އެފްއޭ ކަޕް

މޮޅުވިޔަސް މޯހަންގެ ހިތްހަމަނުޖެހުން ރެފްރީ އަށް

މުހައްމަދު ހަމްދޫން
01 އޮކްޓޯބަރ 2011 12:59 4 ކޮމެންޓު
  • ރެފްރީ އަފްސަހު ނިއުގެ ޓޮމް (ކ) އަށް ރަތްކާޑު ދައްކަނީ: ރެފްރީ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ކްލަބް އީގަލްސް އަތުން 2- 1 އިން މޮޅުވެ އެފްއޭ ކަޕުގެ ސެމީ ފައިނަލަށް ބުރާސްފަތި ދުވަހުގެ ރޭ ނިއު ރޭޑިއަންޓް ދަތުކުރިޔަސް މެޗުގެ ރެފްރީންނަށް ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މެޗުގައި ޒުވާން ރެފްރީ އަހުމަދު އަފްސަހުގެ ފަރާތުން ބޮޑެތި ގޯސްތަކެއް ފެނިގެންދިޔަކަން ގިނަ ބަޔަކު ފާހަގަކުރި އެވެ. އެގޮތުން ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ނިއުގެ އަލީ ފާސިރު (ސެންޓޭ) ހުހަށް ވަދެގެން ދިޔަ ބޯޅައެއްގައި އޭރިއާ ރޮނގު މަތިން ކަހަލަ ގޮތަކަށް އީގަލްސްގެ ޑިފެންޑަރަކު އޭނާ ބިމާ ހަމަކޮށްލުމުން ރެފްރީ ނިންމީ ސެންޓޭ ޑައިވްކުރީ ކަމަށެވެ. އެ ވަގުތު ރެފްރީއާ ދިމާލަށް އެއްޗެކޭ ބުނެގެން ނިއުގެ ކެޕްޓަން އަހުމަދު ތޯރިގް (ޓޮމް) އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. މީގެ އިތުރުން ނިއުގެ ޗާލްސް އަށް ޕެނަލްޓީ އޭރިއާ ތެރެއިން ލާސްޓް ޑިފެންޑަރުގެ ގޮތުގައި ހުރި އީގަލްސްގެ ކީޕަރު ތޮލާލް ހަސަން ފައުލްކުރުމުން ކީޕަރަށް ރެފްރީ ދެއްކީ ރީނދޫ ކާޑެކެވެ. އަދި އޭގެ ފަހުން ވެސް ޗާލްސްގެ ފަޔަށް އީގަލްސް ޑިފެންޑަރަކު އޭރިއާ ތެރެއަށް ޓެކުލް ކުރި ނަމަވެސް ޗާލްސް ޑައިވްކުރި ކަމަށް ބަލައި އޭނާ އަށް ދެއްކީ ރީނދޫ ކާޑެކެވެ.

"ޓޮމް އަށް ދެއްކި ރަތްކާޑު ދިފާއުކުރަނީއެއް ނޫން. އަޅުގަނޑަކަށް ނޭނގޭ ރަތްކާޑު ދެއްކި ސަބަބެއް ވެސް. އެކަމަކު ރަތްކާޑު ދައްކަން މެދުވެރި ސަބަބަށް ބަލާއިރު އެއީ ރެފްރީ އަށް ހެދުނު ބޮޑު މިސްޓޭކެއް،" މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުންޏެވެ. "އަނެއްކާ ޗާލްސް އަށް ކުރި ފައުލަކީ ޕެނަލްޓީއެއް އަދި ޕެނަލްޓީ ލިބުނު ފަހަރު ކީޕަރަށް ރަތްކާޑު ދައްކަން ޖެހޭ. ހަގީގަތުގައި ބޭނުމެއް ނުވޭ ރެފްރީންގެ ވާހަކަދައްކާކަށް. އެކަމަކު މި ފެންވަރަށް ދިޔައީމާ އެބަޖެހޭ ދައްކަން. މި ފެންވަރުގެ މެޗުތަކަށް މިވަރުގެ ރެފްރީން އެރުވުމަކީ ހިތާމަހުރި ކަމެއް. މެޗުގެ ނަތީޖާ ބަދަލުވާ ފަދަ ތިން ހަތަރު މިސްޓޭކް ރެފްރީ ހެދި."

އޭނާ ބުނީ މައްސަލަ އެޕީލްކުރިޔަސް މެޗު ކޮމިޝަނަރު ނޫނީ މެޗު އެސެސަރު އެ މައްސަލަ ފާހަގަކޮށްފައި ނެތް ނަމަ އެ މައްސަލަ އެފްއޭއެމް އަށް ބެލެން ނޯންނަ ކަމަށެވެ.

"އަޅުގަނޑުމެން އެޕީލްކުރިޔަސް މެޗު ކޮމިޝަނަރު ނުވަތަ މެޗު އެސެސަރަކަށް ހުންނަ ފަރާތަށް އެ ކާޑުގައި މައްސަލައެއް އުޅޭކަމަށް ލިޔެފައި ނެތިއްޔާ ނުބަލާ ގޮތަށް ގަވާއިދުގައި އޮންނަނީ. އެހެންވެ ފުރަތަމަ ޖެހެނީ އެ ފަރާތުން އެ މައްސަލަ ލިޔުނުތޯ ބަލަން. އެކަމަކު އެ މީހުން ނުބުނާނެ ލިޔުނަސް ނުލިޔުނަސް. އެހެންވެ އެޕީލްކުރުން މި އޮންނަނީ ބޭކާރުކަމަކަށް ވެފައި،" މޯހަން ބުންޏެވެ.

އޭނާ ބުނީ މި މައްސަލަ ހައްލުކުރުމަށް ރެފްރީޒް ޑިޕާޓްމަންޓުގެ އިސް ވެރިންނާ ވާހަކަދެކެވިފައިވާ ކަމަށާއި މި ކަންތައް ހައްލުކުރަން އެންމެން އިށީންނަން ޖެހޭ ކަމަށެވެ.

"ރެފްރީޒް ޑިޕާޓްމަންޓުގެ އިސްކޮށް އުޅޭ ފަރާތްތަކާ އަނގަބަހުން ވާހަކަ ދެކެވިފައިވަނީ ތަފާތު ފަހަރުތަކުގައި. އެބަޖެހޭ އެންމެން އިށީނދެގެން ވާހަކަދައްކައިގެން މިކަން ހައްލުކުރަން. ބައެއް ފަހަރު ރެފްރީން ގޯސްވޭ. ބައެއް ފަހަރު ކޯޗުން ގޯސްވޭ. މިސާލަކަށް މި ޒަމާނުގައި ވީޑިއޯ ކުރެވޭއިރު ކީއްވެތޯ އަޅުގަނޑުމެން ގޯހޭ ބުނާ ތަންތަން ގެންގޮސް ނުދައްކަންވީ. އޭރުން އަޅުގަނޑުމެންނަށް އެނގޭނެ އަޅުގަނޑުމެންކަން ގޯހީ. އޭރުން ބެންޗުން ކުއްލިއަކަށް އެއްމެން ފުންމައިގެން އަރާ އެރުން ވެސް މަދުވާނެ. އެކަމަކު ރަނގަޅުވާނެ ކަމުގެ އެއްވެސް ނިޝާނެއް ނެތް ފެންނާކަށް،" މޯހަން ބުންޏެވެ.

4 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait