މިއީ ޖެނުއަރީ 16، 2012 ވީ ހޯމަ ދުވަހުގެ ރޭ މެންދަމެއްހާ އިރު، ސިފައިންގެ ސްޕެޝަލް ފޯސްގެ ޓީމެއް ފޮނުވައިގެން، ގޭގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ހައްޔަރުކޮށް ސިފައިންގެ ތަމްރީން މަރުކަޒެއްގައި 22 ދުވަސްވަންދެން ހައްޔަރުކޮށްފައި ހުރި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގިރިފުށީގައި ކުރި ތަޖުރިބާގެ ވާހަކަ އެވެ. އޭނާ ހައްޔަރުކުރުމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާތަކުގެ ވާނުވާއެއް ވެސް ނޭނގި ގިރިފުށީގައި ހުންނަވަނިކޮށް، ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވި އެވެ. މި ހާދިސާތައް އޭނާގެ ދުލުން ވިދާޅުވެނުދެއްވި ނަމަވެސް، އޭނާގެ އާއިލާގެ މެމްބަރެއްގެ ފަރާތުން ވަރަށް ތަފްސީލު މައުލޫމާތުތައް ލިބުނެވެ.
ހައްޔަރުކޮށްގެން ގެންދިއުން:
މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހުގެ ރޭ ވެސް އާދައިގެ މަތިން އަބްދުﷲ ގާޒީ، އަވަދިނެތި އުޅުއްވީ ކްރިމިނަލް ކޯޓުގަ އެވެ. ދިހައެއް ޖަހާކަށްހާއިރު ގެއަށް ވަޑައިގަންނަވަން ނުކުންނަވަނިކޮށް އެ ކޯޓުގެ އެހެން ފަނޑިޔާރުންތަކެއް ކޮފީއަކަށް ވަޑައިގަތުމަށް ގާޒީގެ އަރިހުން އެދުނެވެ. ނަމަވެސް މާ ބޮޑަށް ލަސްވުމުން ގާޒީ ނިންމެވީ ގެއަށް ވަޑައިގަތުމަށެވެ.
ގެއަށް ވަޑައިގެން ހެދުން ބަދަލުކުރައްވައިގެން އަނބިކަނބަލުންނާ އެކު ކާކޮޓަރީގައި ފަރިއްކުޅުއްވަން އިންނަވަނިކޮށް ބޭރު ދޮރުގައި ވަރަށް ބާރަށް ތަޅައިގަތް އަޑު އިވުނެވެ. ގޭގައި ނިދާފައި ތިބި މީހުންނަށް ވެސް ހޭލެވުނެވެ. މައިދައިތަ ތަޅުދަނޑި ހިފައިގެން ދޮރާ ދިމާލަށް ދަނިކޮށް އެ ޖެހި ބާރުމިނުގައި ދޮރުފަތް ހުޅުވުމާ އެކު ސިފައިންގެ ބަޔަކު ގޭތެރެ އަށް ވަދެގަތެވެ.
ބަހަކުން ކުރެ ބަހެއް ނުބުނެ ފަހަރަކު ކޮޓަރިއެއް ހުޅުވަމުން އެންމެ ފަހުން ކާކޮޓަރި އަށް އެ ސިފައިން ދިޔަ އެވެ. އޭރު ގާޒީ އިންނެވީ ފަރިއްކުޅުއްވާށެވެ. ސިފައިން ދިޔަކަން އެނގުމާ އެކު، އޭނާ އެންމެ ފުރަތަމަ ވެސް ގުޅުއްވީ ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒަށެވެ. އޭނާ ބަލައި ސިފައިން އައި ވާހަކަ އާއި އެ މީހުންނާ އެކު މިހާރު ވަޑައިގަތުމަށް އެދެމުންދާ ވާހަކަ މުއިއްޒަށް ދެންނެވި އެވެ.
އޭރު ގާޒީ ތުރުކުރައްވައިގެން އިންނެވީ ޓީޝާޓަކާއި ކަކުލަށް ވުރެ ކުޑަ ތަންކޮޅެއް މައްޗަށް ހުރި ސޯޓު ބުރިއެކެވެ. ދެ ފަރާތުން ސިފައިންގެ ދެ މީހުން އޭނާގެ އަތުގެ މުލައްދަނޑީގައި ހިފައި ނެގި އެވެ. އެއް އަތުގެ މުލައްދަނޑީގައި ސިފައިންގެ މީހަކަށް ހިފުނު ގޮތުން ނިޔަފަތިން ކޫރު އެޅުނެވެ.
ބޭރަށް ނެރެން ގެންދިޔަ މަގުމަތީގައި ކޮޓަރިއަކަށް ވަދެވަޑައިގެން، ޓީޝާޓް ބޭލުއްވުމަށް ފަހު ސޯޓުގެ މަތިން ފަޓުލޫނަކާއި ގަމީހެއް ތުރުކުރައްވައި ތައްޔާރުވެލި އެވެ. އެއަށް ފަހު ފޯނު ޖީބަށް ލައްވައިގެން ފުލުހުންނާ އެކު ނުކުމެވަޑައިގަންނަވަން ތައްޔާރުވި އިރު، އާއިލާގެ މީހުންގެ ރުއިމުގެ އަޑާ އެކު ގޭތެރެ ހަލަބޮލިވި އެވެ. ހަތަރު ދަރިންނާއި އަންހެނުންނާއި މައިދައިތަ އާއި ދެން ވެސް އެ ގޭގައި ތިބި އެންމެން ފެންކަޅިވެ ގިސްލާފައި ރޮނީ އެވެ. ދޮރާއްޓާ ހަމައަށް ވަޑައިގެންނެވި އިރު، އަނބިކަނބަލުން ހުންނެވީ ގާޒީގެ ގައިކޮޅުގައި ހިފަހައްޓައިގެންނެވެ.
އެ މީހުންގެ ރުއިމާއި އާދޭހަށް ބީރު ކަންފަތެއް ދިނުމަށް ފަހު، ސިފައިން ގާޒީ ނެރެގެން ބޭރުގައި މަޑުކޮށްފައި އޮތް އަސްކަރީ ތިން އުޅަނދުގެ ތެރެއިން އެންމެ ކުރީގައި އޮތް އުޅަނދަށް އަރުވައިގެން ފަހަތުން އެހެން އުޅަނދުތަކާ އެކު މާލޭގެ މަގުތަކުގައި ދުއްވަމުން ދިޔަ އެވެ. ވަކި މަންޒިލެއް ނެތި ފިނި ބުރެއް ޖަހަން ނުކުމެ އުޅޭ ބައެއް ފަދައިން އެކި މަގުތަކާއި ގޯޅިތަކުންނެވެ.
ހުސް މަންމަނުން ތިބި އުޅަނދެއް ފަދަ އެވެ. މީހަކު ބަހެއް ނުބުނެ އެވެ. ދުއްވަމުން ދިޔަ އިރު، އަބްދުﷲ ގާޒީ އޭނާގެ ގާނޫނީ ވަކީލު އިބްރާހީމް ރިޒާ އަށާއި ޕީޖީ މުއިއްޒަށް ގުޅުއްވައި އެ ވާހަކަ ދެންނެވި އެވެ. އެ އުޅަނދު ގޮސް ތިން ނަންބަރު ޖެޓީ އަށް މަޑުކޮށް އެ ސިފައިން ގާޒީ ގޮވައިގެން އެރީ ކައިރީގައި އޮތް ލޯންޗަށެވެ. ލޯންޗު ކަނޑިންމައިން ނުކުތް އިރު، ވަކީލު ރިޒާ ވަޑައިގެން ޖެޓީ ކައިރި އަށް މަޑުކޮށްލެއްވި އެވެ.
ގިރިފުއްޓަށް ކުރި ދަތުރު:
ލޯންޗަށް އެރުއްވުމަށް ފަހު ވެސް ޕީޖީ މުއިއްޒަށް ގުޅުއްވައި ދާ ތަނެއް ނޭނގި ލޯންޗެއްގައި ގެންދާކަމުގެ މައުލޫމާތު ދެއްވި އެވެ. ލޯންޗް ދުއްވަމުން ދިޔައީ އެކި ފަހަރު އެކި މިސްރާބަށް، ދުވެލި މަޑުކުރަމުން ބާރުކުރަމުންނެވެ. ދޫނިދުއާ ހަމައަށް ދެވުމުން އަނެއްކާވެސް ޕީޖީ މުއިއްޒަށާއި ވަކީލަށް ގުޅައި އެ ވާހަކަ ދެންނެވި އެވެ.
ދޫނިދޫ ފަސްދިނުމާ އެކު، ސިފައިން އެދުނީ އަބްދުﷲ ގާޒީގެ ފޯނު އެ މީހުންނާ ހަވާލުކުރުމަށެވެ. އެ ހިސާބުން އަބްދުﷲ ގާޒީގެ ހުރިހާ މުވާސަލާތެއް 22 ރޭ 22 ދުވަސް ވަންދެން ކެނޑުނީ އެވެ. ދޫނިދޫ ފަސްދީ ދިއުމުން، މި ދެވެނީ ކޮން ތަނަކަށްތޯ ސިފައިންގެ މީހެއް ކުރެން އަހައިލުމުން އޭނާ ދިންހާ ވެސް ޖަވާބަކީ "ރަނގަޅުވާނެ، ރަނގަޅުވާނެ" މި އެވެ.
މާ ގިނަ އިރުތަކެއް ނުވެ ފަޅަކަށް ވަދެ ތޮށިގަނޑާ ކައިރިކުރި އެވެ. ރަށަށް ފައިބައިގެން ގެންދިޔައީ އިމާރާތަކަށެވެ. އެ ތަނުގައި ތިބި ސިފައިންގެ ބަޔަކު އައިސް އެދުނީ ގާޒީގެ ލޭގެ ޕްރެޝަރާއި ހިތުގެ ވިންދު ޗެކްކުރުމަށެވެ. ނަމަވެސް ގާޒީ ދެއްވި ޖަވާބަކީ، އޭނާގެ ލޭގެ ޕްރެޝަރު ޗެކްކުރުމުގެ ކުރިން އެ ތަނުގައި ހުރި ކޮންމެ ސިފައިންގެ މީހެއްގެ ޕްރެޝަރު ވަކިވަކިން ޗެކްކުރުމަށް ފަހު އޭނާގެ ޕްރެޝަރު ޗެކްކުރުމަށެވެ. އޭރުން ވެސް އެ އެންމެންގެ ޕްރެޝަރަށް ވުރެ އޭނާގެ ޕްރެޝަރު ރަނގަޅުވާނެ ކަމަށް ވިދާޅުވެ އޭނާ ގޮންޖެއްސެވި އެވެ.
ގިރިފުށީގެ ފުރަތަމަ ތިން ދުވަސް:
ގިރިފުށީގައި އަބްދުﷲ ގާޒީ ބަހައްޓާފައި ހުރީ ދެ ބުރި އުސް އިމާރާތެއްގެ މަތީ ބުރީގެ ކަނެއްގައި ހުރި ކޮޓަރިއެއްގަ އެވެ. ކުޑަދޮރުގެ ފަރުދާ ކަހައިލުމުން، ކަނޑުން އަރައިގެން އަންނަ އިރުވައި މޫސުމުގެ ފިނި ވައިރޯޅިތައް ތާޒާކަމާ އެކު ކޮޓަރި ތެރެ ފުރައިލަ އެވެ. އިރު އަރާ ހިނދު، އިރުގެ ރަން ދޯދިތަކުން ކޮޓަރި ތެރެ އެކުގައި ދިއްލައިލަ އެވެ. ގުދުރަތުގެ އެ ހަދިޔާތަކާ އެކު، އަބްދުﷲ ގާޒީ އަށް އެ ކޮޓަރިން އެކަނިވެރިކަމެއް އިހްސާސެއް ނުވެ އެވެ.
ކޮޓަރި ފެންނަ ހިސާބުގައި އަބަދުވެސް ތިން ހަތަރު ސިފައިން ފޯރި އަށް ތިބެ އެވެ. ނަމަވެސް އެމީހުން އެ ތަނަށް ޑިއުޓީ އަށް ފޮނުވާ އިރު، ފޯނު ގެންދިއުމާއި ގާޒީއާ ވާހަކަދެއްކުން އޮތީ މަނާކޮށްފަ އެވެ. އަތުގައި ވެސް އަދި ކޮޓަރީގައި ވެސް ގަޑިއެއް ނެތުމުން، އިރުއަރާ އޮއްސުމާއި ފަސް ވަގުތު ގޮވާ ބަންގީގެ އަޑުން ނޫނީ ވަގުތު ހޭދަވާ ވަރެއް ނޭނގެ އެވެ. ޓީވީއެއް، ރޭޑިއޯއެއްގެ އަޑެއް ނީވެ އެވެ.
މަސައްކަތުގެ މާހައުލުން ދުރަށް ވަޑައިގެންނެވުމުން ފުރަތަމަ ތިން ދުވަސް ހޭދަކުރެއްވީ ގިނަ ވަގުތު ނިދިކުރައްވައި އަރާމުކުރެއްވުމުގަ އެވެ. އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި އެކުވެރިންގެ މަތިން ހަނދާން ނުކުރެއްވީ ވެސް އަދި އެއިން މީހަކާ ގުޅައިދިނުމަށް އެދިވަޑައިނުގަތީ ވެސް، އޭނާ އެ ރަށުގައި ބަންދުކުރީ އެއްވެސް ހައްގަކާ ލައިގެން ނޫން ކަމަށް ޔަގީންކުރެވޭތީ އެވެ.
ހިއުމަން ރައިޓްސް އިން ބައްދަލުކުރުން:
އަބްދުﷲ ގާޒީ ގިރިފުއްޓަށް ގެންދިޔަ ފަހުން އޭނާއާ އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް މަރިޔަމް އަޒްރާ އާއި ނާއިބު ރައީސް އަހްމަދު ތޮލާލެވެ. ޖެނުއަރީ 20 ވީ ހުކުރު ދުވަހު އެ ދެ ބޭފުޅުން ބައްދަލުކުރައްވަން އެދޭ ވާހަކަ ސިފައިންގެ ބަޔަކު އައިސް ބުނުމުން، ގާޒީ ދެއްވި ޖަވާބަކީ ތިމަންނާ ބައްދަލުކުރަން ނޭދޭ ކަމަށާއި ބައްދަލުކުރަން ބަޔަކު އައި ނަމަ އޭނާ އޮންނެވި ތަނަކަށް އެ ބަޔަކު އަންނާނެ ކަމަށެވެ.
ގާޒީ އެގޮތުގައި ހިފެހެއްޓެވުމުން ސިފައިންގެ ބަޔަކާ އެކު އެ ދެ ބޭފުޅުން ގާޒީގެ ކޮޓަރި އަށް ވަޑައިގެންނެވި އިރު، ގާޒީ އޮންނެވީ އެނދުގައި ގައިކޮޅުގައި ފޮތިގަނޑެއް އަޅުއްވައިގެންނެވެ. އަޒްރާ އާއި ތޮލާލު ތަފާތު ސުވާލުތައް ކުރައްވައި ގާޒީގެ ހާލު އޮޅުންފިލުއްވި އެވެ. އެނދުން ތެދުވެ ހިންގަވާލެއްވުމަށް ތަކުރާރުކޮށް އެދުނެވެ. ތެދުވެވަޑައިނުގަތުމުން އަތާއި ފައި ހަރަކާތްކުރެއްވުމަށް ދެންނެވި އެވެ. އަދި ގާޒީގެ ފައި ބެއްލެވި އެވެ. އެ ދެ ބޭފުޅުން ބޭނުންވީ ސިފައިން، ގާޒީ އަށް ޖިސްމާނީ އަނިޔާއެއް ކޮށްފައިވޭތޯ ބެއްލެވުމަށެވެ. އެފަދަ އަނިޔާއެއް ނުކުރާ ކަމަށް ގާޒީ ދެންނެވުމުން އެ ދެ ބައްދަލުވުން ނިންމައިލެއްވީ އެވެ.
ސަރުކާރުގެ ހުށަހެޅުންތައް:
ހިއުމަން ރައިޓްސް ކޮމިޝަނުން ބައްދަލުކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، ސަރުކާރުގެ ފުރަތަމަ ވަފުދު ގާޒީއާ ބައްދަލުކުރި އެވެ. ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ހުސައިން ޒަކީ އާއި ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި ޔޫތު މިނިސްޓަރު ހަސަން ލަތީފު ބައްދަލުކުރެއްވުމުން އެ ވަފުދުން ހުށަހެޅީ ގާޒީ އިސްތިއުފާ ދެއްވުމަށެވެ. ނުވަތަ އެހެން ކޯޓަކަށް ބަދަލުވުމަށެވެ. ނުވަތަ ގާޒީގެ މުސާރައާ އެއްވަރުގެ މުސާރައެއް ލިބޭ ސަރުކާރުގެ އެހެން ވަޒީފާއަކަށް ބަދަލުކޮށްދޭނެ ވާހަކަ ވިދާޅުވި އެވެ.
ނަމަވެސް އެގޮތަށް ވަޒީފާ ބަދަލުކުރަން ޖެހޭ ސަބަބަކީ ކޮބައިތޯ އެހުމުން، އެ ވަފުދުން ބުނީ ގާޒީ ކުށްވެރިންނާ މެދު އަމަލުކުރާ ގޮތުން ހަމަނުޖެހުން އުފެދި ކުށްވެރިން މުޖްތަމައަށް ދޫވަމުންދާ ވާހަކަ އެވެ. ޖަވާބުގައި ގާޒީ ވިދާޅުވި ކަމަށް ވަނީ ކުށްވެރިން ދޫނުކުރައްވާ ކަމަށާއި ކުށްވެރިއެއް ނަމަ ހުންނާނީ ޖަލުގައި ނުވަތަ ގޭބަންދުގައި ނުވަތަ އަރުވާލާފައި ކަމަށެވެ. ތުހުމަތުގައި ހުންނަ މީހެއްގެ ބަންދުން ވީއްލުމަށް ހުކުމްކޮށްފި ނަމަ، އެ ހުކުމް އިސްތިއުނާފުކުރާނޭ މަތީ ދެ ކޯޓު ހުންނާނެ ކަމަށާއި، އެފަދަ ހުކުމްތައް ދައުލަތުން އިސްތިއުނާފު ނުކުރަނީ އެފަދަ މީހުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތުމުން ނޫންތޯ ވެސް ގާޒީ ވިދާޅުވި ކަމަށްވެ އެވެ.
ޒަކީ އަށް ގާޒީ ސުވާލެއް ކުރެއްވި އެވެ؛ އެއީ އޮގަސްޓް 12، 13ގެ ހާދިސާ ހަނދާން ހުރިތޯ އެވެ. އެ ދުވަހު ޒަކީ ހައްޔަރުކުރުމުން ޕްރެޝަރު މައްޗަށް ގޮސްގެން އާދޭސްކުރުމުން ގޭ ބަންދަށް ބަދަލުކުރަން އެދުނު އިރު، އެކަން ރަނގަޅު ނޫންތޯ ސުވާލުކުރެއްވި އެވެ. އެކަމަކު އެހެން މީހަކު ތުހުމަތަށް ހައްޔަރުކުރުމުން ގޭ ބަންދަށް ބަދަލުކުރުމުން ގޯސްވަނީ ކީއްވެތޯ ވެސް އެއްސެވި ކަމަށް ވެ އެވެ.
ގާޒީގެ އެ ސުވާލުތަކުގެ ކުރިމަތީގައި ޒަކީ އިސްޖެއްސެވި ގޮތަށް އިތުރު ވާހަކައެއް ނުދައްކަވަ އެވެ. ދެން ވާހަކަ ދެއްކެވީ ހަސަން ލަތީފާއި ތޮލްހަތެވެ. ނަމަވެސް އެ ދެ ބޭފުޅުންނަށް ވެސް، ގާޒީ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއް ވިދާޅުވެވުނު ކަމަކަށް ނުވި އެވެ.
ސަރުކާރުގެ ފުރަތަމަ ވަފުދު ހުސް އަތާ އެނބުރި ދިއުމަށް ފަހު ދެތިން ދުވަސް ފަހުން ޒަކީ ފިޔަވައި އަނެއް ދެ ބޭފުޅުން އަނެއްކާވެސް ގާޒީއާ ބައްދަލުކުރެއްވި އެވެ. މި ފަހަރު ހުށަހެޅުއްވީ އަމިއްލަ ރަށަށް (ރ. ހުޅުދުއްފާރަށް) އަނބިދަރިންނާ އެކު ބަދަލުވުމަށެވެ. އެ ރަށު ކޯޓަށެވެ. އެކަން އެގޮތަށް ކުރެވިދާނެ ކަމަށާއި ނަމަވެސް އޭގެ ކުރިން، ތޮލްހަތު ފަސް އަހަރު އެ ރަށުގައި ދިރިއުޅުއްވައި، އެ ރަށަށް ބަދަލުވާން ޖެހޭ މަގުބޫލު ސަބަބެއް ވިދާޅުވެދެއްވުމަށް ގާޒީ އެދިވަޑައިގަތެވެ. އެއީ މީހުން ތަންތަނަށް ދިރިއުޅުން ބަދަލުކުރަނީ، ދިރިއުޅޭ ތަނަށް ވުރެ ރަނގަޅަށް ވަޒީފާގެ ފުރުސަތާއި ސިއްހީ ހިދުމަތާއި ތައުލީމީ ކަންކަން ފަހިވެފައި ހުރުމުން ކަމަށް ވާތީ، މާލެ އަށް ވުރެ ރަނގަޅަށް ހުޅުދުއްފާރުން އެ ހިދުމަތްތައް ލިބެން ހުރި ކަމަށް ތޮލްހަތު ލިޔުމެއްގައި ސޮއިކޮށްދެއްވާ ދުވަހު ރަށަށް ބަދަލުވާނެ ކަމަށް ގާޒީ ވިދާޅުވި ކަމަށްވެ އެވެ.
އޭގެ އިތުރުން ދެން ހުށަހެޅީ ދިރިއުޅުން ރާއްޖޭން ބޭރަށް ބަދަލުކުރުމަށެވެ. އިނގިރޭސިވިލާތަށް އަނބިދަރިންނާ އެކު ވަޑައިގެން މާސްޓާޒް އަށް ކިޔަވާވިދާޅުވެ ދަރީންނަށް ކިޔަވައިދިނުމަށެވެ. އެކަމަށް ސަރުކާރުން ހުރިހާ ހަރަދެއް ދިނުމަށް ވެސް އެ ވަފުދުން ހުށަހެޅި އެވެ.
ޖަވާބުގައި ގާޒީ ވިދާޅުވި ކަމަށް ވަނީ އެއީ ވަރަށް ގިނަ ހަރަދު ހިނގާނެ ކަމަކަށް ވާތީ އެ ފައިސާ ސަރުކާރުން ދޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ. ސަބަބެއް ކަމަށް ދެއްކެވީ އެ ސަރުކާރަކީ ބުނާ ގޮތް ނޫން އެހެން ގޮތަކަށް އަބަދުވެސް އަމަލުކުރާ ސަރުކާރަކަށް ވުމެވެ.
"ގާޒީ އެ މީހުންނަށް މި ބުނަނީ ކަލޭމެން ތިމަންނަ ރާއްޖޭން ފުރާ އިރަށް ޕާސްޕޯޓް ވެސް ކެންސަލްކޮށްފާނެޔޭ. އެ ހިސާބުން ތިމަންނާ ކުރާނީ ކީއްހެއްޔޭ؟ ކަލޭމެން ފައިސާ ދޭނަމޭ ބުނެފިއްޔާ ގަބޫލުކުރާނީ ނުދޭނެ ކަމަށޭ. ނަގުދު ފައިސާ ގެނެސް އަތަށް ދީފިއްޔާ ގަބޫލުކުރާނީ އެއީ ވަގު ފައިސާތަކެއް ކަމަށޭ. އެއީ ކަލޭމެންގެ އެއްވެސް ކަމެއްގައި އިތުބާރުނުކުރެވޭ ވަރަށް ދޮގާއި މަކަރާއި ހީލަތް އެކުލެވޭތިއްޔޭ،" ގާޒީގެ އާއިލާ އިން ވާހަކަދެއްކި މީހާ ކިޔައިދިނެވެ.
ވަސްވާސް ދިނުމަށް އަންހެން ކުއްޖެއް:
ސަރުކާރުން ފޮނުވި ވަފުދުގެ ދެ ބައްދަލުވުން ވެސް "ތޮޅި އަށް ދިއުމުން" ދެން ސަރުކާރުން ޖެހީ އެހެން މަޅިއެކެވެ. ރީތި ލޫޅާފަތި އަންހެން ކުއްޖެކެވެ. ސަރުކާރުގެ ދެ ވަޒީރަކާއި ރައީސްގެ ހާއްސަ މަންދޫބު ފޮނުވައިގެން ނުހެއްލުނު ގާޒީގެ އަރިހަށް، ސިފައިންގެ ވަޒީފާގައި ހުރި އެ އަންހެން ކުއްޖާ ފޮނުވީ ކޮން މަގްސަދެއްގައި ކަމެއް ނޭނގެ އެވެ. ގާޒީ އެ އަންހެން ކުއްޖާއާ ވާހަކަ ދައްކަން އެއްބަސްވީ ވެސް އެކަމަށް އެދުނުތާ ތިން ދުވަސް ފަހުންނެވެ.
"އޭނާ ގާޒީއާ ބައްދަލުކޮށްފައި މި ހުށަހަޅަނީ، ރާއްޖޭން ބޭރަށް ޗުއްޓީއަކަށް ގޮސްލުމަށް. ދުނިޔޭގެ ފެންވަރު ރަނގަޅު ލަގްޒަރީ ހޮޓާތަކުގައި މަހެއް ދެ މަހެއްހާ ދުވަހު އުޅެލާފައި އަންނަން. އޭނާ މި ބުނަނީ މާލެތެރެ މިހާރު ހަލަބޮލި ވަނިއްޔޭ، މީހުންގެ މުދަލަށް ވެސް ގެއްލުން ދެނިއްޔޭ. މި ހުރިހާ ކަމެއް މިވަނީ ގާޒީގެ ސަބަބުން ނޫންހޭ. އެހެންވީމާ ރާއްޖޭން ބޭރަށް ޗުއްޓީއަކަށް ދާންވީ ނޫންހޭ. ސަރުކާރުން ހުރިހާ ހަރަދެއް ކުރާނެޔޭ. އެންމެ ފަހުން މި ހުށަހެޅީ ސީދާ އެ އަންހެން ކުއްޖާއާ އެކު ރާއްޖޭން ބޭރަށް ގޮސް ލަގްޒަރީ ހޮޓާތަކުގައި ޗުއްޓީ ހޭދަކޮށްލާފައި އަންނަން،" ގާޒީގެ އާއިލާގެ މީހާ ކިޔައިދިނެވެ.
އޭގެ ޖަވާބުގައި ގާޒީ ވިދާޅުވި ކަމަށް ވަނީ ބޭރުގެ ލަގްޒަރީ ހޮޓަލަކުން ލިބޭ އަރާމަށް ވުރެ، ހުޅުދުއްފާރު ގޮނޑުދޮށުގައި މޫދަށް އެރި މަސްބާނައި އުޅުމުން އޭނާ އަށް ލިބޭނެ އުފަލާއި ހިތްހަމަޖެހުން މާ ބޮޑުވާނެ ކަމަށެވެ. އަދި ގާޒީއާ ބައްދަލުކުރާ އިރު، ތިމަންނަ އަކީ އެއްވެސް ގޮތެއް ނިންމޭ ފެންވަރެއްގައި ހުރި މީހެއް ނޫން ކަން އަމިއްލަ އަށް ވިސްނޭތޯ އެ އަންހެން ކުއްޖާއާ ގާޒީ ސުވާލުކުރެއްވި އެވެ.
މާލެތެރެ ހަލަބޮލި ވަނީ ގާޒީ ބަންދުކުރުމުން ކަމަށް ވާ ނަމަ، އަވަހަށް ގާޒީ މާލެ ގެންދިއުމަށް އެދިވަޑައިގަތެވެ. އޭރުން މުޒާހަރާ ހުއްޓާނުލައިފި ނަމަ، އެއީ ގާޒީގެ ސަބަބުން ވާކަމެއް ނޫން ކަމަށާއި އެ މުޒާހަރާތަކުގެ ފަހަތުގައި ވަނީ އެހެން ސަބަބެއް ކަން އެނގޭނެ ކަމަށް ގާޒީ ވިދާޅުވި ކަމަށްވެ އެވެ.
ގާނޫނީ ވަކީލަކަށް ސަރުކާރުގެ އޭޖެންޓެއް:
އެތައް ދުވަހެއް ވަންދެން ތަކުރާރުކޮށް އެއް ވާހަކަތަކެއް ދެއްކުމަށް ފަހު ވެސް، ކޮޅެއްގައި ނުޖެހި އުޅެނިކޮށް، ގާޒީ ފުލުހަށް ހާޒިރުވުމަށް ފޮނުވި އަމުރަށް އަމަލުކުރުން ފަސްކުރުމަށް ހައި ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފުކުރި އެވެ. އެ ހިސާބުން ފެށިގެން ސަރުކާރުން ފޮނުވި ގާނޫނީ ވަކީލު ގާޒީއާ ބައްދަލުކުރަން ފެށި އެވެ.
ރައީސް މައުމޫންގެ ވެރިކަމުގެ ޚިޔާނާތުގެ މައްސަލަތައް ބެލުމަށް އެކުލަވައިލި ރިއާސީ ކޮމިޝަންގެ މެމްބަރު އަބްދުﷲ ހަސީންގެ ކޮއްކޮ އަބްދުލްމަތީން، ގާޒީއާ ބައްދަލުކުރައްވައި ވިދާޅުވީ، އިސްތިއުނާފުގެ މަރުހަލާ ކުރިއަށް ގެންދެވެން އޮތީ ގާނޫނީ ވަކީލެއް ހަމަޖެއްސުމުން ކަމަށެވެ. އެއީ ޖިނާއީ މައްސަލަތަކުގައި ދައުވާ ރައްދުވާ ފަރާތް ނުވަތަ އޭނާގެ ވަކީލު ޝަރީއަތަށް ހާޒިރުވާން ޖެހޭތީ އެވެ. އެހެންކަމުން މަތީން ވަޑައިގަތީ ގާޒީގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރަން ސަރުކާރުން ހަމަޖެއްސުމުން ކަމަށާއި އެކަމަށް ބޭނުންވާ ފޯމުތަކުގައި ގާޒީ ސޮއިކުރެއްވުމަށް މަތީން އެދިވަޑައިގަތް ކަމަށްވެ އެވެ.
މަތީނަކީ އަބްދުﷲ ގާޒީގެ ދަރިވަރަކަށް ވާތީ، އޭނާ ގާޒީއާ މުއާމަލާތުކުރެއްވީ ވަރަށް އަދަބުވެރިކަމާ އެކު ވަރަށް ރަނގަޅަށެވެ. ނަމަވެސް ގާޒީ ވިދާޅުވި ކަމަށް ވަނީ، އޭނާ ބޭނުންވަނީ ކޮންމެކޮންމެ ވަކީލެއް ނޫން ކަމަށާއި އޭނާގެ އަމިއްލަ ވަކީލަކު ހުންނާނެ ކަމަށެވެ. އެހެންކަމުން އެ ވަކީލުގެ ބަދަލުގައި އެހެން މީހަކު ގަބޫލު ނުކުރައްވާނެ ކަމަށާއި އިސްތިއުނާފުގެ ޝަރީއަތަށް ކޯޓަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އަމިއްލަ ވަކީލަކާ މެދު އޮންނަ އިތުބާރު އެހެން މީހަކާ މެދު ނޯންނާނެ ކަމަށް ގާޒީ ވިދާޅުވި ކަމަށް ވެ އެވެ.
ގިރިފުށީ "ޗުއްޓީ" ނިމުން
މުޅި ދުނިޔެއާ ގުޅުން ކެނޑިފައި ހުންނަތާ 22 ވަނަ ދުވަހަށް އިރު އަރައިގެން އައީ، ކޮޓަރީގެ ކުޑަ ދޮރުން އެ މަންޒަރު ބަލަން ހުއްޓަ އެވެ. ކޮންމެ ދުވަހަކު ފަތިސް ނަމާދުން ނިމިގެން ނިދިކުރެއްވި ނަމަވެސް އެ ދުވަހު ގާޒީ ގަސްދުކުރެއްވީ، އެ ގަޑީގައި ނިދިނުކުރައްވައި، މެސް ރޫމުން އެންމެ ފުރަތަމަ ސައިބޯ މީހާ އަށް ވާށެވެ. ނަމަވެސް ސައި ބުއިން ފެށޭ ގަޑި ނޭނގޭތީ ގާޒީ މަޑުކުރެއްވީ، އޭރު ތަމްރީން ހަދަމުން ދިޔަ ބެޗްގެ ސިފައިން ބޭންޖަހާފައި ސައިބޯން ދާ ގަޑި ޖެހެންދެނެވެ.
އެތައް އިރެއްވީ އިރު ވެސް އެމީހުންގެ އަޑެއް ނީވިގެން ކޮޓަރިން ނުކުމެވަޑައިގެން ރަށުތެރެ އަށް ނަޒަރު ހިންގަވައިލެއްވި އެވެ. އެހެންޏާ ތަންތަންކޮޅުގައި ބައިބައިގަނޑަށް ތިބޭ ސިފައިން އެ ދުވަހު އެއްގޮތަކަށް ވެސް ނުފެނެ އެވެ. ކޮޓަރި ކައިރީގައި ފޯރި އަށް ތިބި ސިފައިން ވެސް ތިބީ ތަންކޮޅެއް ދުރުގަ އެވެ. މިއަދު އެ މީހުން ފޯނު ގެންގުޅޭތީ ވެސް ފެނެ އެވެ.
ވެގެން އުޅޭ ގޮތެއް އެނގިވަޑައިނުގަންނަވާތީ ގާޒީ ނިންމެވީ ސައި ބެއްލެވުމަށް ވަޑައިގަތުމަށެވެ. ފޯރި އަށް ތިބި ސިފައިންނަށް ދަންނަވައި ހުއްދަ ހޯއްދަވައިގެން އެ މީހުންނާ އެކު ގާޒީ ވަޑައިގަތީ މެސް ރޫމަށެވެ. އޭރު ސައި ހުރީ ތައްޔާރުވެފަ އެވެ. ނަމަވެސް މެސް ރޫމް އޮތީ ހުހަށެވެ. ސައި ތައްޔާރުކުރަން ހުރި އެންމެ ވެއިޓަރެއް ފިޔަވައި ދިރޭ ހިލަމެއް އެތާކު ނުވެ އެވެ. ގާޒީއާ އެކު އައި ސިފައިން ވެސް އެހެން ދުވަސްތަކާ ހިލާފަށް މިއަދު ތިބީ މެސް ރޫމުން ބޭރުގަ އެވެ.
ގާޒީ ސައި ބައްލަވައި ނިމިވަޑައިގަތް އިރު ވެސް އެ ތަނަށް އިތުރު މީހަކު ނާދެ އެވެ. އެހެންކަމުން ކޮޓަރި އަށް ވަޑައިގަތް މަގުމަތީ، އެއްލި ކަޅިއަކުން ފެނުނީ ކައިރީގައި ހުންނަ ހޯލެއް ފާޑުގެ ތަނެއްގެ ތެރޭގައި ހުރިހާ ސިފައިން ބޮޑިވެފައި ތިބި މަންޒަރެވެ. އެ ތަނުގައި އެންމެން ތިބީ ޓީވީ ބަލާށެވެ.
"ގާޒީ ހީކުރީ ކޮންމެވެސް ގައުމެއްގައި ސުނާމީއެއް، ބިންހެލުމެއް ކަހަލަ ބޮޑު ހާދިސާއެއް ހިނގައިގެން އުޅެނީ ކަމަށް. ނޫނީ ކޮންމެވެސް ގައުމެއްގައި ބޮޑު ހަމަނުޖެހުމެއް ހިނގާ މަންޒަރު ބަލަނީ ކަމަށް،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.
މެސް ރޫމުން ކޮޓަރި އަށް ވަޑައިގަތުމުގެ ބަދަލުގައި ގާޒީ ވަޑައިގަތީ އަތިރިމަތީ ހުރި އުނދޯލި ގެއަށެވެ. އެ ތަނުގައި ހުރި ޖޯއްޔެއްގައި އޮށޯވެލައިގެން ދެބަދޭތެރޭގައި އޮންނެވި އިރު، ސިފައިންގެ އަތުގައި އޮތް ފޯނުން ކޮންމެވެސް އެފްއެމް ޗެނަލެއްގެ އަޑު އިވެ އެވެ. ސިފައިން ވާހަކަދައްކާ އަޑު ވެސް އިވެ އެވެ. ނަމަވެސް ކިޔާނުކިޔާ ސާފުވާ ވަރެއްނުވެ އެވެ.
އިރުގަނޑަކު އޮއްވައި ސިފައިންގެ މީހަކު އައިސް ފޯނުން ރޭޑިއޯ އަޑުއިއްވި އެވެ. މާލޭގައި ކަންތައްވަމުންދާ ގޮތް ކިޔައިދިނެވެ. އަދި މާލޭގައި ހުރި މީހަކަށް ފޯނުން ގުޅާފައި ގާޒީގެ އަތަށް ދިނެވެ. އެ މީހަކު ގާޒީއާ ވާހަކަ ދެއްކުމުގެ ތެރޭގައި މާލޭގައި ކަން ހިނގައިގެން އުޅޭ ގޮތް ކިޔައިދީ ގާޒީ މާލެ ވަޑައިގަތުމަށް އެދުނެވެ. އެ ވާހަކަތަކަށް ގާޒީ ވަކި ޖަވާބެއް ދެއްވި ކަމެއް ނޭނގެ އެވެ.
އޭގެ ކުރިން "ހައްޕު ކިޔައިގެން" ތިބި ސިފައިން އޭގެ ފަހުން ގާޒީއާ ވާހަކަ ދައްކައި ގާޒީ މާލެ ވަޑައިގަތުމަށް އެދުނެވެ. އޭރު މެންދުރުވާން ކައިރި ވަނީ އެވެ. ސިފައިންގެ ބަޔަކު އައިސް އެދުނީ އެ މީހުންނާ އެކު ގާޒީ ވެސް މާލެ ވަޑައިގަތުމަށެވެ. ދެން އެ މީހުންނާ އެކު ގާޒީ ފާލަން ދޮށަށް ވަޑައިގަތް އިރު، އެ ތަނުގައި ބައިވަރު ސިފައިންނާއި ފުލުހުން މުގުރު ހިފައިގެން ހޯބޯލަވައި އުޅުނެވެ. އެއީ މާލޭން އައި ބައެއް ކަމަށާއި އެ މީހުންނާ އެކު ގާޒީ މާލެ ވަޑައިގަތުމަށް އެދުނެވެ.
"އެ ދުވަހު މިވީ ގޮތަކީ ގިރިފުށީގައި ތިބި މީހުން ވެސް މި އެދެނީ ގާޒީ އެ މީހުންނާ އެކު މާލެ ދާން. މާލޭން އައި ސިފައިންނާއި ފުލުހުން ވެސް މި އެދެނީ އެ މީހުންނާ އެކު މާލެ ދާން. މައްސަލަ މި ޖެހެނީ، އެ ދެ ބައި މީހުންގެ ތެރެއިން ގާޒީ ގެންދާނީ ކޮން ބައެއްގެ ހަވާލުގައި ކަމާ މެދު. ދެ ފަރާތުން ހޫނު ޒުވާބުތަކެއް ކޮށްފަ އެންމެ ފަހުން ނިންމީ ގިރިފުށީގައި ތިބި ސިފައިންގެ ހަ މީހަކާއި މާލޭން އައި ސިފައިންގެ ހަ މީހަކާއި ފުލުހުންގެ ހަ މީހަކާ އެކު އެއް ލޯންޗެއްގައި ގާޒީ މާލެ ގެންދިއުމަށް،" ގާޒީގެ އާއިލާގެ މީހާ ކިޔައިދިނެވެ.
ގާޒީ ގޮވައިގެން މާލެ އައި ލޯންޗުގެ ފަހަތުން އިތުރު ލޯންޗުތަކެއްގައި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން މާލެ އަ އެވެ. އެ ލޯންޗުތަކުގައި ތިބި މީހުން ލަވަކިޔައި މަޖާކޮށް ނަށަނީ އެވެ. ލޯންޗު ހަރު ދުވެލީގައި އައިސް މާލޭ ކަނޑިންމައިން ވަތް އިރު، އަތިރިމަތީގައި މީހުން އޮތީ ތޮއްޖެހިފަ އެވެ.
އެހެންކަމުން ގިރިފުށިން އައި ސިފައިން ބޭނުންވީ ގާޒީ ގޮވައިގެން މާލޭގެ ދެކުނު ފަރާތަށް ގޮސް ކަޅުތުއްކަލާ ކޮއްޓާ ދިމާލުން މާލެ އަށް ފޭބުމަށެވެ. ގާޒީ އަށް ލިބިދާނެ ގެއްލުމެއްގެ ޒިންމާ ނަގަން ޖެހިދާނެތީ އެވެ. ނަމަވެސް މާލޭން ދިޔަ ފުލުހުންނާއި ސިފައިން އެކަމަށް ދެކޮޅުހަދައި ބުނީ، އެއްވެފައި ތިބީ ތިމަންމެންގެ މީހުން ކަމަށާއި އެއީ ގާޒީ އަށް މަރުހަބާ ކިޔުމަށް ތިބި ބައެއް ކަމަށެވެ.
މެންދުރު 12:25 ހާއިރު އަބްދުﷲ ގާޒީ މާލޭ ތޮށިގަނޑު މަތީގައި ފައި އެޅުމާ އެކު، އެތަނަށް އެއްވެފައި ތިބި މީހުންގެ ހަޅޭކުގެ އަޑާ އެކު އޭނާ އުފުލައިލި އެވެ. ސިފައިންނާއި ފުލުހުންނާއި އާންމުން އޭނާގެ ގައިގައި ބައްދައި އުފާ ފާޅުކުރި އެވެ. އެތައް ބަޔަކު ތިބީ އުފަލުން ފެންކަޅިވެފަ އެވެ. ބިމުގައި ފައި ޖެހެމުން ނުޖެހެމުން، މީހުންގަނޑުގެ ތެރެއިން ފުލުހުންގެ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ވަދެވުމާ އެކު އެ ތަނުގައި ތިބި ސިޔާސީ ޕާޓީތަކުގެ ވެރިން ގާޒީއާ ސަލާންގަލާން ކުރައްވައި އުފާ ފާޅުކުރެއްވި އެވެ.
ގާޒީ މާލެ ގެންނަ ހަބަރު ލިބުމާ އެކު، ކްރިމިނަލް ކޯޓުގެ ބައެއް މުވައްޒަފުން ޖެޓީ ކައިރި އަށް ދިޔަ އެވެ. ނަމަވެސް އެއިން މީހަކަށް ގާޒީއާ ބައްދަލުވާ ވަރެއްނުވި އެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުން ދެން ދިޔައީ ކޯޓަށް ގާޒީ އެ ދުވަހު ވަޑައިގަންނަވާނެ ކަމުގެ އިންތިޒާރުގައި ކޯޓަށެވެ. ނަމަވެސް ގާޒީ ވަޑައިގަތީ އަނބިކަނބަލުންނާއި ދަރިންނާއި ގާތްތިމާގެ މީހުންގެ ގާތަށް ގެއަށެވެ.
ބާވީސް ދުވަސް ވަންދެން ހައްޔަރުކޮށް އެއްވެސް ދައުވާއެއް ނުކޮށް އަސްކަރީ ތަމްރީން މަރުކަޒެއްގައި ބަހައްޓާފައި ހުންނެވި އަބްދުﷲ ގާޒީ، މިނިވަންކަމާ އެކު މާލެ ވަޑައިގެންނެވި އިރު، ރައީސް ނަޝީދުގެ އެއް ވައުދު ހަގީގަތަކަށްވި އެވެ. ގާޒީ ހައްޔަރުކުރުމަށް ފަހު، ފުލުހުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވި އެވެ؛ "އަޅުގަނޑު ވަރަށް އިތުބާރާ އެކީގައި ދަންނަވަން، އަޅުގަނޑު ވެރިކަމުގައި ހުއްޓާ އަބްދުﷲ މުހައްމަދަކަށް ދެން އިރާދަކުރެއްވިއްޔާ ފަނޑިޔާރުގެއަކާ 100 މީޓަރަށް ވުރެން، ކުޑަކުއްޖަކާ ވެސް 100 މީޓަރަށް ވުރެ ގާތްނުވެވޭނެ."
ގާޒީ، ގިރިފުށިން މާލެ ގެނެވުނު އިރު، ރައީސް ނަޝީދު ހުންނެވީ އިސްތިއުފާ ދެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންނެވެ. އަދި އެމަނިކުފާނު ގައުމުގެ މަސްލަހަތަށްޓަކައި މަގާމުން އިސްތިއުފާ ދެއްވި އިރު، އަބްދުﷲ ގާޒީ އިންނެވީ އޭނާގެ ގޭގައި އެ މަންޒަރު ޓީވީން ބައްލަވާށެވެ.




ފޮޓޯ އިން ހަބަރު
39 comments