މީރާ

މީރާ މެދުވެރިކޮށް ދައުލަތަށް މިދިޔަ މަހު 16.1 މިލިޔަން ޑޮލަރު ލިބިފައިވޭ

އަހުމަދު ރިޝާން
10 އޯގަސްޓް 2012 16:01 13 ކޮމެންޓު
  • ފިހާރައެއްގެ މުވައްޒަފަކު ފައިސާ ބަލައިގަންނަނީ: ޑޮލަރު ގިނައިން ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައި -- ހަވީރު ފައިލް ފޮޓޯ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް މިދިޔަ މަހު 16.1 މިލިޔަން ޑޮލަރު ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މީރާ އިން ކޮންމެ މަހަކު އެއްފަހަރު ނެރޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީގެ ގާތްގަނޑަކަށް 30 ޕަސެންޓަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އަދި މިދިޔަ މަހު ލިބުނު އާމްދަނީގެ 29.6 ޕަސެންޓަކީ ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ލިބުނު ފައިސާ އެވެ.

ޓޫރިޒަމް ޓެކްސްގެ ގޮތުގައި ހިއްސާކޮށްފައި ވަނީ 18.6 ޕަސެންޓެވެ. އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި މީރާ އަށް މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީގެ 8.7 ޕަސެންޓް ހިއްސާކުރާއިރު ވިޔަފާރި ފައިދާ އިން ނަގާ ޓެކްގެ ގޮތުގައި 8.1 ޕަސެންޓް ހިއްސާ ކޮށްފައިވެ އެވެ. އަދި އެހެނިހެން ގޮތް ގޮތުން ލިބުނު ޑޮލަރުގެ އަދަދު ދެ ޕަސެންޓަށް އަރަ އެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖީއެސްޓީގެ ގޮތުގައި 5.3 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 4.8 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ޓޫރިޒަމް ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ ތިން މިލިޔަން ޑޮލަރެވެ. އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 1.4 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މީރާ އަށް މިދިޔަ މަހު ޑޮލަރުންނާއި ދިވެހި ފައިސާއިން ލިބުނު އާމްދަނީ، ކުރިން ލަފާކުރި ވަރަށް ވުރެ 19.3 ޕަސެންޓް އިތުރުވެފައިވެ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އާމްދަނީގެ ގޮތުގައި ޖުމްލަ ލިބިފައި ވަނީ 635.9 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 46.6 ޕަސެންޓް އިތުރު އަދަދެކެވެ.

13 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait