ނައިޓް މާކެޓް

ނައިޓް މާކެޓް ކައިރިވާ އިރު ޖީއެސްޓީ ނަގާނެ ގޮތުގެ ފިކުރު ބޮޑު

މުހައްމަދު އަފްރާހު
23 ޖޫން 2012 08:58 6 ކޮމެންޓު
  • މިދިޔަ އަހަރު ބޭއްވި ނައިޓް މާކެޓުގެ ސްޓޯލެއް: އެހާ ބިޒީކޮށް ވިޔަފާރިކުރާ ތަނެއްގައި ޖީއެސްޓީ ނަގާނެ ފަސޭހަ ގޮތެއް ހޯދަން ޖެހޭ --ހަވީރު ފައިލް ފޮޓޯ

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ނަގަން ފެށުމާ އެކު، މުދަލެއް ވިއްކާ ނަމަ އެ މުދަލަކުން ޓެކްސް ނަގަން ޖެހެ އެވެ. މި އުސޫލުން ނައިޓް މާކެޓުގައި ވެސް އަމަލު ކުރަން ޖެހެ އެވެ. ނަމަވެސް ގިނަ އަދަދެއްގެ މީހުން އެއް ފަހަރާ ވިޔަފާރިކުރަން ދާ ނައިޓް މާކެޓުގައި ޖީއެސްޓީ ނަގަން ދިމާވެދާނެ އުނދަގޫތަކާ މެދު ވިޔަފާރިވެރިން މިހާރު ވެސް ކަންބޮޑުވެ އެވެ. މީގެ ސަބަބެއް ކަމަށް ވިޔަފާރިވެރިން ބުނަނީ ނައިޓް މާކެޓުގެ މާހައުލު އެގޮތަށް ބައްޓަން ވެފައި ނެތުމެވެ.

"ނައިޓް މާކެޓުގައި ޖީއެސްޓީ ނަގާނެ ގޮތެއް އަޅުގަނޑަކަށް ނޭނގެ. އެއީ ނައިޓް މާކެޓުގައި އެއް ފަހަރާ ގިނަ ބަޔަކު ވިޔަފާރިކުރަން ދާނެ. އެހެންކަމުން ވިއްކާ އެއްޗިހި ނޯޓު ކުރަމުން އެކަން ކުރާނެ ގޮތަކާ މެދު ސުވާލު އުފެދޭ،" ވިޔަފާރިވެރިއަކު ބުންޏެވެ.

ރާއްޖޭގައި ބާއްވާ ވިޔަފާރީގެ އެންމެ ބޮޑު އެއް ބާޒާރު ކަމަށްވާ ނައިޓް މާކެޓަށް ކޮންމެ އަހަރަކު ވެސް އެތައް ހާއްސަ ބަޔަކު ދެ އެވެ. އެވްރެޖްކޮށް ސްޓޯލަކުން ރެއެއްގެ މައްޗަށް 20،000ރ. އާއި 30،000ރ. އާ ދެމެދު ވިޔަފާރިކުރާއިރު، މުދާ ވިއްކާ މީހުން އަބަދުވެސް އުޅެން ޖެހެނީ ހޭބޯނާރައިގެންނެވެ. އެހެންކަމުން ވިއްކާ ކޮންމެ މުދަލަކުން ހަ ޕަސެންޓުގެ ޖީއެސްޓީއެއް ނަގަމުން، މި ހިސާބުތައް ބެލެހެއްޓުމަކީ ވިޔަފާރިވެރިންނަށް ކުރިމަތިވާނެ ބޮޑު ކޮންޖެހުމެއް ކަމަށް އެ މީހުން ވެސް ބުނެ އެވެ.

ވިޔަފާރިވެރިއަކު ބުނީ ޖުލައި 1 ގައި ފަށާ ނައިޓް މާކެޓުގައި ވިއްކާ އެއްޗިހިން ޖީއެސްޓީ ނެގުމަކީ ދަތި ކަމަކަށް ވާނެ ކަމަށެވެ.

"ކޮންމެ ރެއަކު އެތަނަށް ސިސްޓަމް ގެންދިއުމަކީ ފަސޭހަ ކަމެއް ނޫން. އެހެން ނޫނީ ޖެހޭނީ އަގުގެ ތެރެއަށް ޖީއެސްޓީ ހިމަނާފައި ބަހައްޓަން. ދެން ޖެހޭނެ މައްސަލަ އަކީ މުދަލުގައި އަގު ޖެހުން. އާއްމުކޮށް ނައިޓް މާކެޓުގައި މި ހުންނަނީ މުދަލުގައި އަގު ޖަހާފައެއް ނޫން. ނަމަވެސް ކޮންމެ އެއްޗެއްގައި ވަކިވަކިން އަގު ޖަހަން ޖެހުމަކީ ވެސް ވަރަށް ދަތިކަމެއް،" ވިޔަފާރިވެރިއަކު ބުންޏެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ ނައިޓް މާކެޓުގައި ވިއްކާ މުދަލުން ވެސް ޖީއެސްޓީ ދައްކަން ޖެހޭނެ ކަމަށެވެ.

މީރާގެ ޑިރެކްޓަރު ޖެނެރަލް ފަތުހުﷲ ޖަމީލް ވިދާޅުވި ގޮތުގައި ނައިޓް މާކެޓުގައި ވިއްކާ މުދަލުން ޖީއެސްޓީ ނަގާނެ ގޮތަކާ މެދު ވިޔަފާރިވެރިންގެ ޖަމިއްޔާއާ މަޝްވަރާ ކުރާނެ އެވެ.

"ނައިޓް މާކެޓުގައި ވެސް ހިސާބުތައް ބަލަހައްޓަން ޖެހޭ. ނަމަވެސް ހިސާބުތައް ބެލެހެއްޓޭނެ ގޮތެއް ނެތް ނަމަ ޖީއެސްޓީ އަށް ވާވަރު އަގުގައި ޖަހާފައި ބަހައްޓަން ޖެހޭ،" ފަތުހުﷲ ވިދާޅުވި އެވެ.

ނައިޓް މާކެޓުގައި ޖީއެސްޓީ ނުނަގައި މުދާ ވިއްކައިފި ނަމަ އެއީ އިންސާފަކަށް ވެސް ނުވާނެ އެވެ.

ރެޑްވޭވްގެ މެނޭޖަރު އަލީ ރަޝީދު ވިދާޅުވީ ނައިޓް މާކެޓުގައި ވިއްކާ މުދަލުން ޖީއެސްޓީ ނެގުމަކީ އުނދަގޫ ކަމެއް ނަމަވެސް، އެކަން ކުރަން ޖެހޭނެ ކަމަށެވެ.

"ބައެއް ފަރާތްތަކުގެ އަތުން ޖީއެސްޓީ ދައްކާފަ އަނެއް ބަޔަކު ނުދެއްކުމަކީ ރަނގަޅު ގޮތެއް ނޫން. އެހެންވެ ޖީއެސްޓީ ދައްކަން ޖެހޭ. ހަމަގައިމު ވެސް ނައިޓް މާކެޓުގައި ވިއްކާ އެއްޗިހީގެ 99 ޕަސެންޓަކީ ޖީއެސްޓީ ދައްކަން ޖެހޭ އެއްޗިހި،" އަލީ ވިދާޅުވި އެވެ.

ނައިޓް މާކެޓުގައި ވިއްކާ މުދަލުން ޖީއެސްޓީ ނަގާއިރު، އިތުރު މައްސަލައެއް ވެސް ވިޔަފާރިވެރިންނަށް ދިމާވާނެ އެވެ. އެއީ ވަކި ލާރި ހޯދުމުގެ މައްސަލަތަކެވެ. ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ފިހާރަ އާއި ނައިޓް މާކެޓަށް ވަކިން، ވަކި ލާރި ހޯދުމަކީ ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

"ވަކި ލާރިއަކީ ތިބުނާހާ ފަސޭހައިން ލިބޭ އެއްޗެއް ނޫން. އެހެންވެ ފިހާރައަށް ވަކި ލާރި ހޯދާފައި ނައިޓް މާކެޓަށް ބޭނުންވާ ވަރަށް ވަކި ލާރި ހޯދުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެ. އަދި ކުދި ދަތި ފަދަ ތަކެތި ވިއްކާފައި ޖީއެސްޓީ ނެގުމަކީ ވެސް ދަތި ކަމަކަށް ވާނެ. އެއީ އެވަރަށް މީހުން އަންނައިރު ޖީއެސްޓީ ނަގަން އުނދަގޫވާނެތީ،" ވިޔަފާރިވެރިއަކު ބުންޏެވެ.

ޖީއެސްޓީ ނެގުމާއި ދެއްކުމަކީ ގާނޫނުން ލާޒިމް ކަމެކެވެ. އެހެންކަމުން ޖީއެސްޓީ ނެގޭނެ ފަސޭހަ ގޮތަކަށް ނައިޓް މާކެޓްގެ އިންތިޒާމްތައް ހަމަޖައްސަން ވިޔަފާރިވެރިންނަށާއި ވިޔަފާރިވެރިންގެ ޖަމިއްޔާ އަށް ޖެހެ އެވެ. އަދި މިކަމުގައި މީރާ އާއި އެމްއެމްއޭގެ އެހީތެރިކަން ވެސް ނުހަނު ބޮޑަށް ބޭނުންވާނެ އެވެ.

6 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait