ކުޅިވަރު

އެފްއޭ ކަޕް: ބީޖީ ކޮޅަށް ހުރަ އިން ނުވަ ލަނޑު ޖަހައިފި

ހަވީރު ޑެއިލީ، 20 ޖުލައި 2011 00:00
  • ހުރާގެ ތަޖުރިބާކާރު ފޯވާޑް މާސޭ: އޭނާ އިއްޔެގެ މެޗުގައި ލަނޑެއް ޖެހި. --ފޮޓޯ: އަހުމަދު މުޖުތަބާ

މި އަހަރުގެ އެފްއޭ ކަޕުގެ ފުރަތަމަ މެޗުގައި ބީޖީ ސްޕޯޓްސް އަތުން 9- 1 އިން ކ. ހުރާ ހުއްރިއްޔާ ސްޕޯޓްސް ކްލަބް އިއްޔެ މޮޅުވެއްޖެ އެވެ.

ޓާފް ދަނޑުގައި ކުޅުނު މެޗުގައި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ހުރާގެ ހުސެއިން ލިއުޝާދު ވަނީ ހެޓްރިކް ހަދައިފަ އެވެ. ހުސްނީ އަބްދުއްރަހްމާން ދެ ލަނޑު ޖެހިއިރު ހުރަ އަށް ދެން ލަނޑު ޖަހައިދިނީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް މައުސޫމް އަބްދުލް ގަފޫރު (މާސޭ) އާއި މުހައްމަދު ފިރުޝާން އާއި އަހުމަދު ނައުޝާދު އަދި މުހައްމަދު ތަސްނީމެވެ. ބީޖީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ނާޒިމް އަލީ އެވެ.

ކުއާޓަ ފައިނަލްގެ މެޗުތައް ފަށާނީ ރޯދައިގެ ފަހުން ސެޕްޓެމްބަރު 29 ގަ އެވެ. ޗެމްޕިއަން ޓީމަށް އޭއެފްސީ ކަޕުން ޖާގަ ލިބޭ މުބާރާތުގެ ފައިނަލް މެޗު އޮންނަނީ އޮކްޓޯބަރު 31 ގަ އެވެ. ދެ ވަނަ ބުރުން ފެށިގެން މުބާރާތުގެ މެޗުތައް ކުޅޭނީ ގަލޮޅު ދަނޑުގަ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ނިއު ކުޅެން ޖެހޭނީ ދެ ވަނަ ބުރުގައި އީގަލްސް އާއި ފުރަތަމަ ބުރުން ކޮލިފައިވެގެން އަންނަ ޓީމަކާ ކުޅެ މޮޅުވާ ޓީމަކާ އެވެ. ދެ ވަނަ ކުއާޓަގައި ކުޅޭނީ ވިޔަންސާ އާއި ވީބީ ސްޕޯޓްސް އެވެ. އެހެންކަމުން ފުރަތަމަ ސެމީ ފައިނަލުގައި ނިއު އާއި ވީބީ ކުޅެން ޖެހުމުގެ ފުރުސަތު އެބައޮތެވެ. މިދިޔަ އަހަރުގެ ސެމީގައި މި ދެ ޓީމު ކުޅުނު މެޗު ނިއު 2- 0 އިން ކުރީގައި އޮއްވާ 78 ވަނަ މިނެޓުގައި ހުއްޓާލީ ސަޕޯޓަރުންގެ ހަމަނުޖެހުމާ ގުޅިގެންނެވެ. އެ މެޗުގެ ބާކީބައި ފުރިހަމަކުރެވިފައެއް ނުވެ އެވެ. އެހެންކަމުން ޑިސިޕްލިނަރީ ކޮމެޓީން ނިންމީ އެ މެޗުން ނިއު މޮޅުވި ކަމަށެވެ.

ކުއާޓާ ފައިނަލުގެ ތިން ވަނަ މެޗުގައި ކުޅޭނީ ވެލެންސިއާ އާއި މާޒިޔާ އެވެ. ހަތަރު ވަނަ ކުއާޓާގައި ވިކްޓަރީ ކުޅެން ޖެހޭނީ މުބާރާތުގެ އަށް ވަނަ މެޗުން މޮޅުވާ ޓީމަކާ އެވެ. އަށް ވަނަ މެޗުގައި ކުރިން ކުޅެން ހަމަޖެހިފައި އޮތީ އޭވައިއެލް އާއި ފުރަތަމަ ބުރުން މޮޅުވެގެން އަންނަ ޓީމެކެވެ. އެކަމަކު އޭވައިއެލް މުބާރާތުން ވަކިވުމުން ފުރަތަމަ ބުރުން ކޮލިފައިވެގެން އަންނަ ޓީމެއް ކުއާޓާގައި ކުޅެން ޖެހޭނީ ވިކްޓަރީއާ އެވެ.

0 comment