ކުރު ވާހަކަ

އެކްސް

ބިންމާ އިބްރާހިމް ވަހީދު
22 އެޕްރީލް 2012 09:10 28 ކޮމެންޓު

ލޯބި ނުވިޔަސް ކައިވެނި ކުރެވިދާނެ އެއް ގޮތަކީ، މައިންބަފައިން ދައްކާ މީހަކާ އިނުމެވެ. އަނެއް ގޮތަކީ، މީހަކާ ނީނދެ ހުއްޓާ އުމުރު މައްޗަށް ދާތީވެ، ރައްޓެއްސަކާ ގުޅައިގެން އިންނާނެ މީހަކު ހޯދުމެވެ. އަހަންނަށް ދިމާވީ ތިން ވަނަ ގޮތެކެވެ. އެއީ، އަހަރެން ދެކެ ލޯބިވާ މީހަކާ ދިމާވުމެވެ. އޭނަގެ ނަމަކީ ހަނީފެވެ. އުމުރުގެ ގޮތުން ބަލާއިރު، އަހަންނަށް ވުރެ ހަތަރު އަހަރު އޭނާ ދޮއްޓެވެ. ހިތަށްއެރި އެވެ. އެއީ މައްސަލައެއް ނޫނެވެ. ހަނީފަކީ ހަރުދަނާ މީހެކެވެ. ޒިންމާދާރު މީހެކެވެ. މާލޭގައި ގެދޮރު ހުރި ވިޔަފާރިވެރިއެކެވެ. ހަނީފު ބޭނުންވަނީ، ކައިވެނިކޮށްގެން، އޭނަގެ ގެ އަށް އަހަރެން ގެންދާށެވެ. އޭރުން، ބޭބެ ހިފައިގެން އުޅޭ އެޕާޓުމަންޓުގެ ކުޑަ ކޮޓަރިގަނޑުން އަހަންނަށް ނުކުމެވޭނެ އެވެ. އުޅޭ ވަޒީފާގެ ސަބަބުން އަހަންނަށް ބޮޑު މުސާރައެއް ލިބެ އެވެ. އެއްވެސް ޚަރަދެއް އަހަންނަށް ކުރަން ނުޖެހިއްޖެއްޔާ، އެ ފައިސާ ރައްކާކުރެވޭނެ އެވެ. ހުރިހާ ގޮތަކުން ބެލިޔަސް، އަހަންނަށް ލިބޭނެ ދެރައެއް ނެތެވެ. ހަމައެކަނި، ހަނީފު ދެކެ އަހަރެން ލޯބިނުވާ ކަމެވެ. ކައިވެނިކުރުމުން އެ ލޯބި ޖެހިދާނެ އެވެ. ހަނީފަކީ، ބަލާލަން ހުތުރު މީހެއް ވެސް ނޫނެވެ.

ހަނީފުގެ ފުރަތަމަ އަންބަކީ ރިފާދާ އެވެ. އެ ކައިވެންޏަށް ތިން އަހަރު ނުވަނީސް، ކައިވެނި ރޫޅާލަން ހަނީފަށް މަޖުބޫރުވީ އެވެ. ވަފާތެރިކަންމަތީގައި ރިފާދާ އަށް ނުހުރެވުނީމަ އެވެ. ލިބުނު ދަރިފުޅަށް އޭރު ފުރިފައިވަނީ ދޮޅު އަހަރެވެ. ހަނީފުގެ މައިންބަފައިން ބުނި ގޮތުގައި، އަންބަކަށް ވެހުރެ އެހެން މީހަކާ ގުޅުން ހިންގާ އަންހެނަކު ގެއަކު ނުބެހެއްޓޭނެ އެވެ. އެފަދަ މީހަކާ އިނދެގެން ހަނީފު އުޅެގެން ވެސް ނުވާނެ އެވެ. ހަނީފުގެ މައިންބަފައިންނަށް އަހަރެން ވަރަށް ކަމުދެ އެވެ.

ރައްޓެހިވެގެން އުޅުނުއިރު، ހަނީފަކީ ކާކުކަން އަހަރެން ދަސްކުރީމެވެ. އޭނަގެ ތެދުވެރިކަމާއި، އޯގާތެރިކަމާއި، ދީންވެރިކަމަކީ އަހަރެން ހިތްހަމަޖެހޭ ވަރަށް ވުރެ މަތިން މާކްސް ދެވުނު ކަންތައްތަކެވެ. ރައްޓެހިވެގެން މާ ގިނަ ދުވަހު އުޅޭކަށް އޭނަ ބޭނުމެއް ނޫނެވެ. ސިއްރުސިއްރުން ބައްދަލުކުރުމާއި، އުމުރާ ނުގުޅޭ ގޮތަށް ހެދުންއެޅުމާއި، ބޭކާރު ޚަރަދު ކުރުމަކީ އޭނާ ނުރުހޭ ކަންތަކެވެ. ތެދަށް ބުނާ ނަމަ، އަހަންނަށް މުޅިން ފެނުނީ ހަނީފުގެ ރަނގަޅު ސިފަތަކެވެ. ގޯސް އެއްވެސް ސިފައެއް އޭނަގެ ނެތެވެ. އެއް ސީދަލަށް ނުހިނގޭ ބޮޑު އާބާދީއެއް އޮތް މާލޭގައި، ހަނީފަކީ ޖަވާހިރެއް ފަދަ މީހެއް ކަމުގައި އަހަންނަށް ގަބޫލުކުރެވުނެވެ.

އަހަރެންގެ ޢާއިލާގެ މީހުންނާއި އެކުވެރިންނަށް ވެސް ހަނީފު ކަމުދިޔަ އެވެ. ވާނީ ވެސް އެހެންނެވެ. ކިރިޔާ ވެސް ހަނީފު ދަންނަ ކޮންމެ މީހަކަށް އޭނަ ކަމުދާނެ އެވެ. އެންމެ ފަހުން، އޭނަ ގެއްލިދާނެ ކަމުގެ ބިރު އަހަރެންގެ ހިތަށް ވަންނަން ފެށި އެވެ. ތަންކޮޅެއް ދޮންވަންދެން ހުއްޓައި، އެހެން މީހަކު ބިނދެލަފާނޭ ހިތަށްއެރި އެވެ. ވީމާ، އެ ކައިވެންޏަށް އަހަރެން ރުހުނީމެވެ. ރަންކިޔައި ކައިވެނިކުރީމެވެ. ބޮލުން ފެށިގެން ފަޔާ ހަމައަށް ދަސްވެފައިވާ ފިރިމީހާއާ އެކުގައި، އެ ގެ އަށް ދިޔައީމެވެ. އަންބަކަށް ވެގެން އެ ގެ އަށް ދިޔުމުން، ހަނީފުގެ މައިންބަފައިންގެ ފަރާތުން ލިބުނު ލޯބި ދެ ގުނަ އަށް އިތުރުވި އެވެ. އަހަންނަށް ހީވީ، އަހަރެންގެ މައިންބަފައިން ކައިރި އަށް އާދެވުނުހެންނެވެ. ހިތަށްއެރި އެވެ. އެހާ ބޮޑު އުސްގަނޑަކަށް އަހަންނަށް އެރުނީ، ކިހާ ބޮޑު އަޑިގަނޑަކަށް ވެއްޓެން ބާ އެވެ؟

ކައިވެނީގެ ފުރަތަމަ ރޭ، ހަނީފު ނިދަން ގެއަކަށް ނަ އެވެ. އޭނަ "ވަރަށް މުހިންމު ކަމެއްގައި" ބިޒީވީ އެވެ. ވެދާނެ ކަމަށް އަހަރެން ގަބޫލުކުރަން ޖެހެ އެވެ. ވިޔަފާރި އަކީ، އެފަދަ ކުއްލި ކަންތައް ޖެހޭ ކަމެކެވެ. ދެވަނަ ރޭ ވެސް ކަންތައް ވީ އެހެންނެވެ. ހިތަށްއެރި އެވެ. އެ ޝަކުވާ އަހަރެން ކުރަންވީ ހެއްޔެވެ؟ އެހާ އަވަހަށް، އެ ކަހަލަ ކޫސަނި މައްސަލައެއް އަހަރެން ޖައްސަންވީ ހެއްޔެވެ؟ އަހަންނަކީ، ފުރާވަރުގެ އަންހެންކުއްޖެއް ނޫނެވެ. އަހަންނަށް ވިސްނެން ޖެހޭނެ އެވެ. އެ ފަހަރު ވެސް އަޅާނުލީ އެވެ. ތިންވަނަ ރޭ ވެސް ވީ ހަމަ އެހެންނެވެ. އެ ހިސާބުން، ހަނީފާ އެ ވާހަކަ ނުދެއްކިޔަސް، ރައްޓެއްސަކާ މަޝްވަރާކޮށްލަން އަހަރެން ބޭނުންވި އެވެ.

"ތީ ކުޑަ މައްސަލައެއް ނޫން!" އެކުވެރި ރާޔާ ބުންޏެވެ. "ޖެހިޖެހިގެން ތިން ރޭ. އެ ވެސް ކައިވެނީގެ ފުރަތަމަ ތިން ރޭ. ހަނީފާ ވާހަކަދައްކާ."

"ވެދާނެއްނު އަހަރެންގެ ގޮތް ބަލާލަން އޭނާ ކުރާ ކަމަކަށް،" އަހަރެން ބުނީމެވެ. "އަހަރެން ކިހާ ޝަކުވާ ކުރާތޯ ބަލާލަން. ނޫނީ، އަހަރެންގެ ކެތްތެރިކަން ބަލާލަން."

"ކެތްތެރިކަން ބަލަން މީހުން އެ ކަހަލަ ކަންތަކެއް ނުކުރާނެ،" ރާޔާ ބޯހޫރާލާފައި ބުންޏެވެ. "ކޮންމެވެސް ނުބަޔެއް އެބައުޅޭ."

ކުއްލިއަކަށް ހަނީފު ރަށުން ބޭރަށް ފުރަން ޖެހުނެވެ. ދަތުރުހަދަން ފޮއްޓަށް އެއްޗެހި އަޅަން އުޅުމުގެ ތެރޭގައި، އަހަރެން ބަސްމަދުވެފައި ހުރުމުން، އެކަމާ ހަނީފު ސުވާލުކުރި އެވެ.

"ކިހިނެތްވީ؟" އޭނަ އެހި އެވެ.

"ހަނީފު ބުނަންވީނު!" އަހަރެންނަށް ބުނެވޭނެ އެންމެ އޯގާތެރިކޮށް އަހަރެން ބުނީމެވެ. "ކިހިނެތްވީ؟"

ހަނީފު ބޯކަހާލި އެވެ. ފުން ނޭވައެއް ބޭރުކޮށްލި އެވެ.

"އެންމެ ރެއެއް ނޫން،" އަހަރެން ބުނީމެވެ. "ޖެހިޖެހިގެން ތިން ރޭ. މީ ހަތަރު ވަނަ ރޭ. މިހާރު ތި އުޅެނީ ފުރައިގެން ދާންވެގެން. ކޮންމެހެން ޝަކުވާ ކުރާކަށް ނޫން. އެކަމަކު ސަބަބު ބުނެލަދިނިއްޔާ ވަރަށް ރަނގަޅު."

"ރިފާ ދެކެ އަހަރެން އަދިވެސް ވަރަށް ލޯބިވޭ،" ހަނީފު ބުންޏެވެ. "މަ ބޭނުމެއް ނޫން ނީލާ އަށް ދޮގުހަދާކަށް."

އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ.

"އެ ގޭގަތަ ނިދީ؟" އަހަރެން އެހީމެވެ.

"ނޫން ނޫން!" އަވަސް އަވަހަށް ހަނީފު ބުންޏެވެ. "އޭނަ އުޅެނީ މީހަކާ އިނދެގެން. މަ ކީއްކުރަން އެ ގޭގަ ނިދަނީ؟ އެކަމަކު، މަ ބޭނުމެއް ނޫން އޭނަ ނޫން އެހެން އަންހެނެއްގެ ކައިރީގަ ނިދާކަށް."

ކިހާ ތާކުންތާކު ނުޖެހޭ ވާހަކައެއްހޭ އަހަރެންގެ ހިތަށްއެރި އެވެ. ކަން އެހެން އޮތް ކަމުގައިވަންޏާ، އަހަރެން ދެކެ ލޯބިވީ ކީއްކުރަން ހެއްޔެވެ؟ އަހަންނާ ކައިވެނިކުރީ ކީއްކުރަން ހެއްޔެވެ؟ ކުޑަމިނުން، ރިފާ ދެކެ ލޯބިވާ ވާހަކަ ބުނެލި ނަމަ ކީއް ހެއްޔެވެ؟

"ދެން ކީއްކުރަން މަށާ އިނީ؟" އެހެން ބުނެވުނުއިރު އަހަރެން ފެންކަޅިވެއްޖެ އެވެ.

"މަންމަމެންނާ ހެދި،" ހަނީފު ބުންޏެވެ. "ގެ އަށް ވަންނަ ކޮންމެ ފަހަރަކު ބުނާނެ މީހަކާ އިންނާށޭ. މަ ހުންނަނީ ބޯފަޅައިގެން ގޮސްފަ. އަސްލު ތެދަށް ބުނަން؟ މަ ނުވެސް ދަންނަން ނީލާއެއް. މަންމަގެ ކޮންމެވެސް ރައްޓެއްސަކު ބުނީ ނީލާ ވަރަށް ނައިސްވާނޭ. ހަރުދަނާވާނޭ. މަންމަ އަށް ނީލާ ވަރަށް ކަމުދޭ. އެހެންވެ އިނީ. މަންމަ އަށްޓަކައި."

އަހަރެން އެންމެ ދެރަވި ކަމަކީ އެއީ އެވެ. ރިފާ ދެކެ ލޯބިވާކަން އެނގުމުން ނުވާހާ ދެރަ، އަހަރެން ދެކެ ހަނީފު ލޯބިނުވާކަން އެނގުމުން ވި އެވެ. އަހަންނަކީ، މަންމަ އަށް ހަނީފު ގެނެސްދިން ހަދިޔާއެކެވެ. ހަނީފުގެ ހުރިހާ ވެސް މީހަކީ ވަރިކުރިފުޅެވެ.

"އެކަމަކު، ހަނީފާ އިނދެގެން އުޅެމުންނެއްނު ރިފާ.." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.

"އެނގެޔޭ،" ހަނީފު ބުންޏެވެ. "ތި ހުރިހާ ކަމެއް ވެސް އެނގޭ. އެކަމަކު، އެކްސް ދެކެ އަހަންނަށް ފޫއްސެއް ނުވެވުނު. ރުޅިއެއް ވެސް ނާދެވުނު. މަށަށް ގަބޫލުކުރެވުނީ، މަށަށް ޓައިމް ނުދެވިގެންނޭ އޭނަ އެހެން ދިމާލަކަށް އެނބުރެން ޖެހުނީ. އަނެއްކޮޅުން، މަގޭ ކިޑެއް އެ ކޮޅުގަ އެބަހުރި. މަ އެބަ ޖެހޭ އޭނަ އަށް ވެސް ޓައިމް ދޭން."

ބާރުގަދަ ލޯތްބެއް ހޯދިދާނެ އެވެ. ގަދަބާރުން ލޯތްބެއް ނުހޯދޭނެ އެވެ. އަހަރެން ހިތަށްއެރީ އެހެންނެވެ. އަހަރެން ދެކެ ލޯބިވާން ހަނީފަށް މަޖުބޫރެއް ނުކުރެވޭނެ އެވެ. އިތުރަށް އަހަންނަށް އެނގުނު ގޮތުގައި، ރިފާ އަކީ މާލޭ ކުއްޖެއް ނޫނެވެ. ހަނީފު ދާން އުޅެނީ ރިފާގެ ރަށަށެވެ. ރިފާގެ ފިރިމީހާ އުޅެނީ ލޯންޗެއްގެ ކެޕްޓަނަކަށެވެ. ރަށަށް އާދެވެނީ ހަފްތާއަކު އެއް ދުވަހު އެވެ. ހަނީފު ހުރުމަށްޓަކައި އެ ރަށުން ކޮޓަރި ހޯދާފައިވަނީ، ރިފާގެ ގެއާ ޖެހިގެން ހުރި ގެއިންނެވެ. ހަނީފު އެ ކުރަނީ ކިހާ ގޯސްކަމެއްކަން އަހަންނަށް އެނގެ އެވެ. ހަނީފަކަށް އެ ވަރެއް ނުވިސްނެ އެވެ. ހަނީފު ދެކޭ ގޮތުގައި، އަހަންނާ އިނދެގެން ގެނެސް ގޭގައި ބޭންދުމުން، ހަނީފު އުޅޭނޫޅޭ ގޮތް އޭނާގެ މައިންބަފައިންނެއް ނުބަލާނެ އެވެ. ބޭނުން ގޮތަކަށް އުޅެން ހަނީފު މިނިވަންވީ އެވެ.

އަހަރެން އަދިވެސް މި އުޅެނީ ހަނީފާ އިނދެގެންނެވެ. އެކަމަކު، އަހަންނަކީ އަންހެނެއް ކަމެއް ނުވަތަ ފިރިހެނެއްކަމެއް ވެސް ހަނީފަކަށް ޔަގީނެއް ނުވާނެ އެވެ. ހަނީފުގެ ހުރިހާ ވެސް މީހަކީ "އެކްސް" އެވެ. ނުވަތަ ކުރީގެ އަނބިމީހާ އެވެ. އަބަދު ކަހަލަ ގޮތަކަށް އޭނަ އަށް ދެއްކެނީ "އެކްސް" ދެކެ ވާ ލޯބީގެ ވާހަކަ އެވެ. އެހެންވިޔަސް، ދެން އަހަރެން ކެތްކޮށްލާނީ އެވެ. ހަނީފުގެ ގޭގައި، އެއްވެސް މަސައްކަތެއް ކުރާކަށް އަހަންނަކަށް ނުޖެހެ އެވެ. ބޭނުންވާ ހުރިހާ އެއްޗެއް ހަނީފު ހުންނަނީ ހޯދައިދީފަ އެވެ. ތަނަވަސްކަމުގެ ރަހަ ލިބުމުން، ކުރިން އުޅުނު ކޮޓަރިގަނޑަށް ދާކަށް އަހަރެންގެ ހިތެއް ނުރުހެ އެވެ. އޮފީހުން ގެ އަށް އަންނަ ގޮތަށް، ކޮންމެވެސް މަސައްކަތެއް ނުކޮށް އިންނާނެ ވަގުތެއް، އެ ތާކު ނުލިބެ އެވެ. އެއީ، ދިރިއުޅުމެއް ނޫނެވެ. އެކަމަކު މިއީ ވެސް ދިރިއުޅުމެއް ނޫނެވެ. ހަމައެކަނި، ދިރިހުރުމެކެވެ.

ކައިވެނީގެ ކުރިން، ހަނީފު ދަސްވެއްޖެ ކަމަށް ހީކުރެވުން އެއީ އަހަންނަށް ކުރެވުނު ކުށްހީއެކެވެ. މީހުން ބުނަނީ ތެދެކެވެ. ހެދިކާ ހަދާ ތަނެއްގައި އުޅުނަސް، އޭގެ ރަހައެއް ނޭނގޭނެ އެވެ. އެނގޭނީ ކެއީމަ އެވެ. ހަމަ އެ ގޮތަށް، ރައްޓެހިވެގެން ކިތަންމެ ދުވަހަކު އުޅުނަސް، އެ މީހާގެ ގޮތެއް ނޭނގޭނެ އެވެ. އެނގޭނީ އިނީމަ އެވެ.

ގުޅޭ ލިޔުންތައް

28 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait