އޭނާގެ ވިޔަފާރި ފެށިގެން އައީ ވަރަށް އާދައިގެ ގޮތަކަށެވެ. ބާވެފައި ހުންނަ ސައިކަލް އެކަތި އަނެކައްޗާ ބަދަލުކުރާ އުސޫލުން ފެށި ވިޔަފާރިން އޭރު ލިބެނީ ކުޑަ ފައިދާއެކެވެ. ވިޔަފާރި މަޑުމަޑުން ފުޅާވަމުން ދިޔައިރު ހިތްދަތި ތަޖުރިބާތައް ވެސް ކުރަން ޖެހުނެވެ. އެކަމަކު ގަދައަޅައި ކުރި މަސައްކަތުގެ ނަތީޖާ އިން މުހައްމަދު އިބްރާހިމް (މޯޑް) މިއަދު ހުރީ ހިނިތުންވެފަ އެވެ. ފަރީދީ މަގުގައި ހުންނަ "އޮޓޯ ސެންޓަ" އަކީ މޯޑުގެ ބުރަ މަސައްކަތުގެ ނަތީޖާ އެވެ. އެތައް މިލިއަން ރުފިޔާގެ ވިޔަފާރިއެކެވެ.
ވިޔަފާރީގައި މިހާރު އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ މޯޑް ސިފަކުރައްވާ ގޮތުން ނަމަ އޭނާ އަށް މިހާ ހިސާބަށް އާދެވުނީ ހިތި ތަޖުރިބާތަކަކާ އެކުގަ އެވެ. އޭނާ ބާޒާރަށް ތައާރަފު ކުރި ބައެއް އުފެއްދުންތަކާއެކު ގިނަ ބަޔަކު އޭނާ އަށް ފާޑު ކިޔާފައިވެ އެވެ. މަސައްކަތުގައި ހިތް މަރުވާ ފަދަ ކިތަންމެ އަޑުތަކެއް އޭނާ އަށް އިވުނެވެ.
"އެންމެ ފުރަތަމަ ވިއްކީ ބާ ސައިކަލް ނަގައިގެން އެކްސްޗޭންޖު ވިޔަފާރީގެ ގޮތުގައި. އެއީ 1999 ވަނަ އަހަރު. އޭރު ބާ ސައިކަލް މީހުންގެ އަތުން ހޯދައިގެން އެކަކު އަތުން ނަގާފައި ކުޑަ ފައިދާއަކާ އެކު އެހެން މީހަކަށް ވިއްކާލަނީ،" ސައިކަލް ވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ވަދެވުނު ގޮތް މޯޑް ކިޔައިދިނެވެ.
މޯޑުގެ ވިޔަފާރި ފެށިގެން އައި އިރު އެހެން ބައިވެރިންތަކެއް ވެސް އޭނާއާ އެކު މަސައްކަތްކުރި އެވެ. އެކަމަކު މި ޕާޓްނަޝިޕް ރޫޅިގެން ދިޔައީ އެވެ.
"އެންމެ ފުރަތަމަ ވިޔަފާރި ފަށައިގެން ކުރިއަށް ގެންދިޔައީ ވިއްކާ ސައިކަލަކުން 25 ޕަސެންޓުގެ ޝެއާއެއް ޕާޓްނަރުންނަށް ދޭ ގޮތަށް. ނަމަވެސް ފަހުން މި ޕާޓްނާޝިޕްގައި މައްސަލަ ޖެހުނީ. އެއީ ވަރަށް ދެރަކޮށް ދިމާވި ކަމެއް. އޭރު އަޅުގަނޑުގެ އަތުގައި ވިޔަފާރީގެ ވަރުގަދަ ކޮންޓެކްޓް ތަކެއް ވެސް ހުރި. ނަމަވެސް އެވެސް ބަޔަކު ގެންދިޔައީ. އެއީ ބޮޑު ގެއްލުމެއް،" މޯޑު ބުންޏެވެ.
ސައިކަލް ވިއްކުމަށް ފުރަތަމަ ފެށި ވިޔަފާރި ހުއްޓިގެން ދިޔަ ނަމަވެސް މޯޑުގެ އަޒުމަށް ބަދަލެއް ނާދެ އެވެ. ފުރަތަމަ ތަޖުރިބާއިން ހިތްވަރު ހޯދައިގެން ދިޔައީ ކުރިއަށެވެ.
މޯޑް ދެކޭ ގޮތުގައި ރާއްޖެއަކީ ސައިކަލްގެ ވިޔަފާރިއަށް އެންމެ ބޮޑު ޑިމާންޑެއް އޮތް ގައުމެވެ. އަދި ވިޔަފާރި ރަނގަޅު ދުވަސްވަރެއްގައި ނަމަ 1000 އަށްވުރެ ގިނަ ސައިކަލް ވިއްކާލެވޭ ކަމަށް ބުންޏެވެ.
"އިރާދަކުރެއްވިއްޔާ އަބަދުވެސް ސައިކަލްގެ ވިޔަފާރިއަށް ބޮޑު ސްކޯޕް ރާއްޖޭގައި އޮވޭ. އެއީ ކޮންމެ ދުވަހަކު ވެސް މީހަކަށް 18 އަހަރު ފުރޭ. ދުވާލެއްގެ މައްޗަށް 25 ސައިކަލް އެކި ސަބަބުތަކާ ހުރެ އެބަ ބޭނުންވޭ. ކޮންމެ ދުވަހަކު ވެސް މީހަކު ސައިކަލްގެ މޮޑެލް ބަދަލު ކުރޭ،" މޯޑު ބުންޏެވެ.
އޭނާ ބުނީ ސައިކަލްގެ އާ ބްރޭންޑްތައް ތައާރަފުކުރިއިރު ގިނަ ގޮންޖެހުންތަކާ ކުރިމަތިވި ކަމަށެވެ. އެއީ އަލަށް ތައާރަފުކުރި ސައިކަލްތައް ބަލައިގަންނަން ދިވެހިންނަށް އުނދަގޫވުމެވެ.
"އެންމެ ފުރަތަމަ އެއާބްލޭޑް ސައިކަލެއް ގެނެސްގެން ވިއްކަން އުޅުނު އިރު ވެސް ވަރަށް ގިނަ ދަތިތަކާ ދިމާވި. ގިނަ މީހުން ބުނީ ނުހިނގާނެއޭ ތި އެއްޗެއް. ސްކޫޕީ ސައިކަލް ގެނައި އިރު ވެސް ބުނީ ތިއީ ހާދަ ހުތުރު އެއްޗެކޭ. ތި ސައިކަލް ހީވަނީ ހުނިގޮނޑިއެއްހެންނޭ. ތީ ސައިކަލް ކިހިނެއްހޭ ވިކޭނީ؟ ނަމަވެސް މިހާރު މިއީ އެންމެ ބޮޑަށް ވިކޭ އެއް ސައިކަލް،" މޯޑު ވިދާޅުވި އެވެ.
މޯޑު ބުނީ ވިޔަފާރިއަށް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ފައިސާގެ ދަތިކަމާއި ރާއްޖޭގެ ވިޔަފާރީގެ މާހައުލުގައި ހުރި ހުރަސްތައް ކަމަށެވެ. ޑިއުޓީ ބޮޑުކުރި ނަމަވެސް ސައިކަލްގެ ވިޔަފާރިއަށް މާބޮޑު ތަފާތެއް ނާންނަ ކަމަށާއި ނަމަވެސް ޓެކްސް ދައްކަން ޖެހުމުން ކަސްޓަމަރުންނަށް ގިނަ ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް މޯޑް ބުންޏެވެ.
"އަސްލު ސައިކަލަކީ ވަރަށް އަގު ހެޔޮ އެއްޗެއް. މިހާރު ވާގޮތުން އަޅުގަނޑުމެން ޕްރޮފިޓަށް މޭކް ކުރާ ވަރަށް ވުރެ ބޮޑު އެއްޗެއް ސަރުކާރަށް ދައްކަން ޖެހޭ. މިހާރު ޖީއެސްޓީ އާއި އެހެންނިހެން ޓެކްސްތަކަށް އެވްރެޖްކޮށް ކޮންމެ ސައިކަލަކުން 25،000ރ. ވަރު ސަރުކާރަށް ދައްކަން."
ސައިކަލްގެ ވިޔަފާރި ކިތަންމެ ރަނގަޅު ނަމަވެސް، ތޮއްޖެހިފައިވާ މާލެއިން ސައިކަލް މަދުކުރުމަކީ ވެސް މޯޑުގެ ވިސްނުމެކެވެ. ބައެއް ބަދަލުތަކާ އެކި މިއީ ވެސް ކާމިޔާބު ކުރެވިދާނެ ކަމެއްގެ ގޮތުގައި މޯޑު ދެކެ އެވެ. މި މަސައްކަތާއެކު، ތިމާވެއްޓާ ރަހުމަތްތެރި އުޅަނދު ފަހަރު ވެސް ތައާރަފްކުރެވިދާނެ ކަމަށް މޯޑު ބުންޏެވެ. މޯޑް ދަނީ ތިމާވެއްޓާ ރަހުމަތްތެރި އުޅަނދު ފަހަރު ރަޖިސްޓްރީ ކުރަން މަސައްކަތް ވެސް ކުރަމުންނެވެ.
"ރާއްޖެއަށް ތައާރަފު ކުރެވިދާނެ ތިމާވެއްޓާ ރަހުމަތްތެރި އުޅަނދު ފަހަރު އެބަހުރި. ކާރު ވެސް އެބަ ހުރި ނަމަވެސް މާ ބޮޑަށް އަގު ބޮޑުވަނީ. އަނެއް މައްސަލައަކީ މާލޭގައި ޖާގަ ނެތުން. އަޅުގަނޑުމެން މި ތައާރަފުކުރަން ބަލާއިރު ރީޗާޖު ކުރެވޭނެ ގޮތެއް ނެތް. އަޅުގަނޑުމެން ބޭނުމެއް ނުވޭ ކޮންމެ ކޮންމެ އެއްޗެއް ތައާރަފު ކުރާކަށް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ހައި އިންޑް އެއްޗިހި ތައާރަފު ކުރަން. މި ތައާރަފުކުރަން މަސައްކަތްކުރާ ސައިކަލްތައް މިހާރު ބޭނުންކުރާ ބެޓެރި ސައިކަލުތައް ގޮތަށް ބެޓެރި ނައްޓާލާފައި ހަރެއް ނުކުރެވޭނެ،" މޯޑު ބުންޏެވެ.
މޯޑުގެ ސައިކަލް ވިޔަފާރީގައި ބުރަކި ޖައްސަން އޭނާ ބޭނުމެއް ނުވެ އެވެ. ކާމިޔާބުކަމާ އެކު ކުރިއަށް ދާން ތަނަވަސް މަގެއް އޮތްކަން މޯޑަށް ޔަގީންވެ އެވެ.

5 comments