ރާއްޖޭގައި ފަހަކަށް އައިސް ހިނގަމުންދާ ކަންތައްތަކާއި ރާއްޖެ މިހާރު އޮތް ހާލަތާ މެދު ކަންބޮޑުވާ ކަމަށް އިންޑިއާ ސަރުކާރުން މިއަދު ބުނެފި އެވެ.
އިންޑިއަން ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަމަންއަމާންކަން ގާއިމުކޮށް ގާނޫނު ތަންފީޒުކުރުމަށް ސިޔާސީ ޕާޓީތަކުން މަޝްވަރާ އަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް މަސައްކަތްކޮށްދިނުމަށް ވެސް މި ބަޔާނުގައި ޕާޓީތަކަށް ގޮވާލާފައިވެ އެވެ.
ހައި ކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވަނީ ގައުމު އާރާސްތުކުރުމުގައި ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށާއި ކަންކަން ހައްލުކުރެވޭނީ ވާހަކަތައް އިސްކޮށްގެން ކަމަށެވެ.
"ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް މިހާރު އޮތް ހާލަތުން އަރައިގަނެ އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް ޕާޓީތަކުން ވާހަކަ ދައްކަން ޖެހެ އެވެ،" ބަޔާނުގައިވެ އެވެ.
އިންޑިއަން ހައި ކޮމިޝަނުން ބަޔާނެއް މި ނެރުނީ ހުއްޓިފައި އޮތް ޕާޓީތަކުގެ ވާހަކަތައް ފެށުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. ޕާޓީތަކުގެ ވެރިންގެ މަޝްވަރާތަކެއް ބޭއްވުމަށް އޯލް ޕާޓީ ޓޯކްސްގެ ވިލަރެސްވެރިޔާ އަހުމަދު މުޖުތަބާ ގޮވާލައްވާފައިވީ ނަމަވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު މަޝްވަރާ މޭޒު ދޮށަށް ވަޑައިނުގަންނަވާނެ ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފަ އެވެ.
މައުންމޫން އެކަމަށް ދެކޮޅު ހެއްދެވީ ފެބްރުއަރީ 7 ގައި ސަރުކާރު ބަދަލުކުރުމުގައި އެމަނިކުފާނުގެ އަތެއް ވާ ކަމަށް ތުހުމަތުކުރައްވައި ބައިނަލްއަގުވާމީ ދުނިޔޭގައި ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާ ހެދި އެވެ. ނަޝީދު މިއަދު ވަނީ މައުމޫންގެ ކިބައިން މައާފަށް ވެސް އެދިވަޑައިގެންފަ އެވެ.

6 comments