ޚިޔާލު

ރާއްޖޭގެ ދަރިވަރުން އޯލެވެލްގައި މިހާތަނަށް ހޯދި އެންމެ ރަނގަޅު ނަތީޖާ

އަބްދުﷲ ނަޒީރު
07 ފެބުރުއަރީ 2014 09:31 24 ކޮމެންޓު
 • 2011 ގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވި ކުދިންތަކުގެ ތެރެއިން ގަދަ 10 ގައި ހިމެނުނު ކުދިންތަކެއް އިނާމާ އެކު: މިދިޔަ އަހަރު އެއްވެސް މާއްދާއަކުން ފާސްނުވާ ކުދިންގެ ނިސްބަތް 3.3 ޕަސެންޓަށް ތިރިވެފައިވޭ.---ހަވީރު ފައިލް ފޮޓޯ

 • އޯލެވެލްގެ ނަތީޖާއާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސަށް ފަހު މިނިސްޓަރު އައިޝަތު ޝިހާމް (ކ 2) އާއި މިނިސްޓްރީގެ އެހެން ބައެއް ބޭފުޅުން ވާހަކަދައްކަވަނީ.--ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

 • އޯލެވެލްގެ ނަތީޖާއާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު އައިޝަތު ޝިހާމް (ކ 2) އާއި މިނިސްޓްރީގެ އެހެން ބައެއް ބޭފުޅުން ވާހަކަދައްކަވަނީ.--ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ދިވެހިރާއްޖޭގެ ސްކޫލު ތައުލީމުގެ ނިޒާމް އިނގިރޭސި މީޑިއަމަށް، ބަދަލުކުރީ މާޗް 21، 1961 ގަ އެވެ. ހަމައެއާއެކު ރާއްޖޭގެ ބައެއް ސްކޫލުތަކުގައި، އިނގިރޭސި ވިލާތުގެ މަންހަޖުތަކަށް ކިޔަވައިދޭން ފެށި އެވެ. އަދި ފުރަތަމަ އިންޓަނޭޝަނަލް އިމްތިޙާނެއްގައި، ދިވެހި 10 ދަރިވަރަކު ޖޫން 24، 1965 ގައި ބައިވެރިވި އެވެ. އެއީ އިނގިރޭސި ވިލާތުގެ ރޯޔަލް ސޮސައިޓީ އޮފް އާޓްސްގެ އިމްތިޙާނެކެވެ. އޭގެ ދެ އަހަރު ފަހުން، ފުރަތަމަ ފަހަރަށް ލަންޑަން ޖީސީއީ އޯލެވެލްގައި އަމީނިއްޔާގެ ހަތަރު ދަރިވަރުން ބައިވެރިވީ ޖަނަވަރީ 4، 1967 ގައެވެ. އަދި އެ އަހަރުގެ ޖޫން 16 ގައި އަމީނިއްޔާގެ ހަތަރު ދަރިވަރަކާއި މަޖީދިއްޔާގެ ހަތް ދަރިވަރަކާ އެކު ޖުމުލަ 11 ދަރިވަރަކު އޯލެވެލް އިމްތިޙާނުގައި ބައިވެރިވި އެވެ. އޭގެ ފަހުން މަޑުމަޑުން، އޯލެވެލް ސަނަދު އަޅުގަނޑުމެންގެ ތެރެއަށް ތައާރުފުވެ، ވަޒީފާތައް ދިނުމުގައި ބެލޭ މިންގަނޑަކަށްވެ، މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ޢާއްމުވި އެވެ.

ވޭތުވެދިޔަ 53 އަހަރު ތެރޭ، ވަރަށް ގިނަ ޢަދަދެއްގެ ދަރިވަރުން ވަނީ އޯލެވެލް އިމްތިޙާނު ހަދައި، ސްކޫލުތަކުން ދަސްވެނިވެ، ދިރިއުޅުމުގެ މައިދާނަށް ނުކުމެފަ އެވެ. މީގެ ތެރެއިން ބައެއް ދަރިވަރުން ވަނީ އޯލެވެލް އިމްތިޙާނުގައި ރަނގަޅު ނަތީޖާ ހޯދައި، އެކުދިންގެ ދިރުޅުން ބާއްޖަވެރިކޮށް، ރާއްޖޭގެ ތަރައްޤީއަށް ނުހަނު ގިނަ މަސައްކަތްތަކެއް ކޮށްދީފަ އެވެ. އަދި އަނެއް ބައި ކުދިންނަށް އެހާ ރަނގަޅު ނަތީޖާ ނުހޯދުނު ކަމުގައިވިއަސް، ސްކޫލު ތެރެއިން އުނގެނު އެއްޗަކާއި ދިރިއުޅުމުގެ މައިދާނުން ލިބުނު ހިލްމާއި ތަޖުރިބާ އާއި ކުރި ބުރަ މަސައްކަތުގެ ސަބަބުން، އެކުދިންގެ ދިރިއުޅުން ވަނީ އާރާސްތު ކުރެވި، ޤައުމަށް މަންފާކުރުވަނިވި މަސައްކަތްތަކެއް ކޮށްދީފަ އެވެ. ހަމަ އެގޮތަށް، ވޭތުވެދިޔަ ތަނުގައި، ސްކޫލުތަކުން ނުކުމެ، އުނގެނުނު އެއްޗެއްގެ މާ ބޮޑު ބޭނުމެއް ނުހިފި، މުޖުތަމައުގެ ބުރަޔަކަށް ވެފައިވާ ކުދިންގެ ޢަދަދު ވެސް ވަކި މަދެއް ނޫނެވެ. މިފަދަ ކުދިން ބެލެހެއްޓުމަށް އެކި ގޮތްގޮތުން ބެލެނިވެރިންނާއި ދައުލަތުން ކުރާ ހޭދަ މިހާރު ވަނީ، އަހަރަކު އެތައް މިލިއަން ރުފިޔާއަށް އަރާފަ އެވެ.

ރާއްޖޭގެ ސްކޫލު ތަޢުލީމު ތަރައްޤީވެ، ފެންވަރު މަތިވަމުން އަންނަކަމަށް ޤަބޫލުކުރަން ޖެހެ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި، ކުރި ބުރަ މަސައްކަތުގެ ސަބަބުބް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތަޢުލީމު ވަނީ ޢާއްމުވެފަ އެވެ. ސްކޫލު ތަޢުލީމު ފޯރުކޮށްނުދެވޭ، މީހުން ދިރިއުޅޭ ރަށެއް ރާއްޖޭގައި ނެތެވެ. އެގޮތުން ސަރުކާރުގެ 211 ސްކޫލު، މީހުން ދިރިއުޅޭ 198 ރަށުގައި ހިންގަ އެވެ. އޭގެ ތެރެއިން 124 ސްކޫލު ވަނީ އެއް ދަންފަޅިއަށް ބަދަލުކޮށްފަ އެވެ. ގައުމީ މަންހަޖެއް އެކުލަވާލެވި، އިބްތިދާއީ އާއި މެދު މަދުރަސީ މަރުޙަލާތަކުގައި ކިޔަވައިދެމުން އަންނަތާ 30 އަހަރު ވެއްޖެ އެވެ. މުޅި ސްކޫލު ތަޢުލީމް ޝާމިލުވާ ގޮތަށް، ގައުމީ މަންހަޖު މުރާޖަޢަކުރެވި، އޭގެ އޮނިގަނޑު އެކުލަވާލައި 2015 ގައި ތަންފީޒުކުރުމަށް ތައްޔާރުވަމުން ދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ޖިންސުގެ ތަފާތުކަމެއް ނެތި ހުރިހާ ކުދިންނަށް ކިޔެވުމަށް ފުރުޞަތު ދެވެ އެވެ. އިބްތިދާއީ އާއި މެދު މަދަރުސީ މަރުޙަލާގައި ކިޔަވައިދެއްވާ ހުރިހާ މުދައްރިސުންނަކީ ދިވެހިން ކަމަށް ދެންނެވިއަސް ދޮގަކަށް ނުވާނެ އެވެ. ސާނަވީ މަރުޙާލައަށް ވެސް ދިވެހިން ތަމްރީނުވަމުން ސްކޫލުތަކަށް ދަނީ ނުކުންނަމުންނެވެ.

ރާއްޖޭގެ ސްކޫލުތަކުގައި މިދިއަ އަހަރު އުޅުނު 79،000 ކުދިންނަށް، ކިޔަވައިދީ އެހީތެރިވެދިނުމަށް 6،250 ޓީޗަރުންނާއި 900 ލީޑިން ޓީޗަރުންނާއި، 153 ޕްރިންސިޕަލުންނާއި، 194 ޑެޕިއުޓީ ޕްރިންސިޕަލުންނާއި އެތައް ސަޕޯޓް މުއައްޒަފުން މަސައްކަތްކުރެއްވި އެވެ. އަދި ދައުލަތު ބަޖެޓުން ރާއްޖޭގެ ސްކޫލު ތަޢުލީމަށް 2013 ގައި 1.9 ބިލިއަން ރުފިޔާ ޚަރަދު ކުރި އެވެ.

މިދިއަ އަހަރު ސްކޫލު ނިންމައި، އެސްއެސްސީ އާއި އޯލެވެލް އިމްތިޙާނުގައި 7263 ދަރިވަރުން 176 ސްކޫލަކުން ބައިވެރިކުރުވި އެވެ. މިއީ 2007 ގެ އެއިމްތިޙާނުތަކުގައި ބައިވެރިވި ދަރިވަރުންނަށް ވުރެ 847 ކުދިން މަދު ޢަދަދެކެވެ. އެކަމަކު 2012 އަށް ވުރެ 917 ކުދިން އިތުރު ޢަދަދެކެވެ. މި އަހަރު ސްކޫލު ނިންމާ އިމްތިޙާނުގައި ގާތަގަނޑަކަށް އަށް ހާސް ކުދިން ބައިވެރިވާނެކަމަށް ހިސާބުތަކުން ދައްކަ އެވެ.

މިދިއަ އަހަރުގެ އޯލެވެލް އިމްތިޙާނުގެ ވަގުތީ ނަތީޖާއަށް ނަޒަރު ހިންގާލާއިރު، ދަރިވަރުން ގިނަ ކާމިޔާބީތަކެއް ޙާޞިލު ކުރިކަމަށް ބެލެވެ އެވެ. އެގޮތުން އެއްވެސް މާއްދާއަކުން ފާސްނުވާ ކުދިންގެ ނިސްބަތް 2013 ގައި 3.3 ޕަސެންޓަށް ތިރިވި އެވެ. އެނިސްބަތް 2009 ގައި ހުރީ 24 ޕަސެންޓް އެވެ. އޭގެ މާނަ އަކީ، އޯލެވެލް އިމްތިޙާނުގައި ބައިވެރިވެ، އެއްވެސް މާއްދާއަކުން ފާސްނުވާ 250 ކުދިން މިދިއަ އަހަރު ތިބިއިރު، އެފަދަ 1920 ކުދިން ސްކޫލު ނިންމައި 2009 ގައި ނުކުތްކަމެވެ.

މިދިއަ އަހަރުގެ އޯލެވެލް އިމްތިޙާނުގެ އަނެއް ކާމިޔާބީއަކީ، އެއް މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް  93.4 ޕަސެންޓަށް އެރިކަމެވެ. އެނިސްބަތް 2009 ގައި ހުރީ 24 ޕަސެންޓްގަ އެވެ. ހަމައެފަދައިން ތިން މާއްދާ އަށް ވުރެ ގިނަ މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް ވެސް ވަނީ ބޮޑު ތަފާތަކުން ކުރިއަރާފަ އެވެ. އެގޮތުން 2009 ގައި އޯލެވެލް އިމްތިޙާނުގައި ބައިވެރިވި ކުދިންގެ ތެރެއިން ތިން މާއްދާއަށް ވުރެ ގިނަ މާއްދާއިން ފާސްވި ނިސްބަތަކީ 23 ޕަސެންޓެވެ. އެހެނަސް މިނިސްބަތް 2013 ގައި ވަނީ 80 ޕަސެންޓަށް އަރާފަ އެވެ. އަދި މިފަހަރު އޯލެވެލް އަށް މާއްދާއިން ފާސްވި ނިސްބަތް ވަނީ 24 ޕަސެންޓަށް އަރާފަ އެވެ.

މިދިއަ އަހަރު އޯލެވެލް އިމްތިޙާނުގައި ފަސް މާއްދާއިން ޖުމްލަ 2655 ދަރިވަރުން ފާސްވި އެވެ. ޢެއީ އެ އިމްތިޙާނުގައި ސްކޫލުތަކުން ބައިވެރިވި ކުދިންގެ ނިސްބަތުން 43 ޕަސެންޓެވެ. އެއީ 2012 އަށް ވުރެ ދެ ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި 2009 ވަނަ އަހަރާ އަޅާބަލާއިރު 11 ޕަސެންޓްގެ ކުރއެރުމެކެވެ. މި ނަތީޖާތަކަށް ބަލާއިރު، އެސްޓީއޯ ޓޮޕް އެޗީވާޒް އެވޯޑުގެ ގަދަ 10 ގައި 479 ކުދިން ހިމެނެ އެވެ. މިއީ 2012 އަހަރާ އަޅާބަލާއިރު 53 ކުދިން އިތުރު ޢަދަދެކެވެ.

މިދިއަ އަހަރުގެ އޯލެވެލްގައި ސައެންސްގެ މާއްދާތަކުން ކުދިން ވަނީ ވަރަށް ރަނގަޅު ނަތީޖާ ޙާޞިލުކޮށްފަ އެވެ. އެގޮތުން ފިޒިކްސް އިން ފާސްވި ނިސްބަތަކީ 73.1 ޕަސެންޓެވެ. ކެމިސްޓްރީން ފާސްވި ނިސްބަތް ވަނީ 77 ޕަސެންޓަށް އަރާފަ އެވެ. އަދި ބައެލޮޖީގެ ފާސްވި ނިސްބަތަކީ 67.9 ޕަސެންޓެވެ.

ބިޒްނަސްގެ މާއްދާތަކުން ވެސް ކުދިން ވަނީ ކުރިއެރުންތައް ހޯދާފަ އެވެ. އެގޮތުން އެކައުންޓްސް މާއްދާގައި ބައިވެރިވި ކުދިންގެ ނިސްބަތުން 54 ޕަސެންޓް ކުދިން ވަނީ ފާސްވެފަ އެވެ. ބިޒްނަސް ސްޓަޑީޒް މާއްދާގެ ފާސްވި ނިސބަތް ވަނީ 55 ޕަސެންޓަށް އަރާފަ އެވެ. ކޮމާސް އިން ވަނީ 47.2 ޕަސެންޓް ކުދިން ފާސްވެފަ އެވެ. އަދި އިކޮނޮމިކްސްގެ ފާސްވި ނިސްބަތް މިފަހަރު ވަނީ 59.4 ޕަސެންޓަށް އަރާފަ އެވެ. އެކައުންޓްސް އިން ފާސްވީ 58.2 ޕަސެންޓް ކުދިންނެވެ.

މަޖުބޫރު މާއްދާތަކުގެ ތެރެއިން އިނގިރޭސި އާއި ހިސާބަށް ވަރަށް ބޮޑަށް، ގައުމީ ފެންވަރުގައި މަސައްކަތް ކުރަން ވަނީ ޖެހިފަ އެވެ. އެހެނީ އެދެ މާއްދާއިން ދަރިވަރުން ފާސްވާ މިންވަރު ކުރިއަރަމުން އަންނަލެއް ލަސްކަމުންނެވެ. އެގޮތުން، 2004 ގައި އިނގިރޭސި މާއްދާއިން ފާސްވީ އެންމެ 7.8 ޕަސެންޓް ކުދިންނެވެ. އެ ނިސްބަތް 2009 ގައި 26.3 ޕަސެންޓަށް އެރި އެވެ. އަދި މިދިއަ އަހަރު ފާސްވީ ބައިވެރިވި ކުދިންގެ 35.9 ޕަސެންޓެވެ. ހިސާބު މާއްދާ ވެސް އުޅެނީ މިކަހަލަ ގޮތަކަށެވެ.

އިސްލާމާއި ދިވެހި، މިދެ މާއްދާގެ ފާސްވާ ނިސްބަތް ރަނގަޅު މިންވަރެއްގައި ހިފެހެއްޓުނު ކަމުގައި ވިއަސް، ކުދިންނަށް ޙާޞިލުކުރެވޭ އޭ ފާހާއި ބީ ފާސް ނިސްބަތުން މަދުކަމުން، އެސްޓީއޯ ޓޮޕް އެޗީވާސް އެވޯޑް ކްރައިޓީރިއާ އިން މިންކުރާއިރު، ކުދިންގެ "އެކަޑެމިކް ދަރަޖަ" ދަށްވުމުގައި، އިސްލާމާއި ދިވެހި މާއްދާތައް ޙިއްސާވާކަމަށް ބެލެވެ އެވެ.

ވަކިވަކި މާއްދާތަކުން ދަރިވަރުން ހޯދި ގްރޭޑް ފާސްތަކަށް ބަލާއިރު 2013 ގައި ބައިވެރި ޖުމުލަ ކުދިންގެ ނިސްބަތުން ތިން ޕަސެންޓް ކުދިން އޭ ސްޓާ ހޯދި އެވެ. އޭ ފާސް ހޯދި ކުދިންގެ ނިސްބަތް އުޅެނީ ނުވަ ޕަސެންޓްގަ އެވެ. ބީ ފާސް ހޯދި ކުދިންގެ ނިސްބަތަކީ 17 ޕަސެންޓެވެ. އަދި ސީ ފާސް ހޯދި ކުދިންގެ ނިސްބަތަކީ 29 ޕަސެންޓެވެ، އަދި ޔޫ ފާސް ހޯދި ކުދިންގެ ނިސްބަތް ވަނީ މިދިއަ އަހަރު 11.8 ޕަސެންޓަށް ތިރިކުރެވިފަ އެވެ. މިނިސްބަތް 2009 ގައި ހުރީ 23 ޕަސެންޓްގަ އެވެ، ޔޫ ފާސް ލިބޭ ކުދިންގެ ނިސްބަތް މަދުކުރުމަށް އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.

މިފަދަ ކާމިޔާބީތައް އަޅުގަނޑުމެންގެ ދަރިން، މި ހޯދަނީ ވަރަށް ގިނަ ބައެއްގެ ބުރަ އަދި މިންނެތް މަސައްކަތުންނެވެ. އޭގެ ތެރޭގައި ސްކޫލުތަކުގެ ހީވާގި ޓީޗަރުންނާއި ލީޑިން ޓީޗަރުންނާއި ޕްރިންސިޕަލުންނާއި ލޮބުވެތި ބެލެނިވެރިންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހައި މުއައްޒަފުން ހިމެނެ އެވެ. އަދި އަޅުގަނޑުމެންގެ ދަރިން ކިޔެވުމަށް ކުރާ މަސައްކަތަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ މުޅި ޤައުމުގެ ރައްޔިތުން، އެކަމަކަށް ދޭ އަހަމިއްޔަތުގެ ބޮޑުކަމުންނެވެ. ތަޢުލީމަށް ދޭ ސަމާލުކަމުންނެވެ. އެހެނީ އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ، ތައުލީމަށް ނުހަނު ލޯބިކުރާ އެކުވެރި ރައްޔިތެއް ދިރިއުޅެމުން އަންނަ ގައުމެކެވެ. އަޅުގަނޑުމެން އަބަދުވެސް ތުއްތުކުދިން ގާތު ބުނަނީ މޮޅު މީހަކަށް ވެވޭނީ ކިޔެވީމަ އެވެ.

އެޑިޓަރުގެ ނޯޓް: ޑރ. ނަޒީރަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

24 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait

image descriptionމިދިއަ އަހަރުގެ އޯލެވެލް އިމްތިޙާނުގެ އަނެއް ކާމިޔާބީއަކީ، އެއް މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް 93.4 ޕަސެންޓަށް އެރިކަމެވެ. އެނިސްބަތް 2009 ގައި ހުރީ 24 ޕަސެންޓްގަ އެވެ. ހަމައެފަދައިން ތިން މާއްދާއަށް ވުރެ ގިނަ މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް ވެސް ވަނީ ބޮޑު ތަފާތަކުން ކުރިއަރާފަ އެވެ.image description --