މައިލޯ ޗެރިޓީ ޝީލްޑް

މައިލޯ ޗެރިޓީ ޝީލްޑް މެޗުގައި ވިކްޓަރީ ތިން ބަލިކޮށް ވީބީން ހެޓްރިކް ހަދައިފި

ހަސަން ޝިފާން
28 މާޗް 2012 09:29 5 ކޮމެންޓު
 • ާމައިލޯ ޗެރިޓީ ޝީލްޑް މެޗަށް ފަހު ވީބީގެ ކެޕްޓަން އަޑުބަރޭ (ވ) އަށް މެޗުގެ ޝަރަފުވެރި މެހެމާން އަހުމަދު ކަލީމް ޗެރިޓީ ޝީލްޑް ހަވާލުކޮށްދެއްވަނީ. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

 • ާމައިލޯ ޗެރިޓީ ޝީލްޑް މެޗަށް ފަހު ވީބީގެ ކޯޗު ވަންލީ (މ) ޗެރިޓީ ޝީލްޑް އުފުލާލަނީ. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

 • މައިލޯ ޗެރިޓީ ޝީލްޑް މެޗުގައި ވީބީގެ ފައިރޫޒް (ވ) އަތުން ބޯޅަ ހޯދުމަށް ވިކްޓަރީގެ ކުޑައްޓޭ މަސައްކަތްކުރަނީ. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

 • މައިލޯ ޗެރިޓީ ޝީލްޑް މެޗުގައި ވީބީގެ އިއްސޭ (ވ) އަތުން ބޯޅަ ހޯދުމަށް ވިކްޓަރީގެ ސައްޕޭ މަސައްކަތްކުރަނީ. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

 • މައިލޯ ޗެރިޓީ ޝީލްޑް މެޗުގައި ވިކްޓަރީގެ ގޯލްކީޕަރު ނިސާހު ބޯޅަ ހިފާއިރު ވީބީގެ ޗާލްސް (ވ) ސަމާލުވެގެން. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ފަހުކޮޅު ޝަމްވީލް ގާސިމް (ބޮންޑާ) ކާމިޔާބުކޮށްދިން ލަނޑާއެކު، ސީޒަން ހުޅުވުމަށް ކުޅޭ މައިލޯ ޗެރިޓީ ޝީލްޑް މެޗުގައި ރޭ ވިކްޓަރީ އަތުން 1- 0 އިން މޮޅުވެ، ވީބީ އައްޑޫ އެފްސީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޗެރިޓީ ޝީލްޑް އުފުލާލައިފި އެވެ.

ވީބީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް 100،000ގެ ޗެރިޓީ ޝީލްޑް އުފުލާލި އިރު ތިން އަހަރު ވެސް ކާމިޔާބުކޮށްފައި ވަނީ ވިކްޓަރީ ބަލިކޮށްފަ އެވެ.

ވީބީ އަށް މެޗުން ލިބުނު 100،000ރ. ގެ ތެރެއިން 20 ޕަސެންޓް ވަނީ ތެލެސީމިއާ ސެންޓަރަށް ހަދިޔާކޮށްފަ އެވެ. މެޗުން މޮޅުވި ނަމަ ވިކްޓަރީ ނިންމާފައި އޮތީ މެޗުން ލިބޭ ފައިސާގެ 20 ޕަސެންޓް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް ހަދިޔާކުރުމަށެވެ.

ވީބީގެ ކޯޗު ޖޭން ވަންލީ ބުނީ މެޗުގައި ވީބީގެ ރޭވުންތައް ވަރަށް ރަނގަޅަށް މަސައްކަތްކުރި ކަމަށާއި މެޗުގައި ކުޅުންތެރިން ދެއްކި ޑިސިޕްލިންއާ މެދު އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"އަހަރެމެންގެ ގޭމް ޕްލޭން މިއަދު ވަރަށް ރަނގަޅަށް މަސައްކަތްކުރި. ކުޅުންތެރިންގެ ޑިސިޕްލިން ވަރަށް ރަނގަޅު. އަހަންނަށް ޔަގީން މި މެޗުގައި ދެއްކި ކަހަލަ ޓެކްޓިކަލް ޑިސިޕްލިން މި ސީޒަނުގައި ހިފަހައްޓައިފި ނަމަ އަހަންނަށް ޔަގީން އަހަރެމެންނަށް ރަނގަޅު ކާމިޔާބީތަކާ ހަމައަށް ދެވޭނެ. ގޯސްތަކެއް ބައެއް ފަހަރު ކުޅުންތެރިންގެ ފަރާތުން ފެނުނު އެކަމަކު ފުޓްބޯޅައިގައި އެކަހަލަ ކަންތައްތައް ފެންނާނެ،" ވަންލީ ބުންޏެވެ.

ވަންލީ ބުނީ ވީބީގެ އަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްދިން ލަނޑު ކާމިޔާބުކުރި ބޮންޑާގެ ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"ބޮންޑާ ހުރިއްޔާ ހަމަ ޔަގީން ވަރަށް ރީތި ލަނޑުތަކެއް ފެނުމުގެ ފުރުސަތު އޮންނާނެ. އެކަމަކު ބޮންޑާ އަށް ވެސް މޮޅަށް ކުޅެވެނީ ޓީމުގެ އެހެން ކުޅުންތެރިން އެ ކުރާ މަސައްކަތުގެ ސަބަބުން. އަހަރެން މި ހުރީ ވަރަށް ހިތްހަމަޖެހިފައި،" ވަންލީ ބުންޏެވެ.

ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ މެޗުން ވިކްޓަރީ ބަލިވީ ނަސީބު ނެތުމުން ކަމަށާއި ވިކްޓަރީ ކޮޅަށް ލަނޑު ވަނީ އެ ޓީމުގެ ގޯލް ބެލެހެއްޓި މުހައްމަދު ނިސާހަށް ހެދުނު ގޯހަކުން ކަމަށެވެ.

"ޔަގީނުން ވެސް ގޯލްކީޕަރު މިސްޓޭކަކުން ލަނޑު ވަނީ. ދަށެއް ނޫން ކުޅުމަށް ބަލާއިރު ރަނގަޅު ކަންނޭނގެ. ވިކްޓަރީގެ ނަސީބު ނެތީ. ވިކްޓަރީގެ ދުވަހެއް ނޫން މިއީ. މީގައި ދެން ވީބީ ވަރަށް ފަހުން މެޗެއް ކުޅެފައި އޮތީމަ ތަންކޮޅެއް އެމީހުނަށް ފަސޭހަވާނެ. ވިކްޓަރީ ވަރަށް ގިނަ ދުވަސްކޮށްލައިފަ ކުޅުނީމަ އެތަންކޮޅު އައީ. އެހެން ނަމަވެސް މެޗު ފަށައިގެން ދިޔަ ވަގުތުކޮޅު ވީބީން ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު ފަހުން ބެލެންސް ވެގެން ގޮސް ވިކްޓަރީން ރަނގަޅަށް ކުޅުނުތަން ފެނުނު،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ވިކްޓަރީގެ ވަކިވަކި ކުޅުންތެރިންގެ ފަރާތުން އެ ކުޅުންތެރިންގެ އަމިއްލަ ހުނަރުވެރިކަން މެޗުގައި ނުފެނުނު ނަމަވެސް، ޓީމަށް އެ ކުޅުންތެރިންގެ ފަރާތުން ބޭނުންވާ ކަންތައްތައް ކޮށްދިން ކަމަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވައިރު ދެ ޓީމު ވެސް އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ދެ ޓީމަށް ވެސް މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވި ނަމަވެސް، މެޗުގެ ފުރަތަމަ ވަގުތުގެ ތެރޭގައި ސީޒަންގެ ފުރަތަމަ ލަނޑު ެއެއްވެސް ޓީމަކަށް ކާމިޔާބެއް ނުކުރެވުނެވެ. ފުރިހަމަ ވަގުތުގެ ތެރޭގައި ލަނޑުޖެހުމަށް އެންމެ ރަނގަޅު ދެ ފުރުސަތު ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ހާފުގައި ކުޅެންއެރި ވީބީގެ މިޑްފީލްޑަރު އާދަމް ފަޒީހު (ފަދިއްކޮ)އަށެވެ. މެޗުގެ 69 ވަނަ މިނިޓުގައި ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފަދިއްކޮ ހުސް ފުރުސަތެއް ތަނަވަސްވި ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ނިސާހު ވަނީ ދިފާއުކޮށްފަ އެވެ. އަދި 72 ވަނަ މިނިޓުގައި ވީބީގެ އަބޫ ފޮނުވާލި ބޯޅަ ނިސާހު ސަލާމަތްކުރުމުން ދެވަނަ ފަހަރަށް ބޯޅަ ގޯލާ ދިމާލަށް ފޮނުވާލަން ފަދިއްކޮ އަށް ލިބުނު ނަމަވެސް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ.

ވީބީ މޮޅުވި ލަނޑު ބޮންޑާ ކާމިޔާބުކޮށްފައި ވަނީ މެޗުގެ ނަތީޖާ ނެރެން ޕެނަލްޓީއާ ހަމައަށް ދާން ގާތްވެފައިވަނިކޮށެވެ. މެޗުގެ 113 ވަނަ މިނިޓުގައި ބޮންޑާ ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ޝޮޓު ދިފާއުކުރަން ވިކްޓަރީގެ ކީޕަރު ނިސާހު ޑައިވްކުރި ނަމަވެސް، ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ފެނުޖެހިފައި ދިޔަ ބޯޅައިގައި ނިސާހަށް އަތްލެވޭ ގޮތެއް ނުވި އެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

5 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait