފޮނުވަންވީ ކިތައް މީހުންތޯ،" ނަޝީދުގެ ސަރުކާރު ވެއްޓުމާ ހަމައަށް "ކޮމާންޑް ސެންޓަރެއް" ގާއިމްކޮށް އެކަން ހިންގެވި ގޮތް ފައްޓަވަމުން، މިހާރު ޕީޕީއެމްގެ މައި އެއް ތަނބު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއް ގަޑިއިރުގެ ތެރޭގައި އަންގާލީމަ އެތަނަކަށް އަޅުގަނޑުމެންގެ މީހުން ދާނެ. އަބަދުވެސް އެމްޑީޕީ މޫވްކުރާ ގޮތަށް ބަލައިފައި އަޅުގަނޑުމެންގެ މޫވްތައް ވެސް ދިޔައީ ބަދަލުކުރަމުން. މިގޮތަށް ކަންތައްތައް ކުރަމުން ގޮސް ފެބްރުއަރީއާ ހަމައަށް އައިއިރު މީތި އޮތީ ދޮންވެ ފައްކާވެފައި."

"ކޮމާންޑް ސެންޓަރު"ގެ އިސް ކޮމާންޑަރަކީ އުމަރެވެ. އޭރު އެމްޑީޕީން ދޭތެރެދޭތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކުރަމުން ދިޔަ ޖެއްސުންތަކާއި އަލިވާގޭ ކައިރިއަށާއި އެންދެރިމާގޭ ކައިރިއަށް އެއްވާ އެއްވުންތައް މައިތިރިކޮށް އެމްޑީޕީ އެކްޓިވިސްޓުންނާ ކުރިމަތިލަނީ، އުމަރު ވިދާޅުވި ގޮތުގައި، "ކޮމާންޑް ސެންޓަރު"ގައި އޭނާ އިންނަވައިގެން ދޭ އިރުޝާދުގެ ދަށުންނެވެ. އުމަރަކީ ކުރިން ސިފައިންގެ އާއި ފުލުހުންގެ ތެރޭގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅަކަށް ވާތީ އެކަހަލަ ކަމެއް ކޮންޓްރޯލް ކުރުމުގެ ޕްލޭނެއް ހަދާލުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ.

"ހަގީގަތުގައި އަޅުގަނޑުމެންގެ ކޮމާންޑް ސެންޓަރެއް ހަދަން ޖެހުނު ސަބަބަކީ އެމްޑީޕީން ރައީސް މައުމޫނަށް ކުރަމުން ދިޔަ ދުއްތުރާތައް މައިތިރިކުރަން. އަޅުގަނޑަށް ވިސްނުނީ ކޮންމެވެސް އެކަކު ދައްކާ މަގަކުން ގޮސްގެންކަން މީތި މައިތިރިވާނީ،" އޭނާ ވިދާޅުވި އެވެ.

އެ "ކޮމާންޑް ސެންޓަރު" ހުރީ ކޮން ތާކު ކަން ވިދާޅުވާކަށް އުމަރު ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް، އެއީ އޭނާ ސިފަކުރައްވާ ގޮތުން، ވަރަށް ފުރިހަމަ އަށް ތައްޔާރުކުރެވި އަދި އެތަނެއްގައި ހުރިހާ ހިދުމަތެއް ލިބެން ހުރި ތަނެކެވެ. ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތައް ވަގުތުން އެ ސެންޓަރަށް ފެންނާނެ އެވެ. އުމަރު ވިދާޅުވި ގޮތުން ކަމެއް ޖެހިއްޖިއްޔާ ކޮމާންޑް ސެންޓަރު ވަގުތުން ހަރަކާތްތެރިވާން ފަށަ އެވެ. އަދި ގުޅިފައިވާ މީހުން އެއް ހިޔާލެއްގެ ދަށުން މަސައްކަތްކުރި އެވެ. އެ "ކޮމާންޑް ސެންޓަރު"ގައި ޖާސޫސުން ވެސް ހިމެނޭ ކަމަށް އުމަރު ވިދާޅުވި އެވެ.

"އޯވަރޯލްކޮށް ކޮމާންޑް ސެންޓަރޭ މި ބުނަނީ އެއްތަނަކުން އެ ހުރިހާ އިންސްޓްރަކްޝަނެއް ނެރެ، ގްރައުންޑްގައިވާ ގޮތެއް އެތަނަކަށް އެނގި، އަދި އެމްޑީޕީގެ ތެރެއިން އިންޓަލިޖެންސް ވެސް ޖަމާވާ ތަނެއް އެއީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތިބޭނެ އެމްޑީޕީގެ ތެރެއަށް އަޅުގަނޑުމެންގެ މީހުން ވައްދާފައި. އެމްޑީޕީގެ ޓީޝާޓް ލައިފައި ދިދަ ހިފައިފައި ހަރުގެ ތެރޭގައި ވެސް ތިބޭނެ އަޅުގަނޑުމެންގެ މީހުން. އަޅުގަނޑުމެންނަށް އެނގޭނެ އެތަނުން ނައްޓާލާއިރު ވެސް. ދެން ދާނީ ކޮން ތަކަށްތޯ ވެސް އަޅުގަނޑުމެންނަށް އެނގޭނެ."

އުމަރު ވިދާޅުވާ ގޮތުން އެކަން ހިންގެވީ މިލިޓަރީ އޮޕަރޭޝަނެއްގެ ގޮތުގަ އެވެ.

ގާޒީ އަބްދުﷲ މުހަންމަދު ދޫކޮށްލުމަށް ގޮވާލައި ބޭއްވި މުޒާހަރާތަކުގެ ޕްލޭންތައް އުމަރު "ހަވީރަ"ށް ދައްކާލައްވަނީ.

އެހެން ނަމަވެސް، ހަތެއް ފެބްރުއަރީ އަކީ ކޮމާންޑް ސެންޓަރުން ރޭވިގެން، ނުވަތަ ކޮމާންޑް ސެންޓަރަށް ބަޔަކު އިރުޝާދުތަކެއް ދީގެން ނުވަތަ ރޭވިގެން އައި ދުވަހެއް ނޫން ކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ "ނަޝީދު ހަދަމުން ދިޔަ މިސްޓޭކްތަކުގެ މައްޗަށް ނިއުޅެމުން ނިއުޅެމުން އައި ދުވަހެއް" ކަމަށެވެ.

"އެ ދުވަސް އާދޭތޯ އަޅުގަނޑުމެން މިތިބެނީ އިންތިޒާރުގައި. އެ އިންތިޒާރުގައި ތިއްބާ އޭނަ [ނަޝީދު] ދިޔައީ މިސްޓޭކްސް ހަދަމުން. އަޅުގަނޑުމެން ދިޔައީ އެ މިސްޓޭކްސް ކެޕިޓަލައިޒް ކުރަމުން. އޭގެ މައްޗަށް [ކަންކަން] ބިލްޑް ކުރަމުން އަޅުގަނޑުމެން ދިޔައީ،" އުމަރު ވިދާޅުވި އެވެ.

އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި، ހަތެއް ފެބްރުއަރީގެ ކުރިން ވެސް ނަޝީދު ވެރިކަމުން ވައްޓާލަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެއީ ނަޝީދުގެ ސަރުކާރުން އޮގަސްޓް 7، 2010 ގައި ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމެވެ.

"އަޅުގަނޑު ދުށް ގޮތުގައި [ނަޝީދުގެ] ވެރިކަން ވައްޓާލަން ލިބުނީ ދެ އޮޕަޗުނިޓީއެއް. އެއް އޮޕަޗުނިޓީ އަކީ ސުޕްރީމް ކޯޓުގައި ތަޅު އެޅުވި ދުވަސް. އެ ދުވަހު އެކަން ނުކުރެވުނީ [ޑީއާރުޕީގެ ލީޑަރު] އަހުމަދު ތަސްމީން އަލީއާ ހެދި. ތަސްމީން ބޭނުމެއް ނުވޭ އަޅުގަނޑުމެން ޑިޕްލޮއި ކުރާކަށް. އަޅުގަނޑުމެން އެ ދުވަހު ބޭނުންވީ ދެ ފްރޮންޓަކުން ކުޅެން. އެއް ގޮތަކީ މަޖިލިސް ތެރެއިން ނޯކޮންފިޑެންސް މޯޝަނެއް ވައްދަން. ނޯކޮންފިޑެންސް މޯޝަން ވައްދާއިރު އަޅުގަނޑު ބޭނުންވީ ސުޕްރީމް ކޯޓުގެ ތަޅު ނައްޓާނުލައި ބައިންދަން. އަޅުގަނޑު ތަސްމީން ކައިރީގައި ދެންނެވިން ސުޕްރީމް ކޯޓުގެ ތަޅު ނައްޓާނުލައްޗޭ. ތަޅު ނައްޓާލަން އެއްގޮތަށް ވެސް އަޅުގަނޑުމެން ނޫޅެއްޗޭ. ކިތަންމެ ދުވަހަކު ތަޅު ނައްޓާނުލައި ބޭންދިޔަސް އަޅުގަނޑުމެންނަށޭ ފައިދާކުރާނީ. އެ އިޝޫ އޭރުން ކެޕިޓަލައިޒް ކުރެވޭނޭ. އަނެއް ފްރޮންޓަކީ މަގުމަތި. އެކަމަކު ތަސްމީން ބޭނުންވީ ތަޅު ނައްޓާލަން."

އުމަރު ވިދާޅުވީ އެ ފުރުސަތަށް ފަހު ދެން ލިބުނީ ރަނުގެ ފުރުސަތެކެވެ. އެކަމަކު އެ ފުރުސަތު ހުޅުވުނު އިރު އުމަރު ހުންނެވީ ރާއްޖެއިން ބޭރުގައި ކިޔަވާވިދާޅުވާށެވެ.

"ދެން އައި އޮޕަޗުނިޓީ އަކީ [ކްރިމިނަލް ކޯޓުގެ އިސް ގާޒީ] އަބްދުﷲ މުހަންމަދު ހައްޔަރުކުރުން. އޭރު އަޅުގަނޑު ހުރީ ސިންގަޕޫރުގައި. އޭގެ ދެ ދުވަސް ފަހުން މާލެ އައީ. އޭރު ހިޔެއް ނުކުރަން އަބްދުﷲ ގާޒީ މިހާ ގިނަ ދުވަހު ހައްޔަރުކޮށްގެން ގެންގުޅެފާނެ ކަމަކަށް. އެކަމަކު އެހެނެއް ނޫން ވީ. ދޫކޮށްނުލާ ހިފެހެއްޓީ. އެއީ އަޅުގަނޑުމެންނަށް ފައިދާކުރާނެ ކަމެއް. ޖަޖަކު ގާނޫނުން ބޭރުގައި ހައްޔަރުކުރުމަކީ އެއީ ވަރަށް ރަނގަޅު އިޝޫއެއް އޭގެ މައްޗަށް ބިލްޑްކުރަން. ދެ ދުވަސް ފަހުން މާލެ އައިސް އަޅުގަނޑު ބުނިން އޭނަ ދޫކޮށްލުމަށް ގޮވާލި ކަމަށް ވިޔަސް ދޫކޮށްލަން މާ ބޮޑު ބާރެއް އަޅާނެ ކަމެއް ނެތޭ. ޕޮލިޓިކަލީ އެއިން ފައިދާކުރާނީ އޭނާ ގިނަ ދުވަހު ބެހެއްޓިިއްޔާއޭ،" އުމަރު ވިދާޅުވި އެވެ.

އަބްދުﷲ މުހަންމަދު ޖެނުއަރި 16، 2012 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރުމާ އެކު އޭނާ ދޫކޮށްލަން ގޮވާލައި އިދިކޮޅު ފަރާތްތަކުން މެދުނުކެނޑި 22 ރޭ ވަންދެން ބޭއްވި މުޒަހަރާތަކަކީ ރައީސް ނަޝީދުގެ ސަރުކާރު ހޫނު ފެނަށް ވެއްޓުނު މައި ސަބަބެވެ. އެ މުޒާހަރާގެ ކަންކަން ރޭވުމުގައި އުމަރު އޭރު އަވަދިނެތި އުޅުއްވި އެވެ. އޭނާގެ ޕްލޭނަކަށްވީ، ފުލުހުންނާއި ސިފައިންނަށް ގާނޫނުގައި އޮތް ގޮތްތައް ކިޔައިދީ، ނަސޭހަތްދީ އަދި ފުލުހުންނާ ނުވަތަ ސިފައިންނާ ކޮންމެ ރެއަކު ވެސް ކުރިމަތިލުމެއް ބޭއްވުމެވެ. އެކަން އެގޮތަށް ކުރިއަށް ދިޔަ އެވެ.

"އަޅުގަނޑުމެން ބޭނުންވީ ފުލުހުންނާއި ސިފައިންނަށް ބުނެދޭނެ އެ މީހުން ތަބާވަމުން ދަނީ ޣައިރު ގާނޫނީ އަމުރުތަކަކަށް ކަމަށް. އެ މީހުންނަށް އޭތި ބުނެދެވުނު ވަރެއްގެ މައްޗަށް ކަން ކާމިޔާބު ބިނާވެފައި އޮންނާނީ އަޅުގަނޑުމެން ދުށީ. ފުލުހުންނާއި ސިފައިންނަށް ގާނޫނުއަސާސީގެ އެ މާއްދާ ހަމަ ރިޕީޓްކޮށް އެސްއެމްއެސް ފޮނުވާ އެތާނގެ [ސިފައިންގެ އާއި ފުލުހުންގެ އިދާރާގެ] ތެރެއަށް ގާނޫނު އަސާސީގެ ލިޔުންތައް ފޮނުވައި ވެބްސައިޓްތަކުގެ ލިންކްތައް ފޮނުވާ ވެސް ހެދިން،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މުޒާހަރާތަކުގެ 10 ރޭ ހަމަވި އިރު ޕްލޭން ކާމިޔާބުވާތަން ފެނުނު ކަމަށެވެ.

"އަޅުގަނޑު އޮންނާނެ ބުނެފައި މި ކުރާ މަސައްކަތަކީ ވެނެއް ހަރުތެރޭގައި އިންދާ ވެނުގެ ހޮހޮޅަ ކުރިމައްޗަށް ގޮހޮރުގަނޑު ތަޅުވަނީއޭ. ވެން ނުކުންނާނޭ ކޮންމެވެސް ގަޑިއެއްގައި. އަޅުގަނޑުމެން އުންމީދުކުރީ ފުލުހުންނާއި ސިފައިންނަށް އަންޑަސްޓޭންޑްވެގެން އަޅުގަނޑުމެންގެ ލޮރީ އަށް އައިސް ވާހަކަ ދައްކާނެ ކަމަށް. އެ މަންޒަރު ފަހުން ފުލުހުންގެ މޫޑުން ފެންނަން ފަށައިފި. އަޅުގަނޑުމެންނާ ޕްރައިވެޓްކޮށް ދައްކާ ވާހަކަތަކުންނާއި އަޅުގަނޑުމެންގެ ތެރެއިން ހައްޔަރުކުރާ މީހުންނާ ދޭތެރޭ ކަންތައްތައް ކުރާ ގޮތުން ވެސް. އެހެން ތިއްބާ ފެބްރުއަރީ ހަވަނަ ދުވަހުގެ ރޭ ވެން ނުކުމެއްޖެ،" ހިނިގަނޑެއް ޖައްސަވާލައްވައި އުމަރު ވިދާޅުވި އެވެ.

އެއީ ބޮޑު ރެ އެކެވެ. އުމަރު ވިދާޅުވި ގޮތުން، އޭނާގެ ހަޔާތުގައި ވެސް އެރެ އާއި، ޖެހިގެން އައި ދުވަހަކީ ވެސް ބޮޑު ދުވަހެކެވެ.

"އެރޭ ފުލުހުންގެ ފައުޖުތައް އާޓިފިޝަލް ބީޗު ސަރަހައްދު ދޫކޮށް ދާން ފެށިއިރު އަޅުގަނޑު އިނީ ދިޓީވީގައި. އަޅުގަނޑު އޭރު ހީކުރީ އަދި މިހާރު ވެސް ގަބޫލުކުރަނީ އެއީ ނަޝީދު ކާފިއުއެއް ހިންގަން ކުރި ކަމެކޭ. އެކަމަކު އެހިސާބުން އަޅުގަނޑު ނިންމައިފިން ގޭމް ނިމިއްޖެ ކަމަށް. ފުލުހުން ގޮސް ޖުމްހޫރީ މައިދާނުގައި އިހުތިޖާޖު ކުރަމުން ދިޔަ ތަނުން އަޅުގަނޑު ތޮއްލޭ [ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް] އަށް މެސެޖްކޮށްފައި ބުނެފިން އަންނި އަށް [ރައީސް ނަޝީދަށް] ދަންނަވާށޭ މިއޮތީ ގޭމް ނިމިފައޭ. އިސްތިއުފާ ދެއްވާށޭ. އެހެން ނޫނީ މާ ހަޑިކޮށޭ މިކަން ނިމިގެން ދާނީ. ދެން ތޮއްލޭ ބުނި އަންނި ބުންޏޭ އެއްވެސް ސިޓުއޭޝަނެއް ނާދެއޭ ތިކަހަލަ އަދި. އަޅުގަނޑު ބުނިން އެކަމަކު މި ގޭމް ނިންމާނަމޭ މިރޭ،" އުމަރު ވިދާޅުވި އެވެ.

އޭރު ވެސް "ކޮމާންޑް ސެންޓަރު" ދިޔައީ އުމަރު ވިދާޅުވި ގޮތުން ބަރާބަރަށް ހަރަކާތްތެރިވަމުންނެވެ. އޭނާ ވިދާޅުވީ ފުލުހުން އިހުތިޖާޖު ކުރަމުން ދިޔައިރު އޭނާގެ 200 ވަރަކަށް މީހުން ޖުމްހޫރީ މައިދާނަށް ފޮނުއްވި ކަމަށާއި ސިފައިންނާއި ފުލުހުން ކައިރީގައި އެ މީހުން "އެންގޭޖް"ވަމުން ދިޔަ ކަމަށެވެ.

"ފުލުހުންނަށް ނަސޭހަތްދީ އެތަން ދޫކޮށް ނުދިއުމަށް އަޅުގަނޑުމެންގެ މީހުން ލައްވާ ނަސޭހަތް ދިނިން. އަޅުގަނޑުމެން ބުނަމުން ދިޔައިން އެތަން ދޫކޮށް ހިނގައްޖެ ނަމަ ޖަލަށް ހިނގައިދާނެއޭ ވެސް،" އުމަރު ވިދާޅުވި އެވެ.

"ގާތްގަނޑަކަށް ފަތިހު ފަހެއްޖަހާކަން ހާއިރު ޖަވާބުތައް ވަރަށް ސޮފްޓް ވާން ފަށައިފި. ހެނދުނު ހަތެއް ޖަހާކަންހާއިރު ތޮއްލޭ ބުނި އަންނި ބުންޏޭ ސިފައިންގެ އަށް އަންނަންވީ ނޫންހޭ. މިކަމާ ވާހަކަ ދައްކާލަން. އެކަމަކު އަޅުގަނޑު ކައިރީގައި ތިބި ސީނިއާ ވަކީލުންތަކެއް. އެ މީހުން ބުނެފި އުމަރު ދާނެ ކަމެއް ނެތޭ. ދާ ތަނުން މަރައި ވެސް ލަފާނޭ. އޭރު ނާޒިމް [މިހާރުގެ ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމް] މެން ވީ ސިފައިންގެ ތެރޭގައި. އަޅުގަނޑު ބުނެފިން އަޅުގަނދު ދާން ޖެހޭ ވަރުގެ ސިޓުއޭޝަނެއް އަދި ނާދެއޭ ނާޒިމާ ނެގޯޝިއޭޓް ކުރާށޭ. ދެން [ފެބްރުއަރީ ހަތް ވަނަ ދުވަހުގެ] ހެނދުނު 9،8 ޖަހާކަން ހާއިރު ސީދާ އަންނި ދެން ގުޅީ ތޮއްލޭގެ ފޯނުން. ގުޅައިފައި ހަމަ އެކަނި ބުނީ ތިމަންނަ މިހުރީ އިސްތއިުފާ ދެއްވަން ތައްޔާރަށޭ. ތިމަންނަ ބޭނުންވަނީ ރައްކާތެރިކަމާ އެކުގައި ތިމަންނަގެ އާއިލާ އަށާއި ތިމަންނަ އަށް ހިމާޔަތް ލިބުމާއި ތިމަންނަ އިސްތިއުފާ ދިނުމަށް ޓަކައި ރައީސް އޮފީހަށް ރައްކާތެރިކަމާ އެކު ދިއުމޭ."

އުމަރު ގަބޫލުކުރައްވާ އެކައްޗެއް އެބަ އޮތެވެ؛ ނަޝީދުގެ ސަރުކާރު ވެއްޓުނީ ނަޝީދު ހެއްދެވި ގޮތަކުން ކަމެވެ.

"ވަރަށް ސިމްޕަލް. ފެބްރުއަރީ ހަތެއް ނައީސް ފެބްރުއަރީ ހައެއްގައި އަބްދުﷲ ގާޒީ ދޫކޮށްލި ނަމަވެސް،" އުމަރު ވިދާޅުވި އެވެ.

ހަމަ އެގޮތަށް، ސިފައިންގެ ތެރޭގައި ވެސް ނަޝީދު އެގޮތަށް ކަންތައް ނުކުރެއްވި ނަމަ އެމަނިކުފާނު ވެރިކަމުން ފައިބަން ޖެހިވަޑައިނުގަތީސް ކަމަށް އުމަރު ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑަށް އެނގޭ ތޮއްލޭ. އަޅުގަނޑާއި ތޮއްލޭ އާއި ނާޒިމަކީ އެކުގައި ކިޔަވަން އުޅެ، އެކުގައި ސިފައިންގޭގައި އުޅުނު މީހުން. އަޅުގަނޑުމެން އެކަކު އަނެކަކަށް އެނގޭނެ އަޅުގަނޑުމެންނަށް އެނގިފައި ހުރި އެއްޗެއް. ހަގީގަތުގައި ތޮއްލޭ އަށް ވަރަށް ރަނގަޅަށް އެނގޭނެ މިކަހަލަ ކަމެއް ހޭންޑްލްކުރަން. ތޮއްލޭގެ ނުހުންނާނީ ސިޔާސީ ގޮތުން ދިމާވެދާނެ ކަމެއް. އެކަމަކު އޭނާ އަށް މި ކަންތައްތައް ހޭންޑްލް ކުރެވުނީސް. އަނެއްކޮޅުން އަޅުގަނޑު ހުރިއިރު އަޅުގަނޑު ކުރާނެ ކަމެއް ވެސް އޭނާ އަށް އެނގޭނެ. އެކަމަކު ނަޝީދު ސިފައިންގެ ތެރޭގައި އަމުރު ކުރައްވަން ފެއްޓެވީމަ އެހިސާބުން ތޮއްލޭގެ ބާރު ކެނޑިގެން ދިޔައީ. ހަގީގަތުގައި އެ ދުވަހުގެ އެންމެ ބޮޑު މިސްޓޭކަކީ އެއީ،" އުމަރު ވިދާޅުވި އެވެ.

އެމްޑީޕީގެ އެންމެ ބޮޑު އެއް ދުޝްމަނަކީ އުމަރެވެ. އެކަމަކު އޭނާ ވިދާޅުވީ ކޮމާންޑް ސެންޓަރާއި އޭނާ ނެރުއްވި ކޮމާންޑްތަކާއި އަދި ފެބްރުއަރީ 6-7 ގައި އޭނާ ކަންތައްތައް ކުރެއްވީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ.

"އަޅުގަނޑު މިއީ ބަޣާވާތެއް ނޫން ކަމަށް ގަބޫލުކުރާ މައިގަނޑު ސަބަބަކީ އަޅުގަނޑުމެން ގޮވިހާ ވެސް އެއްޗަކީ ގާނޫނީ ވާހަކައެއް. ޣައިރު ގާނޫނީ އަމުރަށް ތަބާ ނުވާށޭ. ފުލުހުން އިހުތިޖާޖު ކުރަމުން ގޮސް ކުރީ ގާނޫނީ ޑިމާންޑެއް. ގާނޫނުއަސާސީގައިވާ ޑިމާންޑެއް. އަނެއްކޮޅުން އަންނި އިސްތިއުފާ ދެއްވީ އަމިއްލަ އިހުތިޔާރުގައި ކަމަށް އޭނާ އެބަ ވިދާޅުވޭ. އެހެނެއް ނޫން ފުލުހުން ނުކުމެ އަންނި [ވެރިކަމުން] ބޭލި ނަމަ އެއީ ބަޣާވާތެކޭ ބުނީމުސް،" އުމަރު ވިދާޅުވި އެވެ.

57 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait