އޭއެފްސީ ކަޕް

ލުބްނާނަށް ދަނީ ޓޫރިސްޓުންގެ ގޮތުގައެއް ނޫން: ވީބީ ކޯޗު

މުހައްމަދު ހަމްދޫން
06 މާޗް 2012 15:09 1 ކޮމެންޓު
  • ވަންލީ (ވ) ވީބީގެ ފަރިތަކުރުންތަކުގައި ކުޅުންތެރިންނަށް އިރުޝާދު ދެނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ވީބީ އައްޑޫ އެފްސީ އިން ލުބްނާނަށް ދަނީ ޓޫރިސްޓުންގެ ގޮތުގައި ނޫން ކަމަށާއި ބޭނުންވަނީ އޭއެފްސީ ކަޕުގައި އެގައުމުގެ އަލް އަހަދާ ދެކޮޅަށް މާދަމާ ކުޅޭ މެޗުން މޮޅުވާން ކަމަށް ވީބީގެ ކޯޗު ޖޭން ވަންލީ ބުނެފި އެވެ.

"އަހަރެމެންނަކީ ޓޫރިސްޓުންނެއް ނޫން. އަހަރެމެން މި ދަނީ މެޗެއް ކުޅެ ކާމިޔާބު ހޯދަން. ސީޒަނަށް ތައްޔާރުވާން ފެށީއްސުރެ ލިބުނު ކުރިއެރުންތަކާ އެކު އެކަން ކުރެވޭނެ،" ލުބްނާނަށް ފުރުމުގެ ކުރިން އާދީއްތަދުވަހު "ހަވީރަ"ށް ދިން އިންޓަވިއުއެއްގައި ވަންލީ ބުންޏެވެ

އޭއެފްސީ ކަޕުގެ ގްރޫޕް ސީގައި ވީބީ އާއި ލުބްނާނުގެ ލީގު ޗެމްޕިއަން އަލް އަހުދުގެ އިތުރުން ހިމެނެނީ 2009 ވަނަ އަހަރުގެ ޗެމްޕިއަން އަދި މިދިޔަ އަހަރު ރަނަރަޕް ކުވޭތުގެ އަލް ކުވޭތާއި ސައޫދީ އަރަބިޔާ ލީގުގެ ފަސް ވަނައިގައި އޮތް އަލް އިއްތިފާގެވެ.

މެދުއިރުމަތީގެ ވަރުގަދަ ކްލަބްތަކާ އެއް ގްރޫޕެއްގައި ހިމެނޭއިރު ވަންލީ ބުނީ އޭނާގެ ޓީމަކީ ވެސް ކުޑަ ޓީމެއް ނޫން ކަމަށާއި ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިން ވެސް އެބަ ތިބި ކަމަށެވެ.

"ގްރޫޕުގެ ހުރިހާ ޓީމެއް ވެސް ވަރަށް ވަރުގަދަ. އެކަމަކު އަހަރެމެންނަކީ ވެސް ކުޑަ ޓީމެއް ނޫން. މި ޓީމުގައި އެބަތިބި ތަޖުރިބާކާރު ކުޅުންތެރިން. ޑިފެންސާއި މިޑްފީލްޑް އަދި އެޓޭކުގައި،" ވަންލީ ބުންޏެވެ.

މިދިޔަ އަހަރު ކުޅުނު ކުޅުންތެރިންގެ ތެރެއިން އަލީ އަޝްފާގް (ދަގަނޑޭ) އާއި މުހައްމަދު އާރިފް (ބަކާ) އާއި ގޯލްކީޕަރު އިމްރާން މުހައްމަދު އަދި ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ވަނީ ވީބީ ދޫކޮށްފަ އެވެ. ނަމަވެސް ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ޖަމީލާއި ސޮބާހް މުހައްމަދާއި އިބްރާހިމް ޝިޔާމް (ކުޑަތޮއްޑޫ) އަދި ނިއުގައި މޮޅު ކުޅުމެއް ދެއްކި ލައިބީރިއާގެ ޗާލްސް ރައިޓް ގަޔޭ ވަނީ އެ ޓީމާ ގުޅިފަ އެވެ.

މި މެޗަށް ނުކުންނައިރު ވީބީގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ އައްސަދު އަލީ (އަޑުބަރޭ) އެވެ. ވައިސް ކެޕްޓަނަކީ ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.

ލުބްނާނުގެ ވެރިރަށް ބެއިރޫތުގައި ކުޅޭ މެޗަށް ނުކުންނައިރު ވީބީ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ވާދަވެރި މެޗެއް ކުޅެފައި ނެތުން ކަމަށް ވަންލީ ބުންޏެވެ.

"ވާދަވެރި މެޗެއް ކުޅެން ލިބިފައި ނެތުން އެއީ ވަރަށް ބޮޑު މައްސަލައެއް. ހަގީގަތުގައި ރަނގަޅަށް ތައްޔާރުވެވޭނީ ވާދަވެރި މެޗުތަކެއް ކުޅެގެން،" ވަންލީ ބުންޏެވެ.

އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވަމުން އަންނަ ގައުމީ ޓީމުގައި ހިމެނޭ ވީބީގެ ކުޅުންތެރިން ކަމަށްވާ އަޑުބަރޭ އާއި އިސްމާއިލް ފަރުހާދު (ފަރޭ) އަދި އަހުމަދު ނާޝިދު (ނާއްޓޭ) ވަނީ މި މެޗަށް ދޫކޮށްފަ އެވެ. މެޗު ކުޅުމަށް ފަހު އެރޭ އެ ކުޅުންތެރިން ނޭޕާލަށް ގޮސް ގައުމީ ޓީމާ ގުޅޭނެ އެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait