އެޑިޓޯރިއަލް

ޒުވާނުން ކޮންމެވެސް ކަމެއްގައި ޝާމިލް ކުރުވުން މުހިންމު

11 ޖޫން 2012 12:21 2 ކޮމެންޓު

ޔޫރޯ ފުޓުބޯޅަ މުބާރާތް ކުރިއަށްދާއިރު ރޭގަނޑުގެ ވަގުތުތަކުގައި މާލޭގެ ހަލަބޮލިކަން ވަރަށް ކުޑަކަން ފާހަގަކުރެވޭނެ އެވެ. ހާއްސަކޮށް ޒުވާނުންގެ ފަރާތުން ދިމާވާ މައްސަލަތަކާއި ވައްކަމާއި މާރާމާރީ އާއި އެހެނިހެން ޖަރީމާތައް ވެސް މިފަދަ ދުވަސްވަރު މަދުވުން ވެސް އެކަށީގެންވެ އެވެ. އެކި ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން ޒުވާނުން ތިބެނީ ފުޓުބޯޅަ ބަލާށެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ފުޓުބޯޅަ ބެލުމަށް ސްކްރީންތައް ހަރުކޮށްފައި އެބަ ހުއްޓެވެ. އެކި މަގުތަކުގައި، އެކި ޕާކުތަކުގައި އަދި ހުސް ތަންތާނގައި ވެސް ގިނަ އަދަދަކަށް ސްކްރީން ބަހައްޓައިފައި އެބަ ހުއްޓެވެ. ބައެއް ސްކްރީންތައް ހުރި ސަރަހައްދުގައި ކެއުންތައް ވެސް ބާއްވަ އެވެ. އެހެންވެ، އިރުއޮއްސުމާ އެކު ޒުވާން ގުރޫޕުތައް ލާމެހިފައި އޮންނަނީ އެކަންތަކާ އެވެ. ކުށަށް އަރައިގަންނަން ވަގުތެއް ނޯވެ އެވެ. ނުވަތަ އެހެން ކަމެއް ހިޔާލަށް ގެނެވޭވަރަށް ވުރެ އެމީހުންގެ ސިކުނޑީގައި ފުޓުބޯޅަ ހަރުލާފައިވާލެއް ބޮޑެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ގިނައިން ކުށްކުރަނީ އެއްވެސް ވަޒީފާއެއް އަދާނުކޮށް އެއްވެސް ކަމެއް ނެތިފައި ތިބޭ މީހުންނެވެ. ހާއްސަކޮށް ގޭންގުތަކުގައި ހަރަކާތްތެރިވާ ޒުވާނުންނަކީ އެއްވެސް މަސައްކަތެއް ނުކޮށް ތިބޭ މީހުންނެވެ. އެހެން ތިބެފައި ކުށްތައް ރާވައި އެ ކުށްތަކަށް އަރައިގަންނަ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

އެއްވެސް ކަމެއް ނެތި ގުރޫޕުތައް ހަދައިގެން ތިބުމަކީ ކުށްތަކަށް އަރައިގަތުމަށް އޮތް ފަހި ފުރުސަތެކެވެ. މާރާމާރީ އާއި ގޭންގު ވަޔަލެންސް ރާއްޖޭގައި އިތުރުވެގެން އުޅެނީ ވެސް، އެއްވެސް ކަމެއް، ވަޒީފާއެއް ނެތް އެތައް ބަޔަކު މުޖުތަމައުގައި ހިމެނޭތީ އެވެ. އެހެންވެ، ޒުވާނުން ކޮންމެވެސް ކަމެއްގެ ތެރޭގައި ބިޒީކޮށްލުމަކީ މިހާރު ކުރަން ވެއްޖެ ކަމެކެވެ.

މަސްތުވާތަކެތި ވިއްކައި، މާރާމާރީ ހިންގައިގެން ފައިސާ ހޯދުން އިތުރުވެގެން ދާއިރު އެކަން ހުއްޓުވުމަށް ޓަކައި ކުރަން ޖެހޭ އެންމެ ބޮޑު އެއް މަސައްކަތަކީ ޒުވާނުންނަށް އަމާޒުކޮށް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމެވެ. އެފަދަ ޕްރޮގްރާމްތަކެއް ހިންގައި ގާބިލް ޒުވާނުންތަކެއް ކުއްލިއަކަށް ނެރުމަކީ ގައުމަށް ފަސޭހަ ކަމަކަށް ނުވިޔަސް މިއީ މިހާރުން މިހާރަށް ވެސް ކުރަން ޖެހޭ ކަމެކެވެ.

ހަލާކުވެފައި އޮތް ޖީލަކަށް ފަރުވާ ކުރުމަށް ވަގުތު ބޭނުންވާނެ އެވެ. އެހެން ނަމަވެސް، އިޖުތިމާއީ މި ބައްޔަށް ޝިފާއެއް ހޯދަން ބޭނުން ނަމަ ޒުވާނުންނަށް ވަޒީފާތައް ހޯދައިދޭން ޖެހެ އެވެ. ކޮންމެވެސް ކަމެއްގައި ޝާމިލްކުރުވަން އެބަ ޖެހެ އެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait