ގާސިމް އިބްރާހިމް

ގާސިމްގެ އަގުނުކުރެވޭނެ ތައުލީމީ ހިދުމަތް

އާމިނަތު ޝިފްލީން
16 ޖުލައި 2012 09:57 24 ކޮމެންޓު
  • ރޭ އެވޯޑް ލިބިވަޑައިގެންނެވި ހަފްލާގައި ގާސިމް: އޭނާގެ ތައުލީމީ ހިދުމަތަށް ގިނަ ބަޔަކު ޝުކުރުވެރިވޭ.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

މުޖުތަމައަށް ފައިދާ ހުރި ކަންކަން ކުރުމުގައި ޑރ. ސިމާދު ސައީދުގެ ނަމަކީ އާ ނަމެއް ނޫނެވެ. އޭނާ ވަނީ ދިވެހި މުޖުތަމައަށް އެހީތެރިވުމަށް، އަމިއްލަ ޖަމިއްޔާތަކާއި ސަރުކާރާ ގުޅިގެން ވެސް ގިނަ ކާމިޔާބު މަޝްރޫއުތަކެއް ހިންގާފަ އެވެ. ނަމަވެސް ރޭ ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި، ސޯޝަލް ކެޕިޓަލްގެ ދާއިރާ އިން ޕީއެޗް.ޑީ ނަންގަވާފައިވާ، ޑރ. ސިމާދު ވާހަކަ ދެއްކެވީ، އޭނާ ކާމިޔާބު މީހަކަށް ވާން މެދުވެރި ސަބަބުގެ މައްޗަށެވެ.

"އެންމެ ފުރަތަމަ ބައްދަލުވި ދުވަހު ވިދާޅުވަނީ ކޮން ކަމެއް ކިހިނެއްހޭ ބޭނުންވަނީ. ވިދާޅުވިހާ ވެސް އެއްޗަކީ ކޮން ގައުމަކަށް ކޮން ޔުނިވަސިޓީއަކަށް ދިޔައީމަހެއްޔޭ ތި ދާއިރާ އިން އެންމެ މޮޅަށް ކިޔެވޭނީ. އަޅުގަނޑު ދެންނެވިން ހަރަދަށް ބަލާއިރު އެންމެ ރަނގަޅުވާނީ ކެނެޑާއޭ. ވިދާޅުވި ހަރަދަކަށް ނޫނޭ ބަލާނީ އެންމެ މޮޅަށް ކިޔެވޭނެ ގޮތެކޭ. އަޅުގަނޑު ދެން ހަރަދުތަކުގެ ތަފްސީލު ދެއްވީމަ އަރިމަތީގައި ކޮށްލެއްވީ ސޮއި،" ތައުލީމަށް ކުރައްވާފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމަށް، ވިލާ ފައުންޑޭޝަންގެ ޗެއާމަން ގާސިމް އިބްރާހިމަށް ބައިނަލްއަގްވާމީ އެވޯޑެއް އެރުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ސިމާދު، ގާސިމާ ބެހޭ ގޮތުން، ވިދާޅުވި އެވެ.

އޭނާ ފަދަ ކިޔަވައިގެން ތިބި ޒުވާނުން މި ގައުމުގައި ގިނަ އެވެ. އޭގެ ތެރެއިން ގިނަ ބައެއްގެ ޝުކުރުގެ ލިސްޓުގެ ކުރީގައި ގާސިމްގެ ނަން ހިމެނޭނެ ކަން ގައިމެވެ. ޔަގީނުން ވެސް ބައިނަލްއަގްވާމީ ދުނިޔެ އިން އޭނާގެ ހިދުމަތުގެ އަގު ވަޒަންކޮށްފި އެވެ. ތައުލީމަށް ގާސިމް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމަށް ވޯލްޑް އެޑިއުކޭޝަން ކޮންގްރެސް އިން ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް ރޭ ގާސިމަށް އަރުވާފައިވާ އިރު، ރާއްޖޭގައި މަތީ ތައުލީމު ކުރިއެރުވުމަށް އޭނާ ކުރައްވާފައިވާ ހިދުމަތްތަކުގެ އަގުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.

މީގެ 35 އަހަރު ކުރިން ފެށިގެން ގާސިމް އަންނަނީ، ދިވެހި ކިޔަވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އެންމެ ފުރަތަމަ ފޮތް ފަންސޫރު ގަނެދީގެންނެވެ. ދެން ރާއްޖޭން ބޭރަށް މަތީ ތައުލީމު ހާސިލްކުރަން ދާން ބޭނުން ކުދިންނަށް މާލީ އެހީ ދިނުމަށް، ސްކޮލަޝިޕް ސްކީމެއް އެކުލަވާލައްވައިގެންނެވެ. އެ ސްކީމްގެ ދަށުން އެތައް ހާސް ކުދިންނެއް އެކި ގައުމުތަކުގައި ކިޔަވަމުން އަންނަ އިރު، ގާސިމްގެ ވިސްނުން ދެން އަމާޒު ކުރެއްވީ ރާއްޖޭގައި ތިބެގެން، ދިވެހި ޒުވާނުންނަށް މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށެވެ. އެކަމަށް އޭނާ ވިލާ ކޮލެޖް ބިނާކުރެއްވި އެވެ.

"އަޅުގަނޑާ ގާސިމް އެންމެ ފުރަތަމަ ދިމާވި ދުވަހު ވިދާޅުވި އޭނާ އަކީ ބޭނުންވި ހިސާބަކަށް ކިޔަވަން ފުރުސަތު ލިބުނު މީހެއް ނޫނޭ. އެކަމަކު ޔަގީންކަން ދެމޭ ރާއްޖޭގައި ހިންމަތާ އެކު ކިޔަވަން މަސައްކަތްކުރާ މީހުން ތިބިއްޔާ، އޭނާގެ ތަނަވަސްކަން ހުރި ވަރަކުން ވެދެވެން އޮތް ކޮންމެ އެހީއެއް ވެދޭނެ ކަމަށް،" ޑރ. ސިމާދު ވިދާޅުވި އެވެ. "ޔަގީނުން ވެސް ރާއްޖޭގެ ގައުމީ ހަޔާތުގެ ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް، 21 ގަރުނުގެ ކޮންމެ ދިމާއަކުން ވެސް ގާސިމް ކިޔަވައި ވިދާޅުވެދެއްވާފައިވާ ދަރިވަރަކު ފެންނާނެ."

ގާސިމް އިބްރާހިމް އެހީތެރިކަން ދެއްވާފައިވަނީ، ހަމައެކަނި ތައުލީމު ފޯރުކޮށްދެއްވުމަކަށް ނޫނެވެ. އޭނާ ވަނީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރައްވައި، މޮޅެތި މަޝްހޫރު ޔުނިވަސިޓީތައް ބައްލަވައި، އެ ތަންތަނަށް ދިވެހިންނަށް ދެވޭނެ ގޮތް ހައްދަވައިފަ އެވެ. އަދި އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ކިތަންމެ ބޮޑަށް އަޑިއަޅާލި ނަމަވެސް، އޭނާގެ އެހީގައި ކިޔަވާ ދަރިވަރުންނަށް އެކަމުގެ މާ ބޮޑު އަސަރެއް ފޯރިޔަކަ ނުދެއްވަ އެވެ. އަމިއްލަ މިލްކިއްޔާތު ވިއްކަވައިގެން ނަމަވެސް، ގާސިމް ވަނީ އޭނާގެ ހަރަދުގައި ކިޔަވަމުން އަންނަ ކުދިންނަށް، މާލީ ދަތިކަން ކުރިމަތިވިޔަ ނުދީ، ކިޔެވުން ފުރިހަމަ ކޮށްދެއްވައިފަ އެވެ.

ގާސިމްގެ އެ މިސާލު 2008 ގެ ރިޔާސީ އިންތިޚާބަށް ފަހު ދެއްކެވި އެވެ. އޭރު ދުނިޔެ އަށް ކުރިމަތިވި މާލީ މައްސަލަތަކާ އެކު ޓޫރިޒަމަށް އައި ވެއްޓުމާއި ގާސިމަށް ދިމާވި ހުރަސްތަކާ އެކު ވެސް، އޭނާގެ ބެލުމުގެ ދަށުން ބޭރުގައި ކިޔަވަމުން އައި އެއްވެސް ކުއްޖެއްގެ ކޯސް ހުއްޓާލާކަށް ނުޖެހުނެވެ. އަދި ގާސިމްގެ ވިލާ ފައުންޑޭޝަނުން ކިޔަވައިދިން ކުދިން ގަވާއިދުން ފައިސާ ނުދެއްކިޔަސް އެކަން އަދިވެސް ބޮޑު މައްސަލައަކަށް ހަދައިގެން އުޅޭ ތަނެއް ނުފެނެ އެވެ. ހަގީގަތުގައި މިހާތަނަށް ކިޔަވައިދިން ކުދިން، ކޯހުގެ ދެ ބައިކުޅަ އެއް ބައި އަނބުރާ ދައްކާ ނަމަ އެ ފައުންޑޭޝަން އޭގެ ޒާތުގައި އަމިއްލަ އަށް ހިންގަން ފަސޭހަ ވެސް ވީހެވެ. އެކަމަކު މިހާތަނަށް ވެސް ގާސިމް ދައްކަވަމުން ގެންދަވަނީ އޭގައި މަޖުބޫރު ކަމެއް ނެތް އުސޫލެކެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު، ސިފަ ކުރައްވާ ގޮތުގައި ގާސިމަކީ މުޖުތަމައަށް ޚިދުމަތްކުރެއްވުމުގައި ލާމަސީލު މިސާލެކެވެ. އަދި މަތީ ތައުލީމު ފޯރުކޮށްދިނުމުގައި އޭނާ ވެދެއްވާފައިވާ އެހީތެރިކަމުގެ އަގު ވަޒަންކުރުމަށް އެރުވި އެވޯޑް ފާހަގަކުރައްވައި ޑރ. އާސިމް ވިދާޅުވީ އެއީ ދިވެހި ހުރިހާ ރައްޔިތުން ވެސް ފަހުރުވެރިވާ އެވޯޑެއް ކަމަށެވެ. އަދި އޭގެ ސަބަބުން އެހެން ކުންފުނިތަކާއި މުއައްސަސާތަކަށް ވެސް ހިތްވަރު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ޔުނިވަސިޓީ/ ކޮލެޖްތަކުގެ އިސް ވެރިން ހިމެނިވަޑައިގެންނަވާ ވޯލްޑް އެޑިއުކޭޝަން ކޮންގްރެސްގެ އެ އެވޯޑަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތަކަށް ދޭ އެވޯޑެކެވެ. އެވޯޑު ގާސިމަށް ލިބިވަޑައިގަތީ 600 އެއްހާ ތައުލީމީ އިސް ވެރިންގެ އިއްތިފާގުންނެވެ. އެހެންކަމުން، ގާސިމްގެ ތައުލީމީ ހިދުމަތް މުޅި ދުނިޔެ ވެސް ބަލައިގެންފި އެވެ. އަދި އޭނާގެ އެ ހިދުމަތަށް ޝުކުރުވެރި ވާނެ މީހުން ވެސް ގިނަ އެވެ. ގާސިމްގެ ދީލަތި އެހީ ރާއްޖޭގެ ތައުލީމަށް ފަތުރާނުލެއްވި ނަމަ އެތައް ކުދިންނެއް ތިބޭނީ މަތީ ތައުލީމުން މަހުރޫމްވެފަ އެވެ.

24 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait