ޒަކާތު ފަންޑް

ޒަކާތު ފަންޑުގެ 500 ސްކޯލާޝިޕަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ހުސައިން ފިޔާޒު މޫސާ
19 ޖޫން 2012 13:02 6 ކޮމެންޓު
  • މިދިޔަ އަހަރު ބޭއްވި ތައުލީމީ ފެއާއަކުން ދަރިވަރުންތަކެއް މައުލޫމާތު ހޯދަނީ: ރާއްޖޭގައި ކިޔެވުމަށް ޒަކާތު ފަންޑުން ދޭ ސްކޯލާޝިޕްތަކަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ.

ރާއްޖޭގައި ކިޔެވުމަށް ޒަކާތު ފަންޑުން ހިލޭ ދޭ 500 ސްކޯލާޝިޕަށް ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު އަލީ (އައިންތު) މިއަދު ވިދާޅުވީ ޒަކާތު ފަންޑުން ކަނޑައަޅާފައިވާ 10 މިލިއަން ރުފިޔާގެ ސްކޯލާޝިޕް ޕްރޮގްރާމުގެ ދަށުން ފައުންޑޭޝަނަށް 130 ސްކޯލާޝިޕާއި ޑިޕްލޮމާ އަށް 160 ފުރުސަތާއި ޑިގްރީ އަށް 160 ފުރުސަތު އަދި މާސްޓާސް އަށް 50 ފުރުސަތު ދޭނެ ކަމަށެވެ.

"މި ސްކޯލާޝިޕްތަކަށް ޝަރުތު ހަމަވާނީ ލިބޭ އާމްދަނީން ހަރަދު ކަނޑާފައި މަހަކު 4،500 އަށް ވުރެ އާމްދަނީ އިތުރު ނުވާނަމަ. އަދި ދަރަނި ވެސް އާންމުކޮށް 1،000ރ. ގައި ނޫޅޭ ނަމަ،" އައިންތު ވިދާޅުވި އެވެ.

"މި ސްކޯލާޝިޕްތަކަކީ އަނބުރާ ފައިސާ ދައްކާ ގޮތަށް ދޭ ސްކޯލާޝިޕްތަކެއް ނޫން. ހިލޭ ދޭ ސްކޯލާޝިޕްތަކެއް."

މި ފަހަރުގެ ސްކޯލާޝިޕަށް ފޯމް ހުށަހެޅުމަށް، އެކި ޕްރޮގްރާމުތަކަށް އެކި ތާރީހު ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ފައުންޑޭޝަންގެ ފޯމް ބަލައިގަންނާނީ އަންނަ ޖުލައި 2 އަދި 3 ގަ އެވެ. ޑިޕްލޮމާގެ ފޯމްތައް ބަލައިގަންނާނީ ޖުލައި 4 އަދި 5 ގަ އެވެ. ޑިގްރީ އަށް ކިޔެވުމަށް ސްކޯލާޝިޕް ފޯމްތައް ބަލައިގަންނާނީ ޖުލައި 8 އަދި 9 ގަ އެވެ. އަދި މާސްޓާސް ހެދުމަށް ސްކޯލާޝިޕަށް ހުށަހަޅާ ފޯމް ބަލައި ގަންނާނީ ޖުލައި 10 އަދި 11 ގަ އެވެ.

ސްކޯލާޝިޕްތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ ގުރުއަތު ނެގުމަށް ކަނޑައަޅާފައިވާ ވަނީ ޖުލައި ،16 ،17 18 ގަ އެވެ.

މި ސްކޯލާޝިޕްތަކުގެ އިތުރުން ޒަކާތު ފަންޑުން ރާއްޖޭން ބޭރުގައި ކިޔެވުމަށް ހުޅުވާލާފައިވާ ސްކޯލާޝިޕްތަކަށް ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެ އެވެ.

6 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait