ޖީއެސްޓީ އަކީ ނެގުމުގައި މިހާތަނަށް އެންމެ އުނދަގޫ ޓެކްސް އެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދަނީ ރަށްރަށާއި މާލޭ ސަރަހައްދުގައި ޖީއެސްޓީ ދައްކާފައި ހުރި ފަރާތްތަކާއި ނުދައްކާ ހުރި ފަރާތްތައް ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޖީއެސްޓީ ދައްކާފައިވާ ފަރާތްތައް ޖީއެސްޓީ ދައްކާފައި ވަނީ ރަނގަޅަތޯ ބެލުމަށް މީރާ އިން ދަނީ ރަށްރަށަށް ގޮސް ޓެކްސް ދައްކާފައިވާ ގޮތް އޮޑިޓް ކުރަމުންނެވެ. މިއީ ފަސޭހަ ކަމެއް ނޫނެވެ. ހަރަދުގެ ގޮތުން ބަލައިފި ނަމަ ރަށްރަށަށް ދަތުރުކޮށް އެ ރަށްރަށުގައި ތިބުމަކީ ވެސް ބޮޑު ކަމެކެވެ.
"އަޅުގަނޑުމެން އޮޑިޓްކުރުމުން މި އެނގެނީ އެބޭފުޅުން ފައިސާ ދެއްކުމުގައި ހިސާބުތައް ދިމާނުވާކަން. އެހެންވީމަ ހިސާބުތައް ދިމާކޮށް މަދުވާ ބައި އަޅުގަނޑުމެންނަށް ދެއްކުމަށް އަންގަމުން މިދަނީ. އަދި އެގޮތަށް އެބޭފުޅުން ފައިސާ ދައްކަމުންދަނީ،" މީރާގެ އޮފިޝަލަކު ވިދާޅުވި އެވެ.
މިގޮތަށް ރަށްރަށަށް ކުރާ ދަތުރުތަކުގައި އެ އޮތޯރިޓީން ދަނީ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް )ބީޕީޓީ( ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކަށް ބަޔާން ފުރާނެ ގޮތުގެ މައުލޫމާތު ދިނުމާއި، ޖީއެސްޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ލިޔެކިއުންތައް ހުރީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލަމުންނެވެ. އަދި ރަށްރަށުގައި ޖީއެސްޓީ އަށް ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތައް ބަލައި އެ ފަރާތްތައް މިދަތުރުތަކުގައި ރަޖިސްޓްރީ ވެސް ކޮށްދެ އެވެ.
މީރާގެ އޮފިޝަލަކު ވިދާޅުވީ ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް އެކަން ހަނދާން ކޮށްދިނުމުގެ ގޮތުން ވަކިވަކިން ގުޅަމުން ގެންދާ ކަމަށެވެ. އަދި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާ އިން އެ އޮތޯރިޓީގެ ވެބްސައިޓުގައި ޝާއިއުކުރެ އެވެ.
މީރާ އިން ބުނީ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެފަރާތްތަކަށް ފޯނުން ގުޅައި، އެސްއެމްއެސްގެ ޒަރިއްޔާއިން ވެސް އެކަން އެންގުމުގެ މަސައްކަތްކުރާ ކަމަށެވެ. އަދި މީގެ އިތުރުން ކައުންސިލް އިދާރާތަކުން ވެސް އެކަން ޗެކުކުރެ އެވެ.
ޖީއެސްޓީ ދެއްކުމުގައި ވިޔަފާރިވެރިންނަށް ވެސް އުނދަގޫތަކެއް އެބަ ހުއްޓެވެ. އަހަރަކު އެއް މިލިއަން ރުފިޔާގެ ވިޔަފާރިވާ ކޮންމެ ތަނަކުން ޖީއެސްޓީ އަށް ރަޖިސްޓްރީކޮށް ޖީއެސްޓީ ދައްކަން ޖެހެ އެވެ.
ޓެކްސް ދެއްކުމުގައި ބޮޑެތި ވިޔަފާރިވެރިންނަށް ވުރެ ބޮޑަށް އެންމެ ބޮޑު ބުރައެއް އުފުލަނީ ކުދި ވިޔަފާރިވެރިންނެވެ. ޖީއެސްޓީ ނެގުމަށް މަދު ވަސީލަތްތަކާ އެކު އެމީހުން ބުރަ މަސައްކަތްތަކެއް ކުރެ އެވެ.
"ކުރިން ވިކުރާ ޖަހަމުން އައީ ސިނގިރޭޓް ކާޓުނެއްގެ އެއް ފުށުގައި. މިހާރު މިޖެހެނީ އެކަން ވެސް ކޮމްޕިއުޓަރު މެދުވެރިކޮށް ބަލަން. އަޅުގަނޑުމެންނަކީ ކޮމްޕިއުޓަރު އެއްޗިއްސަށް މާ ފަރިތަ ބައެއް ވެސް ނޫން،" ބާޒާރުމަތީ ފިހާރައެއްގެ ސޭޓަކު ބުންޏެވެ.
ޖީއެސްޓީ ނެގުމުގެ ކުރިން މީރާ އިން ބުނަމުން އައި އެއް ވާހަކަ އަކީ ވިކުރާ ބަލަހައްޓަން ބޭނުންވާ އާލާތްތައް ފޯރުކޮށްދޭނެ ވާހަކަ އެވެ. އެހެންނަމަވެސް އެކަމެއް ނުކުރެވެ އެވެ. އެހެންކަމާ އެކު ކުދި ވިޔަފާރިވެރިންގެ ޝަކުވާ މީރާ އަށް އަމާޒުވެ އެވެ.
ޖީއެސްޓީ ދެއްކުމުގެ ގޮތުން ވިކުރާ ބަލަހައްޓަން ބޭނުންކުރާ ސޮފްޓްވެއާ ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ޓެންޑަ ބޯޑާ ހަވާލުކޮށްފައިވާ ކަމަށް މީރާ އިން ބުނެ އެވެ. ޓެކްސް ނިޒާމެއް ގާއިމްކުރާ އިރު ސަރުކާރުން ވަރަށް ގިނަ ފަސޭހަތަކެއް އާންމު ވިޔަފާރިވެރިންނަށް، އެހެން ގައުމުތަކުގައި، ފޯރުކޮށްދެ އެވެ. ރާއްޖެއިން އެކަން ފެންނަނީ ވަރަށް ލަސް ސްޕީޑެއްގައި ދާ ތަނެވެ. މިކަން ރަނގަޅުކޮށް، އެހީތެރިކަމުގެ ހުރިހާ ފިޔަވަޅެއް ބަރާބަރަށް އެޅުމުގެ ޒިންމާ ވެސް މީރާގެ ބޮލުގައި އެޅިފައިވެ އެވެ.

ގައުމީ އިއްތިހާދުގެ ޖަލްސާ
ޕީޕީއެމްގެ އެއްވުން
3 comments